Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟( ފަންސަވީސް ވަނަބައި)

*** ހަތަރު އަހަރު ފަސް****
ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތެވެ. ގޮނޑުދޮށުގައި ދޮންވެލިގަނޑު މަތީގައި އިށީނދެލައިގެން މޫދަށް ނަޒަރު ޒީޝާންއާއި ޒައިކް އިށީނދެލައިގެން ތިބިއިރު، އެދެމީހުންގެ ދޮޅުއަހަރުގެ ދަރިފުޅު ޒިވިޔަން އާއި ހައަހަރުގެ ޒީކް ކުޅެން ތިއްބެވެ. އެމީހުންގެ ގާތުގައި ކުޑަކުއްޖަކު ފަދައިން ޝިޔާވެސް ވެއްޔާއި ކުޅެން އިނެވެ. ޒީޝާންއާއި ޒައިކް ވާހަކަ ދައްކަން ތިބެފައިވެސް އިރުއިރުކޮޅުން އެކުދިންނަށް ހަރަކާތްތަކަށް ނަޒަރެއް ހިންގާލައެވެ.

" ޝިޔާ އެގޮތަށް ހެވިފަ ހުންނައިރު އަހަރެން ހާދަ އުފާވެޔޭ….ހާދަ ދުވަހެއް ފަހުންނޭ އެގޮތަށް ހީލާވެސް އުޅެން އެ ފެށީ…އަދިވެސް މުޅިން ހަމައަކަށް ނޭޅޭ…މިހާރުވެސް ދޭތެރެ ދޭރެއިން ބުނާނެ އަހަރެންގެ ސަބަބުންނޭ ހުސެން މަރުވީ….އޭނަ އަމިއްލަ ނަފްސު ކުށްވެރިކުރާތީ ވަރަށްދެރަވޭ…" ދެރަވެލާފައި ޒީޝާން ބުނެލިއެވެ.

" ދެރަނުވޭ! އަދި ޝިޔާ މުޅިން ހަމައަކަށް އެޅޭނެ….އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރުން ހުއްޓާލާނެ ދުވަހެއްވެސް އަންނާނެ….ކުއްލިއަކަށް އެފަދަ ބޮޑު ހާދިސާއެއް ދިމާވީމަ ވަގުތު ނަގާނެ، އެކަން ކަން ހަނދާން ނައްތާލާފަ ދިރިއުޅުމައިގެން ކުރިޔަށްދާން….ޝިޔާއަށް މިހާރު ބޭނުންވަނީ ލޯބިދޭނެ ހެޔޮލަފާ ފިރިއެއް…" ޒައިކް ޚިޔާލު ފާޅުކުރިއެވެ.

" އަހަރެންވެސް ވަރަށް ވާހަކަ ދައްކައިފިން…މީހަކާ އިންނަން ޚިޔާލުވެސް ދީފިން…އެކަމު އެވާހަކަޔަކާ އެހާ ގަޔާއެއްނުވޭ…އެކަމު އެއްދުވަހަކު ބުނި ނުދަންނަ ކޮންމެވެސް މީހަކު އޭނައަށް ހަދިޔާ ފޮނުވާ ވާހަކަ…އަދި އޭނައަށް ވައިބަރއިން މެސެޖްކޮށް ހާލު ބަލާ ވާހަކަވެސް…." ޒީޝާން އޮޅުން ފިލުވައިދިނެވެ.

" ކާކުކަމެއް ނޭނގޭތަ؟…" ޝައުޤުވެރިކަމާއެކު ޒައިކް އަހާލިއެވެ.

" ހޫމް ނޭނގެޔޭ ބުނީ….އެމީހަކު ޝިޔާއަށް ހަދިޔާ ފޮނުވަނީ ޕޯސްޓުންނޭ ބުނީ…އެހެންވީމަ ނޭނގޭނެއްނު މީހެއް…" ޒީޝާން އޮޅުން ފިލުވައިދިނެވެ.

" ޕޯސްޓުން ފޮނުވިޔަސް، ފޮނުވި ފަރާތުގެ މައުލޫމާތު ހޯދޭނެއްނު ޕޯސްޓް އޮފީހުން….ކޮންމެވެސް އެޑްރެހަކުންނެއްނު ފޮނުވާނީވެސް" ވިސްނާލަމުން ޒައިކް ބުނެލިއެވެ.

" މާލޭން ފޮނުވާ އެއްޗެއް ނޫނޭ…..ޝިޔާގެ ނަމުގަ…ޝިޔާގެ އެޑްރެހަށް އަލީ އެކްސްޕްރެސް އިން އެއްޗެހި ގަނެފަ ފޮނުވަނީ…..ޕެކޭޖްތަށް ހުންނަނީ ޝިޔާގެ ނަމުގަ….އެހެންވީމަ ނޭނގޭނެއްނު ކާކުކަމެއް…." ޒީޝާން އިތުރަށް އޮޅުން ފިލުވައިދިނެވެ.
" އޭނ؟…ތި އަދި މާފައްކާ ކަމެއް….ކޯއްޗެއްތަ އޭނަ ފޮނުވަނީ؟…" ގަޔާވެފައި ޒައިކް އަހާލިއެވެ.

" އަންހެންކުދިންނަށް ބޭނުންވާ ކަހަލަ އެކި ކަހަލަ ހަދިޔާ….ބޫޓާ، ދަބަހާ…ޝޯލްއާ…އަދިވެސް ތަފާތު ވައްތަރު އެއްޗެހި…" ޒީޝާން ކިޔައިދިނެވެ.

" އެކަމު ޝިޔާ އެތަކެތި ބޭނުންވެސް ކުރޭތަ؟…" ހައިރާންވެފައި ޒައިކް އެހިއެވެ.

" ނޫން…ފުރަތަމަ އޭނަ އެއެއްޗެހި ކެނޑީ…އެއީ އޭނަގެ ކޮއްކޮ އޭނާގެ ނަމުގަ ގަތް އެއްޗެއް ކަމަށް ހީކޮށް….ޝިޔާއަކީ އަލީ އެކްސްޕްރެސް ބޭނުންކުރާވެސް މީހެއްނޫން ވިއްޔަ…ދެން ވަގުތުން އެނގޭނެތާ އެއީ އޭނަގެ އެއްޗެއް ނޫންކަން….ދެން އޭނަގެ ކޮއްކޮ ޝާޔަންއަށް ގުޅައިގެން އެހީމަ ބުނީ…އޭނަ ނުގަންނަމޭ އެއްޗެއް…..ދެން އޭގެފަހުން އޭނަ އެއެއްޗެހި ނުކަނޑާ….އަދި ޕޯސްޓު އަޔަސް ނުވެސްނަގާ…އެކަމު އެންމެފަހުން އެތަނުން އެތަކެކި ޝިޔާގެ ގެޔަށް ގެނެސްދޭންފެށީ…އެތާ ނުބެހެއްޓޭނޭ ކިޔާފަ…..އެހެންވެ ކަބަޑަކަށް އަޅާފަ އެބަހުރި ބަހައްޓާފަ….މިހާރު ކަބަޑުވެސްހުރީ ފުރިފަ…އޭނަ ހުންނަނީ އެކަމާ ހަދާނެ ގޮތެއް ނޭނގިފަ…." ވަރަށް ތަފްސީލުކޮށް ޒީޝާން ކިޔައިދިނެވެ.

" ދެން ތިބުނާ ވައިބަރއިން މެސެޖްކުރާ މީހަކު ހަމަ ނޭނގުނުތަ؟ ނަމްބަރ އެނގޭއިރު މީހާވެސް ހޯދޭނެއްނު…" ޒައިކް އިތުރަށް އޮޅުން ފިލުވިއެވެ.

" އެމީހާ އެކި ފަހަރު އެކި ނަމްބަރުން މެސެޖް ކުރަނީ…މުޅިންވެސް އިންޑިއާ ނޫނީ ލަންކާ ނަމްބަރު ތަކުން މެސެޖްކުރަނީވެސް…އެހެންވެ އެއީ ކާކުކަމެއްވެސް ނުހޯދުން….އެމީހަކަށް ނުކެރޭ ޝިޔާއާ ބައްދަލުކުރާކަށްވެސް….އަބަދުވެސް ޝިޔާގެ ހާލުބަލާ ހަދަނީ…އަދި އެނގޭތަ ޝިޔާގެ އެކައުންޓަށް އޭނަ ފައިސާވެސް ފޮނުވާ…އެހެންވެ ޝިޔާ މިހާރު އެހެން އެކައުންޓެއް ބޭނުންކުރަނީވެސް…." ޒީޝާން އިތުރަށް އޮޅުން ފިލުވައިދިނެވެ.

" އެހެންވީމަ ތިއީ ހަމަ ރަނގަޅަށްވެސް ޝިޔާއާހެދި ދީވާނާވެފަ ހުރި މީހެއްނު…ތިވާނީ ވަރަށް މުއްސަނދިވެސް މީހަކަށް…އެހެންނޫންނަމަ އެވަރަށް ރުފިޔާ ޚަރަދެއް ނުކުރާނެއްނު….ދެން ކީއްވެބާ ޝިޔާގެ ކުރިމައްޗަށް އަންނަން ނުކެރިގެން ފިލަ ފިލައިގެން އެއުޅެނީ؟…." އެމީހަކާމެދު ޒައިކްގެ ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ.

" ނޭނގެ…މިހުރިހާ ދުވަސްވީއިރުވެސް، އޭނައަށް ފެންނާކަށް އެމީހާ އެއްބަހެއްނުވި….ކާކުކަންވެސް ބުނީކީނޫން…އެކަމު ޝިޔާއަށް ޔަޤީންވި އެއީ ހަމަ އެމީހާ ކުރާކަމެއްކަން….އެމީހާ ފޮނުވާ ހަދިޔާ ތަށްވެސް ގޭމީހުނަށް ފޮރުވައިގެން އެއުޅެނީ….ބައެއްފަހަރު މީހަކަށް އެތަކެތި ފެނުނަސް އެމީހުން އަޅައެއްނުލާ…އެއީ ޝިޔާގެ އަމިއްލަ ހިތްހަމަ ޖެހުމަށް އޭނަ ގަންނައެއްޗެއް ކަމަށް ހީކޮށް އެމީހުން ތިބެނީ…އެކަމު އަސްލު އަހަރެންނަށް ވަރަށް ވިސްނޭ އެކަމާމެދު…ހިތަށްއަރާ އަނެއްކާ ކޮންކަހަލަ މީހެއްގެ ހިޔަނިބާއޭ ޝިޔާއަށް އެ އެޅުނީ….އެއީ ވިޔާނުދާ މީހަކަށް ވެދާނޭ ހިތަށް އަރަނީ…" ޒީޝާން އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

" ވިޔާނުދާ މީހެއްނަމަ ޝިޔާއާ ބައްދަލުކޮށް ނާޖާއިޒް ފައިދާއެއް ނަގަން ނޫޅެ ހުންނާނެބާ؟…" ޒައިކްގެ ޚިޔާލު ތަފާތެވެ.
" އާނ…އެހެންވެސް ހިތަށްއަރާ…މިހާރު ގާތްގަނޑަކަށް އަހަރެއްވަރު ވެއްޖެޔޭ ބުނީ އެމީހަކު އެގޮތަށް އުޅޭތާ……އެކަމު ޝިޔާ އާދޭސްކޮށްވެސް އެއީ ކާކުކަމެއް ނުބުނި….އަދި ބައްދަލު ކުރާކަށްވެސް އެއްބަހެއްނުވި….ކޮންމެވެސް ދުވަހަކުން ބައްދަލުވެދާނެ ނޫންހޭ ބުންޏޯ…." މާޔޫސީ ރާގަކަށް ޒީޝާން ބުންޏެވެ.

" ޒީ…ޒިވީ ނިދި އަންނަހެން ހީވަނީ…" ޒީޝާން އާއި ޒައިކްއަށް އެކުއެކީގައި ބަލާލެވުނީ ޝިޔާ ގޮވާލުމުންނެވެ.

" އާނ…ދާންވީއޭ ދޯ…މިހާރު އިރުއޮއްސެން އުޅެނީ…ޒީކް ދޫނީ އަވަހަށް ކުޅޭ އެއްޗެހިތައް ހޮވާލާ…" ޒީޝާން ތެދުވަމުން ބުނެލިއެވެ.

" މަންމީ…އަޅުގަނޑު މި ބޮލި ގެންދިޔަޔަސް އޯކޭތަ؟…" ޒީކް އޭނާގެ އަތުގައި އޮތް ބޮއްޔެއް ދައްކާލަމުން ބުންޏެވެ.

" ނުބައިވަސް ނުދުވަންޏާ އޯކޭ…" ޒީޝާން ބުނެލިއެވެ. ޒައިކްއާއި ޒީޝާންގެ މެދުގައި ސުލްހަވީފަހުން، ޒީކް ލައްވައި އޭނާ ނާދިރާ ކިޔުއްވީ ބޭނުންވެގެންނެވެ.

" ޝިޔާ ނުދާނަންތަ؟…" ޒިވިޔަން ގޮވައިގެން ޒީޝާން ހިނގައިގަތުމުންވެސް ޝިޔާ އެއިންގޮތަށް އިނުމުން ޒީޝާން އެހިއެވެ.

" އަދި އިރުކޮޅަކުން ދާނީ…" ހިނިތުންވެލާފައި ޝިޔާ ބުނެލިއެވެ.

ޝިޔާ ދާން ބޭނުންނުވާކަން އެނގުމުން ޒީޝާން އިތުރު އެއްޗެއް ނުބުނެ ދާން ހިނގައިގަތެވެ.

" ޝިޔާ ނުދަނީތަ؟…" ޒީޝާން އައުމުން ޒައިކް އެހިއެވެ.

" އެކަނިވެލަން ބޭނުންވެފަ އެއިނީ…." މޮޅިވެރި ރާގަކަށް ޒީޝާން ބުނެލިއެވެ.

" ރަނގަޅުވާނެ…ބައެއްފަހަރު ޖެހޭނެ އެކަނިވެލަންވެސް….." ޒައިކް ވިސްނައިދިނެވެ.

ޒީޝާންމެން ދިޔަތާ އިރުކޮޅެއް ފަހެވެ. ކަނޑުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެން އިން ޝިޔާވަނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނައާއި ދާދިގާތުގައި އޭނާގެ ހަރަކާތްތަކަށް ފާރަވެރިވަމުން ދާ މީހަކު ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ.

" އަހަރެން މިތާ އިށީނދެލަންތަ؟…" ކުއްލިއަކަށް ދަންނައަޑެއް އިވުމުން ޝިޔާ އިސްއުފުލާ ބަލާލިއެވެ. އެވަގުތު އޭނާއަށް ފެނުނީވެސް ދަންނަ މޫނެކެވެ.

" ޒަލަފް؟.." ހައިރާންކަމާއެކު ޝިޔާއަށް ކިޔާލެވުނެވެ.

" ހޫމް..އަހަރެން…އޯކޭ ދޯ މިތާ އިށީނދެލިޔަސް؟.." އަނެއްކާވެސް ޒަލަފް ހުއްދައަށް އެދުނެވެ.

" މިއީ އަހަރެންގެ ތަނެއްނޫން….ޒަލަފް ބޭނުން ކޮންމެ ތާކު އިށީއްނަންވީ…" ހީލަމުން ޝިޔާ ޖަވާބުދިނެވެ.

" ތިކަން އެނގޭ….އެކަމު ޝިޔާގެ ގާތުގަ އިށީންނަންޏާ ހުއްދަހޯދަން ޖެހޭނެއްނު…" ހީލާފައި ޒަލަފް ޖަބާވުދިނެވެ. ޝިޔާ އިތުރު އެއްޗެއް ނުބުނެ ހިނިތުންވެލުމުން ޒަލަފް އިށީނެވެ.

" ޝިޔާ ކިހިނެއްތަ؟…" ހަމަ ހިމޭންކަމުގެ ސުކޫތު ކޮޅަކަށްފަހު ޒަލަފް އެހިއެވެ.

" ރަނގަޅު….ޒަލަފް ކިހިނެއް؟…" ޝިޔާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ.

" ހަމަ ވަރަށް ބަރާބަރު…." ޒަލަފް ޖަވާބުދިނެވެ.

" ހާދަ ދުވަހެއް ވެއްޖެއޭ ދޯ ދިމާނުވަނީ؟….އަސްލު އަހަރެން މިކޮޅުގަ ނޫޅޭތާ ދުވަސްތަކެއްވެފަ އަނެއްކަ މިއައީ…." ޝިޔާ އިތުރު ސުވާލެއް ނުކުރުމުން ޒަލަފް އަމިއްލަ އޮޅުން ފިލުވައިދިނެވެ.

" އެހެންތަ؟…ނޭނގެ މިކޮޅުގަ ނެތްކަމެއްވެސް…" އާދައިގެ ގޮތަކަށް ޝިޔާ ބުނެލިއެވެ.

" މީގެ ހަތަރު އަހަރުކުރިން މިއަތޮޅުވެސް ދޫކޮށް އަހަރެން ދިޔައިން….އެއީ އޭރު ހާލަތު ދިމާކުރިގޮތުން…" އެހިސާބަށް ބުނެފައި ޒަލަފް ހުއްޓާލީ އެވާހަކަ އިތުރަށް ކުރިޔަށް ގެންދާނެ ހިތްވަރު ނެތިގެންނެވެ. އެރޭގެ ހާދިސާގެ ވާހަކަ ކިޔައިދީފައި ޝިޔާގެ ކިބައިން މާފަށް އެދެން އޭނާ ނުހަނު ބޭނުމެވެ. ނަމަވެސް އެހާ ހިތްވަރެއް އޭނާގެ ނެތެވެ.

" ތިބުނީ…ޒީ ނުލިބުނީމަ ދިޔަ ވާހަކަދޯ؟…" ހީލާފައި ޝިޔާ ސުވާލުކޮށްލިއެވެ.

" ތިހެން ހީކުރިޔަސް އެންމެ ރަނގަޅު….." ހަޤީޤަތް ހާމަކުރަން ނުކެރިގެން ޒަލަފް ބުނެލިއެވެ.

" އަނެއްކާ މިހާރުވެސް ޒީއަށް ފާރަލަނީތަ؟…" ޝައްކެއްވެގެން އަހާފަދަ ގޮތަކަށް ޝިޔާ އެހިއެވެ.

" ނޫނޭ ނޫނޭ…އެކަހަލަ ކަމެއްނެތް….އަހަރެން އޭނަގެމަތިން ހަނދާން ނައްތާލައިފިން….މިހާރު އެއީ އަހަރެންނާ ބެހޭކަމެއްނޫން…" ޒަލަފް އަވަސް އަވަހަށް ބުނެލިއެވެ.

" ދެން ކީއްވެ ހަމަ ކުއްލިއަކަށް މިތަނުން މިފެނުނީ؟…ހަމަ ދެންމެ މިތަނުން ޒީމެން އެދިޔައީ….އަޅެ ތެދަށް ބުނެބަލަ! ފާރަލަނީކީ ނޫންތަ؟…" ޒަލަފްއަށް ވީގޮތުން މަޖާވެފައި ޝިޔާ އަހާލިއެވެ.

" އަސްލަށޭ…ޒީއަކަށް ފާރައެއްނުލަން…އޭނަ އުޅޭގޮތެއް އަހަރެން ނުބަލަން…އެކަމު ދެންމެ އަހަރެން މިކޮޅަށް އައިއިރު ދުށިން އެމީހުން ދަނިކޮށް….މިހާރު ބޭބީއެއްވެސް ލިބިއްޖެދޯ….މިހާރު ޒީއެއުޅެނީ އަސްލު އުޅެންވާގޮތަށް….ކިހާ އުފާވެރި މިހާރު އެމީހުން…" އުފާވެރިކަމާއެކު ޒަލަފް ބުނެލިއެވެ.

" ޒަލަފް ދެރައެއްނުވޭތަ؟…" ޒަލަފްގެ މޫނުމަތިން ފެނުނު އުފާވެރިކަމުން ހައިރާންވެފައި ޝިޔާ އަހާލިއެވެ.

" ދެރަވާންވީ އެއްވެސް ސަބަބެއް ނެތެއްނު….އަހަރެން އަމިއްލައަށް ޒީގެ ޙަޔާތުން ދުރަށްދިޔައީ….ޒައިކްފަދަ ރަނގަޅުމީހެއްގެ ދިރިއުޅުން ބަރުބާދު ނުކުރަންވެގެން…އަހަރެންވެސް މިހާރު މިއުޅެނީ ވަރަށް ހަމަޖެހިލައިގެން…އޭރު ވަޒީފާއިން ވަކިވެގެން ރަށަށް ގޮސް ދުވަސްކޮޅަކު އުޅުނިން ވައިވެގެން…އެކަމު މަންމަ ފަރާތު ބޮޑުބޭބެގެ އެދުމަށް ބޮޑުބޭބެގެ ކަންނެލިދޯނިން މަހަށްދާން ފެށުމުން އަނެއްކާވެސް ހަމައަކަށް އެޅުނު…ތިން އަހަރުވާންދެން އެމަސައްކަތުގަ އުޅެފަ ލާރިކޮޅެއް ލިބުނީމަ…އަނެއްކާވެސް މިކޮޅަށް އަންނަން ހިތަށްއެރީ….މިހާރު މިއުޅެނީ މިކޮޅު ގެސްޓްހައުސްއެއް ހުޅުވައިގެން…ވަރަށް ސަޅިކަމެއް އެއީ…" ޒަލަފް ވަރަށް ތަފްސީލުކޮށް އޭނާގެ ދިރިއުޅުން ހުރިގޮތް އޮޅުން ފިލުވައިދިނެވެ.

ޝިޔާ ސުވާލެއް ކުރުމަކާއި ނުލައި އެހާ ތަފްސީލުކޮށް ހުރިހާ ވާހަކައެއް ކިޔައިދިނީތީ ޝިޔާގެ ހިތުގައި ސުވާލުވެސް އުފެދުނެވެ.

" އަދިވެސް މިކޮޅުގަ ހިތް އޮތީ ކަންނޭނގެދޯ؟…" ޝިޔާ އެއްޗެއް ނުބުނުމުން ޒަލަފް އަމިއްލައަށް ބުންޏެވެ.

އިރުއޮއްސި އަނދިރިވާން ފެށުމުން ޝިޔާ ގެޔަށްދިއުމަށްޓަކައި ތެދުވިއެވެ. ފަހަތުން ޒަލަފްވެސް ތެދުވިއެވެ.

" ހިނގާފަތަ ތިއުޅެނީ؟…" ޒަލަފް އެހިއެވެ.

" ހޫމް…ފަލަވާތީ ހިނގާފަ އުޅެނީ…" ހީލަމުން ޝިޔާ ބުނެލިއެވެ. އެވަގުތު ޒަލަފްއަށް ބޭއިޚްތިޔާރުގައި ޝިޔާގެ ހަށިގަނޑަށް ބަލާލެވުނެވެ. ތެދެކެވެ. މިހާރު ޝިޔާގެ ރޫފަ ކުރިޔަށްވުރެ ރަނގަޅެވެ. ކުރިން ހުންނަނީ ވަރަށް ހިކިކޮށެވެ. ނަމަވެސް މިހާރު ކުރިޔަށްވުރެ ރޫފަ ރަނގަޅުވެ ބައްޓަން ރީތިވެފައިވާހެންވެސް ހީވެއެވެ.

" އަސްލުވެސް ފަލައޭ…" ޒަލަފް ބަލަން ފެށުމުން ލަދުން އަވަސް އަވަހަށް ޝިޔާ ބުނެލިއެވެ. ޝިޔާއަށް ވީގޮތް އެނގުމުން ޒަލަފް އަވަސް އަވަހަށް ދުރުބަލަން ފެށިއެވެ.

" އަހަރެންނާއެކު ކާރުގަ ދާންވީނު" އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ޒަލަފް ބުނެލިއެވެ.

" ކާރުގަތަ އައިސް ތިއުޅެނީ؟…" ތަންކޮޅެއް ދުރުގައި އޮތް ކާރު ފެނުމުން ޝިޔާ އެހިއެވެ.

" ހޫމް…ސައިކް ދޫކޮށްލާފަ މިހާރު ކާރުގަ އުޅެނީ….މާއަރާމެއްނު…" ހީލަމުން ޒަލަފް ބުނެލިއެވެ.

" ޒަލަފްގެ އަމިއްލަ ކާރެއްތަ؟…" ޔަޤީންކޮށްލުމުގެ ގޮތުން ޝިޔާ އަހާލިއެވެ.

" ހޫމް….ކަމަކު ނުދޭތަ؟…" ކާރާ ދިމާބަލާލަމުން ޒަލަފް ބުނެލިއެވެ.

" ނޫނޭ…ކާރު ވަރަށްރީތި…އެކަމު އަހަރެންނަކަށް ނުކެރޭނެ އަރާކަށް….އަހަރެންދާނީ ހިނގާލާފަ…" ކާރަށް އަރަން ޝިޔާ ދެކޮޅު ހެދިއެވެ.

" އަރުވާ ހިތްވިޔަސް…ގަދަކަމުން އަރުވާކަށް ނުކެރޭނެދޯ…" ޝިޔާ ދެކޮޅުހެދުމުން ދެރަވިނަމަވެސް އެކަން ނާންގާ މަޖާވެފައި ޒަލަފް ބުންޏެވެ.

" ސޮރީ…އަހަރެންދަނީ….އެހާ ދުރެއްވެސް ނޫނޭ…" ޝިޔާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ.

" މަޑުކޮށްބަލަ! ނަމްބަރު ލިބިދާނެތަ؟…" ޖެހިލުންވެހުރެ ޒަލަފް އެހިއެވެ. ޝިޔާ ހުއްޓިލާފައި ބަލާލީ ހައިރާންކަމުގެ ނަޒަރަކުންނެވެ.

ޒަލަފްގެ ކިބައިން އެހެންޏާ ނުފެންނަ އާދަޔާ ޚިޔާލު ކަންތައްތަކެއް ފެންނާތީ އޭނާހުރީ ހައިރާންކަމެއްގެ ތެރޭގައެވެ.

" ބޭނުން ނޫނިއްޔާ ނުދިނަސް އޯކޭ….އަހަރެން ހިތަށް އެރީ، ޒީ ނުލިބުނަސް ޝިޔާއާ އެކުވެރިކަން ބޭއްވީދާނެއޭ….އެކަމު ޝިޔާ ބޭނުން ނޫނިއްޔާ އޯކޭ…އަޅާނުލާ…" ޝިޔާ ބަލާލިގޮތުން ނުރުންވީ ކަމުގައި ހީކޮށްފައި ޒަލަފް ބުންޏެވެ.

ވިސްނަން އިރުކޮޅަކު ހުރުމަށްފަހު ޝިޔާ ފޯނު ނަމްބަރު ދިނެވެ. އޭނާ އެކަންކުރީ ޒަލަފް މޫނުން ފެނުނު މާޔޫސް ކަމެއްގެ ސަބަބުން ހިތަށް ރަހުމް ވަދެގެން ކަމެއް ނުވަތަ އަމިއްލަ ހިތް އެގޮތަށް ބޭނުންވީތީ ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ.

ދުވަސްތަކެއްފަހުން ޒަލަފް ފެނުމުން، ޒަމާންވީ އެކުވެރިޔަކު ފެނުމުން ލިބޭފަދަ ހިތްހަމަ ޖެހުމެއް އޭނާއަށް ލިބުނެވެ.

" ތޭންކްސް…" ޝިޔާ ނަމްބަރު ދިނުމުން އުފާވެފައި ޒަލަފް ޝުކުރު އަދާކުރިއެވެ.

" ދަނީ" ޝިޔާވެސް ހިނިތުންވެލާފައި ދާން ހިނގައިގަތެވެ. ޝިޔާ ގޮސް އޮބާލަންދެން ބަލަން ހުރެފައި ޒަލަފް ކާރަށްއެރިއެވެ.

އޭނާ ހިނިތުންވެލަމުން ކާރު ދުއްވާލީ ޝިޔާއާ ވާހަކަދެއްކުނީތީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އެހިތަށް ލިބުމުންނެވެ. އޭނާގެ އަތުގައި ކުރިންވެސް ޝިޔާގެ ނަމްބަރު އޮވެއެވެ. ނަމަވެސް އޭނާގެ އަމިއްލަ ނަމްބަރުން މެސެޖްކުރަން ނުކެރިގެން އޭނާ މެސެޖްކުރަމުން އައީ ތަފާތު ނަމްބަރު ތަކުންނެވެ. މިވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ތެރޭގައި އެކި ގޮތްގޮތުން އޭނާވަނީ ޝިޔާގެ ހާލުބަލާފައެވެ.

ޝިޔާގެ ހުރިހާ މައުލޫމާތެއް އޭނާވަނީ އެކިގޮތް ގޮތުން ހޯދާފައެވެ. މިއަތޮޅަށް އޭނާ އަލުން ބަދަލުވީވެސް ފަސޭހައިން ޝިޔާގެ ހާލު ބެލުމުގެ ބޭނުމުގައެވެ. ޝިޔާގެ ފަރާތުން މާފަށްއެދި، މާފު ލިބުނު ދުވަހަކުން ނޫނީ އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
އެދުވަހަށްފަހު، މަދުމަދުން ޒަލަފް ޝިޔާއަށް މެސެޖްކުރަން ފެށިއެވެ. ޝިޔާވެސް އެމެސެޖްތަކުގެ ޖަވާބު ދެމުން ދިޔައެވެ. މެސެޖްކުރުން ގިނަވެ، މަދު މަދުން ފޯނުން ގުޅައިގެންވެސް ވާހަކަދެކެވެން ފެށިއެވެ. ދެމީހުންގެ މެދުގައި އޮތް ބީރައްޓެހިކަންވެސް، ޒަލަފްގެ ސަކަ މިޒާޖްގެ ސަބަބުން ދާދި އަވަހަށް ނެތިގެން ހިނގައްޖެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެދެމެދުގައި ދެކެވޭ ވާހަކަ އިތުރުވަމުން އެކުވެރިކަން ބަދަހިވަމުން ދިޔައެވެ. ޒަލަފް ދައްކާ މަޖާ ވާހަކަތަކުން ޝިޔާގެ ތުންފަތަށް ހިނިތުންވުން ވެރިކުރުވައެވެ. އަބަދު ނެގިމަޑުވެ، ހިމޭންވެފައި ހުންނަ ކުއްޖާއަށް މަޑުމަޑުން ދިރުން އަންނަން ފެށިއެވެ. ޒަލަފްގެ އެންމެބޮޑު ބޭނުމަކީވެސް ޝިޔާގެ މިޒާޖު ކުރިއެކޭ އެއްފަދައިން ހަމައަކަށް އަޅުވައި ދިރިއުޅުމައިގެން ކުރިޔަށްދާނެ ހިތްވަރު ދިނުމެވެ.

އެގުޅުމަށް ދޭނެ ނަމެއް ނޭނގުނު ނަމަވެސް، ދެމީހުންނަށްވެސް އެކަކު އަނެކެއްގެ މެސެޖްތަކާއި ކޯލްތަކަށް އިންތިޒާރުކުރެވެން ފެށިއެވެ. ޝިޔާއާ ވާހަކަ ދެއްކުމުން ޚުދު ޒަލަފްގެ ހިތަށްވެސް ހަމަޖެހުން ލިބުނު ނަމަވެސް، އެއީ ޝިޔާ އުފާކޮށްދެވޭތީ ވާގޮތެއްކަމުގައި ގަބޫލުކޮށް އަމިއްލަ ހިތުގެ އިހުސާސްތަކަށް ބީރުކަންފަތެއް ދިނެވެ. ޝިޔާގެ ހިތް ދުވަހެއް ދުވަހަކަށް ޒަލަފްގެ މައްޗަށް ލެނބެން ފެށުމުން އޭނާގެ ހިތުގައި ބިރުވެރިކަމެއްވެސް އުފެދެން ފެށިއެވެ. އެކުވެރިކަމަށްވުރެ އިތުރު އިހުސާސްއެއް އޭނާގެ ހިތުގައި ޒަލަފްއަށްޓަކައި އުފެދޭކަމުގެ ބިރުވެރި ކަމެވެ. އެއީ ހަޤީޤަތަކަށް ވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާގެ ހިތުގައި ޒަލަފްއަށްޓަކައި އިހުސާސެއް އުފެދެންވީވެސް ކީއްވެގެން ހެއްޔެވެ؟ އޭނާ އަދިވެސް ލޯބިވަނީ ހުސެންދެކެވެ. ހުސެން ދުނިޔޭގައި ނެތްނަމަވެސް އިތުރުމީހެއްދެކެ ލޯބިވާހައި ހިތްވަރެއްވެސް އޭނާގެ ނެތެވެ.

އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔަ އަނެއްކަމަކީ ޒީޝާންގެ ކުރީގެ ލޯބިވެރިޔަކަށް ޒަލަފް ވުމެވެ. އެދެމީހުންގެ މެދުގައި މިހާރު އެއްވެސް ގުޅުމެއްނެތް ނަމަވެސް، ޝިޔާއަށް ޒަލަފް ދެކެ ލޯބިވުމުގެ އެއްވެސް ހައްޤެއް އޮތްކަމަކަށް އޭނާގެ އަމިއްލަ ނަފްސު ގަބޫލެއް ނުކުރެއެވެ. އެކަމާމެދު ވިސްނުނު ވަރަކަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށިއެވެ. އެއްކޮޅުން ހުސެންއަށް ބޭވަފާތެރި ވެވޭކަމުގެ އިހުސާސެވެ. އަނެއްކޮޅުން އެންމެގާތް އެކުވެރިޔާއަށް އޮޅުވާލެވޭ ކަމުގެ އިހުސާސެވެ. ނަމަވެސް ހިތުގައި އުފެދޭ ޖަޒްބާތަކީ އެއްވެސް މީހަކަށް އެއި މައްޗަށް ބާރުފޯރުވޭ އެއްޗެއް ނޫނެވެ.
ހަވީރުގެ ވަގުތެވެ. ޝިޔާ ވިސްނުމަކަށް ގެއްލިފައި އޭނާގެ އެނދުގައި އޮތެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެއެވެ. އޭނާ ވިސްނަމުންދަނީ ދާދި ދެންމެއަކު ޒަލަފް ގުޅާފައި، މިރޭ އޭނާއާ ބައްދަލުކުރަން ބޭނުންވާހަކަ ބުނުމުންނެވެ. އެވިސްނުމުގައި އޮއްވައި އޭނާ ސިހުނީ ކޮޓަރި ދޮރުހުޅުވާލި އަޑުއިވުމުންނެވެ. އޭނާބަލާލިއިރު ޒީޝާން ވަންނަނީއެވެ.

" މިހާރު ދެން ހަމަ ގެއިންވެސް ނުނުކުންނަން ހުވާކޮށްގެންތަ ތިއޮތީ؟…ލޮލަށް ނުފެންނަތާ ތިންދުވަސްވީމަ މިއައީ…" ޒީޝާން އައިގޮތަށް އައިސް އެނދުމައްޗަށް ވެއްޓިގަންނަމުން ޝަކުވާކުރަން ފެށިއެވެ.

" ޒިވީވެސް ނުލާތަ ތިއައީ؟…" ޒީޝާން އެކަނި އައުމުން ޝިޔާ ސުވާލުކުރިއެވެ.

" ހޫމް…ޒިވީ އެބައޮތް ބައްޕައާއެކީ ނިދާފަ….ޒީކްވެސް އެބައިން ޓީވީބަލަން…އެހެންވި ހުސްހަށިބައިވެގެން ބުރެއްޖަހާލީ…." ޒީޝާން އޮޅުން ފިލުވައިދިނެވެ. ޝިޔާ އިތުރު އެއްޗެއް ނުބުނެ ހީލިއެވެ.

" އަނެއްކާވެސް އެއްކަލަ މީހާގެ ޚަބަރެއްވީތަ؟…ހާދަ ކަންބޮޑުވެފަ ތިއިނީ؟…" ޝިޔާގެ ހިމޭންކަން ފެނިފައި ޒީޝާން އެހިއެވެ.

" ނޫން…އެކަމު ކަމަކާ ވިސްނެނީ…" އެނދުގެ ހެޑުބޯޑުގައި ލެނގިލަމުން ޝިޔާ ޖަވާބުދިނެވެ.

" ކޮންކަމަކާ؟…." ތެދުވެ ޝިޔާގެ ގާތުގައި އިށީނދެލަމުން ޒީޝާން އެހިއެވެ.

" އަހަރެން ޒީގާތު ވާހަކައެއް ބުނަން ބޭނުން….އެކަމު ޒީ ރުޅިއަތުވެދާނެތީ މިވިސްނަނީ…" ޝިޔާ މަޑުމަޑުން ބުނެލިއެވެ.

" ކީއްވެ އަހަރެން ރުޅިއަންނަންވީ؟….ޝިޔާ ކޮންމެ ވާހަކައެއް ބުންޏަސް އަހަރެން ރުޅިއެއްނާންނާނެ….ބުނެބަލަ!.." ޔަޤީންކަމާއެކު ޒީޝާން ބުނެލިއެވެ.

" ހަމަ ޔަޤީންތަ؟…ރުޅިއެއް ނާންނާނަންތަ؟…" އަދިވެސް އިތުރަށް ޔަޤީން ކުރަން ޝިޔާ ބޭނުންވިފަދައެވެ.

" ހަމަ ތެދެކޭ މިބުނީ ރުޅިއެއް ނާންނާނަން…" ޝިޔާގެ އަތުގައި ހިފާލަމުން ހަރުދަނާކަމާއެކީ ޒީޝާން ބުނެލިއެވެ.

" އަހަރެން ބުނަން މިއުޅެނީ ޒަލަފްގެ ވާހަކައެއް…." ޖެހިލުންވެ އިނދެ ޝިޔާ ބުނެލިއެވެ.

" ޒަލަފްއޭ؟…މިހާދުވަސްފަހުން ޒަލަފްގެ ކޮންވާހަކައެއް؟…މިހާރު އަހަރެންނަށް އެނގެންޖެހޭ ޒަލަފްގެ އެއްވެސް ވާހަކައެއް އޮންނާނެހެނެއް ހިއެއްނުވޭ…" އޭނާ ހީވެސް ނުކުރާފަދަ މީހެއްގެ ނަން އިވުމުން ފަރުވާކުޑަ ގޮތަކަށް ޒީޝާން ބުނެލިއެވެ.

" އަހަރެން ބުނީމެއްނު ޒީ ރުޅިއަންނާނޭ…" ދެރަވެލާފައި ޝިޔާ ބުންޏެވެ.

" ނޫނޭކޭ….ރުޅިއެއްނާދޭ…އެކަމު އަނެއްކާވެސް ޒަލަފްގެ ވާހަކައެއް ބުނަން އުޅޭތީ މިހެން މިބުނީ….އޭނަޔާ އަހަރެންނަށް އެއްވެސް ގުޅުމެއް ނެތްކަން ޝިޔާއަށްވެސް އެނގޭނެދޯ….އަހަރެން އޭނަގެމަތިން ހަނދާނެއްވެސް ނެތް މިހާރު…އެހެންވެ ހަމަހުރެފަ އޭނަގެ ވާހަކައެކޭ ބުނީމަ އެހެން ބުނެވުނީ….ސޮރީ….ދެން އޭނަގެ ކޮންމެ ވާހަކައެއްވިޔަސް އަހަރެން އަޑުއަހާނަން….ބުނެބަލަ!…" ޝިޔާ ދެރަވިހެން ހީވުމުން ޒީޝާން އަވަސް އަވަހަށް މާފަށް އެދުނެވެ.

" ޒަލަފް އަހަރެންނާ ވާހަކަދައްކާތާ ދުވަސްކޮޅެއްވެއްޖެ…" ޖެހިލުންވެ އިނދެ ޝިޔާ ބުނެލިއެވެ.

" އެހެންތަ؟…އޭނަ އަދިވެސް މިކޮޅުގަ އެބައުޅޭތަ؟ ކޮންއިރަކު އޭނާއާ ދިމާވީ؟…" ކުޑަކޮށް ހައިރާންވެފައި ޒީޝާން ސުވާލުތައް ކުރަންފެށިއެވެ.

" އެއްދުވަހަކު ބީޗުން ދިމާވީ…އޭނަބުނީ މިކޮޅުގަ ނޫޅޭތަ ދުވަސްތަކެއްވެފައޭ އަނެއްކާ މިކޮޅަށް އައީ….އޭގެފަހުން ކޮންމެ ދުވަހަކު މެސެޖެކުރޭ….ފަހުން ފަހުން އައިސް ގުޅައިގެންވެސް ވާހަކަދައްކާ…." ޝިޔާ އޮޅުންފިލުވައުދިނެވެ.

ޝިޔާ، އޭނާއާ ޒަލަފްގެ މެދުގައި ގުޅުން އުފެދުނު ގޮތް ވަރަށް ތަފްސީލުކޮށް ޒީޝާންއަށް ކިޔައިދިނެވެ. އަދި ޒީޝާން ނުރުހިދާނެތީ ކަންބޮޑުވާކަންވެސް ހާމަކުރިއެވެ. އެވާހަކަތައް އަޑުއަހަން އިންއިރު، ޒީޝާން ވިސްނަމުން ދިޔައެވެ. ޝިޔާއާއި ޒަލަފްގެ މެދުގައި ދުވަހަކުވެސް ގުޅުމެއް އުފެދިދާނެކަމަށް ފަހަރެއްގައިވެސް އޭނާ ހިއެއްނުކުރެއެވެ. އެހެންކަމުން އެވާހަކަތަކުން އޭނާއަށް ހައިރާންކަމެއް ގެނުވިއެވެ. ނަމަވެސް، އެކަމުގެ ސަބަބުން އޭނާގެ ހިތުގައި ހަސަދަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއްވެސް ނުއުފެދުނެވެ. ޒަލަފްއަކީ މިހާރު އޭނާއާ ގުޅުމެއްހުރި މީހެއް ނޫނެވެ. އޭނާގެ ހިތުގައި ޒަލަފްއަށްޓަކައި ދެވުނު ޖާގަވަނީ ނެތިގެން ގޮސްފައެވެ. އެހިތުގައި މިހާރު ރަސްކަންކުރަނީ ހަމައެކަނި ޒައިކްއެވެ. އެނޫން މީހަކަށް އެހިތަކުން ޖާގައެއްނެތެވެ. ވީއިރު އޭނާ ނުރުހުންވާވީވެސް ކޮންކަމަކާ ހެއްޔެވެ؟ އަދި ޝިޔާ ބޭނުން މީހަކާ ގުޅުން ބޭއްވުމުގެ ފުރުސަތު ޝިޔާއަށް ލިބިގެންވޭ ނޫން ހެއްޔެވެ؟ ނަމަވެސް އޭނާގެ ހިތުގައި ޒަލަފްގެ ނިޔަތާމެދު ސުވާލު އުފެދުނެވެ. ހަމަ ކުއްލިއަކަށް ޝިޔާގެ ހަޔާތަށް ޒަލަފް އައުން އެއީ އޭނާއަށް ބަލައިގަންނަން އުނދަގޫވި ކަމަކަށްވިއެވެ.

" ކީއްވެ އެއްޗެއް ނުބުނީ؟…ހިތްހަމަ ނުޖެހުނީތަ؟.." ކަންބޮޑުވެފައި ޝިޔާ އަހާލިއެވެ.

" ނޫނޭ…އަހަރެން ނުރުހުންވާންވީ އެއްވެސްކަމެއް ތިކަމުގަ ނެތެއްނު…ކުއްލިއަކަށް ތިކަން އެނގުނީމަ ކުޑަކޮށް ހައިރާންވީ…." ހިނިތުންވެލަމުން ޒީޝާން ބުނެލިއެވެ.

" އަސްލު އަހަރެން ހީކުރީ ޒީ ރުޅިއަންނާނެކަމަށް….ކުރިންވެސް ޒީ އަހަރެންނާމެދު ކުށްހީއެއް ކުރީމެއްނު….އެހެންވެ އަހަރެން މިހުންނަނީ ވަރަށްބިރުން….ހަޤީޤަތުގަވެސް ޒީ ހީކޮށްފާނެ އޭރުވެސް އަހަރެން ޒަލަފް ބޭނުންވެގެން ތިދެމީހުން ދުރުކުރުވަން އުޅުނީކަމަށް…" ޝިޔާ އޭނާގެ ހިތުގައި އޮތްބިރު ޒީޝާންއަށް ހާމަކުރިއެވެ.

" އޯހ…ކަމޯން ޝިޔާ….އަހަރެން އޭރު އެގޮތަށް ވާހަކަދެއްކީ އަހަންނަށް ހެވާއި ނުބައި ނުވިސްނޭތީ….އަހަރެން އެކަމަށް މާފަށްވެސް އެދުނީމެއްނު….އެކަމު އަހަރެންނަށް ހީވަނީ ޝިޔާ އަދިވެސް އަހަރެންނަށް މާފު ނުކުރާހެން…އެހެންނޫންނަމަ ތިފަދަ އެއްޗެއް ހިތަކަށް ނާރާނެދޯ" ޒީޝާން ދެރަވެލާފައި ޝަކުވާގެ ރާގެއްގައި ބުންޏެވެ.

" ނޫނޭ….އަހަރެން ޒީއަށް މާފު ނުކުރަނީކީނޫން…އެކަމު އަހަރެމެންގެ ގުޅުމަށް ބުރޫއަރާފަދަ ކަމެއްކުރަން ބޭނުންނުވަނީ…." ޝިޔާ އޮޅުން ފިލުވައިދިނެވެ.

" ކީއްވެ ބުރޫއަރަންވީ؟…ޒަލަފް އެފަދަ އެއްޗެއް ބުނީތަ؟…" ޒީޝާން ސުވާލުކޮށްލިއެވެ.

" ނޫން….އެކަމު ޒަލަފްއާ އަހަރެން ގުޅުނީމަ ޒީއަށް އެކަން ބަލައިނުގަނެވިދާނެތީ…އެނގެއެއްނު މިބުނާ އެއްޗެއް…" ޝިޔާ ބޭނުންވީ ޒީޝާންގެ ހިތުގައި އެއްވެސް މިންވަރެއްގެ ކިލަނބުކަމެއް އޮތްތޯ ބަލާށެވެ.

" އަސްލު ހަޤީޤަތަށް ބުނަންތަ؟…އަހަރެން ހިޔެއްނުކުރަން ދުވަހަކުވެސް ދެން ޒަލަފްގެ ނަން އަޑުއަހަން ޖެހިދާނެ ކަމަކަށް….އެއީ ކޮންމެހެން އޭނަދެކެ ރުޅިއަންނާތީކީނޫން….އަހަރެން އެމާޒީމަތިން ހަނދާންކުރަން ބޭނުންނުވާތީ….އަހަރެން މިހުރީ، އަހަރެންނަށް ކުރެވުނު ކުށަށް ތަޢުބާވެގެން….އަހަރެން ބޭނުންވަނީ ޒަލަފްގެ އޭނާގެ ކުށަށް ތަޢުބާވެފަ ރީތި ދިރިއުޅުމެއް އުޅެން…އެކަމު، ޝިޔާއާ ގުޅިދާނެކަމަށް ވިސްނިފަނެތީ…" ޒީޝާން ވަރަށް ސާފުކޮށް އޭނާގެ ވިސްނުން ހާމަކުރިއެވެ.

" އަހަރެމެން ދެމީހުންގެ މެދުގަ ތިހީކުރާ ކަހަލަ ގުޅުމެއް އަދި ނެތް…އޮތީ ހަމައެކަނި އެކުވެރިކަން، އެކަމު މިރޭ އަހަރެންނާ ބައްދަލުކުރަން ބޭނުން ވާހަކަ ޒަލަފްބުނި….ވަރަށް މުހިއްމު ވާހަކައެއް ދައްކާށޯ…" ޝިޔާ އޮޅުން ފިލުވައިދިނެވެ.

" އެހެންތަ؟…ދެން ބައްދަލުކުރަންވީނު….އޭރުން އެނގިދާނެއެއްނު އޭނަ ދައްކަން އުޅޭ ވާހަކައެއްވެސް…." ޒީޝާން ލަފާދިނެވެ.
" އެކަމު އަހަރެންގެ ހިތް ބިރުގަންނަނީ…..ހިތަށްއަރަނީ ކޮން ވާހަކައެއްބާއޭ ބައްދަލުކޮށްފަ ދައްކަން އޮންނާނީ…..ޒަލަފްގެ ވާހަކަތަކުން އެނގޭ ވަރަށް ބޮޑު ވާހަކައެއް ބުނަން އުޅޭކަން….ފޯނުން ނުބުނެވޭނޭ ބުނީ…" ހިތް ނުތަނަވަސްވެފައި ޝިޔާ ބުނެލިއެވެ.

" ލޯބިހުށަހަޅަން އުޅެނީ ކަންނޭނގެ…." މަޖާވެލާފައި ޒީޝާން ޝިޔާ ދިމާކޮށްލިއެވެ.

" ޒީ ސަމާސާ ނުކޮށްބަލަ! ހަޤީޤަތުގަވެސް އަހަރެން މިހުރީ ވަރަށް ކަންބޮޑުވެފަ…" ސީރިއަސްވެފައި ޝިޔާ ބުނެލިއެވެ.

" މިބުނީ ހަމަ ހަޤީޤަތަކަށްވެސް ވެދާނެއްނު….މިހުރިހާ ދުވަހު، އެވަރަށް ވާހަކަދެއްކިއިރުވެސް އެކަހަލަ އަލާމާތެއްވެސް ނުފެނޭތަ؟…މިބުނީ ޒަލަފް ޝިޔާއާ ގަޔާވާކަމެއް ނޭނގޭހޭ…" ޒީޝާން އަހާލިއެވެ.

" ހީވޭ އެހެންވެސް…އެކަމު ފާޅުގަ އެހެނެއްނުބުނޭ…." ޝިޔާ ޖަވާބުދިނެވެ.

" ދެން ޝިޔާއަށް އޭނަ ކަމުދޭތަ؟…" ޒީޝާން ކޮށްލި ސުވާލުން ޝިޔާ ރަކިވާގޮތްވިއެވެ.

" ޒީ….އަހަރެންނަކަށް ނޭނގެ ތިސުވާލުގެ ޖަވާބުދޭކަށް…..ހަމަގައިމުވެސް ޒަލަފްގުޅީމަ އަހަރެން ވަރަށް އުފާވޭ…އޭނަގެ ކޯލްތަކަށް އިންތިޒާރުވެސް ކުރެވޭ" ޝިޔާ އޭނާގެ އިހުސާސްތައް ކުރުގޮތަކަށް ކިޔާލަދިނެވެ.

" ހޫމް…މާނައަކީ ހަމަ ރަނގަޅަށްވެސް ހިތް ކިޔައިފިޔޭދޯ…" ލާނެއްގޮތަކަށް ހީލާފައި ޒީޝާން ޝިޔާއާ ދިމާކޮށްލިއެވެ.

" ޒީ ހަމަ އެއްޗެއް ހިތަކަށް ނާރާތަ؟ ޒީއަށް ހަމަ އޯކޭތަ އަހަރެން ޒަލަފްއާ ގުޅުނަސް؟…" ޝިޔާއަށް އަދިވެސް ޔަޤީން ނުވާފަދައެވެ.

" އާނ…އިރެއްގަ އެއީ އަހަރެންގެ ލޯބިވެރިޔާއަށް ވިޔަސް، މިހާރު އަހަރެންގެ ހިތުގަ ޒަލަފްއަށްޓަކާ އެކަހަލަ އެއްވެސް އިހުސާސެއްނެތް…ޒައިކް ފިޔަވާ އިތުރު މީހަކާމެދު އެފަދަ ގޮތަކަށް ޚިޔާލުވެސް ނުކުރެވޭ…..އެކަމު ހަޤީޤަތުވެސް އަހަރެންނަށް ގަބޫލުކުރަން ވަރަށް އުނދަގޫވި ޒަލަފް ޝިޔާއާ ގުޅުމެއް އުފައްދަފާނެކަމަށް…." ޒީޝާންއަށް އަދިވެސް ޔަޤީން ނުވާފަދައެވެ.

" ޒީއަށް ހީވޭތަ ޒަލަފް އެއުޅެނީ ގޯސް މަޤުސަދެއްގަހެން؟…މިބުނީ މާޒީގަ ވީގޮތުން ފަހަރެއްގަ އަހަރެންގެ ފަރާތުން ބަދަލެއް ހިފަން އުޅެދާނެއްނު…ނޫންނަމަ އެހާ ދުވަހަށްފަހު އައިސް ކުއްލިއަކަށް އަހަރެންނާ އެކުވެރިވާންވީ ކީއްވެ؟" ޒީޝާންގެ ވާހަކަތަކުން ޝިޔާއަށް ނުބައި ވިސްނުމެއް ވިސްނުނެވެ.

ޝިޔާ ބުނި އެއްޗަކުން ޒީޝާންއަށްވެސް ހިނދުކޮޅަކަށް ވިސްނާލަން މަޖުބޫރުވިއެވެ. އެއީ، އޭނާ ނުލިބުމުން އެކަމުގެ ބަދަލު ހިފުމަށް ޒަލަފް ރާވާ ރޭވުމެއްބާއޭވެސް ހިތަށްއެރިއެވެ. ނަމަވެސް، ޒަލަފްއަކީ އެހާ ނުބައިމީހެއް ކަމަކަށްވެސް އޭނާގެ ހިތެއް ޤަބޫލެއްނުކުރިއެވެ. ޒަލަފް ބޭނުންނަމަ، ޒައިކްގެ އަތުން އޭނާ ޖަހައިގަތުމުގެ ފުރުސަތުވެސް އޮތެވެ. ޒަލަފް އަމިއްލައަށް އޭނާއާ ދުރަށްނުދިޔަނަމަ، ދުވަހަކުވެސް ޒައިކްއާ ގާތްވުމަށް ޒީޝާންއަކަށް ފުރުސަތެއް ނުލިބުނީހެވެ. ވީއިރު، ޒަލަފް އެފަދަ ކަމެއްކޮށްފާނެ ބާއެވެ.

" ނޫން…އަހަރެންގެ ހިތެއްނުބުނޭ ޒަލަފްގެ އެފަދަ ނިޔަތެއް އޮވެދާނެއޭ….ނުބައި މަޤުސަދެއްގަ އޭނަ އުޅެންވީ ސަބަބެއްވެސް ނެތެއްނު….އަހަރެން ނުލިބިގެން ބަދަލު ހިފަންޖެހޭނީ އަހަރެން ލިބޭތޯ އުޅެ ނުލިބުނު ނަމަތާ….އޭނަ އަމިއްލައަށް އަހަރެންނާ ދުރަށްދިޔައީވެސް….ޚުދު ޒައިކްވެސް އަހަރެންގާތުގަ އެހެންބުނި….އެހެންވީމަ އަހަރެންނަކަށް ހިއެއްނުވޭ މާޒީއާ އެއްވެސް ގުޅުމެއް ތިކަމާ އޮވެދާނެހެއް….އެހެންނޫނަސް ޒަލަފްއަކީ އެހާ ނުބައިމީހެއްނޫން" ޒީޝާން އޭނާގެ ވިސްނުން ހާމަކުރިއެވެ.

" އެހެންވީމަ އަހަރެން އޭނަޔާ ބައްދަލުކުރަންވީތަ؟…" ޒީޝާންގެ ލަފަޔަކަށް ޝިޔާ އެދުނެވެ.

" ހޫމް…ބައްދަލުކުރޭ! އޭނަ ދައްކާ ވާހަކަވެސް އަޑުއަހާ!…އޭނަ ޝިޔާއާ ގުޅެން ބޭނުން ވާހަކަ ބުނެފިނަމަ، ޝިޔާއަށް ސުވާލު ކުރެވިދާނެއްނު ކުއްލިއަކަށް ކީއްވެތޯ ޝިޔާއާ ގުޅެން ބޭނުންވީ…..އޭނަގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭންދެން ސުވާލު ކުރެވިދާނެއްނު….ޒަލަފްއާމެދު ޝިޔާއަށް ޔަޤީންކަށް ލިބުނީމަ ގޮތެއް ނިންމިދާނެއްނު…." ޒީޝާން ދިން ލަފާ ޝިޔާ ބަލައިގަތެވެ.

އިރާދަމުގެ ވަގުތެވެ. ޝިޔާ ފެންވަރައި ތައްޔާރުވެގެން ހުރިއިރު، އޭނާގެ ހިތް އަވަސްވަމުންދަނީ ޒަލަފްއާ ބައްދަލުކުރާ ވަގުތު ކުޑަތަންވާތީއެވެ. ޒަލަފް ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ އޭނާގެ ހިތުގައިވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ. ޒަލަފް އޭނާއަށް ލޯބި ހުށަހަޅަން އުޅެނީއޭ ހިތަށްއެރި ނަމަވެސް، އެއީ ވެދާނެ ކަމެއްކަމުގައި އޭނާއަށް ޔަޤީން ނުވަނީއެވެ. ޒީޝާން އެހާފަސޭހައިން ޒަލަފްގެ މަތިން ހަނދާން ނައްތާލިނަމަވެސް ޒަލަފްއަށް އަދިވެސް ޒީޝާންގެ މަތިން ހަނދާން ނުނެތޭނޭ ހިތަށް އަރަނީއެވެ.
އަނެއްކޮޅުން ޒަލަފްގެ ހިތްވެސްވަނީ ނުތަނަވަސްވެފައެވެ. ވަގުތު ކުޑަތަންވީ ވަރަކަށް އޭނާގެ ހިތުގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ޝިޔާގާތުގައި ހަޤީޤަތް ހާމަކޮށް މާފަށް އެދޭނެ އެތައް ގޮތެއް އޭނާ ވިސްނިއެވެ. ތަފާތު އެތައް އިބާރާތެއް އޭނާ ދަސްކުރިއެވެ. ވަރަށް ހިތްވަރާއެކު ޝިޔާއާ ކުރިމަތިލާން އޭނާ ތައްޔާރުވިއެވެ.

ޝިޔާ ކުލީކާރެއްގައި ޒަލަފްބުނި ރެސްޓޯރެންޓަށް ދިޔައެވެ. ޒަލަފް އޭނާ ބަލައި އަންނަން އުޅުމުން، އޭނާ އެކަން މަނާކުރީއެވެ. ޝިޔާ ކާރުން ފައިބައިގެން ރެސްޓޯރެންޓަށް ވަންނަން ދިޔައިރު ޖެހިލުންވެ ހުރެ ފަރާތް ފަރާތަށް ބަލަމުން ދިޔައެވެ. އެއީ އަވަށާއި ކިތަންމެ ދުރުގައިވާ ރެސްޓޯރެންޓެއް ނަމަވެސް، މީހަކަށް ފެނިދާނެތީ އޭނާ ޖެހިލުންވިއެވެ. ނަމަވެސް އޭނާ އެތެރެއަށް ވަތްއިރު، އެތާނގެ މުއައްޒަފުން ފިޔަވައި އިތުރު އެއްވެސް މީހަކުނެތެވެ. މުޅިތަން އޮތީ ނުހަނު ހިމޭންކޮށެވެ. ހައިރާންވެހުރެ ތަންކޮޅަކަށް ދިޔަތަނާ އޭނާއަށް ޒަލަފް ފެނުނެވެ. ހުދުކުލައިގެ އަތްދިގުޓީޝާޓަކާއި ކަނޑުނޫކުލައިގެ ޖީންސްއެއްގައި ހުރިއިރު، މިރޭ ޒަލަފްގެ ރީތިކަން ކުރިޔަށްވުރެވެސް އިތުރުވެފައިވާހެން ޝިޔާއަށް ހީވިއެވެ.

" ހިނގާ މައްޗަށް….އެތަން މާ ހިތްގައިމުވާނެ…" ކައިރީގައިހުރި ސިޑިއަށް އިޝާރާތްކުރަމުން ޒަލަފް އެދުނެވެ.

" އެއްވެސް މީހަކު ނާންނަތަނެއްތަ މީ؟…" ސިޑިން އަރަމުން ޝިޔާ އަހާލިއެވެ.

" ނޫނޭ…އެކަމު މިރޭ ދެން ނާންނާނެ….ނުދެކެންތަ ބޭރުގަ ބަންދުބޯޑު އަޅުވާފަ ހުއްޓައެއް…." ހިނިތުންވެލަމުން ޒަލަފް އެހިއެވެ.
" އެހެންވީމަ އަހަރެމެންވެސް ނުކުންނަން ޖެހޭނެއްނު…" ކަންބޮޑުވެފައި ޝިޔާ ބުނެލިއެވެ.

" ނޫނޭ…އަހަރެމެން ދާކަށް ނުޖެހޭނެ….މިރޭ މިތަން ހުޅުވާފަ މިހުރީ ހަމައެކަނި އަހަރެމެންނަށްޓަކާ….." ޒަލަފްގެ ޖަވާބުން ހައިރާންވެފައި ޝިޔާ ބަލާލިއެވެ.

" އިށީނދޭ!…ހަމަޖެހިލައިގެން ވާހަކަ ދައްކާނީ…." މޭޒެއް ކައިރިއަށް ހުއްޓި ގޮނޑިއެއް ދަމާލަމުން ޒަލަފް އެދުނެވެ. ޝިޔާ އިތުރު އެއްޗެއް ނުބުނެ އިށީނުމުން، ޝިޔާއާ ކުރިމަތިލައިގެން ޒަލަފް އިށީނެވެ.

" ކަންބޮޑުނުވޭ! މިއީ އަހަރެންގެ ރެސްޓޯރެންޓެއް…..އަހަރެން ބުނެގެން މިގަޑިއަށް ބަންދުކުރީ….އަހަރެން ބޭނުންވަނީ އެހެންމީހެއްގެ އުނދަގޫ ނުފޯރާނެހެން ހަމަޖެހިގެންތިބެ ވާހަކަދައްކަން…" ޒަލަފް އޮޅުން ފިލުވައިދިނެވެ. ޒަލަފްގެ ވާހަކަތައް އަޑުއަހާފައި ޝިޔާ ހިނިތުންވެލިއެވެ.

" ކޮބާ ހިނގާ އެއްޗަކަށް އޯޑަރ ކުރަމާ!….ކައިނިމިގެންތާ ވާހަކަ ދެއްކޭނީ…" ޝިޔާއަށް މެނޫ ދިއްކޮށްލަމުން ޒަލަފް އެދުނެވެ.

ކާއެއްޗެއްސަށް އޯޑަރ ދިނުމަށްފަހު، ޒަލަފް ދެއްކީ ރެސްޓޯރެންޓްއާ ބެހޭ ވާހަކައެވެ. އޭނާ ގިނަ ވާހަކަ ދެއްކީ ވިޔަފާރިއާ ބެހޭގޮތުންނެވެ. އޭގެ އިތުރުން އާއިލާއާ ބެހޭގޮތުންވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކިއެވެ. ނަމަވެސް، ޝިޔާ އިންތިޒާރުކުރިފަދަ ވާހަކައެއް ނުދެއްކިއެވެ.

ކާއެއްޗެހި ގެނައުމުން ދެމީހުންވެސް ކެއުމައިގެން މަޝްއޫލުވިއެވެ. ލަސްލަހުން ކަމުންދިޔައިރު، ޝިޔާ ވިސްނަމުން ދިޔައީ ޒަލަފް އޭނާގެ ގާތުގައި ބުނަން އުޅުނު ވާހަކައާމެދުގައެވެ. ވަރަށް މުހިއްމު ވާހަކައެއް ބުނަންކަމަށް ބުނެފައި ބައްދަލުވުމުން އެފަދަ އެއްވެސް ވާހަކައެއް ނުދެއްކުމުން އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ކައި ކައި އިނދެފައި އިސްއުފުލާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިއުމާއެކު، ޒަލަފް ހީލިގޮތުން ޝިޔާގެ މެޔަށް ފިނިވެގެން ދިޔައެވެ. ޝިޔާ އޭނާއަށް ސިއްރު ސިއްރުން ބަލާކަން އެނގޭތީ ޒަލަފްގެ ހިތަށްވެސް އަވަސް ވަމުން ދިޔައެވެ.

" ކޮބާ ކެއުން ރަނގަޅުތަ؟…." ކެއުމުގެ ތެރެއިން ޒަލަފް އެހިއެވެ.

" ހޫމް…ވަރަށް މީރު…" ކުރުގޮތަކަށް ޝިޔާ ޖަވާބުދިނެވެ.

" ޒަލަފް ބުނީމެއްނު ކޮންމެވެސް ވާހަކައެއް ބުނާ ވާހަކަ…" ކެތް ނުކުރެވިގެން އެންމެފަހުން ޝިޔާއަށް ބުނެވުނެވެ.

" އަޑުއަހަން ކެތްމަދުވެފަތަ ތިހުރީ؟…" ހީލާފައި ޒަލަފް އަހާލިގޮތުން ޝިޔާ ރަކިވާގޮތްވިއެވެ.

" އެހެނެއްނޫން….ގެޔަށްދާން ޖެހޭތީ" ޝިޔާ އަވަސް އަވަހަށް ބުނެލިއެވެ. އޭނަގެ ކެތްތެރިކަމެއް ނެތޭ ހިތަށްއެރުމުން ޝިޔާ ލަދުގަތެވެ.

" ކިތަންމެ ލަސްވިޔަސް މިރޭ އެވާހަކަ ބުނެފަ ގެޔަށް ފޮނުވާނީ.." ޝިޔާ ރަކިވުމުން ހީލާފައި ޒަލަފް ބުންޏެވެ. ޝިޔާ އިތުރު އެއްޗެއް ނުބުނެ ހިމޭންވިއެވެ.

" ބޭނުންތަ ގެސްޓްހައުސް ބަލާލަންދާން……ކާރުގަ ދާއިރު އެހާދުރެއްނުވާނެ…" ކައިނިމިގެން ޒަލަފް އެހިއެވެ.

" ނޫން މިރެޔަކު ނޫން…" ޝިޔާ ވަގުތުން އިންކާރުކުރިއެވެ.

" އޯކޭ…ޝިޔާ ބޭނުން ގޮތެއް…އެހެންވީމަ މިތާ ތިބެގެން ވާހަކަދައްކާލާނީދޯ؟" ހިނިތުންވެލަމުން ޒަލަފް އަހާލިއެވެ. ޝިޔާވެސް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

" އަސްލުވެސް ވަރަށް ބޮޑު ވާހަކައެއް ބުނަން މިއުޅެނީ…..އަހަރެން އެދެން ޝިޔާ ވަރަށް ރަނގަޅަށް މިވާހަކަ އަޑުއަހަން…..ވަރަށް ދުވަސްވެއްޖެ މިދުވަހަށް އިންތިޒާރު ކުރާތާ…" ހިތް އަވަސްވެފައިވާ ހާލު ޒަލަފް ވާހަކަދައްކަން ފެށިއެވެ. ޝިޔާވެސް އިނީ އެވާހަކައެއް އަޑުއަހާހިތުން ކެތްތެރިކަން ކުޑަވެފައެވެ. އޭނަގެ އަތްފައިވެސް މިހާރު ފިނިވާން ފަށައިފިއެވެ.

" ޝިޔާ…އަހަރެން މީ ޝިޔާގެ ކުށްވެރިއެއް….އަހަރެން ޝިޔާގެ ގާތުން މާފަށް އެދެން ބޭނުން…" ވަރަށް ހިތްވަރުކޮށްފައި ޒަލަފް ބުނެލިއެވެ.

" އެކަމަކު ކީއްވެ؟…" ހައިރާންވެފައި ޝިޔާ އަހާލިއެވެ.

އެސުވާލުގެ ޖަވާބުދޭން ޒަލަފްއަށް ވަގުތު ބޭނުންވިއެވެ. ޒަލަފް އިސްދަށަށް ޖަހައިގެން އިނދެ އެރޭގެ ހާދިސާގެ ވާހަކަ ކިޔައިދޭން ފެށިއެވެ. އެރޭ ޝިޔާ ދުއްވަން އިން ސައިކަލުގައި ޖެހުނީ ޒަލަފްމެންތިބި ސައިކަލުކަމާއި އެރޭ ކަންތައް ވީކޮށް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. އަދި އެވަގުތު އޭނާ ޝިޔާމެންނަށް އެހީވާން ބޭނުންވިކަމާއި ނަމަވެސް އޭނާގެ ހާލަތުހުރި ގޮތުންނާއި ރާފިއު ކަންތައްކުރި ގޮތުން އެކަން އެގޮތަށް ނުވީކަމަށްވެސް ބުންޏެވެ. އެވާހަކަތައް އަޑުއިވިފައި ޝިޔާގެ މޫނުކުލަ ވަގުތުން ފަނޑުވެގެން ދިޔައެވެ.

ނުނިމޭ