Last Updated: April 24, 20:49
Wednesday, April 24, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ސައްބީސްވަނަ ބައި)

" ޝިޔާ…އަހަރެން މީ ޝިޔާގެ ކުށްވެރިއެއް….އަހަރެން ޝިޔާގެ ގާތުން މާފަށް އެދެން ބޭނުން…" ވަރަށް ހިތްވަރުކޮށްފައި ޒަލަފް ބުނެލިއެވެ.

" އެކަމަކު ކީއްވެ؟…" ހައިރާންވެފައި ޝިޔާ އަހާލިއެވެ.

އެސުވާލުގެ ޖަވާބުދޭން ޒަލަފްއަށް ވަގުތު ބޭނުންވިއެވެ. ޒަލަފް އިސްދަށަށް ޖަހައިގެން އިނދެ އެރޭގެ ހާދިސާގެ ވާހަކަ ކިޔައިދޭން ފެށިއެވެ. އެރޭ ޝިޔާ ދުއްވަން އިން ސައިކަލުގައި ޖެހުނީ ޒަލަފްމެންތިބި ސައިކަލުކަމާއި އެރޭ ކަންތައް ވީކޮށް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. އަދި އެވަގުތު އޭނާ ޝިޔާމެންނަށް އެހީވާން ބޭނުންވިކަމާއި ނަމަވެސް އޭނާގެ ހާލަތުހުރި ގޮތުންނާއި ރާފިއު ކަންތައްކުރި ގޮތުން އެކަން އެގޮތަށް ނުވީކަމަށްވެސް ބުންޏެވެ. އެވާހަކަތައް އަޑުއިވިފައި ޝިޔާގެ މޫނުކުލަ ވަގުތުން ފަނޑުވެގެން ދިޔައެވެ.

" ޝިޔާ…އަހަރެންނަށް މާފުކުރޭ! އެއީ ގަސްތުގަ ވީކަމެއްނޫން…ރާފިއުވެސް ފަހުން ވަރަށް ހިތާމަކުރި….އޭނަވެސް ޝިޔާގާތުން މާފަށް އެދެން ބޭނުންވި….ޝިޔާގެ ގާތުން މާފަށް އެދެން އަހަރެން ޝިޔާގެ ގެޔަށްވެސް ދިޔައިން…..އެކަމު ޝިޔާގެ ހާލުފެނިފަ އަހަރެންނަށް އެހާހިތްވަރެއް ނުލިބުނު….އެކަމާ ވިސްނޭވަރުން އަހަރެން ނިދިން މަހުރޫމުވި، އަހަރެންގެ ހުރިހާ ހަމަޖެހުމެއް ގެއްލިގެން ދިޔަ، އެންމެފަހުން ކެތްނުވެގެން ވަޒީފާއިން ކެނޑިގެން ރަށަށް ބަދަލުވީވެސް….ބަރާބަރު ހަތަރު އަހަރުވީ އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބި މިހެން އުޅޭތާ….އެކި ފަހަރުމަތިން އެކި ގޮތްގޮތުން އަހަރެން ޝިޔާގެ ހާލުބެލިން…..ޝިޔާގެ ގާތުން މާފަށް އެދެން މަސައްކަތްކުރިން…އެކަމު ކޮންމެ ފަހަރަކުވެސް ފަސްޖެހެވެނީ….ރަނގަޅު އާމްދަނީއެއް ލިބިގެން ރަށުގަ، އާއިލާގާތު އުޅެވެން އޮއްވާވެސް އަހަރެން މިރަށަށް ބަދަލުވީ ހަމައެކަނި ޝިޔާއަށްޓަކާ….ޝިޔާގެ މާފުހޯދަން…" ދެރަވިވަރުން ޒަލަފްގެ އަޑުކުރެހިގެން ދިޔައެވެ.

" ޝިޔާ ޕްލީޒް…އަހަރެންނަށް މާފުކޮށްދީ…." ޝިޔާގެ އަތުގައި ހިފާލަމުން އަސަރާއެކު ޒަލަފް ބުނެލިއެވެ.

ޝިޔާ އިސްއުފުލައި ޒަލަފްގެ މޫނަށް ބަލާލިއިރު، އެދެލޯވަނީ ކަރުނުން ފުރިފައެވެ. އޭނާ ނުހަނު އުފަލުންހުރެ ޒަލަފްއާ ބައްދަލުކުރަން އައީ މިފަދަ ވާހަކައެއް އަޑުއިވިދާނެކަމަށް ހީކޮށްފައެއް ނޫނެވެ. ޒަލަފްގެ ފަރާތުން އޭނާ އުއްމީދުކުރީ މުޅިން އެހެންކަމެކެވެ. ޒަލަފް ބުނާނެ ވާހަކައަކަށްޓަކައި ކެތްތެރިކަމެއްނެތި ތެޅެމުން ދިޔަ ހިތަށް އެއްފަހަރާ އެތައްތީރުތަކެއް ހެރުނު ފަދައެވެ. އެބިރުވެރި ހާދިސާގެ މަތިން ހަނދާން ނައްތާލައި ޒަލަފްއާއި އެކުގައި އުފާވެރި ދިރިއުޅުމަކަށް އޭނާ ދުށް ހުވަފެން ވަގުތުން ވިއްސިވިހާލިވެގެން ހިނގައްޖެއެވެ.

" ޝިޔާ…ކޮންމެވެސް އެއްޗެއް ބުނެބަލަ! ޕްލީޒް.." ބަހެއް ނުބުނެ ހިމޭންކަމާއެކު ރޮމުން ދިޔަ ޝިޔާއަށް ބަލާލާފައި އާދޭހައި އެކު ޒަލަފް ބުންޏެވެ.

" އަހަރެން ދެންދަނީ…" ކުއްލިއަކަށް ޒަލަފްގެ އަތްފޮޅުވާލަމުންޝިޔާ ތެދުވިއެވެ. ޒަލަފްގެ ކުރިމަތީގައި ގިސްލާ ރޮވިދާނެތީ އޭނާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ.

" ޝިޔާ މަޑުކޮށްބަލަ! އާދޭސްކޮށްފަ ބުނަން….އިރުކޮޅަކު މަޑުކޮށްބަލަ!…" ޝިޔާގެ އަތުގައި ހިފާ ހުއްޓުވަމުން ޒަލަފް އެދުނެވެ.

" އަހަރެން ދިޔަދީ ޒަލަފް…އަހަރެން ދިޔަދީ…" ހިތްވަރުކޮށްގެން ހުއްޓައިވެސް ޝިޔާއަށް ގިސްލެވެގެން ފެށިއެވެ.

" އޯކޭ..އޯކޭ…ހިނގާ އަހަރެންނާއެކު ދާން…." ޝިޔާ ރޯމަންޒަރު ބަލަން ބޭނުން ނުވާތީ ޒަލަފް އަވަހަށް ބުންޏެވެ.

ޒަލަފްގެ ފަހަތުން ރެސްޓޯރެންޓުން ނުކުމެ ކާރަށް އެރިއިރުވެސް ޝިޔާ ރޮމުންދިޔައެވެ.

" ލޯފުހެލާ…." ކާރުތެރޭގައިވާ ޓިޝޫފޮއްޓެއް ޝިޔާއަށް ދިއްކޮށްލަމުން ޒަލަފް އެދުނެވެ. ޝިޔާ ޓިޝޫއެއް ނަގައި ލޯފުހެލިނަމަވެސް، އޭނާގެ ރުއިމެއް ނުހުއްޓުނެވެ. އެހެންކަމުން ޒަލަފް ބޭނުންވީ، ޝިޔާ ގޮވައިގެން ވީހާވެސް ދުރުމަގަކުން ގެޔަށް ދިއުމަށެވެ. ޝިޔާ ހަމައަކަށް އެޅުމުން ނޫނީ ގެޔަށް ފޮނުވާކަށް އޭނާ ބޭނުމެއް ނޫނެވެ.

" ކޮންތާކަށް މިދަނީ؟…" ކާރު މިސްރާބުހުރިގޮތުން ޒަލަފްދަނީ ގެޔަށް ނޫންކަން އެނގުމުން ޝިޔާއެހިއެވެ.

" މިހެން ބުރެއް ޖަހާލަން…." ޖެހިލުންވެ އިނދެ ޒަލަފް ބުނެލިއެވެ.

" ނޫން..އަހަރެން ބޭނުމީ ގެޔަށްދާން…" ކުޑަކުއްޖަކު ފަދައިން ޝިޔާ ބޮޑާ ހާކާލާފައި ރޯންފެށިއެވެ.

" އޯކޭ…އޯކޭ…މިމަޑުކުރީ…އެކަމު ތިހެންހުރެ ގެޔަށް ދިޔައީމަ، މަންމަމެން ސުވާލު ކުރާނެ…އޭރުން ކޮންޖަވާބެއްދޭނީ؟…" ޒަލަފް އުޅުނީ ޝިޔާއަށް ވިސްނަދޭށެވެ.

" އަހަރެން ބޭނުމީ އެކަނިވެލަން…" ގިސްލުމުގެ ތެރެއިން ޝިޔާ ބުންޏެވެ.

" އޯކޭ…އަހަރެން ކާރުން ފައިބައިގެން ތަންކޮޅެއް ދުރުގަ މަޑުކޮށްލާނަން….ޝިޔާ ހިތްފުރޭންދެން ރޯލާ….އަހަރެންނަށް އެނގޭ ޝިޔާ ދެރަވާނެކަން….އަދި މިވަގުތު އަހަރެންގެ މޫނު ދެކޭކަށްވެސް ބޭނުމެއް ނުވާނެކަން…" ޒަލަފްގެ އަޑުގައިވަނީ ހިތާމައިގެ އަސަރެވެ.

މަގުގެ އެއްފަރާތުގައި ކާރު ޕާރކް ކުރުމަށްފަހު، އޭނާ ކާރުން ފޭބިއެވެ. އެކަނިވުމުން ޝިޔާ ހިތްފުރޭންދެން ރުޔެވެ. އެހާދިސާގެ ހަނދާނުގައި އޭނާވަނީ ލައްކަގިނަ ކަރުނަ އޮހޮރުވާފައެވެ. ވޭތުވެދިޔަ ހަތަރު އަހަރު އޭނާ ހޭދަކުރީ އެހިތާމައިގައެވެ. އެހާދިސާގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސު ފިޔަވައި އިތުރު އެއްވެސް މީހަކު ކުށްވެރިއެއް ނުކުރެއެވެ. އެރޭ އޭނާގެ ސައިކަލުގައި އެހެން ސައިކަލެއް ޖެހުނުކަން އެނގިހުރެވެސް، އޭނާ އެންމެނަށް އެވާހަކަ ސިއްރުކުރީ، އެކަން ހިނގީ އޭނާގެ ކުށުންކަމަށް ވީތީއެވެ.
ޒަލަފް އޭނާގެ ކުށް ގަބޫލުކޮށް މާފަށް އެދުނު ނަމަވެސް، އެކަމުގައި ޒަލަފްގެ ކުށެއް ނެތްކަން ޚުދު އޭނާއަށްވެސް އެނގެއެވެ. ނަމަވެސް ޒަލަފްއަށް މާފުކޮށްފީމޭ ބުނާކަށްވެސް އޭނާގެ ހިތެއް ނުރުހުނެވެ. އެއީ ޒަލަފް އޭނާގެ ހިތަށް ތަދުކުރީތީއެވެ. އޭނާ ހީކުރީ ޒަލަފް ހިތުގައިވެސް އޭނާއަށްޓަކައި ޚާއްސަ މަޤާމެއް ދެވިފައިވާ ކަމުގައެވެ. އަދި މިރޭ އޭނާއާ ބައްދަލުކުރީވެސް އެވާހަކަ ބުނަން ކަމަށެވެ. ނަމަވެސް އޭނާއަށް ކުރެވުނީ ކުށްހީއެކެވެ. ޒަލަފްގެ ހިތުގައި އޭނާއަށްޓަކައި އެއްވެސް ޖާގައެއް ނެތެވެ. ޒަލަފް އޭނާއާ އެކުވެރިކަން އުފައްދައި، އޭނާއަށް ގާތްކަން އިހުސާސްކޮށްދިނީ ހަމައެކަނި އޭނާގެ ހާލަށް ހަމްދަރުދީވެގެންކަން އެނގުމުން އޭނާ މާޔޫސްވިއެވެ. އަމިއްލަ މޮޔަކަމާމެދު އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. އަދި އޭނާ އެންމެ ދެރަވީ، ޒީޝާންއާވެސް އެވާހަކަ ހިއްސާ ކުރެވުނީތީއެވެ. ޒީޝާން ސުވާލުކޮށްފިނަމަ އޭނާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ އޭނާއަށް ކުށްހީއެއް ކުރެވުނީއޭ ބުނާނީ ހެއްޔެވެ؟ ޒަލަފްގެ ހިތުގައި އަދިވެސް އޮތީ ޒީޝާންގެ ނަމޭ ބުނާނީ ހެއްޔެވެ؟ ވިސްނިވަރަކަށް ޝިޔާގެ ރުއިން އިތުރުވިއެވެ.
އަނެއްކޮޅުން ޒަލަފް ހާސްވެގެން މަގުމަތީގައި ދެކޮޅަށް ހިނގަމުން ދިޔައެވެ. އެހާދިސާގެ މަތިން ހަނދާންކޮށްދީގެން ޝިޔާ ދެރަކޮށްލެވުނީތީ އޭނާހުރީ ނުހަނު ދެރަވެފައެވެ. ނަމަވެސް މާފަށް އެދެވުނީތީ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިއްޖެއެވެ. ޝިޔާ މާފުކުރި ދުވަހަކުން ނޫނީ އެހިތަށް ފުރިހަމަ ހަމަޖެހުމެއް ނުލިބޭނެއެވެ.

ދިހަވަރަކަށް މިނެޓްފަހުން ޒަލަފް އެނބުރި އައިސް ކާރަށްއެރިއެވެ. އޭރު ޝިޔާއިނީ ރުއިން ހުއްޓާލައިގެންނެވެ. ނަމަވެސް މަޑުމަޑުން ގިސްލެވެމުން ދިޔައެވެ. އުފަލުން ހިނިތުންވެހުރެ އޭނާއާ ބައްދަލުކުރަން އައި ކުއްޖާގެ މޫނު މިހާރު ވަނީ މުޅީން މިލާފައެވެ.

" ޕްލީޒް ގެޔަށް ހިނގާބަލަ!" ކާރަށް އަރާފައިވެސް ޒަލަފް އިންނަން ފެށުމުން ޝިޔާއެދުނެވެ.

ޒަލަފް ބަހެއް ނުބުނެ ކާރު ދުއްވާލިއެވެ. ގެޔާ ހަމައަށް އާދެވެންދެންވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެމީހުންވެސް ތިބީ މާޔޫސްކަމާއި މޮޅިވެރި ކަމުގައި ވިސްނުމަކަށް ގެއްލިފައެވެ.

މެންދަމުގެ ވަގުތެވެ. ޒައިކްގެ މޭގައި ބޯއަޅާލައިގެން އޮތް ޒީޝާން ވިސްނަމުން ދިޔައީ މިއަދު ޝިޔާ ދެއްކި ވާހަކަތަކާއި މެދުގައެވެ. މިރޭ ޝިޔާ ޒަލަފްއާއި ބައްދަލުކުރަން ދާވަހަކަ ބުނި ނަމަވެސް ފަހުން އެއްވެސް ޚަބަރެއް ނުވިއެވެ. އޭނަ ފޯނުކުރުމުން ފޯނުވެސް ނުނެގިއެވެ. އެހެންކަމުން ޒީޝާންއޮތީ ކަންބޮޑުވެފައެވެ.

" ކޮންކަމަކާ ތިވިސްނަނީ؟….މިއަދު ހަވީރުވީއްސުރެ ކަމަކާ ވިސްނާކަށް އަހަރެންނަށް އެނގޭ….ބުނެބަލަ! ކިހިނެއްތަވީ؟…" ޒީޝާންގެ ހިމޭނުން އޮތުމުން ޒައިކް ސުވާލުކުރިއެވެ.

" މިވިސްނަނީ ޝިޔާއާމެދު….މިއަދު އެގެޔަށް ދިޔައީމަ ހީނުކުރާ ކަހަލަ ވާހަކައެއް އެނގުނީ…." އެއޮތްގޮތަށް އޮވެ ޒީޝާން ބުނެލިއެވެ.
" އަނެއްކާ ގޯސް ޚަބަރަކީތަ؟…" ޝައުޤުވެރިކަމާއެކު ޒައިކް އެހިއެވެ. ޒީޝާން ވަރަށް ތަފްސީލުކޮށް އޭނާއަށް އެނގުނު ވާހަކަ ކިޔައިދިނެވެ. އަދި މިރޭ ޝިޔާގެ ޚަބަރެއްނުވި ވާހަކަވެސް ބުންޏެވެ.

" އަހަރެންވެސް ވަރަށް ހައިރާންވެއްޖެ ތި ވާހަކަ އިވިފަ…. އެކަމު ދެން އެކަމާ ކަންބޮޑުނުވޭ!…މާދަމާ ޝިޔާ އަމިއްލަށް ބުނާނެ ކަންތައްވީގޮތް….މިގަޑީގަ އެކަމާ ނުވިސްނާ ނިދާލެވޭތޯ ބަލާ!" ޒައިކް ލަފާދިނެވެ.

" ޝިޔާއާ ޒަލަފް ގުޅިދާނެހެން ހީވޭތަ؟…" ވިސްނާލުމެއްނެތި ޒީޝާން އަހާލިއެވެ.

" ކިހިނެއްވީ؟…އެދެމީހުން ނުގުޅެނީތަ؟…ނޫނީ އަދިވެސް ޒަލަފްއަށް ހިތްކިޔަނީތަ؟…އަހަރެން ހީކުރީ އަހަރެންދެކެ ކަމަށް ލޯބިވަނީ" ހަޤީޤަތް އެނގިހުރެވެސް ޒީޝާންއާ ދިމާކޮށްލުމުގެ ގޮތުން ޒައިކް ބުނެލިއެވެ.

" ދެން ވަރަށް ފޫހިވޭ…ނުވެސް އުޅެން ވާހަކަދައްކާކަށް…" ތުންއޫކޮށްލަމުން ޒީޝާން ބުނެލިގޮތުން ޒައިކްއަށް ހެވުނެވެ.

" ލަވް ޔޫ ބޭބީ…" ޒީޝާންގެ ނިތްކުރީގައި ބޮސްދެމުން ހީލާފައި ޒައިކް ބުނެލިއެވެ.

" އެކަމު އަހަރެން ރުޅި…ސޮރީ ބުނޭ" ބޮޑާހާކާލަމުން ޒީޝާން ބުނެލިއެވެ.

" ސޮރީ ބޭބީ…" ޒީޝާންގެ ބޮލުގައި ފިރުމާލަމުން ލޯތްބާއެކު ޒައިކް ބުނެލިއެވެ.

" އަހަރެން ލޯބިވާ ހަމައެކަނި މީހަކީ ތީކަން އަދިވެސް ނޭނގެނީތަ؟" ބޯއުފުލާލާފައި ޒައިކްގެ ތުންފަތުގައި ބޮސްދެމުން ޝަކުވާގެ ރާގެއްގައި ޒީޝާން އެހިއެވެ.

" އެނގެޔޭ މަގޭ ޖާނުގަނޑާ…" ޒީޝާންގެ ކޮލުގައި މަޑުމަޑުން ދަތްއަޅާލަމުން ހީލާފައި ޒައިކް ބުންޏެވެ.
******
ޝިޔާގެ ކިބައިން މާފަށް އެދުނުފަހުން ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް، ޝިޔާގެ ފަރާތުން އެއްވެސް ޖަވާބެއް ޒަލަފްއަކަށް ނުލިބުނެވެ. ޒަލަފް މެސެޖް ކުރިނަމަވެސް ޝިޔާޖަވާބެއް ނުދެއެވެ. ފޯނުކުރުމުން ފޯނެއްވެސް ނުނަގައެވެ. ޝިޔާ ގަސްތުގައި އޭނާއާ ވާހަކަ ދައްކަން ބޭނުން ނުވަނީކަން އެނގުމުން ޒަލަފް ނުހަނު ދެރަވިއެވެ. އެގޮތުގައި ހަފްތާއެއް ވެގެން ދިޔައިރު، އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ޝިޔާގެ ޚަބަރެއްނުވާތީ ހިތްނުތަނަވަސް ވެގެން މީހާގެ ތަބީއަތްވެސް ގޯސްވާ ހިސާބަށް ހިނގައްޖެއެވެ. އެހެންކަމުން ޝިޔާއަށް އަންގާލުމަކާއިވެސް ނުލައި އޭނާ އެގެއަށް ދިޔައެވެ. ސަލާމް ގޮވާލުމާއެކު ސަލާމުގެ ޖަވާބުދިނީ ޝިޔާގެ މަންމަ ނާދިރާއެވެ. އޭރު ޝިޔާ ފެންނާކަށް ނެތެވެ.

" ތީ ކޮންކުއްޖެއް؟…" ނާދިރާ ސުވާލުކުރިއެވެ.

" މީ…ޝިޔާ އުޅޭތަ؟…" ޖެހިލުންވެހުރެ ޒަލަފް އެހިއެވެ.

" އާނ އެބައުޅޭ….ވަދެ އިށީނދޭ!…" އެތެރެއަށް ވަނުމުން ދައުވަތު ދިނުމުން ޒަލަފް ވަދެ ސޯފާއެއްގައި އިށީނެވެ.

ހަމަ އެވަގުތު ކާކޮޓަރިން ނުކުތް ޝިޔާއަށް ޒަލަފް ފެނިފައި ހުއްޓެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ޒަލަފް އަވަސް އަވަހަށް އިސްދަށަށް ޖަހާލީ ޝިޔާ ހުރިގޮތުންނެވެ. ޝިޔާއަށް ބުރުގާ ނާޅާހުރެވުނުކަން ރޭކާލުމާއެކު ވައިސޫރިއެއްފަދައިން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

" މަންމަވެސް މީހަކު އައި ވާހަކަވެސް ނުބުނޭ…" ކޮޓަރިތެރެއިން ނާދިރާ ފެނުމާއެކު ޝަކުވާގެ ރާގެއްގައި ޝިޔާ ބުންޏެވެ.

" މަންމަ ހީކުރީ ދަރިފުޅު ކޮޓަރީގަކަމަށް…އަވަހަށް ބުރުގާ އަޅައިގެން ދެންވެސް ނުކުމެބަލަ!" ޖަވާބުގައި ނާދިރާ ބުންޏެވެ.

ޝިޔާ ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރަޔަށް ނަޒަރެއް ހިންގާލިއެވެ. ގޭތެރޭގައި ލާންގެންގުޅާ ބާ ޓީޝާޓަކާއި ޓައިޓް ހަރުވާޅެއް ލައިގެންހުރިއިރު، ހަށިގަނޑުގެ ވަނާތައްހުރީ ދިމާއަށް ފާޅުވާށެވެ. ދާދި ދެންމެއަކު ނިދާ ހޭލުމުގެ ސަބަބުން، މޫނުގައި ނިދީގެ އަސަރުހުރިއިރު، އިސްތަށިގަނޑުވެސްވަނީ ކޮންމެވެސް ވަރަކަށް ހޭވިފައެވެ.

" އަޅެ މިހެން ހުއްޓާތަ އެފެނުނީ؟…ހީވަނީ ފެންނުވަރާ ހަޑިގިއްލާއެއްހެން….ޒަލަފް ހީކުރާނީވެސް ކީކޭ….މަންމަގެ ކަންތަކޭ…" ޝިޔާ އެކަނި ހުރެގެން ޝަކުވާކުރަމުން ދިޔައެވެ.

ޒަލަފް ސިޓިންރޫމުގައި އެކަނި ބައިންދާފައި ނުދާންވެގެން ނާދިރާ އެތާނގައި މަޑުކުރިއެވެ. އަދި ޒަލަފްއަކީ ކާކުތޯ އޮޅުންފިލުވަން ސުވާލުކުރިއެވެ. ޒަލަފް އޭނާއަކީ ކުރިންވެސް ޝިޔާއާއި ހުސެންގެ ރައްޓެއްސެއްކަމުގައި ބުންޏެވެ. އަދި ހުސެން ނިޔާވި ޚަބަރު ލިބުމުން ކުރިންވެސް އެއްފަހަރު އެގެއަށް އައި ވާހަކަވެސް ބުންޏެވެ.

" އެހެންތަ؟…ދައްތަ ހަނދާނެއް ނެތް ކޮއްކޮ އައިކަމެއް….ދައްތަ އަންނާނަން ބޯލާނެ އެއްޗެއް ހިފައިގެން…..އެހާ ދުވަހަށްފަހު އައީމަ އެއްޗެއް ބޮއެގެންނު ދާންވާނީ…" ނާދިރާ ޒަލަފްއަށް ދޭނެ އެއްޗެއް ގަތުމަށްޓަކައި ނާދިރާ ނުކުތެވެ.
ޝިޔާގެ އިންތިޒާރުގައި ޒަލަފް އިންނަތާ ފަނަރަ ވަރަކަށް މިނިޓްފަހުން ފަހުން އޭނާ ކޮޓަރިން ނުކުތެވެ. އޭރު އޭނާހުރީ ކަޅުކުލައިގެ އަބާޔާއަކާއި ކަޅުބުރުގާއެއް އަޅާފައެވެ. ޒަލަފްގެ ތުންފަތް މައްޗަށް ލުއިލުއި ހިނިތުންވުމެއް ވެރިވީ ދާދި ދެންމެއަކު ޝިޔާހުރިގޮތް ހިތަށްއަރާފައެވެ. ޝިޔާ އައިސް ޒަލަފްއާއި ތަންކޮޅެއްދުރުގައި އިށީނެވެ.

" ބަލީތަ؟…" ޝިޔާގެ މޫނަށް ބަލާލަމުން ޒަލަފް އެހިއެވެ.

" ނޫން…" ވަރަށް ކުރުކޮށް ޝިޔާ ޖަވާބުދިނެވެ.

" ދެން ކީއްވެ ފޯނަށް ޖަވާބުނުދެނީ….ޝިޔާއަށް އެނގެއެއްނު އަހަރެން ގުޅަނީ ޝިޔާގެ ހާލުބަލަންކަން…" ޝަކުވާގެ ރާގަކަށް ޒަލަފް ބުނެލިއެވެ.

" ކީއްވެ އައުމުގެކުރިން ނުބުނީ؟…" ޝިޔާވެސް ޝަކުވާކޮށްލިއެވެ.

" އަހަރެން ގުޅިން…އެކަމު ފޯނު ނުނެގީމަ ދެން ހަމަ މެސެޖް ނުކުރީ….އަހަރެން އަންނަކަން އެނގިގެން ފިލާވެސްފާނެއްނު.." ހީލާފައި ޒަލަފް ބުނިނަމަވެސް، އޭނާގެ އަޑުގައިވަނީ މޮޅިވެރި ކަމެވެ. ޝިޔާ އިތުރު އެއްޗެއް ނުބުނެއެވެ. ބުނަންވީ އެއްޗެއްވެސް އޭނާއަށް ނޭނގުނީއެވެ. ޒަލަފް ގުޅުމުން ފޯނު ނުނަގާ ހުންނަން އޭނާއަށްވެސް ފަސޭހައެއްނޫނެވެ. ޒަލަފް މެސެޖެއްކޮށްލާތަނުން އޭނާ އެކިޔައެވެ. ޖަވާބު ލިޔަންވެސް ލިޔެއެވެ. ނަމަވެސް ނުފޮނުވާ ފުހެލަނީއެވެ.

" ޝިޔާ…އަހަރެން ހިތުގެއަޑިން ޝިޔާގެ ކިބައިން މާފަށް އެދުނީ….މާފު ނުކުރެވޭނެ ނަމަވެސް ކުއްލިއަކަށް ތިހެން ހަދާނެ ކަމަކަށް ހިއެއް ނުކުރަން….އެކަމު ޝިޔާބޭނުންވަނީ އަހަރެންނާ ގުޅުން ކަނޑާލައިގެން އަހަރެންނަށް އަދަބުދޭން ކަމަށްވާނަމަ އެގޮތާވެސް އަހަރެން ގަބޫލު…ސާފުކޮށް އަހަރެންގާތު ބުނެދީ އަހަރެން ކަންތައް ކުރަންވީ ގޮތެއް…އަހަރެން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މާޒީއެއް ބަދަލެއް ނުކުރެވޭނެ…ހުސެން އަނބުރާ ނުވެސް ގެނެވޭނެ…އެކަމު ޝިޔާ ދޭންބޭނުން ކޮންމެ އަދަބެއް ލިބިގަންނަންވެސް އަހަރެން މިހުރީ ތައްޔާރަށް…" ރިހުން އެކުލެވިގެންވާ އަޑަކުން ޒަލަފް ވާހަކަދެއްކިއެވެ.

" އަހަރެން ޒަލަފް ކުށްވެރިއެއް ނުކުރަން….އަހަރެންގެ ހިތުގަ ޒަލަފްއާމެދު އެއްވެސް ޝަކުވާއެއްވެސް ނެތް….އެހާދިސާއަކީ އަހަރެން ފިޔަވައި އެއްވެސް މީހެއްގެ ކުށުންވީކަމެއްނޫން…އެރޭ އަހަރެން ގޮތްދޫނުކޮށް ސައިކްދުއްވަން ގަދަހެދީ….އަހަރެން އުޅުނީ ގެޔަށް އަންނަން ސައިކް އަނބުރާލަން…..ހަމައެވަގުތު ޒަލަފްމެން އައި ސައިކް ބާރަށް އަންނާތީ ފެނިގެން ބިރުގަތްވަރުން އަހަރެންނަށް ބްރެކީގެ ބަދަލުގަ ސްޕީޑް މައްޗަށް ޖެއްސުނީ……ޒަލަފްމެން އައީވެސް މަގުގެ ރަނގަޅުފަޅިން….ގޯސްހެދުނީ އަހަރެންނަށް….އެކަމު، އެކަމުގެ އަދަބުލިބުނީ ހުސެންއަށް…." އެރޭގެ ހާދިސާ ސިފަވުމާއެކު ޝިޔާގެ ގައިން ހީބިނަގައިގެން ދިޔައެވެ. އަދި އިސާހިތަކު ލޮލުން ހޯސްލާފައި ކަރުނައައެވެ.

" ނޫން….ޝިޔާގެ އަމިއްލަ ނަފްސު އެކަނި ކުށްވެރި ނުކުރޭ!…އެރޭ ވާރެވެހެން ފެށީމަ ރާފިއުވެސް ސައިކްގެ ދުއްވީ ވަރަށްބާރަށް….އެހެންވީމަ އޭގަ ދެފަރާތުގެވެސް އިހުމާލުވޭ….ރާފިއުއަށްވެސް ވިސްނާލެވުނުނަމަ ފަހަރެއްގަ އެހެންނުވީސް….އަދި ކޮންމެހާލެއްގަވެސް ޝިޔާމެންނަށް އެހީވާން ދެވުނުނަމަ ރަނގަޅުވީސް…އަހަރެންނަށްވެސް ރާފިއު ބުނި އެއްޗެއް ގަބޫލުނުކޮށް ގޮސް ޝިޔާމެންނަށް އެހީވެވުނު ނަމަ ފަހަރެއް ހާލަތު ބަދަލުވީސް….އެކަމު މިހާރު މިހެން ކިޔުމަކުން ކުރެވޭނެ ކަމެއްނެތް…ވީކަމެއްވެ ނިމިއްޖެ…ދެން ހަމައެކަނިކުރެވޭނެހާވެސް ކަމަކީ ހުސެންއަށް ހެޔޮދުޢާކުރުން….އަދި އަހަރެމެންގެ އިހުމާލުން ފާފައެއްވެވިފަ ވާނަމަ ފުއްސަވާތޯ ދުޢާކުރުން….ހިތާމަކުރުމަކުން ނުވަތަ އަމިއްލަ ނަފްސު ކުށްވެރިކުރުމަކުން ވާނެ އެއްވެސް ފައިދާއެއްނެތް…." ޒަލަފް ބޭނުންވީ ޝިޔާއަށް ހިތްވަރުދޭށެވެ.

ޝިޔާގެ ފަރާތުން އެހާދިސާ ހިނގިގޮތް ރަނގަޅަށް އެނގުމުން ޝިޔާއާމެދުގައި ކުރިޔަށްވުރެވެސް ބޮޑަށް އޭނާގެ ހިތުގައި ރަހުމާއި ހަމްދަރުދީ އުފެދުނެވެ. ޝިޔާ މުޅި އުމުރު އޭނާގެ އަމިއްލަ ނަފްސުކުށްވެރިކޮށްގެން އުޅެފާނެކަށްޓަކައި ބިރުގަތެވެ.
" އަހަރެންގެ މާފު ލިބިގެން ޒަލަފްގެ ހިތްހަމަޖެހޭނަމަ، އަހަރެން ޒަލަފްއަށް މާފުކޮށްފިން….އެކަމު އަހަރެން ހިތަށްއަރަނީ އަހަރެން މާފަށް އެދޭނީ ކާކުގެ ކިބައިން ބާވޭ….އަހަރެންނަށް މާފުދޭނީ ކާކުބާއޭ….ހުސެންގެ އާއިލާމީހުންގާތުން އަހަރެން މާފަށް އެދުނީމަ، އެމީހުން އަހަރެންގެ ކުށެއް އޮތްކަމަކަށް ގަބޫލެއްނުކުރޭ….އެމީހުން ބުނަނީ ތަޤުދީރުގަ ވާން އޮތްކަމެއް ނުހުއްޓުވޭނެޔޭ…އެމީހަކު މަރުވާންހުރި ގޮތަކަށޭ މަރުވާނީ…" އެހިސާބަށް ބުނުމާއެކު ޝިޔާއަށް ރޮވުނެވެ. ޝިޔާ ރޯމަންޒަރު ބަލަން ޒަލަފްއަށް ދުރުގައެއް ނީނދެވުނެވެ. އެހެންކަމުން އޭނާ ޝިޔާގެ ގާތަށް ޖެހިލިއެވެ.

" ޝިޔާ…އަހަރެން ބޭނުންވަނީ….މާޒީ ހަނދާންނައްތާލާފަ ދިރިއުޅުމައިގެން ކުރިޔަށްދާން….އަހަރެންނަށް އެނގޭ ޝިޔާ އަދިވެސް ހުސެންދެކެ ލޯބިވާކަން…އެކަމު، ކޮންމެވެސް ދުވަހަކުން ކައިވެނިވެސް ކުރަން ޖެހޭނެއްނު…" ޝިޔާގެ އަތުގައި ހިފާލަމުން ޒަލަފް ބުންޏެވެ. އެވަގުތު ޝިޔާ ހައިރާންވެފައި ޒަލަފްގެ މޫނަށް ބަލާލިއެވެ.

" ޝިޔާ…އަހަރެންނާ…އަހަރެންނާ އިނދެފާނަންތަ؟…" ޖެހިލުންވެ އިނދެ ޒަލަފް އަހާލިއެވެ. ކުއްލިއަކަށް ޒަލްފަ ކޮށްލި ސުވާލުން، ހައިރާންވެގެން ޝިޔާގެ ދެލޯބޮޑުވެގެން ދިޔައެވެ.

ނުނިމޭ