Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހަރުކަށި ފިކުރުގައި ޖެހިފައި ތިބި 1400 އެއްހާ ދިވެހިން އެބަތިބި

ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

ހަރުކަށި ފިކުރުގައި ޖެހިފައި ތިބި ދިވެހިންގެ އަދަދު ގާތްގަނޑަކަށް 1400 އަށް އަރާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ ގިނަ އަދަދެއްގެ ކައުންސިލަރުންނާއެކު، ކްރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން ކުރިއަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ރާއްޖޭގައި އޮތް ޓެރަރިޒަމްގެ ހާލަތާބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ސެޝަންގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ސީޕީ ވިދާޅުވީ ތަފާސް ހިސާބުތައް ދައްކާގޮތުން ސީރިޔާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވުމަށް ދިޔަ ފަރާތްތަކުގެ އަދަދު އުޅެނީ 173 ގައި ކަމަށާއި އެއީ މި ހަނގުރާމާގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރި 423 ދިވެހިންގެ ތެރެއިން އެތަނަށް ދެވުނު މީހުންގެ އަދަދު ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހަރުކަށި ފިކުރުގެ ތެރެއަށް ވެއްޓި، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރަށް، އެ ފިކުރުގެ ތެރެއަށް ވެއްޓިފައި ތިބި 1400 ގާތްކުރާ އަދަދަކަށް ދިވެހިން މިއަދު އަޅުގަނޑުމެެންގެ ތެރޭގައި އެބަތިބި" ސީޕީ ވިދާޅުވިއެވެ.

ސީރިޔާގެ ހަނގުރާމައިގެ ކުރިން އަފްގާނިސްތާނާއި ޕާކިސްތާނުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށާއި އަދި އޭގެތެރެއިން ބައެއް މީހުން އެނބުރި ރާއްޖެ އައިސް ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މިކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އެގޮތުން މިފަދަ ކަންކަމުގައި އެންމެ އިސްކޮށް ތިބި ފަރާތްތައް ހޯދާ ގާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

އަދި މިފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރުމަކީ ހަމައެކަނި ފުލުހުންނާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރަށް ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި މިފަދަ ނުރައްކާތެރި ކަންކަން ހުއްޓުވުމަށް ކޮންމެ ފަރުދަކު ވެސް ޒިންމާ އަދާކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.