Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

ބަހާލައިގެން ފެންބިލު ދެއްކުން: ރައްޔިތުންނަށް ލިބުނު ތަސައްލީއެއް!

ފެން ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓާ ބިލްޑިންގް --- ފޮޓޯ / ސަން

މާލޭގައި ގެދޮރުގެ އަގު އުޅެނީ އިންތިހާ ދަރަޖާގައެވެ. އެންމެ ކޮޓަރިއަކާއި ސިޓިން ރޫމެއް މި ލިބެނީ އެންމެ މަދުވެގެން ވެސް 12،000 ރުފިޔާއަށެވެ. ކުލި ދެއްކެނީ ދެމަފިރިން ކުރާ މަސައްކަތުން ކިރިޔާއެވެ. އެވަރުން ނުފުދި ކަރަންޓު ބިލާއި ފެންބިލަކީވެސް ކޮންމެ މަހަކުވެސް ކުލީގެ އިތުރަށް ދައްކަންޖެހޭ ބިލުތަކެކެވެ. ބައެއް ފަހަރު ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން މި ބިލުތައް ގިނައިން ހުންނަނީ ދެ މަސް ނުވަތަ ތިން މަހުގެ ބިލުތައް އެއްވެފައެވެ. ހައްތަހާވެސް އަންނަ މަހު ރަނގަޅު ގޮތެއް ވެއްޖިއްޔާ ދައްކާނީއޭ ހިތާ ފަހަށް ބެހެއްޓެނީއެވެ. ނަތީޖާއަކަށް ވަނީ ބިލު ބޮޑުވެ ގޭގެ ކުއްޔާއި އެއްވަރަށް ބިލުތައް ބޮޑުވެގެން އަންނަ ތަނެވެ. ކަން މިހެން ހުއްޓާ ދެން އަންނަނީ ހިދުމަތް ކަނޑާލާށެވެ. އިތުރު ގޮތެއް ނެތުނީމަ ކޮންމެވެސް މީހެއްގެ އަތުން ދަރަންޏަށް ފައިސާއެއް ނަގައިގެން ބިލު ދައްކަނީއެވެ. ދައްކަން ޖެހެނީ އަސްލު ބިލުގައި އޮންނަ މިންވަރަށް ވުރެވެސް ބޮޑު އަދަދެކެވެ. އެއީ ޖޫރިމަނާއާ އެކުގައެވެ.

ފުރަ މާލޭގައި ގެދޮރު ކުއްޔަށް ހިފައިގެން އުޅޭ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ މިދެންނެވި ހާލަތުގައި އުޅޭ މީހުންނެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ރައްޔިތުން އުޅޭ ދަތި ހާލަތު އެނގެނީ ވެރިންގެ ތެރެއިން ކިތައް ކިތައް ވެރިންނަށް ހެއްޔެވެ. އަބަދުވެސް ރިޔާސީ އިންތިހާބެއް ނުވަތަ މަޖިލިސް އިންތިހާބެއް ކައިރިވުމުން ބައެއް މީހުންގެ އެދުމަކަށް "އަހަރެމެން ގޭގެ ކަރަންޓާއި ފެން ބިލު ކްލިއާ ކޮށްލަދޭނެ އެއްޗެއް ދެއްވާ" މިފަދައިން ބުނާ މީހުން ވަކި މަދެއް ނޫނެވެ.

"އަހަރެން ގޭގެ ފެންބިލު މަޖިލިސް އިންތިހާބު އައުމުގެ ކުރިން އޮތީ 7743.87 ރުފިޔާގައި. އަހަރެމެން ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓެއްގެ މަންދޫބުން ގެއަށް އައީމަ އަހަރެމެން ލަދުހަޔާތް ކަނޑާލާފައި ބުނިން މިއީއޭ ހާލަތަކީ އަހަރެމެން ވޯޓު ދޭނަމޭ. މިގެއިން ލިބޭނޭ މަދުވެގެން 5 ވޯޓު. އޭނަ އަހަރެމެންގެ ފެން ބިލުގެ ދެބައިކޮށްފައި އެއްބައި ދައްކާ ދިން. އެކަމަކު މިހާރު އަނެއްކާވެސް މިއޮތީ އަތް ނުފޯރާ ފަށަށް ބޮޑުވެފައި،" މާލޭގައި ދިރިއުޅޭ މީހަކު އޭނާގެ ދިރިއުޅުމުގެ ހާލަތު ކިޔައިދެމުން ބުންޏެވެ.

މިފަދައިން އުޅޭ އާއިލާތައް އަބަދުވެސް އެދެނީ އެމީހުންގެ ހާލަތު އެނގޭނެ ވެރިއަކު ގައުމާއި ހަވާލުވެ މިހިރަ މިހިރަ ކަންކަން ހައްލު ކޮށްދިނުމެވެ. ނުވަތަ މިފަދަ ކުންފުނިތަކަށް ސަރުކާރުން އައްޔަންކުރާ ވެރިން މިފަދަ ހާލަތުގައި ދިރިއުޅޭ މީހުންނާއި މެދު ވިސްނާލާ ލުއި ގޮތްތަކެއް ހޯދައި ދިނުމަށެވެ. ކޮންމެއަކަސް މިއަދު މިވަނީ މިފަދަ ފަރާތްތަކަށް ލުޔެއް ލިބިގެން ގޮސްފައެވެ.

މިއަދު ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމްއަކީ ދިވެހި ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގިލައްވާ ބޭފުޅެއްކަން މިއަދު ވަނީ ހާމަވެގެން ގޮސްފައެވެ. އެމަނިކުފާނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައްޔިތުންނަށް އުފާވެރި ހަބަރެއް ދެއްވާފައެވެ. ހާއްސަކޮށް ފެންބިލު ނުދެއްކި ބޮޑެތި އަދަދުތައް އަރާފައި ތިބި ފަރާތްތަކަށް މިއީ ވަރަށްވެސް ހިތްހަމަޖެހޭ ވާހަކައެކެވެ. އެގޮތުން ނުދައްކާ ހުރި ފެން ބިލުތައް ދެއްކުމަށް ލުޔެއް ދިނުމުގެ ގޮތުން އެފަދަ ފަރާތްތަކަށް ޖޫރިމަނާ މައާފު ކުރާނެ އުސޫލެއް ދައުލަތުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން މިވަނީ ކަނޑައަޅާފައެވެ.

އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެކުންފުނީގެ ހިދުމަތް ހޯދާ 49،000 އެއްހާ ކަސްޓަމަރުންގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ގަވާއިދުން ބިލު ނުދައްކާ 13،894 ފަރާތެއް އެބަ ތިބި ކަމަށެވެ.

"އެ ބޭފުޅުން 16 ޖޫން 2020 ގެ ކުރިން އަޅުގަނޑުމެންނާ ބައްދަލުކޮށް، ބިލު ދެއްކުމުގައި ހުރި ދަތިތައް ހިއްސާކޮށްދެއްވުމުން ލުއި ގޮތެއް ފަހިކޮށްދޭނަން. [ނުދައްކާ ހުރި] ފެން ބިލުގައި މި އޮންނަނީ ފެނަށް އަރާ މިންވަރާއި، ޖޫރިމަނާ އަރާ މިންވަރު. ފެނަށް އެރި މިންވަރު އެ ދުވަހުގެ ކުރިން އެއްކޮށް ދައްކައިފިއްޔާ ޖޫރިމަނާ އެއްކޮށް މައާފު ކުރާނަން." އާޒިމް ވިދާޅުވި އެވެ.

ހަމައެއާއެކު އެ ތާރީހުގެ ކުރިން ނުދައްކާ ހުރި ފެން ބިލުތަކަށް ފައިސާ ދައްކާ ނިސްބަތުން ވެސް ޖޫރިމަނާ މައާފު ކުރަން ވަނީ ނިންމާފަ އެވެ. އަދި ފެންބިލަށް ބާކީ ދައްކަން ޖެހޭ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދައްކާ ހަލާސް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން ފައިސާ ނުދައްކާ ބިލުތަކަށް ޖޫރިމަނާ އަރާ އުސޫލަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

"ކުރިން އިންޓްރެސްޓް ނަގަމުން މި ދިޔައީ ކޮމްޕައުންޑް އިންޓްރެސްޓްގެ އުސޫލުން. ކޮމްޕައުންޑް އިންޓްރެސްޓަކީ އިންޓްރެސްޓްގެ މައްޗަށް އިންޓްރެސްޓް އަރަމުން ގޮސް، ވަރަށް ބޮޑު އަދަދެއް ކަސްޓަމަރުން އެބަ ދައްކަން ޖެހޭ ޖޫރިމަނާއާއެކު. އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބަލާފައި ސިމްޕަލް އިންޓްރެސްޓަށް މި ބަދަލު ކުރަނީ. ދެން ފައިސާ ނުދައްކާ ބިލުތަކަށް އިންޓްރެސްޓް ނަގަމުން އަންނާނީ ބިލުގެ އަދަދުގައި އޮންނަ ބެލެންސަށް އެކަނި." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ނުދައްކާ ހުރި ފެން ބިލުތަކުން އެ ކުންފުންޏަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 131 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި މީގެ ދެތިން އަހަރު ކުރިއާއި 5-7 އަހަރު ކުރީގެ ބިލުތައް ވެސް އެބަހުރި ކަމަށާއި، މިހާ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމުން ކުންފުނި ހިންގުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށެވެ.

ތެދު ވާހަކައެކެވެ. ރައްޔިތުންގެ ކުންފުނި ހިންގުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެއެވެ. އެކަމަކު ރައްޔިތުން ކިތަންމެ އެ އެހީތެރިކަން ދޭން ބޭނުންވިއަސް ދިރިއުޅުމުގެ ހަރަދުތައް ކުރަމުން މިފަދަ ބޮޑެތޮ އަދަދުތަކުގެ ބިލުތައް އެއް ފަހަރާ ދައްކާނީ ކިހިނެއް ހެއްޔެވެ. ކޮންމެއަކަސް އެފަދަ ފަރާތްތަކަށް މިއީ އުފާވެރި ހަބަރަކަށް ވާނެއެވެ.

"އަހަރެން ވަރަށް އުފާވި އެމްޑަބްލިއުއެސްސީން މިގޮތަށް ނިންމީމަ. އަހަރެންނަށްވެސް ހަބަރުތަކުން މިކަން މިގޮތަށް ނިންމިކަން އެނގުނު. އަހަރެންވެސް ބޭނުން އަހަރެމެން ރައްޔިތުންގެ ކުންފުނި އިތުރު ހަރުފަތަކަށް ދާން. ފަސޭހަ ގޮތް ގޮތަށް ކަންކަންވާން ދުނިޔޭގެ އެވޯޑުތައް ލިބި ކުރި އަރައިގެން ދާން. އެކަމަކު އަހަރެމެން ކިހިނެއް ތިން ހަތަރު މަހުގެ ބިލު އެއްފަހަރާ ދައްކާނީ. މިއުޅެނީ މި މަހުގެ ފެން ބިލު އައީމަވެސް ބޯ ކަހާ ވަރުން. ކިހިނެއްތޯ އެ ދައްކާނީ. އެކަމަކު އިރާދަކުރެއްވިއްޔާ މި ލިބުނީ އާ މަގެއް މިކަން ކުރަން،" ކުރިންވެސް ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކޮންމެއަކަސް މިއަދު ރައްޔިތުން ތިބި ނިކަމެތި ހާލަތު އެނގި ހުރެމެ، ރައްޔިތުންގެ އިހުސާސްތައް އެނގިހުރެމެ އެމްޑަބްލިއުއެސްސީގެ މެނޭޖުމަންޓުން މި ނިންމި ނިންމުމަށް ހުރިހާ ރައްޔިތުންވެސް ހާއްސަކޮށް މާލޭގައި ކުއްޔަށް އުޅޭ ރައްޔިތުންގެ ހިތަށް ތަސައްލީއެއް ލިބިގެންދާނެއެވެ.