Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ހައިރައިޒް އިއްސޭ: އަހަރުގެ ވިޔަފާރިވެރިޔާ!

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ވިޔަފާރިޔާއަށްދޭ އެވޯޑު އިސްމާއިލް ހަމީދު (ހައި ރައިޒް އިއްސޭ)އަށް ލިބިއްޖެއެވެ.

ކްރޮސްރޯޑު މޯލްޑިވްސްގައި ރޭ ބޭއްވި ދެވަނަ މޯލްޑިވްސް ބިޒްނަސް އެވޯޑުގައި "އެންޓްރަޕުރިނިއާ އޮފް ދި އިޔާ"ގެ އެވޯޑު އިއްސެއާ ހަވާލުކޮށްދެއްވީ ބްލޭޒަން އިންކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހަސަން އަބްދުﷲ ހިލްމީއެވެ.

ހައި ރައިޒް އިއްސެއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ގުނަ ހިދްމަތްތަކެއް ކުރައްވައި އަދި މިހާރުވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އިއްސެ ވަނީ ލިވަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އުފައްދައި އެ އެސޯސިއޭޝަންގެ ރައީސް ކަމާއި ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާ ކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ލިވަބޯޑުތަކާއި ބެހޭގޮތުން ފްލޯޓިން މޯލްޑިވްސްގެ ނަމުގައި ހާއްސަ މެގަޒިންއެއް ނެރެމުން އަންނަ އިރު އެ މެގަޒިން އަކީ ރާއްޖޭގެ އެންމެ ދުވަސްވީ ލިވަބޯޑު މެގަޒިންނެވެ. މީގެ 15 އަހަރު ކުރިން ނެރެންފެށި އެ މެގަޒިން މިހާރު ވަނީ ފްލޯޓިން އޭޝިއާގެ ނަމަށް ބަދަލުކޮށް އަހަރަކު ދެފަހަރު ނެރެމުންނެވެ.

އިއްސެގެ އެންމެ ފާހަގަކޮށްލެވޭ ވިޔަފާރިއަަކީ ހައިރައިޒް ކުންފުންޏެވެ. ހައިރައިޒުން އަންނަނީ ސަރަހައްދީ ފެންވަރުގައި ގިނަ އެކްސްޕޯތައް ބާއްވަމުންނެވެ. އެގޮތުން ހައިރައިޒުން ވަނީ ސައުތު އޭޝިއަން ޓްރެވަލް އެވޯޑު ( ސަޓާ)ގެ ނަމުގައި ސަރަހައްދުގެ ފަތުރުވެރިކަމަށް އަމާޒުކޮށް އެވޯޑު ދެމުންނެވެ. ހައިރައިޒުން ބާއްވާ ސަޓާ އެވޯޑަކީ މި ސަރަހައްދުގެ ފަތުރުވެެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑެވެ.

އިއްސެއަކީ އެންމެންނާއި ގުޅޭ ހާއްސަކޮށް ޒުވާނުން ވިޔަފާރިތަކަށް ނެރެދިނުމަށް މަސައްކަތް ކުރައްވާ ފަރާތެކެވެ.