Last Updated: April 19, 21:01
Friday, April 19, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟( އަށާވީސް ވަނަބައި)

" ޝިޔާ ތައްޔާރުތަ؟…." އޭނާ ސިހުނީ އަނެއްކާވެސް ޒުވާނާ ގޮވާލުމުންނެވެ. އެވަގުތު އޭނާއަށް ބަލާލެވުނީ ބައްޕަގެ މޫނަށެވެ. ބައްޕަ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން ޝިޔާވެސް އަވަސް އަވަހަށް އާނއެކޭބުނެ ބޯޖަހާލިއެވެ. އެވަގުތު އޭނާ ކުއްލިއަކަށް ހަނދާންވީ ހުސެންއާ އޭނާގެ ކައިވެނި ކުރުމަށްޓަކައި ދެހެކިވެރިން ރަންކިޔުއްވަން އައިދުވަހެވެ. އެދުވަސް ހަނދާންވެފައި އޭނާގެ ހިތަށްތަދުވާގޮތްވިއެވެ.

" ދަރިފުޅު ބޭނުމިއްޔާ މިކައިވެނިކުރާނީ….ބޭނުން ނޫނިއްޔާ މިހިސާބުން ހުއްޓާލެވިދާނެ…" ޝިޔާގެ މޫނަށްވެރިވި ހިތާމައިގެ ކުލަފެނިފައި އޭނާގެ ބައްޕަ އޭނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޝިޔާ ނޫނެކޭބުނެ ބޯހޫރާލަމުން ހިނިތުންވެލިއެވެ. އަދި ހެކިވެރިންގެ ސުވާލުތަކަށް ޖަވާބުދޭން ފެށިއެވެ.

" ދަރިފުޅު އުފަލެއްނުވޭތަ؟…" ފޯރމް ފުރާނިމިގެން ދެހެކިވެރިން ދިއުމުން ޒުނޭރު އެހިއެވެ.

" ނޫން..އެކަމު ހުސެންގެ މަތިން ހަނދާންވީ…" މަޑުމަޑުން ޝިޔާބުނެލިއެވެ.

" ދަރިފުޅާ..އެއީ މާޒީ…މާޒީއާ ދުރަށްގޮސްގެން އުފާވެރި މުސްތަޤުބަލެއް ލިބޭނީ…މިއީ މިހާރު ދަރިފުޅުގެ ދިރިއުޅުން…ހުސެންއެކޭ އެއްފަދައިން ޒަލަފްއަކީވެސް ނުލާހިކު ރަނގަޅު ކުއްޖެއް….ޒަލަފް ބައްޕައާ ބައްދަލުކޮށްފަ ވަރަށްދެރަވެފަ ވާހަކަދެއްކި…އެރޭ ދިމާވި ހާދިސާގެ ވާހަކަވެސް ކިޔައިދީ މާފަށްވެސް އެދުނު…އަސްލު އެކަމުގަ އޭނާގެ ކުށެއްނެތްއިރުވެސް ދަރިފުޅުގެ މާފުހޯދަން އޭނާ ކިހާ މަސައްކަތެއްކުރި…އަދި ނުވިތާކަށް ބައްޕައާއެކު ގޮސް ހުސެންގެ އާއިލާގެ ކިބައިންވެސް މާފަށްއެދުނު…ޒަލަފްއާއެކު އަނެއް ސައިކަލު ދުއްވި ކުއްޖާވެސް ހުސެންގެ އާއިލާގެ ފަރާތުން މާފަށްއެދުނު…އިންސާނުންނަށް ކުށްކުރެވޭނީވެސް….މާފުކުރަންވެސް ތިބީ ހަމަ އަހަރެމެން…" ޒުނޭރު ޝިޔާއަށް ވިސްނައިދިނެވެ.

" އައްސަލާމު އަލައިކުމް" ކުއްލިއަކަށް ޒަލަފްގެ އަޑުއިވިފައި ޝިޔާ އިސްއުފުލާ ބަލާލިއިރު ދޮރުމަތީގައި ހިނިތުންވެފައި ޒަލަފް ހުއްޓެވެ. އޭނާއާއި ދާދިގާތުގައި ޝިޔާގެ މަންމަގެ އުމުރު އަންހެނަކާއި ޒުވާންތިން އަންހެންކުދިންވެސް ތިއްބެވެ.

" އާދޭ…އާދޭ…މިހާރު ޒަލްފަމެންގެ އިންތިޒާރު މިތިބީ…" ފުޅާ ހިނިތުންވުމަކާއެކީ ޒުނޭރު ބުންޏެވެ.
އެމީހުން އައިސް ސޯފާގައި އިށީނުމުން ޝިޔާއިނީ އިސްއުފުލާލަންވެސް ނުކެރިފައެވެ.

" މިއީ އަހަރެންގެ މަންމަ….ދެންމިތިބީ އަހަރެންގެ ކޮއްކޮމެން…" ޒަލަފް ކުރުގޮތަކަށް އޭނާގެ އާއިލާ ތަޢާރަފުކޮށްދިނެވެ.

" ޒަލަފްއަކީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު… ދެން މީ ދޮށީ އަންހެންދަރި ޒާރާ….ޒާރާ ކައިވެނި ކުރިފަހުން އަދި އަހަރެއް މިވީ….މިތިބަ ދެބެއިންވެސް މިހާރު އޯލެވެލް ނިމި ޔުނިވަރސިޓީގަ ކިޔަވަނީ….. މިތިންބެއިންނަށް ރަނގަޅު ތަޢުލީމެއް ލިބުނީވެސް ޒަލަފްގެ މަސައްކަތުން….މިހާހެޔޮ ދަރިއެއް ދެން މީހަކަށް ލިބޭނީވެސް… މިދަރި އަހަރެންނާ ދުރުގަ އުޅޭތީ ދެރަވެސްވޭ…އެކަމަކު ކޮންމެތާކު ހުއްޓަސް ބަރާބަރަށް އަހަރެމެންގެ ހާލުބަލާނެ…….އޯލެވެލް ނިންމާލިގޮތަށް މާލެގޮސް ވަޒީފާއެއް ހޯދައިގެން، ވަޒީފާގަ އުޅެމުން އިތުރަށް ކިޔަވީ…ކިޔަވާ ނިމިގެން ރަށަށް އައިސް ރަށުން ވަޒީފާ ލިބުނީމަ މީހަކާވެސް އިން…އެކަމު އެއީވެސް ބަދުނަސީބުން ވީކަމެއް….." ޒަލަފްގެ މަންމަ ޒާހިރާ ދެރަވެލާފައި ބުންޏެވެ.

" މަންމާ….ދެން އެވާހަކަ ނުދައްކަމާ…." މަންމަގެ ވާހަކަ ދިގުވާހެން ހީވާތީ އަވަސް އަވަހަށް ޒަލަފް ބުންޏެވެ.

"ޝިޔާއަކީ އަހަރެމެންގެވެސް ހުރި ހަމައެކަނި އަންހެން ދަރިފުޅު…ދެންތިބީ ހުސް ފިރިހެންކުދިން… ޝިޔާގެ ހަގަށް ތިބި ޝާޔަންއާ ޝާރިމްއާ ދެބޭންވެސް ކިޔަވާ ކިޔަވާނިމިގެން މިހާރު އުޅެނީ ވަޒީފާގަ….އެންމެ ހަޤަށް ތިބި ޞާދުއާ ފަހުދުއާ އަދި ކިޔަވާ ނުނިމޭ…." ޒާހިރާއާ މުޚާތަބުކޮށް ނާދިރާ ބުންޏެވެ.

" ތާނީއާ ތާރާ މީ އެއްމާބަނޑު ދެބޭންދޯ؟…" އެދެކުދިން ވައްތަރުކަމުން ޒުނޭރު އެހިއެވެ.

" އާ…ދެމީހުން ފެނުނީމަވެސް އެނގެއެއްނު…" ހީލަމުން ޒާހިރާ ޖަވާބުދިނެވެ.

" ކޮބާތަ ޞާދުއާ ފަހުދުއާ….މިހާރު ނިދީތަ؟.." އެކުދިން ފެންނަން ނެތުމުން ޒަލަފް އެހިއެވެ.

" ހޫމް…ވަރަށް އިންތިޒާރުގަ ތިބި މިރޭ ޒަލަފް އަންނާނެކަން އެނގޭތީ…އެކަމަކު ލަހުން ނިދީމަ ފަތިސްނަމާދަށްދާން ނުހޭލެވިދާނެތީ ނިދައިފި…" ނާދިރާ އޮޅުން ފިލުވައިދިނެވެ.

ޝިޔާ އެވާހަކަތައް އަޑުއަހަން އިންއިރު، ސިއްރު ސިއްރުން އެކިމީހުންގެ މޫނަށް ވަކިވަކިން ބަލާލައެވެ. ޒަލަފް މަންމައަކީ އާދަޔާ ޚިޔާފަށް ދޮންމީހެކެވެ. ޒަލަފް އެކޭ އެއްގޮތަށް އޭނާގެ ކޮއްކޮމެންނަކީވެސް ރީތިބައެކެވެ. ހުރިހާ ކުދިންވެސް ވައްތަރީ އެމީހުންގެ މަންމައާއެކެވެ. ލިބިފައިވަނީ މަންމަގެ ދޮންކަމާއި ރީތިކަންކަން ބަލާލި ކޮންމެމީހަކަށްވެސް އެނގޭހައިވެއެވެ. ޒަލަފްއަށްވެސް އެރީތިކަން ވާރުތަކޮށްފައިވަނީ އޭނާގެ މަންމަ ފަރާތުން ޝިޔާއަށް ޔަޤީންވެސްވިއެވެ.

" ހިނގާ ކާންދަމާ….ޒަލަފް މަންމަމެން އަންނަ ވާހަކަ ބުނީއްސުރެ ނާދިރާ އެއްތާކު ދެފައިނުޖަހާ ކެއްކުމައިގެން އުޅެނީ…" ހީލަމުން ޒުނޭރު ބުނުމާއެކު ޒާހިރާވެސް ޒާހިރާވެސް ހިނިތުންވެލިއެވެ.

ހުރިހާ އެންމެން މޭޒުކައިރީގައި އިށީއްއިރު، ޒަލަފްއިނީ ސީދާ ޝިޔާގެ ކުރިމަތީގައެވެ. ޝިޔާ ބަލާލުމާއެކު ޒަލަފް އެއްލޯމަރާލާފައި ހީލިގޮތުން ޝިޔާގެ ގައިގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ޝިޔާއަށް ވީގޮތް ޒަލަފްގެ ކައިރީގައި އިން ޒާރާއަށް ފާހަގަކުރެވުނެވެ.

" އަހެމް އަހެމް…" ޒާރާ ކަރުކެހިލާފައި ޒަލަފްގެ ކޮނޑުގައި ޒާރާގެ ކޮނޑުން ޖަހާލިއެވެ.

" ކިހިނެއްވީ؟…" އަވަސް އަވަހަށް ނުވާކަމަށް ހަދާލާފައި ޒަލަފް އެހިއެވެ.

" ލޮލާއި ލޮލުން ތިކުރާ އިޝާރާތް އަހަރެންނަށްވެސް އެބަފެނެޔޭ..ހާދަލޯބި ދޮންބެދައްތައެކޭ ދޮންބެ ތިހޯދީ….އަސްލުވެސް ދޮންބެ ދެއްކި ފޮޓޯއަށްވުރެވެސް އަސްލަށް ފެންނައިރު މާ ލޯބި…ދޮންބެ ބަލާލީމަ ރަކިވީގޮތްވެސް ބަލާބަލަ! އެހާ ލަދުރަކި ކުދިން އަދިވެސް އުޅޭތަ…" ޝިޔާއަށް ބަލާލަމުން ޒާރާ އެހިއެވެ.

" ކުރިއަކުން އެހާ ލަދުރަކިކަމެއް ނޭނގޭ….މިހާރު އަހަރެން ބަލާލިޔަސް ހީވަނީ ވިރިދާނެހެން…" ޝިޔާއަށް ބަލާލަމުން ޒާރާއަށް އިވޭވަރަށް ޒަލަފް ބުނެލިއެވެ.

" އެއީ ލޯބިވާތީއޭ" ވަރަށް އެނގޭމީހަކު ފަދައިން ޒާރާ ބުނެލިއެވެ. ޒާރާއާއި ޒަލަފް ޝިޔާއާ ދިމާބަލާފައި ސިއްރުން ވާހަކަދައްކާ މަންޒަރު ފެނުމުން ޝިޔާ ކުރިޔަށްވުރެވެސް ބޮޑަށް ރަކިވިއެވެ. ކައިނިމޭންދެންވެސް ޝިޔާއާއި ޒަލަފްގެ މެދުގައި ސިއްރު ނަޒަރުތަކާއި ލަދުރަކި ހިނިތުންވުންތައް ބަދަލުކުރެވެމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން ޒާރާވެސް ލާނެއް ހީލުމެއް ހީލާތީ ފެނެއެވެ. އޭރުވެސް ތާނީއާއި ތާރާތިބީ އެމީހުންގެ އަމިއްލަ ވާހަކައަކަށް ގެއްލިފައެވެ.

ކައި ނިމިގެން ޒަލަފްމެން ސިޓިންރޫމަށް ނުކުތުމުން ޝިޔާ ތަށިތައް ނަގަން އުޅުނެވެ.

" ދަރިފުޅާ! ތިތަށިތައް ބަހައްޓާފަ އެމީހުންގާތަށް ދޭބަލަ!…މަންމަ ތަށިތައް ނަގާލަފާނަމޭ…" ޝިޔާއަތުން ތަށިތައް އަތުލަމުން ނާދިރާ ބުންޏެވެ.

" މަންމަ އަށް އެނގޭދޯ އެމީހުން އަންނަކަންވެސް….ދެން ކީއްވެކުރިން ނުބުނީ…މިހުރީ އަހަރެން ހުރިގޮތް…އެމީހުން ހީކުރާނީ ކީކޭ؟" ތަށިތައް ސިންކުތެރެއަށްލަމުން ޝިޔާ ޝަކުވާކޮށްލިއެވެ.

" ތިހުރިގޮތް ރީއްޗޭ ދަރިފުޅާ….މިކުއްޖާ އަބަދު އުޅޭނީ މީހަކު އެއްޗެކޭ ހީކޮށްފާނެތީ….އެމީހުންނަކީ ތިހީކުރާކަހަލަ ބައެއްނޫނެއްނު…ކިހާ ހިތްހެޔޮ…ޒަލަފްގެ މަންމަހެން ހުރިހާކުދިންވެސް އެހާހިތްހެޔޮ….އެހާ ރަނގަޅު އާއިލާއެއް ދަރިފުޅަށް ލިބުނީތީ މަންމަ މިހުރީ ވަރަށް އުފަލުން…ދަރިފުޅުވެސް ބޭކާރު ކަންކަމާ ނުވިސްނަބަލަ!" ނާދިރާ ޝިޔާއަށް ވިސްނައިދިނެވެ. ޝިޔާ އިތުރު އެއްޗެއް ނުބުނެ ކާކޮޓަރިން ނުކުތެވެ.

" ދަރިފުޅާ ދޭބަލަ މިކުދިން ގޮވައިގެން ކޮޓަރިއަށް ފިނިކޮށްލަން…." ޝިޔާ ފެނުމުން ޒުނޭރު ބުނެލިއެވެ.

" އާދޭ ކޮޓަރިއަށް…" ޒާރާއަށް ބަލާލާފައި މަޑުމަޑުން ޝިޔާ ބުނެލިއެވެ. ޒާރާ ހީލާފައި ތެދުވުމުން ތާނީ އާއި ތާރާވެސް އޭނާގެ ފަހަތުން ދިޔައެވެ. ޒަލަފްވެސް އިނީ ދާހިތުންނެވެ. ނަމަވެސް މަންމަމެން ހީކޮށްފާނެ އެއްޗަކަށް ބިރުން އޭނާއިނެވެ.

" ވާއު…ވަރަށް ލޯބި ކޮޓަރިއެއް…." ކޮޓަރިތެރެއަށް ވަދެ ވަށައިގެން ނަޒަރު ހިންގާލަމުން ޒާރާ ބުނެލިއެވެ.

" އިށީނދޭ.." އެނދަށް އިޝާރާތްކޮށްލަމުން ޝިޔާ އެދުނެވެ.

" އަހަރެން ބޭނުމީ މި ސޯފާ…" ތާނީގޮސް، ފޮތްކަބަޑު ކައިރީގައިހުރި ސޯފާގައި އިށީނެވެ. ޒާރާއާއި ތާރާ އިށީނީ އެނދުގައެވެ. ޝިޔާވެސް އެމީހުންގެ ގާތުގައި އިށީނެވެ.

" ދޮންބެވެސް އެއިނީ އަންނަހިތުން….ކީއްވެތަ ދޮންބެއަށް ނުގޮވީ؟.." ޝިޔާއަށް ބަލާލަމުން ލާނެއްގޮތަކަށް ޒާރާ ބުންޏެވެ.

" ދޮންތާ…ދެން ދޮންބެ ދައްތައާ ދިމާ ނުކޮށްބަލަ!….މިހާރުވެސް އެފަކީރު އެހުރީ އެހާބިރުން…" ތާރާވެސް ޝިޔާއާ ދިމާކޮށްލިއެވެ.

" ތެދެއްތަ ދޮންބެ ދައްތާ؟….އަހަރެމެން ފެނުނީމަ ބިރުގަތީތަ؟…" ހިނިއައިސްފައި ތާނީވެސް ސުވާލުކޮށްލިއެވެ.

" ނޫނޭ….ބިރެއްނުގަނޭ…އެކަމު އަންނަކަމެއް ނޭނގި ކުއްލިއަކަށް އައީމަ…" ރަކިވީ ނަމަވެސް ޝިޔާ ޖަވާބުދިނެވެ.

" ހޫމް…އެއީ ދޮންބެގެ ރޭވުމެއް….ދޮންބެ ބުނީ ދޮންބެ ދައްތައަށް ސަޕްރައިޒްއެއް ދޭވާހަކަ…ލިބުނު ސަޕްރައިޒްގެ ބޮޑުކަމުން ދޮންބެ ދައްތައަށް ޝޮކެއްވެސް ޖެހިފަހުރިހެން ހީވަނީ؟…. ދޮންބެ ބުނި ރަންކިޔަން އައީމަ ބަސްހުއްޓި ދެލޯބޮޑުވެޔޯ އިނީ" ޝިޔާއަށް ބަލާލަމުން ޒާރާ ބުނެލިގޮތުން ތާނީއާ ތާރާވެސް ހޭންފެށިއެވެ. ސަހަރޯއެވެ. ލާނެއް ކުދިބަޔެކޭ ޝިޔާގެ ހިތަށްއެރިއެވެ. ތިންމީހުންވެގެން އޭނާއާ ދިމާކޮށްފައި ރަނގަޅަށްވެސް ލަދުގަންނަވާލައިފިއެވެ.

" ސޮރީ….އަނެއްކަ ރުޅިއައީތަ؟…" ޝިޔާ ހިމޭނުން ހުރުމުން އަތުގައި ހިފާލާފައި ޒާރާ ބުނެލިއެވެ.

" ނޫން…" ޝިޔާ ދެފަރަރާތަކަށް ބޯހޫރާލިއެވެ.

" ދޮންބެ ދައްތައަށް އެނގޭތަ ދޮންތަ ރަން ކީ ދުވަހު ހާލު…ދޮންބެދައްތައަށް ވުރެ ހާލުގަ އުޅުނީ…..ބިރުންގޮސް ފާޚާނާއިންވެސް ނާރާ…..އެހެންވީމަ ރީއްޗެއް ނޫނޭ ދިމާކުރާކަށް" ތާރާ އޮޅުން ފިލުވައިދިނެވެ.

" އެބުނީ ތެދެއް…" ތާނީވެސް އެއްބައިވިއެވެ.

" އެއްކަލަ އަނގަ ގަދަ މިތުރުތައް ފެށީދޯ…" ޒާރާ އެދެމީހުންނަށް ލޯއަޅާލިއެވެ.

އެކުދިން ހީހީފައި ވާހަކަދައްކަން ތިއްބައި މީހަކު ދޮރުގައި ޓަކިޖަހާލުމުން ހުޅުވިއިރު ޒަލަފްއެވެ.

" ކޮބާ ގެޔަށްދާ ގަޑިޖެހިއްޖެ.." ޒާރާމެންނަށް ބަލާލަމުން ޒަލަފް އެހިއެވެ.

" ކޮބާ މަ ބުނީމެއްނު…އެންމެފަހުން ނުހުރެވިގެން އެއައީ…" ޝިޔާގެ ކަންފަތްދޮށުގައި ސިއްރު ސިއްރުން ޒާރާ ބުނެލުމުން ޝިޔާއަށް ހެވުނެވެ.

" ދޮންބެ ތިއުޅެނީ އަހަރެމެން ފޮނުވާލަންވެގެންދޯ….އެހާ ފަސޭހައިން މިރެޔަކު ނުދާނަން….ދޮންބެ ދާހިތްވަންޏާ ދޭ…އަހަރެން ނެތް ދާހިތެއް…" ސޯފާގައި ރަނގަޅަށް ވެޑުވިލަމުން ތާނީ ބުންޏެވެ.

" އަލަށް ގެޔަކަށް އައިސް މީހުން އުޅޭގޮތްތަ ތީ؟.." ތާނީގެ ލާނެއްކަމުން ހިނިއައިސްހުރެ ޒަލަފް އެހިއެވެ.

" އޯހް ހެލޯ…މީ އަހަރެންގެ ދޮންބެދައްތަގެ….ދޮންބެ ދައްތަގެ ކޮޓަރި…އެހެންވީމަ ކީއްވެ އަހަރެންނަށް ބޭނުންގޮތަކަށް ނޫޅެވެންވީ؟…" ފޮނިވެލާފައި ތާނީ ބުނެލިއެވެ.

" ބޮޑު ލާނެތްގަނޑު…އަންނަންވީދާން…." ތާނީގެ އަތުގައިހިފާ ނަގަމުން ޒާރާ ބުނެލިއެވެ.

" ތެދެއް ހިނގާދާން…ވާން އުޅޭ ދުލްހާއާ ދުލްހަންއަށްވެސް ވަގުތުދޭން ވާނެއްނު…" ތާރާވެސް އިތުރުކޮށްލިއެވެ. ތިންކުދިން ހެމުން ހެމުން ކޮޓަރިން ނުކުތެވެ. އެކުދިންގެ ލާނެއްކަމުން ހީލަ ހީލާ ޒަލަފް ހުރިއިރު، ޝިޔާ ހުރީ ހައިރާންވެ ބަސްހުއްޓިފައެވެ.

" ސޮރީ…އެއީ އެމީހުން އަބަދުވެސް އުޅޭގޮތް….ވަރަށް ލާނެތްވާނެ…" އެމީހުން ދިއުމުން ޝިޔާއަށް ބަލާލާފައި ޒަލަފް ބުނެލިއެވެ.

" އަހަރެމެން ފޮނުވާލާފަ ދޮންބެއަކަށްވެސް މާ ފޮޅުވާކަށް ނުހުރެވޭނެ….އާދޭ" ދަމުން ދަމުން ފަސްއެނބުރިފައި ތާނީ ބުންޏެވެ.

އެވަގުތު ޝިޔާއަށް ބޭއިޚްތިޔާރުގައި ބާރަށް ހެވުނެވެ. ޒަލަފް ހައިރާންވެފައި ބަލާލުމާއެކީ އޭނާ އަވަސް އަވަހަށް އަނގަމަތީގައި އަތްއަޅައި ހިނިގަނޑު މަތަކުރިއެވެ. އެމަންޒަރު ފެނިފައި ޒަލަފްގެ ގާތަށްވެސް ހިނިއައެވެ.

" މަންމަމެން ގެޔަށްލާފަ އަންނަންދެން ނުދިނާ މަޑުކުރެވިދާނެތަ؟…" އަޑަށް ސީރިއަސްކަން ގެންނަމުން ޒަލަފް ބުންޏެވެ. ޝިޔާ އާނއެކޭ ބުނެ ބޯހަލުވާލުމުން ހީލާފައި ޒަލަފް ދާން ހިނގައިގަތެވެ. ޝިޔާވެސް ޒަލަފްގެ ފަހަތުން ނުކުތެވެ.

" މަންމަމެން ދަނީދެން….މާދަމާވެސް އަދި އަންނާނަން އިންޝާ ﷲ…." ޝިޔާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއެކު ޒާހިރާ ބުންޏެވެ.

" ގުޑްނައިޓް ދޮންބެ ދައްތާ…" ތާރާ އާއި ތާނީ އައިސް ޝިޔާގެ ދެކޮލުގައި ހިފާލަމުން ބުންޏެވެ. ޝިޔާ ދެލޯ ބޮޑުވެފަ ހުއްޓައި ޒާރާވެސް ހިނިގަނޑެއް ޖަހާލަމުން އައިސް ޝިޔާގެ ނޭފަތުގައި ހިފާލަމުން ގުޑްނައިޓް ކިޔެވެ. އެމަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ހިނިއައިސްފައި ޒަލަފް ހުއްޓެވެ. އޭނާގެ ކޮއްކޮމެންގެ ސަކަކަމުން ޚުދު އޭނާވެސް ބައެއްފަހަރު ހައިރާންވެއެވެ. ފުރަތަމަ ފެނިލުމުންވެސް އެމީހުންނަށް ޝިޔާ އެހާ ކަމުގޮސްފާނެ ކަމަކަށް ޒަލަފް ހިއެއް ނުކުރެއެވެ. ނަމަވެސް، އެމީހުން އެހާލޯބިން އުޅޭތީ އޭނާހުރީ ނުހަނު އުފަލުންނެވެ. ޝިޔާގެ މަންމައާއި ބައްޕަވެސް ތިބީ އެކުދިންގެ މަޖާކަމުން ހެވިފައެވެ.

" ފިސާރި މަޖާ ކުދިންކޮޅެއް…އެކުދިންނާއެކީ އުޅޭބަޔަކު ފޫއްސެއްނުވާނެ…" ހިނި އައިސްފައި ޒުނޭރު ބުންޏެވެ.

" ތެދެއް ތިބުނީ…" ނާދިރާވެސް އެއްބަސްވިއެވެ.

ޒަލަފްމެން ދިއުމާއެކު ޝިޔާ އަވަސް އަވަހަށް ކޮޓަރިއަށްވަދެ ޒީޝާންއަށް ގުޅިއެވެ. އަދި ދެންމެ ހިނގާދިޔަ ކަންތައް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

" އަސްލުތަ؟….ވާއު ސޯ ރޮމޭންޓިކް…..ޒަލަފް އެ ހެދީ ހަމަ ހަދަންވާގޮތަށް…..އޭނަ އެވަރަށް ފަހަތުން މުގޯލިއެޅީމަވެސް ކަމަނާފާނުހުރީ އަޅާވެސްނުލާ…..ކޮބާ ހީވޭ! އެންމެފަހުން ރަންކިޔުއްވާފަ އެދޫކޮށްލީ…" ޒީޝާން ޝިޔާއާ ދިމާކޮށްލިއެވެ.

" މަށާ ވަރަށް ދިމާކުރާހިތުން ދޯ ތިހުރީ؟…ދެން ދިމާކޮށްބަލަ!…" ޝިޔާ ހަތިޔާރު ބެހެއްޓިއެވެ.

" ދިމާކުރާނަމޭ….ހަނދާންވޭތަ މަށާ ދިމާކުރި ހަނދާން….މަބުނިންދޯ މަށަށްވެސް އަދި ފުރުސަތު ލިބޭނޭ…." ހެވިފައިހުރެ ޒީޝާން ބުންޏެވެ.

" ކޮންކަހަލަ ފުރުސަތެއްލިބުނީތަ އަނެއްކާ؟…" ފާޚާނާއިން ނުކުތް ޒައިކްއަށް ޒީޝާން ބުނި އެއްޗެއް އިވިގެން އެހިއެވެ.
" ޒަލަފްއާ އިންނަން ޝިޔާ ރަންކީނު…." އުފާވެލާފައި ޒީޝާން ބުނެލިއެވެ.

" އެހެންތަ؟….ހާދަ އުފާވެރި ޚަބަރެކޭ….މަރުހަބާ!" ޒައިކްވެސް އުފާވެފައި ޝިޔާއަށް އިވޭވަރަށް ބުންޏެވެ.

ދެކުދިން ހީހީފައި ފޯނުން ވާހަކަދައްކަން އެތައްއިރަކު ތިއްބެވެ. ޒައިކްވެސް އިރުއިރުކޮޅުން އެމީހުންގެ ވާހަކައަށް އެއްޗެއް ބުނެލާފައި ހީލައެވެ.

" ހިތްހަމަ ޖެހޭވަރު ވެއްޖެތަ؟…." ޒީޝާން ފޯނުބޭއްވުމުން ޒައިކް އެހިއެވެ.

" ނުވޭ…..އަހަރެން ހިތަށްއަރާ އަހަރެން އެވަގުތު އެތާހުރިނަމައޭ…..ޝިޔާއަށްވީގޮތް ބަލާލަން ބޭނުންވަނީ…." ޒީޝާން އައިސް ޒައިކްގާތުގައި އޮށޯއްނަމުން ބުނެލިއެވެ.

" އަހަރެންވެސް ވަރަށް އިންތިޒާރުކުރި ދުވަހެއްމީ…..ވަރަށް އުފާވެއްޖެ ޒަލަފް ކަހަލަ ރަނގަޅުމީހަކު ޝިޔާއަށް ލިބުނީމަ…." ޒަލަފް ހިތުގެއަޑިން ޒަލަފްއަށް ތަޢުރީފުކުރިއެވެ.

" އަހަރެންވެސް ވަރަށް އުފާވެފައި މިހުރީ އަހަރެންނަށް އެޔަށްވުރެވެސް ރަނގަޅުމީހަކު ލިބުނީމަ…." ޒައިކްގެ މޫނަށް ބަލާލަމުން ލޯތްބާއެކު ޒީޝާން ބުނެލިއެވެ.

" އެހެންތަ؟….އަހަރެން ހަމަ އެހާ ރަނގަޅުތަ؟…" ޒީޝާންއާ މޫނު ކައިރިކޮށްލަމުން ލާނެއްގޮތަކަށް ޒައިކް އެހިއެވެ.

" ހޫމް…ދުނިޔޭގެ އެންމެ ރަނގަޅު ފިރިމީހާތީ….ލަވްޔޫ.." ޒައިކްގެ ތުންފަތުގައި ބޮސްދެމުން ޒީޝާން ބުނެލިއެވެ.

" ތީ ދުނިޔޭގެ އެންމެ ލޯބި ވައިފް…މަގޭ ޖާނުގަނޑު…." ޒީޝާންގެ ގައިގާ ބާރަށް ބައްދާލަމުން ހީލާފައި ޒައިކް ބުނެލިއެވެ.

ފޯނުބޭއްވުމަށްފަހު ޝިޔާ އަވަހަށް ފާޚާނާއަށްވަދެ ފެންވަރާލިއެވެ. އަދި ޒަލަފް އަންނަންވާއިރަށް ވަރަށް ފުރިހަމައަށް ތައްޔާރުވިއެވެ. އޭނާ ޒަލަފްގެ އިންތިޒާރުގައި މިނެޓަކަށްފަހު މިނެޓެއް ގުނަމުން ދަނިކޮށް ފޯނަށް މެސެޖެއް އައެވެ.

" ސިޓިންގްރޫމުގަ މިއިނީ….ނުކުމެބަލަ!" އެއީ ޒަލަފްގެ މެސެޖެކެވެ.

ހިތްއަވަސްވެފައި ހުރެގެން ޝިޔާ ކޮޓަރިން ނުކުތެވެ. އޭރު ޒަލަފް އެކަނި ސޯފާގައި އިނެވެ. މަންމައާ ބައްޕަވީ ކޮޓަރީގައެވެ. ޝިޔާ ލަދުންހުރެ ގޮސް ޒަލަފްއާ ތަންކޮޅެއް ދުރުގައި އިށީނެވެ.

" ބިރުންތަ ތިއިނި؟…" ޝިޔާ އިންގޮތުން ހިނއައިސްފައި ޒަލަފް އެހިއެވެ.

" ނޫން…" ޝިޔާ މަޑުމަޑުން ބުނެލިއެވެ.

" އަހަރެންނާއެކީ ބޭރަށްދާން ކެރޭނެތަ؟….މިބުނީ ކާރުގަ ބުރެއްޖަހާލަން…." ޒަލަފް އެހިއެވެ.

" ލަހެއްނުވޭތަ؟…" ގަޑިޔަށް ބަލާލަމުން ޝިޔާއެހިއެވެ.

" ލަސްތަ؟…އަދި އެގާރައެއްނު އެޖެހީ….މައްސަލައެއްނެތް…ބޭރަށް ނުދަންޏާ މިތާ ކައިރިއަށް އާދެވިދާނެތަ؟…" ޝިޔާ ދުރުގައި އިނުމުން ޒަލަފް ބުނެލިއެވެ.

" މަންމަމެން އަދި ނުދިނާ….އެމީހުން ނުކުމެދާނެ…" އިސްޖަހައިގެން އިނދެ ޝިޔާ ޖަވާބުދިނެވެ. ޝިޔާ ޖެހިލުންވެފައި އިންވަރު ފެނިފައި ޒަލަފްގެ ގާތަށް ހިނިއައެވެ.

އެއީ މީގެކުރިން ޝިޔާގެ ކިބައިގައި ހުރި ސިފައެއްނޫނެވެ. އޭނާއަށް ފުރަތަމަ ޝިޔާ ފެނުނީވެސް ވަރަށް ކެރޭ ޖެހިލުންކުޑަ ކުއްޖެއްގެ ގޮތުގައެވެ. ޒީޝާން އޭނާއާ ބައްދަލުކުރަން ބޮޑުދައިތަގެޔަށް ދިޔަ ދުވަހު، ޒީޝާންގެ ބަދަލުގައި އޭނާއަށް ބަވާލީ ޝިޔާއެވެ. އެދުވަހު ރުޅިއައިސްގެން ޒަލަފްއާ ދިމާއަށް ޝިޔާ ބަވާލިގޮތުން އޭނާވެސް ޖެހިލުންވިއެވެ. ނަމަވެސް މިއަދު އޭނާގެ ކުރިމަތީގައި ލަދުން އިސްޖަހާލައިގެން އެއިނީ ހަމަ އެޝިޔާއެވެ. ހާލަތާއި ގުޅިގެން އިންސާނުންގެ މިޒާޖުވެސް ބަދަލުވާގޮތް ދެކިބަލާށެވެ.

" ވާހަކައެއް އަހާލަންތަ؟…" ހިމޭންކަން ދިގުލާދާން ފެށުމުން ޒަލަފް ވާހަކަދެއްކިއެވެ.

" ކީއްވެ އަހަރެންނާ އިންނަން އާނބަސްބުނީ ޝިޔާ ހަމަ ބޭނުންވެގެންތަ؟…" ޝިޔާ އިސްއުފުލާލުމުން، ޝިޔާއާ ހަތަރުކަޅިހަމަ ކޮށްލަމުން ޒަލަފް އެހިއެވެ.

" ހޫމް…" އިރުކޮޅަކު ހިމޭނުން އިނދެފައި ޝިޔާ ޖަވާބުދިނެވެ.

" އެހެންތަ؟ ތިހާ ދުރުގަ އިނީމަ އަހަރެން ހީކުރީ މަންމަމެން ބުނެގެންކަމަށް…." ހީލަމުން ޒަލަފް ބުނެލިއެވެ. ޒަލަފް ބުނި އެއްޗެއްގެ މާނަ ވިސްނުމުން ރަކިގޮތަކަށް ޝިޔާ ހީލިއެވެ.

" އަހަރެން ސުވާލެއްކުރަންތަ؟…" ޒަލަފްއަށް ބަލާލަމުން މަޑުމަޑުން ޝިޔާ ބުނެލިއެވެ.

" ހޫމް…އެންމެ ސުވާލެއްވެސް ނޫން….ބޭނުން ވަރަކަށް ސުވާލުކުރަންވީ…" ވަރަށް ފޯރިޔާއެކު ޒަލަފް ޖަވާބުދިނެވެ.

" ޕޯސްޓްމެދުވެރިކޮށް އަހަރެން ހަދިޔާ ފޮނުވާ މީހަކީ ޒަލަފްތަ؟…" ޝިޔާ އެސުވާލު ކުރުމާއެކު ޒަލަފްގެ މޫނުމަތީގައިވީ ލާނެއްކަން ވަގުތުން ފިލާދިޔައެވެ. އެފަދަ ސުވާލެއް ޝިޔާ ކޮށްފާނެކަމަށް އޭނާހުރީ ތައްޔާރުވެގެންނެއް ނޫނެވެ. އެހެންކަމުން އެސުވާލުގެ ޖަވާބުދޭން އޭނާ ފަސްޖެހުނެވެ.

" ތެދަށް ބުނެބަލަ! އަހަރެންނަށް ހަދިޔާ ފޮނުވާ އަދި އަހަރެންގެ އެކައުންޓަށް ރުފިޔާ ފޮނުވާމީހަކީ ތީތަ؟…" ޝިޔާ އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ.

" ހޫމް…" ކުށަކަށް އިއުތިރާފުވާ ފަދައިން އިސްޖަހާލަމުން ޒަލަފް ބުނެލިއެވެ.

" ކީއްވެ؟…ކީއްވެ އެހުރިހާކަމެއްކުރީ؟…ހަދިޔާއާ ރުފިޔާއަކުން އިންސާނެއްގެ ހިތާމައެއް ނުފިލާނެކަން ޒަލަފްއަށް ނޭނގޭތަ؟….އެއިން އެކައްޗެއްވެސް އަހަރެން ބޭނުމެއް ނުކުރަން….ޒަލަފްގެ އެކައުންޓް ނަމްބަރުދީ….އަހަރެން ބޭނުން އެހުރިހާ ރުފިޔާއެއް ޓްރާންސްފާރ ކުރަން…." ކުއްލިއަކަށް ޝިޔާ ބުނެލި އެއްޗަކުން ކަންބޮޑުވެފައި ޒަލަފްއަށް ބަލާލެވުނެވެ.

" ނޫން ޝިޔާ…އަހަރެން ޝިޔާއަށް އެއްޗެއްދިނީ ޝިޔާ ބުނެގެންނެއްނޫން…..އަހަރެން ބޭނުންވެގެން….ޕްލީޒް އެއީ މިހާރު ޝިޔާގެ އެއްޗެހި…އަހަރެން އަނބުރާ އެކައްޗެއްވެސް ބޭނުމެއްނޫން….އެހެންނޫނަސް ތިއީ މިހާރު އަހަރެންގެ ވާންއުޅޭ އަނބިމީހާ….އަހަރެންގެ ކޮންމެ އެއްޗަކީ ޝިޔާގެވެސް އެއްޗެއް….އެހަދިޔާތަކަކީ އަހަރެން ދޭހިތުން ދިން އެއްޗެއް…." އާދޭހުގެ ރާގެއްގައި ޒަލަފް ބުންޏެވެ.
" އެކަމުވެސް އަހަރެން އެއްވެސް ފައިސާއެއް ބޭނުމެއްނޫން….ޒަލަފް އަހަރެންގެ ހިތެއް ނުރުހޭ އެއްވެސް އެއްޗެއް ބޭނުން ކުރާކަށް…" ޝިޔާ އަނެއްކާވެސް އިންކާރު ކުރިއެވެ.

" ޕްލީޒް…އަހަރެންނަށްޓަކާ….އެއީ އަހަރެން ވަރަށް ލޯބިން ދިންތަކެކި….އަހަރެން ވަރަށް ދެރަވާނެ ތިހެން ހެދީމަ…" ޝިޔާގެ ގާތަށް ޖެހިލާފައި އަތުގައި ހިފާލަމުން އަސަރާއެކު ޒަލަފް ބުންޏެވެ.

" އެންމެ ރަނގަޅު….އަހަރެން ހަދިޔާތައް ބަހައްޓަފާނަން….އެކަމު ފައިސާ ބަހައްޓާކަށް އެއްގޮތަކަށްވެސް ހިތެއްނުރުހޭ….ޒަލަފް އެފައިސާ ބޭނުންކުރޭ….ޕްލީޒް…" ޝިޔާ އެދުނެވެ.

" ހަދިޔާތަކޭ އެއްފަދައިން ފައިސާއަކީވެސް ހަމަ ޝިޔާގެ އެއްޗެއް….ޝިޔާ ބޭނުންގޮތަކަށް އެޚަރަދުކުރޭ!….އެކަމު އަހަރެންނަށް އަނބުރާނުދީ…" ޒަލަފް އާދޭސްކުރިއެވެ.

" އެކަމު އަހަރެން ކިހިނެއް؟…" ޝިޔާއަށް އަހާލެވުނެވެ.

" ޝިޔާ މީހުނަށް ބަހާ ހުސްކުރިޔަސް އަހަރެންގެ މައްސަލައެއްނެތް….ޝިޔާ ބޭނުންގޮތަކަށް ކަންތައްކުރޭ…" އަވަސް އަވަހަށް ޒަލަފް ބުނެލިއެވެ.

" އެހެންވިއްޔާ ބޭނުންޖެހިފަ ތިބޭމީހުންނަށް އެހީވާނީ….ފައިސާގެ އެހީއަށް ބޭނުންވެފަ ތިބޭ ވަރަށްގިނަ މީހުން މިރާއްޖޭގަވެސް އުޅޭ….ޒަލަފްވެސް އެހުރިހާ ރުފިޔާ އަހަރެންގެ އެކައުންޓަށް ޖަމާނުކޮށް އެފަދަ މީހުންނަށް އެހީވިނަމަ…" ނަސޭހަތެއް ދޭފަދަގޮތަކަށް ޝިޔާ ބުނެލިއެވެ.

" މައްސަލައެއްނެތްތާ…..ދެންވެސް އެފަދަމީހުންނަށް ޚަރަދުކުރުމުގެ ފުރުސަތު އެބައޮތެއްނު….ޝިޔާދިނަސް އަހަރެންދިނަސް ވާނީ އެއްގޮތެއްނު….ޝިޔާބޭނުންމީހަކަށްދީ އިނގޭ!…އަހަރެންގެ އެއްވެސް މައްސަލައެއްނެތް….އެކަމު އަހަރެން ފޮނުވި ހަދިޔާތައް ބަހައްޓާތި….ޕްލީޒް…" ކުޑަކުއްޖަކު ފަދައިން މޫނަށް ގޮތެއް ހަދާލަމުން ޒަލަފް ބުނުމާއެކު ޝިޔާއަށް ހެވުނެވެ.

" އެންމެ ރަނގަޅު…" ހީލަމުން ޝިޔާ ޖަވާބުދިނެވެ.

" ދެން އަހަރެންނަށް ނެތްތަ ހަދިޔާ އެއްވެސް…" ޝިޔާއާ ގާތްވެލަމުން ލާނެއްގޮތަކަށް ޒަލަފް ބުނެލުމުން ޝިޔާ ދެލޯބޮޑުކޮށްލިއެވެ.
" އޯކޭ….ސޮރީ…" ޝިޔާ ބަލާލިގޮތުން، ޒަލަފް އޭނާގެ ދެކަންފަތު ފޫޅުގަނޑުގައި ހިފާފައި މާފަށް އެދުނެވެ. ޒަލަފް އުޅޭލެއް ލޯބިކަމުން ޝިޔާއަށް ނުހީއެއްވެސް ނީނދެވެއެވެ.

" މިހާރު ވަރަށް ލަސްވެއްޖެ….އޯކޭތަ އަހަރެން މިގޭގަ ނިދިޔަސް…." އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ޒަލަފް ބުނުމާއެކު، ޝިޔާ ބަލާލީ ކަންބޮޑުވެފައެވެ.

" ނޫން…އަދި އެގާރަގަޑި ބައިވީ….އަދި ބާރަ ނުޖަހަނީސް އެކޮޅަށް ދެވޭނެ…" ޝިޔާ އަވަހަށް ބުނެލިގޮތުން ޒަލަފްއަށް ހެވުނެވެ.

" އަހަރެން ކަމެއްކޮށްފާނެތީ ހާދަބިރެކޭ ތިގަންނަނީ….ހަމަ އެހާވެސް އިތުބާރެއް ނެތްތަ؟…" އަޑަށް ސީރިއަސްކަން ގެންނަމުން ޒަލަފް ބުނެލިގޮތުން ޝިޔާ ޖެހިލުންވީ ޒަލަފް ނުރުހުންވީ ކަމުގައި ހީކޮށްފައެވެ.

" ނޫން…އެކަމު މަންމަމެން ކީކޭ ހީކުރާނީ؟…" ޝިޔާ ބަހަނާއެއް ދައްކާލިއެވެ.

" މާނައަކީ ބިރެއްނުގަނެއޭދޯ…އެހެންވިއްޔާ ކިސްއެއްދީ….އޭރުން ގެޔަށްދާނީ…." ކުޑަކުއްޖަކު ހަދިޔާއަކަށް އެދޭފަދައިން ހިނިއައިސްފައި ޒަލަފް އެދުނެވެ.

" ދެން ދީބަލަ! ޕްލީޒް….އެހެންނޫނީ މާދަމާ އިރުއަރާންދެންވެސް މިތާ އިންނާނީ…" ޒަލަފް ބޮޑާހާކާލިއެވެ.

" ހާދަހާ ލާނެއް އިންސާނެކޭ…" ޝިޔާ ހިތާހިތާ ކިޔާލިއެވެ.

" ޝިޔާ ނުދެންޏާ….އަހަރެން ނަގަންތަ؟…" ޝިޔާއާ މޫނުކައިރިކޮށްލަމުން ޒަލަފް އަހާލިގޮތުން ޝިޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޒަލަފް އޭނާގެ ނޭވާއެޅޭ ހިސާބަށް މޫނުކައިރިކޮށްލުމުން ބޭއިޚްތިޔާރުގައި ޝިޔާއަށް ލޯމަރާލެވުނެވެ. ޒަލަފް ޝިޔާގެ މޫނުގައި ދެއަތުން ހިފާލަމުން ނިތްކުރީގައި ބޮސްދިނެވެ. އެވަގުތު ޝިޔާއަށް ބުނެނޭން ނޭނގޭފަދަ ހަމަޖެހުމެއް ލިބުނެވެ. ހިތުގައި އުފެދުނު ބިރުވެސް ފިލާދިޔައެވެ.

" ގުޑްނައިޓް" ޝިޔާ ލޯހުޅުވާލުމުން ހީލާފައި ޒަލަފް ބުނެލިއެވެ. ޒަލަފް ތެދުވެގެން ދޮރާދިމާއަށް ގޮސްފައިވެސް އެއްފަހަރު ޝިޔާއަށް ބަލާލަމުން ހީލިއެވެ. ޒަލަފްގެ ހީލުމުގައި ހުންނަ ދަމާބާރަކުން ޝިޔާގެ ހިތުގެ ތެޅުން ކޮންމެފަހަރަކުވެސް ހަލަބޮލި ކުރުވައެވެ. ޒަލަފް ދިއުމުން ދޮރުތަޅުލާފައި ޝިޔާ އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި އެނދުމައްޗަށް އުއްޑުން ވެއްޓިގަނެ ފުންނޭވާނެއް ދޫކޮށްލިއެވެ.

***** އެއްހަފްތާ ފަސް ****
މިއަދަކީ ޒަލަފްއާއި ޝިޔާގެ ކައިވެނި ކުރެވޭ ދުވަހެވެ. އިރުއެރީއްސުރެ ޝިޔާހުރީ ހިތްއަވަސްވެފައެވެ. އެމީހުންގެ ކައިވެންޏަށް ގޭތެރެ ޒީނަތްތެރި ކުރުމާއި ދެންވެސް ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެން އަވަދިނެތި އުޅެއެވެ. ޝިޔާގެ ކައިވެނީގައި ބައިވެރިވުމަށްޓަކައި ހަތަރު ދުވަސްކުރިން ޝާޔަންވަނީ ރަށަށް އައިސްފައެވެ. ނަމަވެސް ޝާރިމްއަށް އާދެވެނީ މިރެއެވެ.

ޝިޔާއާއި ޒަލަފްގެ ކައިވެނި ހަމަޖެހުނު ހިސާބުން ފެށިގެން ޒައިކްއާއި ޒަލަފްގެ ގުޅުންވެސްވަނީ ބަދަހިވެފައެވެ. މާޒީގައި ވީކަންތަކާމެދު ލަދުގަނެ ޒައިކްގެ ކިބައިން މާފަށް އެދުމުން ޒައިކްވަނީ ހިތުގެއަޑިން ޒަލަފްއަށް މާފުކޮށްފައެވެ. އެހެންކަމުން އެމީހުންގެ މެދުގައި އަނެއްކާވެސް ރަހުމަތްތެރިކަން އުފެދުނެވެ. ޒަލަފްގެ މަންމަވެސް ޒައިކް ފެނުމުން ނުހަނު އުފާވިއެވެ. ޒައިކްގެ ދައުވަތަށް ޒަލަފްގެ އާއިލާ ޒައިކްގެ ގެޔަށް ގޮސް މަންމަމެންނާވެސް އެކުވެރިކަން އުފެއްދިއެވެ. އެހެންކަމުން ދެއާއިލާގެ މެދުގައިވެސް މިހާރުވަނީ ނުހަނު ގާތް ގުޅުމެއް އުފެދިފައެވެ.
ނަމަވެސް އަދިވެސް ޒީޝާންގެ ކުރިމައްޗަށް އަރަން ޒަލަފް ޖެހިލުންވެއެވެ. ޚުދު ޒީޝާންވެސް ހުންނަނީ ލަދުންކަން އޭނާއަށް އެނގެއެވެ. އެކަކަށްވެސް އިސްވެ ވާހަކަދައްކާކަށް ނުކެރެއެވެ.

ކައިވެނީގެ ވަގުތު ކުޑަތަންވެގެން އައިއިރު، ޝިޔާ އޭނާގެ ކޮޓަރީގައި ދެކޮޅަށް ހިނގާލާ ހިނގާލާ ހުއްޓެވެ.

" ދެން ޝިޔާ….ކޮންކަމަކާތަ ތިހާ ހާސްވަނީ؟….އަލަކަށް ނޫނެއްނު…" ޝިޔާ އުޅޭގޮތުން ހިނިއައިސްފައި ހުރެގެން ޒީޝާން ބުނެލިއެވެ.

" އެކަމު އެނގޭތަ އަހަރެން އަލަށް ކައިވެނިކުރި ދުވަހަކަށްވުރެވެސް މިއަދު ބިރުގަނޭ…..ހުސެންނަކީ ކުރިއްސުރެ އަހަރެން ދަންނަމީހެއް….އެތައް ދުވަހަކު ރައްޓެހިވެގެން އުޅުނީމަ އިންނަންވީއިރު އެއްގޮތަކަށްވެސް ބިރެއްނުގަނޭ….އެކަމު މިއަދު ހަމަ ބިރުގަންނަނީ…." އެނދުގައި އިށީއްނަމުން ޝިޔާ ބުނެލިއެވެ.

" ހޫމް…އާމީހަކާ އިނދެވެން އުޅޭތީ ވާގޮތްތީ….މަ ހިތަށްއަރަނީ މިރޭ ކިހާވަރަކުން ދާނެބާއޭ…" ލާނެއް ކަމާއެކީ ޒީޝާން ބުނެލުމުން ޝިޔާ ފުންމައިގެން އެނދުން ތެދުވިއެވެ.

" ދެން ޒީގަނޑާ…..އަދިވެސް ބޮޑަށް މަބިރުގަންނުވަންތަ ތިއުޅެނީ؟…" ލޯއަޅާލަމުން ޝިޔާ ބުނެލިއެވެ.

" ކޮންކަމަކާތަ ތިހާ ބިރެއް ތިގަންނަނީ؟….ގައިމު ތީ އެހާ ފިނޑިމީހެއްނޫން އެއްއިރެއްގަވެސް…..ދެން ކީއްވެ ޒަލަފްއާ އިންނަން އުޅޭތީ ތިހާ ފިނޑިވެގެން ތިއުޅެނީ…." ސީރިއަސް ރާގެއްގައި ޒީޝާން އަހާލިއެވެ.

" ނޭނގެ ޒީ….ޒަލަފް ބަލާލިޔަސް އަހަންނާ ވާގޮތެއް ނުވެސް އެނގޭ…..މިރޭގެ މަތިން ހިތަށްއަރުވާލިޔަސް އަހަރެން ފިނިވޭ….ހުސެންއާ އިންއިރުވެސް އަހަރެންނަށް މިހެނެއްނުވޭ…..ގައިމު އޭރު ހަމަ އަލަށް އެކަހަލަ ގޮތަކަށް އުޅުނީވެސް….ޒަލަފްގެ ހުންނަނީ ވަރަށް ތަފާތުގޮތެއް…." ޝިޔާ އޭނާގެ އިހުސާސްތައް އެކުވެރިޔާއާ ހިއްސާކުރިއެވެ.

" ޒަލަފް މާބިރުވެރީ ދޯ؟….އަނެއްކާ ވެމްޕަޔާރ އެއްކަމަށް އެވާނީ…." ޒީޝާން ސަމާސާކޮށްލިއެވެ.

" ނޭނގެ ނޫންކަމެއްވެސް….ހަމަގައިމުވެސް އާދައިގެކަމެއްނޫން…." ޒީޝާންއާ އެއްބައިވެލަމުން ޝިޔާ ހޭންފެށިއެވެ.

ކައިވެނީގެ މަޖްލީހަށް ޝިޔާ ހާޒިރުވީއިރު ޒަލަފްއިނީ އޭނާގެ އިންތިޒާރުގައެވެ. އަދި އާއިލާއާއި ގާތްމީހުންގެ އިތުރުން ޒައިކްވެސް ހުއްޓެވެ. ޒަލަފްގެ ގާތުގައި ޝިޔާގެ އިށީނުމުން ޒަލަފް އޭނާގެ އަތުގައި ހިފާލިއެވެ. އެއަތެކޭ ފިނި ގަނޑުފެން ކޮޅެކޭ އެއްފަދައެވެ.

" ބިރުނުގަނޭ….އަހަރެން ކައެއްނުލާނަން…." ޝިޔާގެ އަތަށް ފިތާލަމުން ޝިޔާގެ ކަންފަތްދޮށުގައި ޒަލަފް ބުނެލިއެވެ. އެވަގުތު ޝިޔާއަށް ބަލާލެވުނީ ތަންކޮޅެއް ދުރުގައި އޭނާއަށް ބަލަންހުރި ޒީޝާންގެ މޫނަށެވެ. އެވަގުތު ޒީޝާންގެ ތުންފަތުގައި ލާނެއް ހިނިތުންވުމެއް ދުވެލިއެވެ.

ކައިވެނި އަގުދުކޮށް ނިމުމުން ވަށައިގެންތިބި އެންމެން އެދެމަފިރިންނަށް މަރުޚަބާޔާ ހެޔޮދުޢާކުރިއެވެ.

" މަރުޙަބާ ދެކުދިންނަށް….ބާއްޖަވެރި ކައިވެންޏަކަށް އެދެން…" ޒަލަފްއާ ސަލާމްކޮށްލަމުން ހިނިތުންވެފައި ޒައިކް ބުނެލިއެވެ.

" މަރުޙަބާ…" ޒީޝާން އުފަލުން ޝިޔާގެ ގައިގާ ބައްދާލަމުން ބުންޏެވެ.

" އަހަރެންނަކަށް މަރުޙަބާއެއް ނުކިޔާނަންތަ؟…" ޒީޝާން ހަމައެކަނި ޝިޔާއަށް މަރުޙަބާ ކިޔުމުން ޒަލަފް ސަމާސާކޮށްލިއެވެ.

" މަރުޙަބާ….ބާއްޖަވެރި ދިރިއުޅުމަކަށް އެދެން…." ރަކިވީނަމަވެސް ހިނިތުންވެލަމުން ޒީޝާން ބުނެލިއެވެ. މިއީ ވޭތުވެދިޔަ ދުވަސްތަކުގައި ޒީޝާން ޒަލަފްއާ މުޚާތަބުކޮށް އެއްޗެއް ބުނެލި ފުރަތަމަ ފަހަރެވެ. މީގެކުރިން ދެމީހުން ބައްދަލުވެއްޖެނަމަ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލަނީއެވެ.

" ވެލްކަމް ޓު އަވަރ ފެމިލީ….ދޮންބެދައްތާ…." ތާނީ ދުވެފައި އައިސް ޝިޔާގެ ގައިގާ ބައްދާލަމުން އުފަލާއެކު ބުނެލިއެވެ. ހަމައެއާއެކު ތާރާވެސް އައިސް ޝިޔާގެ ގައިގާ އޮޅުލައިގަތެވެ.

" ދެން އެފަކީރު ނޭވާލިޔަ ދީބަލަ!.." ޒާރާ އައިސް އެދެމީހުން ދުރުކުރަމުން ބުނެލިއެވެ.

" އަނެއްކާވެސް މަންމައަށް ލޯބި ލޯބި އަންހެން ދަރިޔަކު ލިބުނީ….މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅު ކަހަލަ ރަނގަޅު ކުއްޖަކު ޒަލަފްއަށް ލިބުނީމަ…." އުފަލުން ގޮސް ޒާހިރާގެ ލޮލުން ކަރުނައައެވެ. ކައިރީގައިހުރި ނާދިރާވެސްހުރީ އުފަލުން ރޮވިފައެވެ.

ކައިވެންޏާއި ގުޅިގެން މުޅިގެއަށްވަނީ އުފާވެރިކަމުގެ ބަހާރު މޫސުން އައިސްފައެވެ. އުފަލުން ހީހީފައި އެކަކު އަނެކަކާ ވާހަކަދައްކާ މަންޒަރުފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް އުފާވެރިކަން ގެނުވާނެކަން ގައިމެވެ.

" މިހާރު ބިރުފިލައިފިތަ؟….އަދި މިރޭ އެބައޮތް އިނގޭ!….ނިކަން ރަނގަޅަށް ތައްޔާރުވައްޗޭ!…." ޝިޔާ ކޮޓަރިއަށް ވަނުމުން އޭނާގެ ފަހަތުން ވަދެފައި ޒީޝާން ބުނެލިއެވެ.

" ވަރަށް ފޯރި އެބަހުރިދޯ…." ޝިޔާ ލަދުގަތުމުން އެކަން ފޮރުވަންވެގެން ޒީޝާންއަށް ލޯއަޅާލިއެވެ.

" ފޯރި އަރުވާނަމޭ….މަބުނީމެއްނު މަށަށްވެސް އަންނާނޭ ދުވަހެއް….މީމަގޭ ދުވަސް…." ފޮނިވެލާފައި ޒީޝާން ބުނެލިއެވެ.

" ކޮންކަހަލަ ހަނގުރާމައެއް ތިނިންމާލަނީ…." ކޮޓަރިތެރެއަށް ވަންނަމުން ޒީޝާންއާ މުޚާތަބުކޮށް ޒާރާ ބުނެލިއެވެ.

" އެއީ މިރޭގެ ވާހަކަ….އަހަރެން މިބުނީ ވަރަށް ރަނގަޅަށް ތައްޔާރުވާންވާނެއޭ…." ޖެހިލުމެއްނެތި ޒީޝާން ބުންޏެވެ.

" އާނ…ތެދެއް އެއީ…ސުހާގުރާތު ދޯ…" ޒީޝާންއާ އެއްބައިވެލަމުން ޒާރާވެސް ދިމާކޮށްލިއެވެ.

ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ޒާރާއާއި ޒީޝާންގެ މެދުގައިވެސްވަނީ އެކުވެރިކަން އުފެދިފައެވެ. އެހެންކަމުން ދެމީހުން ހީހީފައި ޝިޔާއާ ދިމާކުރަން ފެށިއެވެ. އަދި ޒާރާ އޭނާގެ ކައިވެނިކުރެވުނު ދުވަހު އޭނާ އުޅުނުކޮށް ކިޔައިދީފައި ހީހެދިއެވެ.

" އަހަރެން ހިތަށްއަރާ ފިރިހެންވެރީން ކުޑަކޮށްވެސް ބިރުނުގަންނާނެބާއޭ…" ވިސްނާލަމުން ޒާރާ ބުންޏެވެ.

" އެމީހުން ބިރުގަންނަން އޮންނާނީވެސް ކޮންކަމެއް…..އަލަށް ކައިވެނިކުރާއިރުވެސް އެމީހުންނަކީ ބިކުރުވެރިންތޯ ބަލާނެ ބަޔަކު ނޫޅޭނެ…އެކަމު އަންހެން ކުއްޖަކު އަލަށް ކައިވެނިކުރާއިރު އެއީ ބިކުރުވެރި ކުއްޖެއްތޯ އެންމެންވެސް ސުވާލު އުފައްދާނެ…" ސީރިއަސްވެލާފައި ޒީޝާން ޖަވާބުދިނުމުން ޝިޔާވެސް އެވާހަކަޔާ ގަޔާވާގޮތްވިއެވެ. ތިންކުދިން އެގޮތުގައި ވާހަކަދައްކަން ތިއްބައި ތާނީއާއި ތާރާ އައުމުން އަވަހަށް މައުލޫއު ބަދަލުކޮށްލިއެވެ.

" ލަޔާން އަދިވެސް ނާންނަނީތަ؟…" ޒާރާގެ ފިރިމީހާގެ ވާހަކައިން ޒީޝާން އެހިއެވެ.

" ނޫނޭ….ހަމަދެންމެ އައީ…ރާއިފުބޭބެއާއެކީގަ މިކޮޅަށް އަންނާނެ އިރުކޮޅަކަކުން…." ޒާރާ ޖަވާބުދިނެވެ.

ނުނިމޭ