Last Updated: April 26, 22:09
Friday, April 26, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ހަތާވީސް ވަނަބައި)

" ޝިޔާ…އަހަރެން ބޭނުންވަނީ….މާޒީ ހަނދާންނައްތާލާފަ ދިރިއުޅުމައިގެން ކުރިޔަށްދާން….އަހަރެންނަށް އެނގޭ ޝިޔާ އަދިވެސް ހުސެންދެކެ ލޯބިވާކަން…އެކަމު، ކޮންމެވެސް ދުވަހަކުން ކައިވެނިވެސް ކުރަން ޖެހޭނެއްނު…" ޝިޔާގެ އަތުގައި ހިފާލަމުން ޒަލަފް ބުންޏެވެ. އެވަގުތު ޝިޔާ ހައިރާންވެފައި ޒަލަފްގެ މޫނަށް ބަލާލިއެވެ.

" ޝިޔާ…އަހަރެންނާ…އަހަރެންނާ އިނދެފާނަންތަ؟…" ޖެހިލުންވެ އިނދެ ޒަލަފް އަހާލިއެވެ. ކުއްލިއަކަށް ޒަލްފަ ކޮށްލި ސުވާލުން، ހައިރާންވެގެން ޝިޔާގެ ދެލޯބޮޑުވެގެން ދިޔައެވެ.

" ޕްލީޒް…އަހަރެން ބޭނުން ޝިޔާއާ ކައިވެނިކުރަން…" އާދޭހުގެ ރާގެއްގައި ޒަލަފް ބުންޏެވެ. އެވަގުތު ގޭތެރެއަށް ވަތް ނާދިރާއަށްވެސް ރީތިކޮށް އެއަޑު އިވުނެވެ.

" ދަރިފުޅާ މިހުރީ ހެދިކާ…އަވަހަށް ޒަލަފްއަށް ސައިތައްޔާރުކޮށްލަދީ…" ޒަލަފް ބުނި އެއްޗެއް އިވުނު ކަމަށްވެސް ނުހަދާ ހިނިތުންވެލަމުން ނާދިރާ ބުންޏެވެ. ނާދިރާ ފެނުމާއެކީ ހާސްވެފައި ޒަލަފް ޝިޔާއާ ދުރަށްޖެހިލިއެވެ. މަންމަ ފެނުމާއެކު ޝިޔާވެސް އަވަސް އަވަހަށް ތެދުވިއެވެ. އަދި މަންމަދިން ހެދިކާ ކޮތަޅު ހިފައިގެން ކާކޮޓަރިއަށް ވަދެ ސައިތައްޔާރުކުރަން ފެށިއެވެ.
" ކޮބާ އާދޭ!…" ކާކޮޓަރިއަށް އައުމަށް ނާދިރާ އެދުމުން ޒަލަފް ހިނގައިގަތެވެ.

ސައިބޯންތިބިއިރު، ނާދިރާ ދައްކަމުންދާ ވާހަކަތަކަށް ޒަލަފް ބަހެއް ބުނެލިނަމަވެސް ޝިޔާއިނީ ހިމޭނުންނެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޒަލަފް ކުރި ސުވާލާމެދުގައެވެ. ޒަލަފް އޭނާގަތުގައި އިންނަން އެހީ ކީއްވެބާއެވެ؟ ޒަލަފް އޭނާދެކެ ލޯބިނުވާއިރު އެގޮތަށް އެސުވާލުކުރަންވީ ކީއްވެ ހެއްޔެވެ؟ އޭނާގެ މައްޗަށް މާބޮޑަށް ހަމްދަރުދީ ވީހެއްޔެވެ؟ އެއީ އޭނާގެ ހާލާމެދު ހަމްދަރުދީވެގެން ޒަލަފް ބުނި އެއްޗެއްނަމަ، އޭނާ ދުވަހަކުވެސް އާނއެކޭ ނުބުނާނެއެވެ. އެރޭ ހުސެންއަށް އެހީނުވެވުނީތީ، އެއިގެ ބަދަލުގައި އޭނައާ ކައިވެނިކުރާކަށް ޒަލަފްއަކަށް ނުޖެހޭނެއެވެ.

" އަޅުގަނޑު މިވަގުތު ގޮސްލާނަން.." ސައިބޮއެ ނިމިގެން ތެދުވަމުން ނާދިރާއާ މުޚާތަބުކޮށް ޒަލަފް ބުންޏެވެ.

" އަދި އަންނަންވާނެ އިނގޭ!" ހިނިތުންވެލަމުން ނާދިރާ ބުނެލިއެވެ. ޒަލަފް އާނއެކޭ ބުނުމުގެ ގޮތުން ހިނިތުންވެލާފައި ދާން ހިނގައިގަތެވެ. އޭރުވެސް ޝިޔާ އިސްޖަހައިގެން ބަހެއްވެސް ނުބުނެއިނެވެ. އޭނާ ހީކުރީ ޒަލަފް ދިއުމުން މަންމަ ސުވާލު ކުރާނެކަމަށެވެ. ނަމަވެސް މަންމަ އެއްވެސް ސުވާލެއް ނުކުރިއެވެ. ޝިޔާ އޭނާގެ ކޮޓަރިއަށް އެނބުރިއައިސް ފޯނު ބަލާލިއިރު ޒަލަފްގެ މެސެޖެއް އޮތެވެ.

" ޖަވާބަކަށް އިންތިޒާރުކުރަން" ޒަލަފް ލިޔެފައިވެއެވެ.

ޝިޔާ ފުންނޭވާއެއް ދޫކޮށްލަމުން ތެދުވެ ގޮސް ލޯގަނޑުކުރިމަތީގައި ހުއްޓުނެވެ. އަދި އޭނާގެ އަމިއްލަ ސޫރައަށް ނަޒަރެއް ހިންގާލިއެވެ.

" އަހަރެން ޒީޝާންހާ ދޮނެއްނޫން…..ރީއްޗެއްވެސް ނޫން….ދެންކީއްވެ ޒަލަފްކަހަލަ ރީތި މީހަކު އަހަރެންނާ އިންނަން ބޭނުންވާނީވެސް….ޒަލަފްއާ އަހަރެންނާ ނުވެސްގުޅޭ….ޒީޝާންފަދަ ރީތިކުދިން ޒަލަފްއާ ގުޅޭނީ…އޭނަ ހަމައެކަނި އަހަރެންނަށް ހަމްދަރުދީވަނީ" ޒަލަފްއަށް އޭނާ ކަމުގޮސްފާނެ ކަމަކަށް އޭނާގެ ހިތެއް ގަބޫލެއްނުކުރިއެވެ.
****
ޝިޔާގެ ޖަވާބަކަށް އިންތިޒާރުކުރާތާ ތިންދުވަސްވީއިރުވެސް އެއްވެސް ޚަބަރެއްނުވުން ޒަލަފް ދެރަވިއެވެ. އޭނާ ޖަވާބަކަށްއެދި ދެތިން ފަހަރު މެސެޖްވެސް ކުރިއެވެ. ނަމަވެސް ޝިޔާ އަޅައެއްނުލިއެވެ. އޭނަ ފޯނުކުރިޔަސް ފޯނެއް ނުގަނައެވެ. ޝިޔާ އޭނާގެ ހުށަހެޅުން ގަބޫލުނުކުރަނީ އަދިވެސް ހުސެންގެ މަތިން ހަނދާން ނައްތާނުލެވޭތީ ކަމުގައި ހީކޮށް ހިތް މާޔޫސްވިއެވެ. ނަމަވެސް އޭނާގޮތެއް ހުހެއްނުވެއެވެ. ޝިޔާގެ ޖަވާބަކަށް އޭނާ އިންތިޒާރު ކުރާނެއެވެ. ޝިޔާ އޭނާގެ ގާތަށް އަންނަން މަޖުބޫރު ކުރާނެއެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް ކައިރީގައި ހުންނަ ކެފޭއަށް ޝިޔާ "ބްރޭކް"އަށް ދާވަގުތު ޒަލަފްވެސް އެތަނަށް ދާންފެށިއެވެ. ޝިޔާ އޭނާގެ އެކުވެރިންނާއެކު އިންނައިރު ޒަލަފްއިންނަނީ ޝިޔާއަށް ބަލަން ދުރުގައެވެ. ފުރަތަމަ ދުވަހު ޝިޔާއަށް އޭނާ ފެނުނީ ކެފޭއިން ނުކުންނަނިކޮށެވެ. ޝިޔާގެ ގާތުން އަޅާފައި ދިޔައިރުވެސް ޒަލަފް ވާހަކައެއް ނުދައްކައެވެ. ހަމައެކަނި ހީލާފައި ދިޔައީއެވެ.
އެގޮތަށް ތަކުރާރުކޮށް ކޮންމެ ދުވަހަކުވެސް ޝިޔާއަށް ޒަލަފް ކެފޭއިން ފެނެއެވެ. ހަމަ ކޮންމެ ދުވަހަކުވެސް ހިނިތުންވެލައެވެ. ޝިޔާ ދަންވަރު ޓިއުޓީގައި އުޅޭއިރު، ރޭގަނޑުވެސް ހޮސްޕިޓަލް ކައިރީގައި ކާރުޕާރކްކޮށްގެން ޒަލަފް ވަގުތު ހޭދަކުރެއެވެ. ޝިޔާ ޓިއުޓީ ނިމިގެން ގެޔަށްދާއިރު ފަހަތުން އާދެއެވެ. ޝިޔާ އަނގައިން ނުބުނާތީ ޒަލަފްވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް ޝިޔާ ގޭގައި ނޫޅޭ ވަގުތު ތަކުގައި ޒަލަފް ގެޔަށް އައިސް މަންމައާ ވާހަކަދައްކާ ކަމާއި ކޮއްކޮމެންނަށްވެސް ތަފާތު ހަދިޔާތައް ގެނެސްދީ ހަދާކަން އެމީހުންގެ ފަރާތުން ޝިޔާއަށް އެނގެމުން ދިޔައެވެ.

ޒަލަފްގެ އަމަލުތައް އެގޮތަށް ތަކުރާރުވާން ފެށުމުން، އެންމެފަހުން ޝިޔާގެ އެކުވެރިންނަށްވެސް އެކަން ފާހަގަވެގެން ޒަލަފްއާ ބެހޭގޮތުން ސުވާލުކުރަން ފެށިއެވެ. ނަމަވެސް ޝިޔާ އެކަން އެނގޭކަމަށްވެސް ނުހަދައެވެ. އޭނާ ކިތަންމެ ނޭނގޭކަމަށް ހަދައިގެން ހުރިނަމަވެސް ޒަލަފް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތްތެޅިގަނެއެވެ. ޒަލަފްހީލާ ކޮންމެފަހަރަކު އޭނާގެ ހިތަށް ބުނަންނޭނގޭފަދަ ގޮތެއްވެގެން ދެއެވެ.

" އެއީ ހާދަ " ހޮޓް" މީހެއެކޭ ހުވާ….އަނެއްކާ އެނގޭތަ އެއީ މުއްސަނދިވެސް މީހެކޭ….އޭނާގެ އަމިއްލަ ގެސްޓްހައުސްތަކާ ރެސްޓޯރެންޓްތައްވެސް ހުރެޔޯ….އަހަރެންގެ ރައްޓެއްސަކު ބުނީ…އަޅެ ދެން ޝިޔާ ދެން އޭނާ ވާހަކަދައްކަންވީނު…" އެއްދުވަހު ޝިޔާގެ އެކުވެރި ފަރާ ބުންޏެވެ.

" ދެން ފަރާ ވާހަކަދައްކަންވީނު…" ރުޅިއައިކަމަށް ހެދެމުން ޝިޔާ ބުނެލިއެވެ.

" އައި ވިޝް…އޭނަ އަހަންނަށް ހަމަ އެންމެ ފަހަރަކުވެސް އެގޮތަށް ހީލައިފިނަމަ އަހަރެން ޖާނުންވެސް ފިދާވެދާނަން….އަޅެ ހާދަ ސަޅިއޭ.." ފަރާ ހަރަކާތާއެކު ކިޔާލިގޮތުން އެންމެން ހޭންފެށިއެވެ.

ޝިޔާގެ އެކުވެރިން ޒަލަފްއަށް ބަލާކަން އެނގޭތީ ޒަލަފްގެ ގާތަށް ހިނިއާދެއެވެ. ބައެއްފަހަރު ޝިޔާވެސް ސިއްރު ސިއްރުން އޭނާއަށް ބަލާކަން އޭނާ ދެނެހުއްޓެވެ. އެހެންކަމުން އޭނާ އިންނަނީ ހިތާހިތުން ހީލަހީލައެވެ.

އެގޮތުގައި ދުވަސްތައް ވޭތުވަމުން ގޮސް ބަރާބަރު އެއްމަސް ވެއްޖެއެވެ. އެއްދުވަހަކު ޝިޔާ ކެފޭއަށް ދިޔައިރު ޒަލަފްއެއް ނުފެނުނެވެ. ކެފޭއިން ނުކުމެ ޒަލަފްގެ ކާރު އޮތްތޯ ބެލިއިރު ކާރެއްވެސް ނެތެވެ. ޖެހިގެން އައި ދުވަހުވެސް ޒަލަފް އެއްނައެވެ. އެގޮތަށް ތިންދުވަސްވޭތުވެގެން ދިޔައިރު، ޒަލަފް ނުފެނުމުން ޝިޔާގެ ހިތްނުތަނަވަސްވާ ގޮތްވިއެވެ. ނަމަވެސް އޭނާ އެހެންމީހުނަށް އެކަން ނުދައްކާވޭތޯ ބެލިއެވެ.

" އޭތް މިހާރު އެއްކަލަ ހޮޓީއެއް ނުފެނޭ…." އެންމެފަހުން ފަރާއަށްވެސް އެކަން ފާހަގަވެގެން ބުނެލިއެވެ.

" ޝިޔާ ވާހަކަ ނުދެއްކީމަ މާޔޫސްވެގެން ދިޔައީ ކަންނޭނގެ…މިހާރު ކިހާ ދުވަހެއް އެފަކީރު އެގޮތަށް މުގޯލިއަޅާތާ…." ޝިޔާގެ އެހެން އެކުވެރިއެއް ކަމަށްވާ އަސްރާ ބުނެލިއެވެ. އަސްރާއާއި ފަރާ ޒަލަފްއޭ ކިޔައިގެން އެކިއެކި ވާހަކަ ދެއްކިއިރު ޝިޔާއިނީ ހިމޭނުންނެވެ. މިއަދު ޒަލަފް ނުފެނުމުން ހަޤީޤަތުގައިވެސް އޭނާ ދެރަވެއްޖެއެވެ. ޒަލަފް ގުޅުމުން ފޯނު ނުނަގާތީ ޒަލަފްވަނީ އޭނައާ ގުޅުންވެސް ހުއްޓާލާފައެވެ.
ހަވީރުގެ ވަގުތެވެ. އެނދުގައި އޮށޯވެލައިގެން ސީލިންގްއަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު، ޝިޔާއަށް ވިސްނެމުން ދިޔައީ ޒަލަފްއާމެދުގައެވެ. ޝިޔާ ފޯނުނަގާފައި ޒަލަފްއަށް ގުޅަންވެސް ހިތަށްއެރިއެވެ. ނަމަވެސް ގުޅާކަށް ނުކެރުނެވެ. އެންމެފަހުން އޭނާ ޒީޝާންއަށް ގުޅާފައި އެގެއަށް އައުމަށް ބުންޏެވެ.

" ކިހިނެއްވީ؟…ކަމެއް ގޯސްވީތަ؟…" ޒީޝާން އޭނާގެ މަންމަގެ ގޭގައި އިންދައި ގުޅުމުން ހަލުވިކަމާއެކު ޝިޔާމެންގެ ގެޔަށް އައެވެ.
" ޒީ…އަހަރެން އަނެއްކާވެސް ޒަލަފްގެ ވާހަކައެއް ދައްކަންވެގެން…" ޖެހިލުންވެފައި ޝިޔާ ބުނެލިއެވެ.

" އެއްކަލަ ދުވަހުގެފަހުން ޒަލަފްގެ ވާހަކަ ނުދެއްކީމަ އަހަރެން ހީކުރީ އެކަން ނިމުނީއޭ….އެހެންވެ އަހަރެން މިހުރީ އެވާހަކަ އަހަންވެސް ނުކެރިފަ…" ޒީޝާން ބުނެލިއެވެ.

ޝިޔާ އިރުކޮޅަކު ހިމޭނުން އިނދެފައި ކަންތައްވީގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. އެވާހަކަތައް އަޑުއަހަން ޒީޝާންއިނީ ހައިރާންވެފައެވެ.

" ހަމަ ތެދެއްތަ؟…ޒަލަފް އިންނަންވެސް އެހިތަ؟….އޭނަ ހަމަ ރަނގަޅަށްވެސް ޝިޔާއާ ހެދި ދީވާނާވެފަ އެހުރީ….ދެން ކީއްވެތަ އޭނައަށް ޖަވާބެއް ނުދިނީ؟…" ޝިޔާގެ މޫނަށް ބަލާލަމުން ޝައުޤުވެރިކަމާއެކު ޒީޝާން އެހިއެވެ.

" މިބުނީނު…އޭނަ އެއުޅެނީ ހަމްދަރުދީވެގެންނޭ….އަހަރެން ބޭނުމެއްނޫން އަހަރެންނަށް އިހުސާންތެރިކަމެއް ކޮށްދޭންވެގެން އަހަރެންނާ ކައިވެނި ކުރާކަށް….އަހަރެންނަށް އެކަނިވެސް އުޅެވޭނެ…" އަޑަށް ބާރުލާފައިބުނި ނަމަވެސް އެއަޑުގައިވަނީ މޮޅިވެރިކަމެވެ.

" ޝިޔާ…އަހަރެންނަށް ހީވާ އެއްޗެއް ބުނަންތަ؟…އަހަރެންނަށް ހީވަނީ އެއްކަލަ ހަދިޔާ ފޮނުވާމީހަކީވެސް ޒަލަފްހެން….އަދި ޝިޔާގެ އެކައުންޓަށް ރުފިޔާ ޖަމާކޮށްދެނީވެސް އޭނަކަމަށްވާނީ…." ވިސްނާލަމުން ޒީޝާން ބުނެލިއެވެ. ޒީޝާން އެހެންބުނުމުން ޝިޔާވެސް ވިސްނާލިއެވެ. މިހުރިހާ ދުވަހު އޭނާއަށް އެގޮތަށް ވިސްނިފައެއްނެތެވެ.

" އަހަންނަށްވެސް މިހާރު ތިހެން އެބަހީވޭ…އެހެންވީމަ އޭގެ މާނައަކީ އޭނާ ހަމަ އަހަންނަށް ހަމްދަރުދީވެގެން ކުރިހާ ކަންކަމޭ އެއީ….އަހަރެންގެ މާފުހޯދަންވެގެން އުޅުނުހާ ގޮތްގޮތް…" ޝިޔާ ދެރަވެލާފައި ބުންޏެވެ.

" ނޫން ޝިޔާ…ވެދާނެ ހަމަ ހަޤީޤަތުގަވެސް ޒަލަފް ޝިޔާދެކެ ލޯބިވާކަމަށް….އޭނަ އެހުރިހާކަމެއް އެކުރަނީ ޝިޔާގެ ލޯބިހޯދަންކަމަށް….އެހެންނޫންނަމަ މާފަށް އެދިފަ މާފްލިބުނީމަ ކީއްވެ އިންނަން އަހަންވީ؟…ކީއްވެ ރެޔާދުވާލު ޝިޔާގެ ފަހަތުން މުގޯލި އަޅަންވީ؟ އަހަރެންނާ ރައްޓެހިވެގެން އުޅުނުއިރުވެސް އެވަރަކުން އޭނަ ނޫޅޭ އަހަރެންނާ ހެދިއެއް….އަހަރެން އޭނަގެ ފަހަތުން އުޅުނީ…" ޒީޝާން އުޅުނީ ޝިޔާއަށް ވިސްނައިދިނުމަށެވެ.

" އެކަމު ޒީ ރުޅިވީމަ ހާދަވަރަކަށް ޒީއާ ބައްދަލުކުރަން އުޅުނޭ…އަހަރެންގާތު އެތައް ދުވަހަކު އާދޭސްކުރި ޒީގެ ނަމްބަރު ހޯދަންވެސް…" ޝިޔާ ހަނދާން ކޮށްދިނެވެ.

" އޭރު އޭނަ އެވަރުން ބައްދަލުކުރަން އުޅުނީ އަހަރެންނަށް އޮޅުވާލެވުނީތީ ދެރަވެގެން، އެކަމަށް މާފަށް އެދޭކަށްނު…." ޒީޝާން ހަމަދެއްކިއެވެ.

" އަހަރެންގެ ފަހަތުންވެސް އެއުޅުނީ މާފުހޯދާކަށް ނޫންތަ؟…މިހާރު ހަފްތާއެއް ވެއްޖެ އެއްވެސް ޚަބަރެއް ނުވަނީ….ނޭނގެވީނުވީއެއް ކުއްލިއަކަށް ގެއްލިއްޖެ…އެއީ އަބަދުވެސް އޭނަ ހަދާގޮތެއްނު…" ޝިޔާ ޝަކުވާކުރިއެވެ.

" އެއީ އޭނަ ގަސްތުގަ ކުރިކަމަކަށްވެސް ވެދާނެއްނު….ޝިޔާ އޭނާދެކެ ލޯބިވޭތޯ ބަލާލަން….ޒަލަފްއަށް ނޭނގުނަސް ހަމަގައިމުވެސް އަހަރެންނަށް އެނގިއްޖެ ޝިޔާ އޭނާދެކެ ލޯބިވާކަން…ތިހުރީ ހަފްތާއެއް ވާންދެން އޭނާ ނުފެނީމަ ޝިޔާއަށް ވެފަހުރިގޮތް…މީހާގެ ހާލަތުދެކިބަލަ!…" ޝިޔާއަށް އިޝާރާތްކުރަމުން ޒީޝާން ބުނެލިއެވެ. ޝިޔާ އިސްދަށަށް ޖަހާލަމުން ފުންނޭވާއެއް ދޫކޮށްލީ ޒީޝާންއަށް ދޭނެ ޖަވާބެއް ނޭނގޭތީއެވެ.

" ޝިޔާއެއްނު ޒަލަފްއަށް ޖަވާބެއްނުދީ ތިހުންނަނީ….މަހަކަށްވުރެ ގިނަ ދުވަހު ޖަވާބަކަށް އޭނާ އިންތިޒާރު ކުރުވާފަ، އޭނަގެ ޚަބަރެއްނުވެގެން މިހާރު ތި ޝަކުވާކުރަނީ….ބަލަ އަދިވެސް ނޭނގޭތަ އޭނާ ޝިޔާދެކެ ލޯބިވާކަމެއް….ކިހާވަރެއްވީމަތަ އެނގޭނީ…ކޮންމެ ފަހަރަކު ދުލުން ބުނާކަށް ނުޖެހެއެއްނު ލޯބިވާ ވާހަކައެއް…"އައި ލަވް ޔޫ" އޭ ބުނަން ކޮންމެހެން މަޖުބޫރުތަ؟…ދުލުން އެލަފްޒުތައް ބުނާމީހުންގެ އަމަލުތަކުން ގިނަފަހަރަކަށް ލޯތްބެއް ނުފެނޭ….ލޯތްބަކީ ހަމައެކަނި ބަހުން ބުނެލާ ލަފްޒެއްނޫން….އަމަލުންވެސް އެކަން ދެއްކޭނެ…އަހަރެންވެސް ކިތަންމެ ދުވަހަކު އިންތިޒާރުކުރިން ޒައިކްއަށް އަހަރެން ނުބުނަނީސް ލޯބިވާކަން އެނގޭތޯ…އަމަލުން ކިތަންމެ ފަހަރަކުދެއްކިން….ޒައިކް ގަސްތުގަ އެނގޭކަމަށް ނުހަދާހުރީމަ ދެރަވެ ރުޅިވެސް އައި…އެންމެފަހުން އަހަރެން އަމިއްލައަށް ހާމަކުރީ ލޯބިވާކަން….އަސްލު ޒަލަފް އެވަރުކުރީމަ ޝިޔާ ކަހަލަ ބުއްދިހުރި ކުއްޖަކަށް ވިސްނެން ޖެހޭނެދޯ….ކުރިން އަބަދުވެސް ކިޔާނެ މަށަށް ނުވިސްނޭ ވާހަކަ…މަ ކުޑަކުއްޖެއްހެން އުޅޭ ވާހަކަ…މިހާރު ވިސްނާލަބަލަ ތިއުޅޭގޮތް…." ޒީޝާންގެ ވާހަކަތައް އަޑުއިވިފައި ޝިޔާ ހައިރާންވިއެވެ.

ޒީޝާންއަކީ މީގެކުރިން އެހާ ބުއްދިވެރި ވާހަކަދައްކާ ކުއްޖެއްނޫނެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޒީޝާންގެ ވިސްނުމާއި އުޅުމަށްވެސް އެވަނީ ހީނުކުރާފަދަ ބަދަލެއް އައިސްފައެވެ.

" މިހާރު ހާދަ ބުއްދިވެރި ވެއްޖެއޭދޯ….މިހާރު އަހަރެން މިވީ ޒީގެ ކުރިމަތީގަ ނުވިސްނޭ މީހަކަށް…" ހީލަމުން ޝިޔާ ބުނެލިއެވެ.
" އަސްލު ބުނެބަލަ ކޮންކަމަކާތަ ޝިޔާ ބިރުގަންނަނީ؟…ކީއްވެތަ ޒަލަފްގެ ހުށަހެޅުމަށް ނޫނެކޭ ތިބުނަނީ؟.." ޝިޔާ އޮޅުން ފިލުވަން ބޭނުންވިއެވެ.

" އެއީ އަހަރެންނަށް ހަމަ ގަބޫލު ނުކުރެވެނީ…އޭނަ އެހުރިހާކަމެއް ކުރީވެސް އަހަރެންގެ ހާލަށް ހަމްދަރުދީވެގެން….އެއީ ދެން އިހްސާންތެރިކަމެއް ނޫނިއްޔާ ކޮންކަމެއް…" ޝިޔާ އަނެއްކާވެސް ބުނެލިއެވެ.

"އޭނަ އިހްސާންތެރިކަން އަދާކުރަން ބޭނުންވާނަމަ ކުރިން އުޅުނުހެން ފިލައިގެންވެސް އުޅެވުނީސްދޯ….ޝިޔާގެ ކުރިމައްޗަށް ނައިސްވެސް މާފަށް އެދެވުނީސްދޯ….މިޒަމާނުގަ ކޮންމެހެން ކުރިމައްޗަށް އަންނާކަށްވެސް ނުޖެހޭ….ކިތަންމެ ދުރުގަހުއްޓަސް ބުނަން ބޭނުން އެއްޗެއް ބުނެވޭނެ…..މަށަށް ހީވަނީ ކޮންމެވެސް އެހެން އެއްޗެއް ހިތުގަ އޮވެގެންހެން ތިއުޅެނީ؟…ބުނެބަލަ!..ހިތަށްއަރާ ހުރިހާ އެއްޗެއް ކިޔާދީބަލަ! " ޒީޝާން ޝިޔާއަށް ފުރުސަތުދިނެވެ.

" ޒީ…ޒަލަފް އަހަރެންދެކެ ލޯބިވާންވީ ކީއްވެ….އަހަރެންނަކީ ޒީކަހަލަ ރީތިމީހެއްނޫން…ޒަލަފްއާ އަހަރެންނާ ނުވެސް ގުޅޭ…" ދެރަވެލާފައި ޝިޔާ ބުނެލިއެވެ.

" އޯހް! ޝިޔާ އަދިވެސް ތިވިސްނަނީ އަހަރެންނަށް ކުރިން އެކަހަލަ އެއްޗެއް ބުނެވިފަ އޮތީމަ އެކަމާތަ؟….ހެޔޮނުވާނެ ޝިޔާ އެކަން ހަނދާން ނައްތާލަބަލަ! ޝިޔާތީ ހުތުރު މީހެކޭ ކާކުތަ ބުނީ؟…އަހަންނަށްވުރެ ޝިޔާ ހުތުރީ ކޮންތަނެއްތަ؟…އަހަރެންނަށްވުރެ ކުޑަތަންކޮޅެއް ކަޅުކަން އެކަނި…. ހަމުގެ ކުލަ އަނދިރިވުމަކީ ހުތުރުވުންނަމަ ކަޅުނަސްލުގެކުދިން ރީތީގެ ރާނީންގެ ގޮތުގަ ހޮވެންވީ ކީއްވެ؟…ޝިޔާގެ ދެލޮލުގެ ރީތިކަން ޝިޔާއަށް އެނގޭތަ؟ އަހަރެން ދުވަހަކުވެސް ނުބުނަން މިހެންނެއް…އެކަމު އަހަރެން އެސްފިޔަތަކުގަ މަސްކަރާ އަޅައިގެން އެސްފިޔަތައް ދިގުކަމަށް ދައްކަން މަސައްކަތްކުރާއިރު، ޝިޔާ ދުވަހަކު މަސްކަރާ ނޭޅިޔަސް އެސްފިޔަތައް ހުންނަނީ އެހާރީތިކޮށް މައްޗަށް ލެނބިފަ…ބަލާބަލަ! ކިޔާރީތިތަ ޝިޔާގެ ދެލޯ…ކުރިން ޝިޔާ ހިކިކަމުން ބައްޓަމެއް ނެތްހެން ހީވިޔަސް، ފަލަވީމަ މިހާރު ޝިޔާގެ ހަށިގަނޑުގެ ބައްޓަންވެސް ކިހާރީތި….ކޮންމެކަހަލަ ހެދުމެއްލިޔަސް ނުލާހިކު ސަޅި…އޭރުގަ އަބަދުވެސް ކިޔަމެއްނު ޒީ ކޮންމެ ހެދުމެއް ލިޔަސް ހާދަރީއްޗޭ…އެކަމު މިހާރު އޭގެ ހެދުމެއް ޝިޔާ ލާބަލަ ހުންނަގޮތެއް ބަލާލަން….ބުނަން! ކޮންމެމީހަކީވެސް އެމީހެއްގެ ޒާތުގަ ރީތިމީހެއް…އެހެންމީހުނާ އަޅާކިޔަން ވެއްޖެނަމަ ދުވަހަކުވެސް ތިމާގެ ނަފްސާމެދު ހިތްހަމައެއް ނުޖެހޭނެ…ޒައިކްދެކެ ލޯބިވުމުގެކުރިން، އަހަރެންނަށް ޒައިކްވެސް ރީއްޗެއްނޫން…އެއީ އަހަރެން އެނަޒަރުން އޭނައަށް ނުބަލާތީ…އެކަމު މިހާރު ޒަލަފްއަށްވުރެ ހުރިހާގޮތަކުންވެސް އަހަރެންނަށް ޒައިކް މާރީތީ…ރީތިކަމަކީ އެތެރެފުށުގެ ރީތިކަން…އުޅުމާއި އަޚްލާޤުގެ ރީތިކަން…އެގޮތުން ބަލައިފިނަމަ ޝިޔާ ތީ އަހަރެންނަށްވުރެ ހުރިހާގޮތަކުންވެސް ރީތި ކުއްޖެއް…އަހަރެން އުޅުނުހާ ވިޔާނުދާކޮށް ދުވަހަކުވެސް ޝިޔާއެއް ނޫޅޭ…ޝިޔާ ތީ އަބަދުވެސް ތެދުވެރި ވަފާތެރިއެއް…އެކަމު އަހަރެންނަކީ އެއްއިރެއްގާ ފިރިމީހާއަށާ އެކުވެރިޔާއަށްވެސް ބޭވަފާތެރިވިމީހެއް….އެހެންވީމަ އަހަރެން ޝިޔާއާ އަޅާކިޔާނީވެސް ކޮންގޮތަކުން؟….ހަޤީޤަތުގަ އަހަރެން ވަރަށް ލަދުވެސްގަނޭ ޝިޔާ އަހަރެންނާ އަޅާކީތީވެސް…" ޒީޝާން އޭނާގެ ވާހަކަ މެދުކަނޑާލިއިރު، އޭނާގެ ލޯވަނީ ފެންކަޅިވެފައެވެ.

" ސޮރީ…އަހަރެން ދުވަހަކުވެސް ޒީއާމެދު ގޯސްކޮށް ނުދެކެން…ޒީ ތީ އަބަދުވެސް އަހަރެންގެ ކުރިމަތީގަ ރީތި އަދި ރަނގަޅުވެސް ކުއްޖެއް…" ޒީޝާންގެ އަތުގައި ހިފާލަމުން ޝިޔާ ބުންޏެވެ.

" އައި ލަވް ޔޫ…" ހީލާފައި ޝިޔާގެ ގައިގާ ޒީޝާން ބައްދާލިއެވެ.

" ލަވް ޔޫ މޯ" ޝިޔާވެސް ޒީޝާންގެ ގައިގާ ބާރަށް ބައްދާލިއެވެ.

ދެކުދިންގެ ހިތް އެކަކު އަނެކަކަށްޓަކައި ސާފެވެ. ދެހިތުގައިވެސް ކުލުނާއި ލޯބި އޭގެ އިންތިހާއަށްވެއެވެ. އެއީ އެކުވެރިކަމުގެ ފުރިހަމަ ނަމޫނާއެކެވެ.

" ޝިޔާ…ޒަލަފްއަށް އާނބަސްބުނޭ….އެއީ ރަނގަޅުމީހެއް…އެކަހަލަ މީހަކު ލިބޭނީ މަދު މީހަކަށް" ޒީޝާން އެދުނެވެ. ޝިޔާ ޖަވާބެއްނުދީ ހީލިއެވެ.

އިރާދަމުގެ ވަގުތެވެ. ޝިޔާ އޭނާގެ ފޯނުއަތަށްލައިގެން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ޒަލަފްއަށް މެސެޖް ކުރުމަށްޓަކައި ދެތިންފަހަރަކު މެސެޖްވެސް ލިޔުނެވެ. ނަމަވެސް އަނެއްކާވެސް ފޮހެލަނީއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ކޮޓަރި ދޮރުގައި މީހަކު ޓަކިދިން އަޑު އިވުމުންނެވެ. އޭނަ ދޮރުހުޅުވާލިއިރު، ދޮރުމަތީގައިހުރީ މަންމައެވެ.

" ދަރިފުޅާ…އެބަތިބި ބަޔަކު އައިސް…އަވަހަށް ނުކުމެބަލަ!…" މަންމަ އެދުނެވެ. ޝިޔާ މޫނު ރީތިކޮށްލައި ބުރުގާ އަޅާލައިގެން ބޭރަށް ނުކުތްއިރު، ސޯފާގައި ޒުވާން ދެފިރިހެނުން ތިއްބެވެ. އެމީހުންގެ އަތުގައި ކޮންމެވެސް ފައިލެއްވެސް އޮތެވެ. އެމީހުންގެ ގާތުގައި ޝިޔާގެ ބައްޕަ ޒުނޭރުވެސް އިނެވެ.

" ދަރިފުޅާ އިށީނދޭ!…" ޝިޔާ ފެނުމުން ލޯތްބާއެކު ޒުނޭރު ބުންޏެވެ.

" ދަރިފުޅާ…މިތިބީ ޒަލަފް ފޮނުވައިގެން ރަން ކިޔަން އައިސްތިބި ދެހެކިވެރިން…." ޝިޔާ އިށީނުމުން އުފަލާއެކު ހިނިތުންވެލާފައި ޒުނޭރު ބުންޏެވެ. އެވަގުތު ޝިޔާގެ ހައިރާންވެފައި ބައްޕަގެ މޫނަށް ބަލާލެވުނީ އެކަން ގަބޫލު ނުކުރެވިފައެވެ.

" ކޮބާ ތައްޔާރުތަ؟…" އެތަނުން ޒުވާނަކު ހިނިތުންވެލަމުން އެހިއެވެ. އޭރު ޝިޔާގެހިތް ޑަންޑަން ލާފައި ތެޅެމުންދިޔައެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟

ހަމަޓަސްލާފައި އެއްވެސް މީހަކު ރަންކިޔަން ފޮނުވާހެއްޔެވެ؟ ޒަލަފްއަކީ ކޮންކަހަލަ އަޖާއިބު އިންސާނެއް ހެއްޔެވެ؟ ކައިވެނިކުރާނަންތޯ އަހާފައި ޖަވާބުވެސް ނުދެނީސް ރަންކިޔަން ފޮނުވީއެވެ. ނޫނެކެވެ. އަޖާއިބުގޮތަކަށް އުޅުނު މީހަކީ ޒަލަފެއް ނޫނެވެ. އޭނާއެވެ. ޒަލަފް އެއްމަސްވާންދެން އޭނާފެ ފަހަތުން މުގޯލިއެޅިއިރުވެސް، އޭނާއެކަން އެނގޭކަމަށްވެސް ނުހަދާ ހުރީއެވެ. ޒަލަފްއަށް ޖަވާބުދިނުން މުހިއްމު ކަމަށްވެސް އޭނާ ނުދެކުނެވެ. މިވޭތުވެ ދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ޒަލަފްވަނީ އޭނާގެ އާއިލާއާވެސް ރަނގަޅު ގުޅުމެއް އުފައްދާފައެވެ. އެކަމަކުވެސް އޭނާގެ ޖަވާބަކާނުލައި ރަންކިޔަން ޒަލަފް ފޮނުވީ ކީއްވެބާއެވެ. އޭނާ ނޫނެކޭ ނުބުނާނެކަން ޒަލަފްއަށް ޔަޤީންވަނީ ހެއްޔެވެ.

" ޝިޔާ ތައްޔާރުތަ؟…." އޭނާ ސިހުނީ އަނެއްކާވެސް ޒުވާނާ ގޮވާލުމުންނެވެ. އެވަގުތު އޭނާއަށް ބަލާލެވުނީ ބައްޕަގެ މޫނަށެވެ.

ނުނިމޭ