Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

އިންތިހާބަށް ކައުންސިލްތައް ގުނބޯ ހައްދަން ފަށައިފި: ޖަމީލު

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ކައުންސިލްތައް ގުނބޯ ހެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކޮރޮސްރޯޑް މޯލްޑިވްސްގައި “ވިއަވަތި ރާއްޖެ” ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ސަރުކާރުން އިއްޔެ ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުމުގެ ތެރެއިން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތަސްދީގު ކުރައްވާފައެވެ.

އެ ބިލު ތަސްދީގު ކުރެއްވުމާއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާއިރު، ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން އަމާޒު ހިފާފައިވަނީ އިޞްލާޙްގެ ނަމުގައި ޖުޑިޝަރީހެން ލާމަރުކަޒީ ނިޒާމް ގަޑުބަޑުކުރަން ކަމަށެވެ.

"މަޖިލީހަށް ކައުންސިލަރުން ވަކިކުރެވޭ ގޮތް ހަދަން އުޅުނީ ނޭނގިއެއް ނޫން. ބާރުވެރިކުރުމަކީ ތަރައްޤީކުރުން. އެކަން އިސްރާފް ބޮޑު އެމްޑީޕީ ސަރުކާރަށް ނުވާނެ. އިންތިޚާބަށް ކައުންސިލްތައް ގުނބޯ ހައްދަނީ" ޖަމީލު ވިދާޅުވިއެވެ.

ލާމަަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކޮށްފައެވެ. އަދި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖެއްސުން ވެސް ހިމެނެއެވެ. އަދި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ރަށުގެ ކައުންސިލްތަކުގެ ރައީސުންގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ރައީސުން ސީދާ އެ ކައުންސިލެއްގެ މީހުންގެ ޥޯޓުން އިންތިހާބު ކުރާ ގޮތަށް ވެސް ވަނީ ބަދަލުކޮށްފައެވެ.