Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

ބޯކޮށް ވާރޭ ވެހި ދާންދޫގެ 10 ގެއަކަށް ފެން ވަދެއްޖެ

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހި ގއ.ދާންދޫގެ 10 ގެއަކަށް ފެން ވަދެއްޖެއެވެ.

ފުލުހުން ބުނީ މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ރޭ ފަތިހު ދާންދޫގައި ފެންބޮޑުވެ 10 ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ.

އެގޮތުން ރަށުން ފެން ހިންދުމަށް ދާންދޫ ޕޮލިސް އާއި ކައުންސިލާއި އަދި ރައްޔިތުން ގުޅިގެން ޕަމްޕު ޖަހައިގެން ފެން ހިންދުމާއި އަދި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު މެޓް އޮފީހުން ބުނީ މިއަދުވެސް ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އަދި ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރާއި މެދުތެރޭގައި އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.