Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ރައީސް ކައުންސިލަރުންނަށް: ތަރައްގީއާ ގުޅޭ ސުވާލުތައް ދެން ކުރާނީ އަޅުގަނޑު

ތަރައްގީއާ ގުޅޭ ސުވާލުތައް ދެން ކައުންސިލަރުންނާ ކުރައްވާނީ ސީދާ އެމަނިކުފާނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީގެކުރިން ކައުންސިލަރުންނާ ބައްދަލުވާ ކޮންމެ ފަހަރަކު، ކުރައްވާ ސުވާލުތަކެއް ހުންނަ ކަމަށާއި އެގޮތުން ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންތައްތައް ނުކުރެވިގެން، އެކަމުގެ ޝަކުވާތައް ކައުންސިލަރުން ކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ލަމަރުކަޒީ ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެ ސުވާލުތައް، ދެން އެ ސުވާލުތައް ކައުންސިލަރުންނާ ކުރައްވާނީ ސީދާ އެމަނިކުފާނު ކަމަށް ރައީސް ވިދާޅުވިއެވެ.

"ކީއްވެގެންތޯ، ރަށުގެ މިވެނި ކަމެއް، އެވެނި ކަމެއް ނުކުރެވި އޮތީ؟ އަޅުގަނޑުމެން ފައިސާ އެބަ ދޫކޮށްލަން. އިޚްތިޔާރާއި ބާރު އެބަ ދޫކޮށްލަން. އެހެންވީމާ، އަޅުގަނޑާ ބައްދަލުވާ ކޮންމެފަހަރަކު، ތިޔައިން ކޮންމެ ބޭފުޅެއްގެ އަރިހު އަޅުގަނޑު ސުވާލުކުރާނަން، ކީއްވެގެންތޯ، މިވެނި ކަމެއް ނުކުރެވި އޮތީ؟" ރައީސް ވިދާޅުވިއެވެ.

ކައުންސިލަރުންގެ މިފަދަ ބައްދަލުވުމެއް ބާއްވާއިރު، ޤައުމީ ފެންވަރުގައި ވިސްނަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއްވެސް އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ހަރުކަށި ފިކުރުގައި ހައްދުފަހަނައަޅައި ގޮސްފައިވާ މީހުންގެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިލާން ޖެހިފައިވާ ނުރައްކަލުގެ މައްސަލަ ފަދަ ޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ މެދު މި ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ، މި ކޮންފަރެންސްގައި ތިޔަބޭފުޅުން ކުރައްވާ މަޝްވަރާތަކުގެ އަލީގައި، މި މައްސަލަތައް ޙައްލުކުރާނެ ގޮތުގެ ރަނގަޅު ސިޔާސަތުތަކެއް އަޅުގަނޑުމެންނަށް ހޯދިގެން ދިޔުން. މިއީ ރަނގަޅު ނަތީޖާތަކެއް ޙާޞިލުކުރެވޭ، ކާމިޔާބު ކޮންފަރެންސަކަށް ވާނެކަމަށް އަޅުގަނޑު އުންމީދުކުރަން" ރައީސް ވިދާޅުވިއެވެ.