Last Updated: April 26, 06:56
Friday, April 26, 2024
ކުޅިވަރު

ސޮސިއެޑާޑުން ބާސާ ހިފަހައްޓައިފި

ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އާއި ބާސެލޯނާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 35 ޕޮއިންޓާ އެކުއެވެ. ނަމަވެސް ލީގުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑް މިރޭ މޮޅުވެއްޖެނަމަ އެޓީމަށް ލީގުގެ އެއްވަނަ ލިބޭނެއެވެ. ލީގުގެ ދެވަނައިގައި ރެއާލް އޮތީ 34 ޕޮއިންޓާ އެކުއެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސް އެޓީމުންނެވެ. އެގޮތުން ސޮސިއެޑާޑަށް ލިބުނު ޕެނަލްޓީއަކުން މި ގޯލު ސޮސިއެޑާޑަށް މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮޔަޒަބާލްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެންޓޮއިން ގްރިޒްމަން ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ލުއިސް ސުއަރޭޒް ބާސާ އަށް ލީޑު ނަގާފައިވަނިކޮށް، މެޗުގެ 62 ވަނަ މިނެޓްގައި އިސާކް ވަނީ ސޮސިއެޑާޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފަހު 20 މިނެޓްތެރޭ ބާސާ އިން އަލުން ލީޑު ނެގުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އެޓީމަށް ވަނީ އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ބާސާ ރޭ އެއްވަރުވިއިރު ލީގުގެ އެއްވަނަ މަގާމަށް އެރުމަށް ރެއާލް މިރޭ ނިކުންނާނީ ވެލެންސިއާ އާއި ދެކޮޅަށެވެ.