Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އަފްގާނިސްތާނުގައި ހައްޔަރުކުރި ދިވެހި އަންހެނަކު 20 އަހަރަށް ޖަލަށް

އަފްގާނިސްތާނުން ހައްޔަރުކުރި ދިވެހި އަންހެނަކަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެގޮތުން ޖަލު ހުކުމް އިއްވާފައިވަނީ ހ. މޫންލައިޓްވެލީ އަލީ ޝާފިއުގެ އަންހެނުންގެ މައްޗަށެވެ. މީގެކުރިން ޝާފިއުގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ގިނަ އަދަދެއްގެ ކައުންސިލަރުންނާއެކު، ކްރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން ކުރިއަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ރާއްޖޭގައި އޮތް ޓެރަރިޒަމްގެ ހާލަތާބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ސެޝަންގައި ވާހަކަދައްކަމުން ސީޕީ ހަމީދު ވިދާޅުވީ ޝާފިއުގެ އަންހެނުންގެ މައްޗަށް ކޯޓުން 20 އަހަރުގެ ހުކުމެއް އިއްވާފައިވާ ކަމަށެވެ.

ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ހަތިޔާރު ގެންގުޅެ ފޮރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 2015 ވަނަ އަހަރު ހައްޔަރު ކުރެވުނު މީހެއް ކަމަށާއި ނަމަވެސް ޝަރީއަތަށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން އޭނާ 2016 ވަނަ އަހަރުގެ ކުރީކޮޅު ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި އަލީ ޝާފިއު އޭނާގެ އަންހެނުންނާއި އަދި ހަތަރު ދަރިން ގޮވައިގެން ބޭސްފަރުވާ ކުރުމަށް ސްރީލަންކާ އަށް ގޮސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުތެރޭ ލަންކާ އިން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނު މަގުން އަފްގާނިސްތާނަށް އެތެރެވެފައިވާ ކަމަށެވެ.

އަދި މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ޝާފިއު އާއި އޭނާގެ އަންހެނުންނާއި އަދި ދަރިން އަފްގާންގެ ނަންގަރްހާރް ޕްރޮވިންސުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ލިބުނު ކަމަށާއި ޝާފިއު އަފްގާނިސްތާނަށް ދަތުރުކޮށްފައިވަނީ އެގައުމުގައި ހަރަކާތްތެރިވާ އައިއެސްގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް މޮރަސާނާ ޕްރޮވިންސް" އާ ގުޅުމަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

އެގޮތުން އޭނާގެ އަތުން ފެނުނު ޑިޖިޓަލް ޑިވައިސްއަކުން އިސްލާމިކް ސްޓޭޓު ޖަމާއަތުގެ ޕްރޮޕެގެންޑާ ވީޑިޔޯތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ޝާފިއު އާއި އޭނާގެ އާއިލާ ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބުމާއެކު އަފްގާނިސްތާނުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން މި މައްސަލަ ވަރަށް ގާތުން ބަލަމުން ގޮސްފައިވާ ކަމަށާއި އެގޮތުން ޝާފިއު އަފްގާނިސްތާނަށް ފޮނުވުމުގައި ހަރަކާތްތެރިވި ނެޓްވޯކުގެ އިސް ފަރާތްތައް ދެނެގަނެ އެ މައުލޫމާތުތައް އަފްގާންގެ ފުލުހުންނާ ހިއްސާކޮޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.