Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އަލަށް ހުޅުވާ ރިސޯޓުތަކާއެކު 18000 ވަޒީފާ އުފެދޭނެ: މިނިސްޓަރު

އަލަށް ހުޅުވާ ރިސޯޓުތަކާއެކު 18000 ވަޒީފާ އުފެދިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ގިނަ އަދަދެއްގެ ކައުންސިލަރުންނާއެކު، ކްރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން ކުރިއަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި މިއަދު ހެނދުނުގެ ދަންފަޅީގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 12 އަތޮޅަކުން ޖުމްލަ 8000 އެނދާއެކު 18000 ވަޒީފާ ހުޅުވޭ ގޮތަށް އަލަށް ޓޫރިޒަމަށް ދޫކުރާ ރަށްތައް މާދަމާ ރޭ އިއުލާންކުރައްވާނެ ކަމަށެވެ. އެގޮތުން މިއީ ރާއްޖެގެ އެންމެ އުތުރާއި ދެކުނުން އިސްކަން ދީގެން 12 އަތޮޅުން ކަނޑައަޅާފައިވާ ރަށްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އަންނަ އަހަރުން ފެށިގެން އަލަށް ރިސޯޓުތައް ހުޅުވޭއިރު، ތަމްރީން ހެދުމަށް މާލެ އަންނަން ނުޖެހޭނެ ކަމަށާއި ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލަރުންނާއި، ރިސޯޓުގެތަކުގެ ބޭފުޅުން އެއްގަލަކަށް އަރުވައި، އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ސަރުކާރުން ގާއިމްކޮށްދޭނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ މިބާރުތަކާއެކު ކައިރީގަ ހުރި ރިސޯޓުތައް ސަރުކާރާ އެންމެން ގުޅިގެން މަސައްކަތް ކުރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރަށްތަކުގެ މިލްކުވެރިންނަކީ ރާއްޖޭގެ ރައްޔިތުން އެނަގައިގެން ތިބޭ މީހުން އެރަށާއި ކައިރީގަ ތިބޭ ރައްޔިތުންނާ ގާތްގުޅުން އުފައްދަން ބޭނުންވޭ" މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް ޕްލޭން އެކުލަވާލާފައިވަނީ ރިޔާސީ ކެމްޕެއިނަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭ ގޮތަށް ކަމަށްވެސް މިނިސްޓަރު އަލީ ވިދާޅުވިއެވެ.