Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ދިވެހިން ތިބީ ބޯދާ އާދަތަކުގެ އަޅުވެތިކަމަށް ދާގޮތަކަށް ނޫން: ނަޝީދު

ދިވެހިން މިއަދު ތިބީ ބޯދާ އާދަތަކުގެ އަޅުވެތިކަމަށް ދާގޮތަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހިން މިއަދު ތިބީ ޑިމޮކްރަސީގެ ނާރެސް ކަމުގައިވާ، ރައްޔިތުންގެ ބާރު އެ ރައްޔިތުންނަށް ސަރުކާރުން ދޫކޮށްލަން ޖެހޭނެ ސިޔާސަތު ދޫކޮށްލުމަށްފަހު ޒަމާންވީ ބޯދާ އާދަތަކުގެ އަޅުވެތިކަމަށް ދާގޮތަކަށް ނޫން ކަމަށެވެ.

"ޒަމާންވީ ބޯދާ ހިފެހެއްޓުމުގެ ގޮތް ދޫކޮށް އޭގެ އަޅުވެތި ކަމުގައި އަލުން އަނބުރާ ދިވެހިންނެއް ނުފިތޭނެ. ދެއްވީމާ ދެއްވި ގޮތަކަށް ރުހިގެން އަދި ހެއްދެވީ ހެއްދެވި ގޮތަކަށް ރުހެން ދިވެހިންނެއް ނެތިން، ވެރިކަމުގައި ރައްޔިތުންގެ ރުހުމާއި އާނބަސް ހޯދައިދިނުމަށް މިއަދު އެއްވެ މި ތިބީ" ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަމާޒު ހިފާފަހުރީ ރާއްޖެ އުވާލައި ޖަޒީރާ ދިވެހިވަންތަ ގޮތް ނަގާލާއި، ހިއްކި ބިމެއްގެ ހަަތަރެސްކަން ގޮޅިއަކަށް ދިވެހިން "އަޅާލުން" ކަމަށް ވިދާޅުވެ ނަޝީދު ވަނީ ތޮއްޖައްސާ، ހިފަހައްޓާ އަދި އޮބަހައްޓާ ބައްކޮށްގެން ކުރިއަރާދިޔަ އެއްވެސް ބަޔަކު މި ދުނިޔޭގައި ވެސް ނެތް ކަމަށް ވިދާޅުވެފައެވެ.

"ތޮއްޖައްސާ ހިފަހައްޓާ އޮބަހައްޓާ ބައްކޮށްގެން ކުރިއަރާދިޔަ އެއްވެސް ބަޔަކު މި ދުނިޔެއަކު ނެތް. އުޑުބަޅު ކުރެއްވި ހިސާބުގެ އެފަދަ ގައުމެއް ނެތް. ތިޔަ ވިދާޅުވާ އިގްތިސާދީ ގޮތަކީ އޮތް ގޮތެއް ނޫން. އެއީ ނެތް ގޮތެއް" ނަޝީދު ވިދާޅުވިއެވެ.

އަދި އަންނަ އަހަރަށް އަންދާޒާ ކޮށްފައިވާ ބަޖެޓަކީ އިންޤިލާބެއް ގެނައި ބަޖެޓެއް ކަމަށާއި އެ ބަޖެޓުން ކައުންސިލްތަކަށް ހޯދާދީފައިވާ މިންވަރަކީ ކައުންސިލްތަކަށް މީގެ ކުރިން ނުލިބޭ މިންވަރެއް ކަމަށްވެސް އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ނަޝީދު ވިދާޅުވިއެވެ.