Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ސައުވީސް ވަނަބައި)

ޒީޝާންވެސް ހީލާފައި އެކޮޓަރިން ނުކުތެވެ. އޭނާ މަޑުމަޑުން ގޮސް ދޮރުހުޅުވާލާފައި ކޮޓަރިއަށް ވަތްއިރު، ޒައިކް އުޅެނީ ފާޚާނާގައެވެ. އޭނާ އަވަސް އަވަހަށް އައިސް އެނދުގައި އޮށޯތެވެ. ޒައިކް ފެންވަރައިގެން ނުކުންއިރު ޒީޝާން އެނދުގައި އޮތުމުން ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އަލަމާރި ކައިރިއަށްގޮސް އަންނައުނު ލާންފެށިއެވެ. ޒީޝާން މިދުވަސްކޮޅު ނަމާދު ނުކުރާކަން އެނގޭތީ އިތުރަށް އުނދަގޫ ކުރާކަށް ޒައިކް ބޭނުމެއް ނުވިއެވެ. ނަމަވެސް ޒީޝާންއާއި ރޭޝަމްގެ މެދުގައި ރޭހަތަރުދަމު ދެކެވުނު ވާހަކައެއް އޮޅުން ފިލުވަން އޭނާހުރީ ކެތްމަދުވެފައެވެ.
****
ރޭޝަމް ފުރައިގެން ދިޔަފަހުން ހަފްތާއެއް ވޭތުވެ ހިނގައްޖެއެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައިވެސް ޒީޝާންވަނީ ކިތަންމެ ފަހަރަކު އޭނާ ޒައިކްދެކެ ލޯބިވާކަން އަމަލުން ހާމަކޮށްދީފައެވެ. ހަމައެކަނި ލަފްޒުތަކަކުން އެހެން ނުބުނާކަމެވެ. ބުއްދިއެއް ހުރި މީހެއް ވިއްޔާ ވިސްނޭވަރުގެ ހެކިތައް ޒީޝާންވަނީ ދައްކާފައެވެ.

ކޮންމެ ދުވަހަކު ޒައިކް އޮފީހުން އަންނައިރު މީރު ކާއެއްޗެހި ހަދައެވެ. ނަލަހެދިގެން ހިނިތުންވެފައިވާ މޫނަކައިގެން ނުކުމެ އިންތިޒާރުގަ ހުރެއެވެ. ނިދުމުގެކުރިން ފެންވަރައި ތާޒާވެ، ހަށިގަނޑުގައި މީރުވަސްދުއްވައެވެ. ކިރިޔާ ފުރުސަތެއް ލިބުނަސް ޒައިކްއާ ގާތްވެލައި، އޭނާގެ ހުރިހާ ހަރަކާތަކުންވެސް ޒައިކް އޭނާގެ ގާތަށް އައުމަށް ދައުވަތުދެއެވެ. އެވަރުންވެސް ޒައިކްއަށް އެނގޭކަމަކަށް ނުވެއެވެ. ނޫންނަމަ އެނގޭކަމަށް ނުހަދަނީއެވެ. އޭނާގެ އަމަލުތަކަށް އެކަށީގެންވާ ރައްދެއް ޒައިކް ނުދޭއިރުވެސް އޭނާވެސް ދުލުން ބުނާކަށް ގަސްތެއް ނުކުރެއެވެ. ޒައިކްއަށް ވިސްނިގެން އޭނާގެ ގާތަށް އަންނަންދެން މަޑުކުރެވެނީއެވެ.

ޚުދު ޒައިކްއަށްވެސް ޒީޝާންގެ ފުށުން އާދަޔާ ޚިޔާފު ގާތްކަމާއި އޯގާތެރިކަން ފާހަގަކުރެވެއެވެ. ޒީޝާންގެ އަސަރުގަދަ ހިނިތުންވުމާއި ލޯބިވެތި އަދާތަކުން އޭނާދެކެ ލޯބިވާކަން ހާމަކުރަމުން ދާއިރު، އޭނާއަށްވެސް ކެތްވަނީކީ ނޫނެވެ. ޒީޝާން ގަސްތުގައި ގައިގޯޅިވެލާ ކޮންމެ ފަހަރަކު އޭނާގެ ހިއްސުތަކަށްވެސް އޭގެ އަސަރު ކުރަމުންދެއެވެ. ނަމަވެސް، އަދިވެސް އިތުރަށް ޒީޝާން ތަޅުވާލަން އޭނާ ބޭނުންވަނީއެވެ.

މިރެއަކީ ޒީޝާންއަށް ނުހަނު ޚާއްސަރެއެކެވެ. އޭނާގެ ކައިވެންޏަށް އެއްއަހަރުވީއެވެ. ހަވީރުއްސުރެ އޭނާ މިރެޔަށް ތައްޔާރުވަމުން ދަނީއެވެ. ތަފާތު ވައްތަރުގެ މީރު ކާއެއްޗެހި ހަދައިފިއެވެ. ރެޔަށް ޚާއްސަކޮށް ކޭކެއްވެސް އަޅައިފިއެވެ. ރޭޝަމްގެ އެހީތެރިކަމާއެކު، ކޮޓަރިތެރެ ޒީނަތްތެރި ކުރާނެ ސާމާނުވެސް ދުރާލައި އޭނާ ހޯދިއެވެ. މިރޭ ސުކޫލުގައި ޖަލްސާއެއް އޮންނާތީ ޒައިކް އަވަހަށް ނާންނާނެކަން އޭނާއަށް އެނގެއެވެ. ޒީކްވެސް މިރޭވީ އޭނާގެ މާމަގާތުގައެވެ. އެހެންކަމުން ފުރުސަތުގެ ބޭނުންކޮށް އޭނާ ކޮޓަރިއާއި ސިޓިންރޫމުވެސް ޒީނަތްތެރި ކުރިއެވެ. މަސައްކަތުން އަވަދިވެ ފެންވަރައިގެން އޭނާ ތައްޔާރުވިއެވެ. މިރޭ އޭނާ ބޭނުންވީ ރޭޝަމް ދިން ނައިޓީ ލާށެވެ. އޭނާ ނައިޓީލައި ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އެތެރޭން ލާފައިވާ އަތްކެނޑި އަދި އެހާމެ ކުރު ހެދުންކޮޅުން ނިވާވަނީ އޭނާގެ ހަށިގަނޑުގެ ވަރަށްވެސް ކުޑަ މިންވަރެކެވެ. ބޭރުން ލޭސްފޮތީގެ ޖެކެޓްލާފައިވީ ނަމަވެސް އޭގެ ތުނިކަމުން އޭނާގެ ދޮންކަން ރީތިކޮށް ފާޅުވާން ހުއްޓެވެ. އަމިއްލަ ސޫރައަށް ބަލާލާފައި ޚުދު އޭނާ ލަދުގަތެވެ. މިސިފައިގައި އޭނާއަށް ޒައިކްގެ ކުރިމައްޗަށް އަރަން ކެރިދާނެ ހެއްޔެވެ؟ އެހައި ނިވާކަން ކުޑަ ހެދުމެއްލައިގެން ޒައިކްގެ ކުރިމަތީގައި އޭނާ ހުންނާނީ ކިހިނެއް ހެއްޔެވެ؟ ނޫނެކެވެ. އޭނާއަކަށް ނުކެރޭނެއެވެ. އޭނާގެ ކުރިމަތިން ޒައިކް ސިފަވުމާއެކު ބޭއިޚްތިޔާރުގައި މޫނުގައި އަތްއެޅުނެވެ. އޭނާ އަވަސް އަވަހަށް ނިދާހެދުން ބޭލުމަށްފަހު، މިރެއަށް ޚާއްސަކޮށް ފަހާފައިވާ ވިލުނޫ ކުލައިގެ މެކްސީލިއެވެ.

ޖަލްސާ ނިމުނުއިރު އެގާރަގަޑި ބައިވެއްޖެއެވެ. ޖަލްސާގެ އެންމެހައި ބައިވެރިން ސުކޫލުން ނުކުމެ ސުކޫލު ހިމޭންވުމުން އޭނާވެސް އޮފީހަށް ވަދެލިއެވެ. އޭނާގެ ކޮޓަރިއަށް ވަދެ މޭޒުމަތީގައި އޮތް ޕާރސަލްއާއި ރަތް ފިނިފެން މަލުގެ ގުލްދަސްތާއެއް ހިފައިގެން އޭނާ ނުކުތެވެ. އެއީ މިރެއަށް ޚާއްސަކޮށް ރައްޓެއްސަކު ލައްވައި މާލެއިން ގެނައި އެއްޗެކެވެ. މިރޭ ޖަލްސާ އޮތީތީ އޭނާހުރީ ނުހަނު ހިތްނުތަނަވަސްވެފައެވެ. ގެޔަށް ދެވޭއިރު، ޒީޝާން ނުނިދާނެ ކަމެއްވެސް ނޭނގެއެވެ. ހަމަހިމޭން މަގުތަކުގައި ދުއްވަމުން ދިޔައިރު، އޭނާގެ ހިތް ހަލަބޮލިވަމުން ދިޔައީ ޒީޝާންއާއި ކުރިމަތިލާ ވަގުތު ކުޑަތަން ވަމުން ދާތީއެވެ.

ކާން ހަދައިގެން ޒައިކްގެ އިންތިޒާރުގައި އިން ޒީޝާންއަށް އަށް އިރުއިރުކޮޅުން ގަޑިބަލާލެވެއެވެ. މިހާރު މެންދަމު ބާރަޖަހަނީއެވެ. އަދިވެސް ޒައިކްގެ ޚަބަރެއް ނުވެއެވެ. އޭނާ އަނެއްކާވެސް ސޯފާއިން ތެދުވިއެވެ. ކުޑަދޮރުގެ ދޮރުފޮތި ހިއްލާލާފައި ބޭރު ބަލާލިއެވެ. އެވަގުތު ގެ ކައިރިއަށް ސައިކަލެއް މަޑުކޮށްލި އަޑުއިވުމުން ޒީޝާންގެ ހިތްތެޅިގަތެވެ. އޭނާ އަވަސް އަވަހަށް ބޮކިތައް ނިވާލާފައި އައިސް ސޯފާގައި އޮށޯވެ ނިދާކަމަށް ހެދުނެވެ.

ހިތް އަވަސްވެފައިވާ ހާލު ގޭގެ މައިދޮރު ހުޅުވާފައި ވަތް ޒައިކްއަށް ލިބުނީ ހައިރާންކަމެކެވެ. ސިޓިންރޫމުގައި ރީތިގޮތަކަށް އަތުރާފައިވާ އުއްބައްތިތަކުން ރަންކުލައިގެން އައްޔަކުން މުޅިތަންވަނީ އުޖާލާކޮށްފައެވެ. ޒައިކް މަޑުމަޑުން ހިނގާފައި އައިސް ސޯފާ ކައިރިއަށް ހުއްޓުނު ވަގުތު އޭނާގެ ލޮލުގައި ފުރަތަމަ އަޅައިގަތީ ސޯފާކުރިމަތީގައިވާ ބިއްލޫރި މޭޒުމަތީގައި ބަހައްޓާފައިވާ ކޭކުގައެވެ. " ހެޕީ އެނިވާރސަރީ" ޖަހާފައިވާ ކޭކުގައިހުރި އުއްބައްތިތަކުގެ ހުޅުކޮޅުތައް ނަށަނަށާހުރިއިރު ވަރަށްވެސް ފުރިހަމައެވެ. ފާރުގައިވެސް ފުލޮރިޒެންޓް ކަރުދާހަކުން ހެޕީ އެނިވާރސަރީ ޖަހާފައި އޮތެވެ. ސީލިންގްގައިވަނީ ދިއްލޭ ތަރިތަކެއް ހަރުކޮށްފައެވެ. އެހެންކަމުން އެވަގުތު ސިޓިންރޫމު ސިފަވެގެން ދިޔައީ ވަރަށްވެސް ހިތްގައިމު ހުވަފެނީ އާލަމެއްގެ ގޮތުގައެވެ. ތަނުގެ ޒީނަތްތެރިކަމަށް ވިސްނާލުމުން، މިރެއަށްޓަކައި ޒީޝާން ނުހަނު ބުރަ މަސައްކަތް ކޮށްފައިވާކަން ޒައިކްއަށް ވިސްނުނެވެ.

ދެން އޭނާ ބަލާލީ ސޯފާގައި ފުރިހަމައަށް ނަލަހެދިގެން އޮތް ޒީޝާންއަށެވެ. ވިލުނޫކުލައިގެ މެކްސީގައި ޒީޝާން ފެންނަލެއް ވަރަށްވެސް ރީއްޗެވެ. ލުއިމޭކަޕެއް ކޮށްފައިވީއިރު، މިރޭ ޝޯލްނާޅައި އޭނާގެ ރީތި އިސްތަށިގަނޑުވަނީ ރީތިގޮތަކަށް ފުނާއަޅައި ހުޅިއެއް ޖަހާފައެވެ. ކަންފަތުގައި ލާފައިވާ ނޫކުލައިގެ އެހާއި ކަރުގައިވާ ހަމަ އެކުލައިގެ އެސްޖެހި ހާރުގެ ސަބަބުން އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވާފައި ވެއެވެ. މިހާ ފުރިހަމައަށް ނަލަހެދިގެން އޭނާއަށް ޒީޝާން އިންތިޒާރުކޮށްކޮށް ވަރުބަލިވެގެން ނިދުނުއިރުވެސް އޭނާއަށް ނާދެވުނީތީ ޒައިކްއަށް އޭނާގެ ނަފްސު ކުށްވެރިކުރެވުނެވެ. ޒައިކް އޭނާގެ އަތުގައިވާ މާބޮނޑިއާއި ޕާރސަލް މޭޒުމަތީގައި ބެހެއްޓުމަށްފަހު، ޒީޝާންގެ ގާތަށް ޖެހިލިއެވެ.

" އައިމް ރިއަލީ ސޮރީ ޒީޝާން…" ޒައިކް ގުދުވެ ޒީޝާންގެ ކޮލުގައި ބޮސްދިނެވެ. އެއާއެކު ޒީޝާންގެ މުޅިގައިން ހީބި ނަގައިގެން ދިޔައެވެ.
" ޒީޝާން….ހޭލަބަލަ!…" ޒީޝާންގެ މޫނުގައި ފިރުމާލަމުން ޒައިކް ގޮވާލިއެވެ. ޒައިކް ދެތިން ފަހަރަކު ގޮވާލުމުން ޒީޝާން ލޯހުޅުވާލާފައި ތެދުވެ އިށީނެވެ.
" އައިމް ރިއަލީ ސޮރީ….ވަރަށް ލަސްވެއްޖެދޯ؟…ނުވެސްކައިތަ ތިއިނީ؟…" ޒީޝާންގެ ގާތުގައި އިށީންނަމުން ލޯތްބާއެކު ޒައިކް އަހާލިއެވެ. ޒީޝާން ހިނިތުންވެލަމުން ބޯޖަހާލިއެވެ.
" ހެޕީ…އެނިވާރސަނީ؟…" ޒައިކް އޭނާ ގެނައި މާބޮނޑިއާއި ޕާރސަލް ޒީޝާންއާ ހަވާލުކުރަމުން ހިނިތުންވެލާފައި ބުނެލިއެވެ.
" ވާއު…ހާދަ ލޯތްބޭ…..ތެންކިޔު ސޯ މަޗް" މާބޮނޑި ފެނުމުން އުފަލުން ހެވިލާފައި ކުޑަކުއްޖަފަދައިން މާބޮނޑި ގަޔާލައި ބޮޑިކޮށްލިއެވެ.
" ހަމައެކަނި ތެންކިޔުއެއްތަ ލިބޭނީ؟…" ޒީޝާންއާ ދިމާބަލާލާފައި ލާނެއްގޮތަކަށް ހީލަމުން ޒައިކް ބުނެލިއެވެ.
" ނޫން…ކޭކްވެސް މިހުރީނު…ޒައިކްއަށް އެންމެ މީރު ކެއުންވެސް ހުންނާނެ…" ޒައިކް ބުނި އެއްޗެއްގެ މާނަ ވިސްނުނު ނަމަވެސް، ލަދުގަތްވަރުން އަވަސް އަވަހަށް ޒީޝާން ބުނެލިއެވެ.
" އެހެންތަ؟….އަހަރެންވެސް ވަރަށް ބަނޑުހައި…ހިނގާ ކާން…ކޭކު ފަޅާނީ ކައިގެން…" ހީލާފައި ޒައިކްވެސް ވާހަކަ ބަދަލުކޮށްލިއެވެ.

" އަހަރެން ހީކުރީ މިހާ ލަސްވީމަ ކައިގެން ކަމަށް އަންނާނީ….އެހެންވެ ވަރަށްދެރަވެފަ މިހުރީވެސް…" ބަދިގެޔަށް ވަންނަމުން ޒީޝާން ބުނެލިއެވެ.
" ނޫނޭ…މިރޭ ހަމަ ގަސްތުގަ އެތަނުން ނުކެއީ…ޒީޝާން ނުކައި ހުންނާނެކަން އެނގޭތީ…" ޒައިކް ބުނެލިއެވެ.
ޒީޝާން ތަށިތަކުގެ މަތިތައް ނެގުމަށްފަހު ޒައިކްއާއެކީގައި ކާން ތައްޔާރުވިއެވެ. ކާން އިނދެގެން ޒައިކް، ކާއެއްޗެހި މީރު ވާހަކަ ބުނެ ނުހަނު ތަޢުރީފުކުރިއެވެ. އަދި ގޭތެރެ ޒީނަތްތެރިކޮށްފައިވާގޮތަށްވެސް ތަޢުރީފުކުރިއެވެ. ނަމަވެސް ޒީޝާން އެހާފުރިހަމަ ތައްޔާރުވެފައި ހުރުމުންވެސް އޭނާގެ ރީތިކަމަށް ތަޢުރީފެއްނުކުރިއެވެ. އެހެންކަމުން ޒީޝާން އިނީ ދެރަވެފައެވެ. އޭނާ ހީކުރީ ކުޑަމިނުން މިރޭ އޭނާއަށްވެސް ތަޢުރީފެއް ކޮށްލާނެ ކަމަށެވެ. ޒައިކް އެގޮތަށް ކަންތައްކުރީ ހަމަގަސްތުގައި ކަމެއް ޒީޝާންއަަކަށް ރޭކާނުލައެވެ. ޒައިކް ހިތާއި ހިތުން ޒީޝާންއަށް ތަޢުރީފުކުރިއެވެ.

" ކޭކު ފަޅަންވީދޯ…" ކައިނިމިގެން އައިސް ސޯފާގައި އިށީއްނަމުން ޒައިކް ބުނެލިއެވެ. ޒީޝާން އާނއެކޭ ބުނުމުން، މޭޒުމަތީގައި އޮތް ވަޅިނަގާފައި ޒީޝާންގެ އަތަށްދިނެވެ.

" ފޮޓޯނަގަން ވާނެއްނު…" ޖީބުން ފޯނުނަގަމުން ޒައިކް ބުނެލިއެވެ. ކެމެރާ ސެޓްކުރުމަށްފަހު ޒީޝާންގެ އަތާއެކު ޒައިކްވެސް ވަޅީގައި ހިފަހައްޓާލިއެވެ. ކޭކު ފެޅި ވަގުތު ދެމީހުނަށް ތިބެވުނުލެއް ގައިގޯޅިކަމުން ދެމީހުންގެ ހިތުގެ ވިންދުވެސް އަވަސްވެގެން ދިޔައެވެ.
" ހެޕީ އެނިވާރސަރީ" ޒީޝާންގެ އަނގަޔަށް ކޭކުކޮޅެއް ލަވަމުން ޒައިކް ބުނެލިއެވެ.

" ހެޕީ އެނިވާރސަރީ" ޒީޝާންވެސް ޒައިކްގެ އަނގަޔަށް ކޭކުކޮޅެއް ލެވިއެވެ.

" އާހް….ވަރަށް ހޫނުވެއްޖެ….ފެންވަރާލައިގެން ކޭކުކާން އަންނަންތަ؟.." ސޯފާއިން ތެދުވެ ހިންދެމިލަމުން ޒައިކް އެހިއެވެ.

ޒީޝާން އާއެކޭ ބުނެ ބޯހަލުވާލުމުން ޒައިކް ކޮޓަރިއަށް ދިޔައެވެ. ޒީޝާން ސޯފާގައި ލެނގިލާފައި ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ އެވަރަށް ތައްޔާރުވީމަވެސް އޭނާއަށް ކުޑަކޮށްވެސް ތަޢުރީފު ނުކޮށްލީތީ ރުޅިވެސް އާދެވުނެވެ. އޭނާ ވިސްނާލިއެވެ. މިރޭ ޒައިކް އޭނާއަށް ތަޢުރީފު ނުކުރި ނަމަވެސް މައްސަލައެއްނެތެވެ. މިރޭ ޒައިކްގެ ހިތް އޭނާ ފަތަޙަކުރާނެ ގޮތެއް އޭނާއަށް އެނގެއެވެ. ޒީޝާން ކުއްލިއަކަށް ސޯފާއިން ތެދުވިއެވެ. އަދި ރޭޝަމް އުޅުނު ކޮޓަރިއަށް އޭނާ ދިޔައެވެ. އަލަމާރި ހުޅުވާލުމަށްފަހު ރޭޝަމް ދިން ނައިޓީ ނެގިއެވެ. އޭނާ އަނެއްކާވެސް ނައިޓީ ލިއެވެ. އަދި ޑްރެސިން ޓޭބަލް ކައިރީގައި އިށީނދެ މޭކަފްކުރަން ފެށިއެވެ. ނިދާހެދުމާއި ގުޅޭފަދަ މެރޫން ކުލައެއް ތުންފަތުގައި ޖެއްސިއެވެ. އަދި ލޮލުގައި އަނދުންއަޅައި އެސްފިޔަތަކުގައިވެސް މަސްކަރާ އަޅާލިއެވެ. އޭނާގެ ދިގު އިސްތަށިގަނޑު ފުނާއަޅާފައި ފަހަތަށް ދޫކޮށްލިއެވެ. އޭނާ ހިތްހަމަޖެހޭވަރަށް ތައްޔާރުވެވުމުން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލާފައި ހިނިތުންވެލިއެވެ. މިރޭ ހަމަގައިމުވެސް އޭނާއާ ދިމާ ބަލާނުލައި ޒައިކް އަކަށް ނުހުރެވޭނެއެވެ. ޒައިކްއަކީ ހިއްސުތައް ސަލާމަތުން ހުރި ފިރިހެނެއް ކަމުގައި ވަނީނަމަ އޭނާގެ އަދާތަކަށް މިރޭ ފިދާވާނެކަން ގައިމެވެ.

ކިތަންމެ ވަރުގަދަ އަޒުމެއްގައި ތައްޔާރުވި ނަމަވެސް، ޒައިކްގެ ކުރިމައްޗަށް ދާންވުމުން އޭނާ ޖެހިލުންވިއެވެ. އޭނާ އެކޮޓަރިން ނުކުމެގެން ގޮސް، ހިތްވަރުކޮށްފައި ޒައިކްގެ ކޮޓަރި ދޮރުހުޅުވާލިއެވެ. އޭރު ޒައިކް ފެންވަރައިގެން އައިސް ލޯގަނޑުކުރިމަތީގައި ތައްޔާރުވާން ހުއްޓެވެ. އަތްދިގު ކަޅު ޓީޝާޓަކާއި ހުދު ޖީންސްއެއްގައި ހުރިއިރު، ޒައިކް ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ބޮލުގައި ކްރީމްލައި އިސްތަށިގަނޑު ރީތިގޮތަކަށް ފުނާއަޅަން ހުރި ޒައިކް ސިހުނީ ލޯގަނޑުން ޒީޝާންގެ ހިޔަނި ވުމުންނެވެ. ކުއްލިއަށް ލޯގަނޑުން ޒީޝާން ތަފާތު ސިފައެއްގައި ފެނުމުން ޒައިކްއަށް ސިހުމެއް ލިބުނެވެ. އެއީ ޒީޝާންބާއޭ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ޒީޝާން އައިސް ޒައިކްގެ ފަހަތަށް ހުއްޓުނުއިރު އޭނާގެ ހިތް ނުހަނު ބާރަށް ތެޅެމުން ދިޔައެވެ. ޒީޝާން މަޑުމަޑުން ޒައިކްގެ މެދުހަށީގައި ފަހަތުން ބައްދާލިއެވެ. އެވަގުތު ޒައިކްގެ ހަރަކާތް ވަގުތުން ހުއްޓުނެވެ. އެއީ ޒީޝާންބާއޭ ހީވެފައި އޭނާއަށް ވިސްނާލަން މަޖުބޫރުވިއެވެ. އޭނާ ފެންވަރަން ވަތްއިރު، ޒީޝާންހުރީ ނޫކުލައިގެ މެކްސީއެއްގައެވެ. ވީއިރު ކުއްލިއަކަށް އެގޮތަށް ފެނުމުން އޭނާގެ ހިތުގައި ބިރުވެރިކަމެއްވެސް ހިނގާލިއެވެ.

" ޒީޝާން…" ޖެހިލުންވެހުރެ ޒައިކް ގޮވާލިއެވެ. އަދި ޒީޝާންގެ އަތުގައި ހިފާފައި އޭނާގެ ކުރިމައްޗަށް ގެނައެވެ.
އޭނާއާއި ދާދިގާތުގައި ހުރި ޒީޝާންގެ މޫނަށް ބަލާލެވުނީ ޔަޤީންނުވެފައެވެ. ޒީޝާންގެ ބޮލުންފެށިގެން ފައިތިލައަށް ޒައިކްގެ ނަޒަރު ދަތުރުކުރިއެވެ. ތުނި ތުނި ނައިޓީގެ ތެރެއިން ފާޅުވާންހުރި ޒީޝާންގެ ވަނާތައްފެނިފައި އޭނާއަށް ހިންދިރުވާލެވުނީ ބޭއިޚްތިޔާރުގައެވެ. ޒީޝާން ކޮށްފައިވާ ތަފާތު މޭކަޕްގެ ސަބަބުން، ޒީޝާންގެ ކިބައިގައި ކުރިންހުރި މައުސޫމު ކަމުގެ ބަދަލުގައި މިރޭ ސިފަވީ ޖެހިލުންކުޑަ ލާނެއް އަންހެން ކުއްޖެއްގެ ގޮތުގައެވެ. ޒައިކްއާއި ހަތަރުކަޅި ހަމަކޮށްލަމުން ޒީޝާން ހީލިގޮތުން ޒައިކްގެ ހުރިހާ ހިއްސަކަށް އެނގުންވެގެން ދިޔައެވެ. ޒީޝާންގެ ދެލޮލުގައިވެސް މިރޭ ތަފާތު ބާރެއްވާފަދަ އިހުސާސެއް ޒައިކްއަށް ކުރެވުނެވެ.

" އަދިވެސް އެއްފަހަރު ހެޕީ އެނިވާރސަރީ މައި ލަވް" ޒައިކްގެ ކަރުގައި އަތްއަޅުވާލަމުން ސީދާ ޒައިކްގެ ލޮލަށް ބަލާލަމުން ޒީޝާން ބުނެލިގޮތުން ޒައިކްގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ޒީޝާން ކުރިޔަށްވުރެވެސް ބޮޑަށް ޒައިކްއާއި ގާތްވެލާފައި ޒައިކް ތުންފަތުގައި ބޮސްދިނެވެ. އެވަގުތު ޒައިކްގެ ހިތްވެސް ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ޒައިކް ހައިރާންވެފައި ޒީޝާންގެ މޫނަށް ބަލަން ހުއްޓައި ޒީޝާން އަނެއްކާވެސް އެކަން ތަކުރާރުކޮށްލުމުން ޒައިކްއަށް ހިމޭނަކުން ނުހުރެވުނެވެ. ޒީޝާންގެ ގައިގާ ބާރަށް ބައްދާލަމުން އެތުންފަތުގެ މީރުކަން ލިބިގަތެވެ. ދެމީހުންގެ ނޭވާކޮޅަށްދާން ގާތްވުމުން މަޑުމަޑުން ޒީޝާންގެ ގައިން ދޫކޮށްލާފައި އެމޫނަށް ނަޒަރު ހުއްޓާލިއެވެ.

" ތީހަމަ އެމައުސޫމު ޒީޝާންތަ؟…" ޒީޝާންގެ ނިތްކުރީގައި މޫނު ޖައްސާލަމުން ޒައިކް އަހާލިއެވެ.

" ނޫން…މިއީ ޒައިކްގެ ލޯބީގާ ދީވާނާވެގެން މިގޭތެރޭގަ އުޅޭ ޖިންނިއެއް…" ލާނެއްގޮތަކަށް ހީލަމުން ޒީޝާން ބުނެލުމާއެކު ޒައިކްއަށް ހެވުނެވެ.

" މިރޭ އަހަރެން މޮޔަކޮށްލަން ގަސްތުކޮށްގެންތަ ތިހުރީ؟" ޒީޝާންގެ މޫނުގައި ފިރުމާލަމުން ޒައިކް އެހިއެވެ.

"އަހަރެން ހީކުރީ ކުރިންވެސް މޮޔަވެފަ ކަމަށްކުރީ….ނޫންތަ؟.." ލާނެއްގޮތަކަށް ހީލާފައި ޒީޝާން ބުންޏެވެ.

" އެހެންތަ؟…މިއަދާ ޖެހެންދެންހުރީ ހަމަހޭގަ…އެކަމު މިހާރު ހީވަނީ ހޭބުއްދި ފިލަން އުޅޭހެން…" ޒީޝާން ދަތްދޮޅީގައި ހިފައި އުފުލާލާފައި އެމޫނަށް ނަޒަރު ހުއްޓާލަމުން ޒައިކް ބުނެލިއެވެ. އެވަގުތު ޒީޝާންގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ.

ޒައިކް ކުއްލިއަކަށް ޒީޝާން އޭނާގެ އަތްދަނޑިމައްޗަށް އުފުލާލައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އަދި ޒީޝާންގެ ގާތުގައި އޮށޯވެ، އެހަންއޮމާން މޫނުގައި ފިރުމާލިއެވެ. ޒީޝާންގެ ގައިން ދުވި ލުއި ލުއި މީރުވަހުން އޭނާގެ ސިކުނޑިތާޒާވެ، ހިއްސުތައް ހޭލައްވާލިއެވެ. އޭނާ ލައިގެންހުރި ޓީޝާޓް ބޭލުމަށްފަހު ތަށިމުށިތަކު މައްޗަށް ދޫކޮށްލިއެވެ. ޒައިކްގެ ފިރިހެންވަންތަ ހަށިގަނޑު ހާމަވުމާއެކީ ޒީޝާންގެ ހިތްހަލަބޮލި ކުރުވިއެވެ. ޒައިކްގެ މަސްތުން ފުރިގެންވީ ނަޒަރު ޒީޝާންގެ ލޮލާއި ސީދާވުމުން ޚުދު އޭނާވެސް މަސްތުވީފަދައެވެ.

ޒައިކް މަޑުމަޑުން ޒީޝާންގެ މޫނުގައި ފިރުމާލުމަށްފަހު، އެއަތް ތިރިޔަށް ގެންގޮސް، ޒީޝާންގެ ޖެކެޓް އައްސާފައިވާ ވާކޮޅު މޮހާލިއެވެ. އަދި މަޑުމަޑުން ޖެކެޓް ޒީޝާންގެ ގަޔާ ވަކިކޮށްލިއެވެ. މިހާރު ޒީޝާންގެ ހަން އޮމާން ހަށިގަނޑުގެ ބޮޑުބައިވަނީ ހާމައަށެވެ. ޒައިކްގެ ނަޒަރު ޒީޝާންގެ ހަށިގަނޑުގެ އެކި އެކި ވަނާތަކަށް ވަކިވަކީން ދަތުރުކުރިއެވެ. މިހާ ފުރިހަމަ ރީތި އަންހެން ކުއްޖަކު، އެއްއަހަރުވާންދެން އޭނާގެ މިލްކެއްގެ ގޮތުގައި ހުރިއިރު، އޭނާއަށް ފަހެ ކެތްކުރެވުނީ ކިހިނަކުން ބާއޭ ޚުދު އޭނާގެ ހިތަށްއެރިއެވެ. ދުރުދުރުން އެއަންހެން ކުއްޖާއާ ދިމާބަލާލައިގެން އޭނާ ހިތްހަމަ ޖައްސާލީ ކިތައް ދުވަހު ހެއްޔެވެ؟ ނަމަވެސް މިރޭ އެވަނީ އޭނާއަށް އެލޯބި ހިބައިން ލިބިފައެވެ.

" މާޝާ ﷲ…އަހަރެންގެ އަންހެނުން ހާދަ ރީއްޗޭ!….މީގެކުރިން އަހަރެންނަށް ތި ރީތިކަން ފޮރުވައިގެން އުޅުނީ ކީއްވެ؟…" ޒީޝާންގެ ހަން އޮމާން ކަނދުރާގައި ބޮސްދެމުން މަސްތުން ފުރިގެންވީ އަޑަކުން ޒައިކް ބުނެލިއެވެ. ޒައިކްގެ ކޮންމެ ބީހިލުމަކުން ޒީޝާންގެ ހަށިގަނޑުން ލޮޅުންއަރައިގެން ދެއެވެ. ޒައިކް ތުންފަތުގެ ހޫނުކަމުން، ފިނިވެފައިވާ ޒީޝާންގެ ޒުވާން ހަށިގަނޑަށް ބަޔާންކުރަން ދަތި ފޮނިމީރުކަމެއް ލިއްބައިދެމުން ދިޔައެވެ.

" ތި ފަދަ ރީތިކަމެއް މީގެކުރިން އަހަރެން ނުދެކެން ޒީޝާން…ޔޫ އާ ސޯބިއުޓިފުލް…" ހިތުގެ އަޑިން ޒީޝާންއަށް ޒައިކް ތަޢުރީފު ކުރިއެވެ. އެބަސްތަކަކީ ޒީޝާންގެ ކަންފަތަށް އިވުނު އެންމެ ހިތްގައިމު ބަސްތަކެވެ. އެބަސްތައް އަހާހިތުން އޭނާ ކެތްމަދުވި ބަސްތަކެވެ. ލަދުވެތިކަމުގެ ރަތްކުލައަރާފައިވާ ޒީޝާންގެ މޫނު އުފާވެރި ހިނިތުންވުމަކުން އުޖާލާވެގެން ދިޔައެވެ.

" އައި ލަވް ޔޫ…ޒައިކް…" ޒައިކްގެ ތަނަވަސް މޭގެތެރޭގައި މޫނު ފޮރުވާލަމުން އަސަރާއެކު ޒީޝާން ބުނެލިއެވެ. ޒީޝާންގެ އަނގައިން ނުކުތް ބަސްތައް ޒައިކްއަށް އިވުނީ ފޮނި ފޮނި މިއުޒިކެއްފަދައިންނެވެ. އޭނާގެ ހިތަށް ލިބުނު އުފަލެއްގެ ސަބަބުން ވަގުތުން ލޮލުން ކަރުނަވެސް ހިލުނެވެ. އެތައް ދުވަހަކުއްސުރެ އޭނާ އިންތިޒާރުކުރަމުން އައި ލަފްޒު އަޑުއިވުމުން ވާނީވެސް އެހެންނޫން ހެއްޔެވެ؟ އޭނާގެ ހިތުގެ ތެޅުން އިންތިހާއަށް ގަދަވެގެން ދިޔަ ހިނދު ބޭއިޚްތިޔާރުގައި ޒީޝާންގެ ގައިގާ ބާރަށް ބައްދާލެވުނެވެ.

" އައި ލަވް ޔޫ ޓޫ…ޒީޝާން…" ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ތުރުތުރު އަޅާއަޑަކުން ޒައިކްއަށް ބުނެވުނެވެ.

" ވަރަށް ވަރަށް ލޯބިވޭ…އަބަދުވެސް ލޯބިވޭ…" ހިތްއަވަސްވެފައި ޒައިކްއަށް އެތައް ފަހަރަކު ޒީޝާންދެކެ ލޯބިވާ ވާހަކަ ބުނެވުނެވެ.

" އަހަރެންވެސް ޒައިކްދެކެ ވަރަށް ލޯބިވޭ….ވަރަށްބޮޑަށް ލޯބިވޭ…" ޒައިކްގެ ގައިގާ ބާރަށް ބައްދާލަމުން ޒީޝާންވެސް ތަކުރާރުކޮށް ބުންޏެވެ.

ދެމީހުން ބަހާއި އަމަލުން އެކަކު އަނެކަކަށް ލޯބި ހާމަކުރަމުން ދިޔައިރު، އަހަރެއް ވާންދެން އެދެމެދުގައި ލެވިފައިވާ ހުރިހާ ހުރަހެއް ވަގުތުން ވަގުތަށް ފުނޑު ފުނޑުވެ ކުނޑިކުނޑިވެގެން ހިނގައްޖެއެވެ. ދެހިތުގައި ފޮރުވައިގެން އުޅުނު ލޯބީގެ ޝަކުވާތައްވެސް މަޑުމަޑުން ބޭރުވަމުން ދިޔައެވެ. ޒައިކްގެ ހިތުގައި ޒީޝާންއާމެދު އުފެދުނު ނުބައި ޝައްކުވެސް އެންމެފަހުން ފިލާ ހިނގައްޖެއެވެ. ޒީޝާންއާއި ޒަލަފްގެ މެދުގައި ޖިސްމާނީ ގުޅުމެއް ނުހިނގާކަން ސާބިތުވެ ޔަޤީންވެސް ވެއްޖެއެވެ. ޒީޝާންގެ ޒުވާންކަން ހަދިޔާކުރި ހަމައެކަނި މީހާއަކީ އޭނާކަން އެނގުމުން ކުރިޔަށްވުރެވެސް ބޮޑަށް ޒީޝާންދެކެ އޭނާއަށް ލޯބިވެވުނެވެ. އެލޯތްބަށްޓަކައި އޭނާކުރި ދިގު އިންތިޒާރުގެ ނިމުން އޭނާ ހީކުރިވަރަށް ވުރެވެސް ފޮންޏެވެ. އޭނާގެ ނަސީބާމެދު އޭނާ ފަޚުރުވެރިވިއެވެ.

*** ހަތަރު އަހަރު ފަސް****

ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތެވެ. ގޮނޑުދޮށުގައި ދޮންވެލިގަނޑު މަތީގައި އިށީނދެލައިގެން މޫދަށް ނަޒަރު ހުއްޓާލައިގެން ޒީޝާންއާއި ޒައިކް ތިބިއިރު، އެދެމީހުންގެ ދޮޅުއަހަރުގެ ދަރިފުޅު ޒިވިޔަން އާއި ހައަހަރުގެ ޒީކް ކުޅެން ތިއްބެވެ. އެމީހުންގެ ގާތުގައި ކުޑަކުއްޖަކު ފަދައިން ޝިޔާވެސް ވެއްޔާއި ކުޅެން އިނެވެ. ޒީޝާންއާއި ޒައިކް ވާހަކަ ދައްކަން ތިބެފައިވެސް އިރުއިރުކޮޅުން އެދިމާއަށް ނަޒަރެއް ހިންގާލައެވެ.
ނުނިމޭ