Last Updated: April 26, 20:24
Friday, April 26, 2024
މުނިފޫހިފިލުވުން

މިއީހޭ ލޯތްބަކީ؟ ( ފަހުބައި)

ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ ޒަލަފްގެ ރެސްޓޯރެންޓްގައެވެ. ރެސްޓޯރެންޓްވަނީ މިރެޔަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އެންމެންވެސް ނަލަހެދިގެން ގަޑިޔަށް ދެވޭތޯ ހަރަކާތްތައް އަވަސްކުރަން ފެށިއެވެ. ޝިޔާއާއި ޒަލަފް ތައްޔާރުވެގެން ގޮސް އެމީހުންނަށް ޚާއްސަކުރެވިފައިވާ މަޤާމުގައި ތިބިއިރު ޝިޔާގެ މަންމައާއި ބައްޕަގެ އިތުރުން އެންމެހަގު ދެކޮއްކޮ ޞާދުއާއި ފަހުދުވެސް އެމީހުންގެ ގާތުގައި ތިއްބެވެ. ޒަލަފްގެ މަންމަ ހުރިނަމަވެސް ކޮއްކޮމެންގެ ޚަބަރެއް އަދި ނުވެއެވެ. ހަފްލާގެ ކަންކަމުގައި އިސްވެ އުޅެނީ ރާފިއުއާއި ޒައިކް އަދި ޝާޔަންއެވެ.

" މަންމާ ޝާރިމް އަދިވެސް ނާދޭތަ؟…" އިރުއޮއްސުނުއިރުވެސް ޝާރިމް ނާންނަކަން އެނގޭތީ ޝިޔާ ސުވާލުކުރިއެވެ.
" ނޫން…ހަމަދެންމެ ޝާޔަންއަށް ގުޅި ބަލާއަންނާށޭ ކިޔާފަ….ފެންވަރައިގެން އިރުކޮޅަކުން އަންނާނެހެން ހީވަނީ…." ނާދިރާ ޖަވާބުދިނެވެ.

" މަންމާ ޒާރާމެން އަދިވެސް ނާންނަނީތަ؟…" ޒާރާމެން ފެންނަން ނެތުމުން ޒަލަފްވެސް އެހިއެވެ.

" އަދިވެސް ތައްޔާރުވަނީ….އިރުއޮއްސުނީއްސުރެ ތައްރާޔުވަނީ….އަދިވެސް ނުނިމޭ….ލަޔާން ހަމަދެންމެ އެމީހުން ބަލާ ކާރުގަ އެދިޔައީ…ލަޔާން ގޮސް އިނދެ އިނދެ ނިދިއަންނައިރުވެސް ނޭނގެ އެމީހުން ނުކުންނާނެކަމެއް" ހިނިއައިސްފައިހުރެ ޒާހިރާ ބުނުމުން ނާދިރާއާއި ޒުނޭރުގެ ގާތަށްވެސް ހިނިއައެވެ.
****
ގެޔަށް އާދެވުމާއެކު ޝާރިމް އަވަސްވެގަތީ ކޮޓަރިއަށް ގޮސް ފެންވަރާލުމަށެވެ. އެހެންކަމުން އޭނާ އަލަމާރިން ގަމީހެއް ނަގާފައި އިސްތިރިކުރަން ކަމަށް އުޅުނެވެ.

" މަންމަހުރީ އިސްތިރިކޮށްފަ…..ހުންނާނެ އަލަމާރީގަ އަވަސްކޮށްގެން އާދޭ….އަހަރެން މަޑުކޮށްލާނަން ބޭރުގަ…." ޝާޔަން އެހެން ބުނެލަމުން ބޭރަށް ނުކުތެވެ.

ޝިޔާގެ ކޮޓަރި ތެރޭގައި ތާނީއާއި ތާރާ ތައްޔާރުވަމުން ދިޔައިރު، ޒާރާ އިނީ އެމީހުން ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ.
" ތާނީ…ޕްލީޒް އަވަސްކޮށްބަލަ! މިހާރު ހުރިހާ އެންމެން ހިނގައްޖެ….މިހާރު ދޮންތަބޭވެސް ކިހާއިރެއް ކާރުގަ އިންނަތާ…." އަޑަށްބާރުލަމުން ޒާރާ ބުނެލިއެވެ.

" މިނިމެނީއޭ ދޮންތާ؟…ދެން ދޮންތަދޭބަލަ ދޮންތަބޭ ކައިރިއަށް" ތާނީ ތުންއޫކޮށްލިއެވެ. ޒާރާ ދެފަރާތަކަށް ބޯހޫރާލަމުން ކޮޓަރިން ނުކުތީ ލަޔާން ގުޅުމުންނެވެ.

ޝާރިމް ފެންވަރައި ތައްޔާރުވެގެން ކޮޓަރިން ނުކުތްގޮތަށް، އޭނާ ފޯނާ ކުޅެމުން ގޮސް ކާކޮޓަރިއަށް ވަތްއިރު، އިތުރު ބަޔަކު ގޭތެރޭގައި އުޅޭކަމެއް އޭނާއަކަށް ރޭކާ ނުލައެވެ. އޭނާ އެހުރިގޮތަށް ފޯނަށް ބަލަންހުރެ އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން ބޯންފެށިއެވެ.

" ފެންފުޅިއެއް ލިބިދާނެތަ؟." ޝާރިމް ފެންބޯން ހުއްޓައި އަންހެން ކުއްޖެއްގެ އަޑުއިވިފައި އެނބުރި ބަލާލިއިރު، ނުހަނު ރީތި އަންހެން ކުއްޖަކު ހިނިތުންވެލައިގެން ހުއްޓެވެ. އެއީ މީގެކުރިން އޭނާ ދުވަހަކުވެސް ދުށް ކުއްޖެއްނޫނެވެ. އެއީ ރަށުކުއްޖެއް ނޫންކަންވެސް ވަގުތުން އޭނާއަށް އެނގުނެވެ. ނަމަވެސް ކުއްލިއަކަށް މިގޭތެރެއިން މިހާ ރީތި ކުއްޖަކު ފެނުނީތީ އޭނާހުރީ ހައިރާންވެފައެވެ.

" ފެންފުޅިއެއް ލިބިދާނެތަ؟…" ތާރާ އަނެއްކާވެސް ބުނެލިއެވެ. ނުވެސްދަންނަ އަންހެން ކުއްޖަކު އެހާގާތްކޮށް ވާހަކަދެއްކީމަ ހައިރާންވެ ހުރެގެން ޝާރިމް އޭނާގެ އަތުގައި އޮތް ފެންފުޅި ދިއްކޮށްލިއެވެ.

" ތޭންކްސް" ހިނިތުންވުމަކާއެކު ފެންފުޅީގައި ހިފަމުން ތާރާ ބުނެލިއެވެ. ޖަވާބުގައި ޝާރިމްވެސް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ތާރާއާ ދިމާބަލަމުން ކާކޮޓަރިން ނުކުތުމަށް ދިޔަ ޝާރިމް ސިހުނީ ކުއްލިއަކަށް މީހަކު ދޮރުމައްޗަށް އެރުމުންނެވެ.

" ސޮރީ…" ޝާރިމް ސިހުމުން ތާނީއަށް މަޑުމަޑުން ބުނެވުނެވެ. ތާނީފެނިފައި ހައިރާންވިވަރުން ޝާރިމްގެ އަނގައިން ބަހެއްވެސް ނުނުކުތެވެ. އޭނާ ފަސް އެނބުރި އެއްފަހަރު ތާރާއަށް އަނެއްފަހަރު ތާނީއަށް ބަލާލީ ބިރެއްފެނިގެން ބަލާފަދައިންނެވެ. އެއްސިފައިގައި ހުރި ދެކުދިން އެއްފަހަރާ ފެނުމުން އޭނާ ރަނގަޅަށްވެސް ބިރުގެންފިއެވެ. އެވަގުތު ތާނީގެ ގާތަށް ނުލަފާ ހިންޏެއްއައެވެ. އަދި ޝާރިމް ބިރުގަންނަވާލަން އޭނާ ގަސްތުކުރިއެވެ. އެހެންކަމުން ބިރުވެރި އަޑަކުން ތާނީ ހޭންފެށުމާއެކީ ފެންބޯންހުރި ތާރާ ކޮށިނޭރީވެސް ކިރިޔާއެވެ. އަދި ހަމަ އެސިކުންތު ކާކޮޓަރީގެ ބޮކިވެސް ނިވިދިއްލެން ފެށުމުން ޝާރިމް ގަތީ އަމަށަކު ބިރެއްނޫނެވެ. އެތަނުގެ ބޮކި އަނދަން ފަށާފައިހުރިކަމެއް ޝާރިމްއަކަށް ނޭނގެއެވެ. ޝާރިމް ގަތްބިރުން އަޅާއިތިކޮށް ދުއްވައިގަތީ ގެއިން ނުކުތުމަށެވެ. ސިޓިންރޫމު ސޯފާގައި އިން ޒާރާވެސް އޭނާއަށް ނުފެންނަ ކަހަލައެވެ. އެމަންޒަރު ފެނުމާއެކީ ތާނީއާއި ތާރާ ބިނދި ބިނދިފައި ހޭންފެށިއެވެ.

" މިހާރު ކަލޭމެން ކޮންސަކަރާތެއް ތިޖަހަނީ؟…" ކާކޮޓަރިއަށް ވަންނަމުން ޒާރާ އެހިއެވެ. އޭރުވެސް ތާރާއާއި ތާނީ ތިބީ ހިންޏާ ބިނދިފައެވެ.

" ކިހިނެއްތަ ވެގެން ތިއުޅެނީ؟….ކޮންކަމަކާތަ މާވަރަކަށް ތިހެނީ؟….މިހާރު އެއޮއް މިގޭ އެންމެންވެސް ދިޔައީއޭ….އަދިވެސް ސަރަކާތްޖަހަންވީތަ؟…" ކުޑަކޮށް ނުރުހިފައި ޒާރާ ބުންޏެވެ.

ތާނީއާއި ތާރާއަށް ޖަވާބުދެވޭވަރުވީވެސް ޒާރާ އެތައްފަހަރަކު ސުވާލުކުރިފަހުންނެވެ. ޝާރިމްއަށް ވީގޮތް އެނގުމުން ޒާރާއަށްވެސް ހެވުނެވެ.

"ކިހިނެއްތަވީ؟…." ޝާރިމް ހަލުވިކަމާއެކު ނުކުމެ ސައިކަލަށް އެރިގޮތުން ހައިރާންވެފައި ޝާޔަން އެހިއެވެ.

" އަވަހަށް ހިނގާބަލަ!" ހިތް އަވަސްވެފައި ޝާރިމް ބުނެލިއެވެ. ޝާޔަން ހައިރާންވެ އިނދެ ސައިކަލު ދުއްވާލުމުން ޝާރިމް އެނބުރި ފަހަތް ބަލާލީ ފަހަތުންވެސް އެދެކުދިން އަތުވެދާނޭ ހީވެ ބިރުންނެވެ.

ތިންމީހުން ހެމުން ބޭރަށް ނުކުތްއިރު، އެމީހުން ލަސްވެގެން އަނެއްކާވެސް ލަޔާން ގުޅަނީއެވެ.

" މިދަނީއޭ…މިމީހުން ގޮވައިގެން އުޅެންޏާ އަވަހެއްނުވާނެ…" ފޯނުނަގާފައި ޒާރާ ބުނެލިއެވެ. ތިންކުދިން ހެމުން ހެމުން ކާރަށް އެރުމާއެކު ލަޔާން ކާރު ދުއްވާލިއެވެ.

ހަފްލާ ފެށިއްޖެއެވެ. މެހެމާނުން ބައިބަޔަށް އަންނަމުން ދިޔައެވެ. ކޮންމެ މީހަކުވެސް އުފަލުން ހެވިފައި ތިބެ ޝިޔާއާއި ޒަލަފްއަށް މަރުޙަބާ ކިޔަމުން ދިޔައެވެ. ޒީޝާންއާއި އޭނާގެ މަންމައާއެކު ޒީކްއާއި ޒިވިޔަން ގޮވައިގެން އައިސްވަނީ ތަންކޮޅެއްފަހުންނެވެ.

" ސޮރީ….ތަންކޮޅެއް ލަހުން މިއާދެވުނީ….ޒިވީ ނިދާފަ އޮއްވާ ހޭލައްވާލީމަ ރޯވަރުން ލަސްވީ…." ޒީޝާން މާފަށް އެދުނެވެ.

" އަޅެ އެހެން ހަދާކަށް ނުވާންނު ދޯ ބޭބީ….މިހާރުވެސް އެއިނީ ނިދި ނުފިލާ…." ޒިވިޔަންގެ ކޮލުގައި ކޮއްޓާލަމުން ލޯތްބާއެކު ޝިޔާ ބުންޏެވެ.

" އިރުކޮޅަކުން ހަމައަކަށް އެޅޭނެ…." ހަމަޖެހިލާފައި ޒީޝާން ބުނެލިއެވެ.

ޒީޝާން ފެނުމުން ޒައިކް އެމީހުން ގޮވައިގެން ގޮސް މޭޒެއްގެ ކައިރީގައި ބޭތިއްބިއެވެ.

" ޒިވީ ހީވަނީ ޒީޝާންހެންދޯ…" ޒީޝާންމެން ދިއުމުން ޒަލަފް އެހިއެވެ.

" ހޫމް…ޒަލަފްވެސް ހީވަނީ ޒަލަފްގެ މަންމަހެން…" ޒަލަފްއަށް ބަލާލަމުން ޝިޔާ ބުނެލިއެވެ.

" ހޫމް….ކުޑައިރު ވަރަށް ޝަކުވާކުރަން އަހަރެން ހުންނަލެއް ދޮންކަމުން ކުދިން މަލާމަތްކުރާތީ….މޫދަށް އެރިގެން ކިތަންމެ އިރަކު އުޅުނަސް އެހެންކުދިންހެން ކަޅެއްވެސް ނުވާނެ….ފިރިހެންކުދިން ވަރަށް ދިމާކުރާނެ ހީވަނީ އަންހެން ކުއްޖެއްހެންނޭ ކިޔައިގެން….އަހަރެންގެ ލޮލަކީވެސް އަންހެން ލޮލެކޭ ބުނާނެ….އޭރު ވަރަށްދެރަވޭ….މަންމަގާތު ޝަކުވާކުރީމަ މަންމަ ބުނަނީ….އަދި ބަލަން ހުންނާށޭ ދަރިފުޅު ބޮޑުވީމަ ރީތިވެގެން އެންމެންވެސް އުޅޭނޭ….ތިއީ ރީތިކުދިން ހުންނަގޮތޭ…." ހީލަމުން ޒަލަފް އޭނާގެ ކުޑައިރުވެސް ވާހަކަ ކިޔައިދިނެވެ. އޭރު ޝިޔާއިނީ ކަޅިޖަހާނުލައި ޒަލަފްގެ މޫނަށް ބަލާލެވެ. ތެދެކެވެ. ޒަލަފް ދޮނެވެ. ނަމަވެސް ފިރިހެން ވަންތައެވެ. އެދެލޯވެސް ނުހަނު ރީތިވެފައި ދަމާބާރެއް އެކުލެވެއެވެ.

" އަސްލުވެސް ޒަލަފްއާ ބަލާފަ އަހަރެން ހާދަކަޅޭ…." ޒަލަފްގެ އަތުގައި އަތްޖައްސާލަމުން ދެރަވެލާފައި ޝިޔާ ބުނެލިއެވެ.
" ހާސްނުވޭ….އަހަރެންގެ ގައިގަހުރި ހުރިހާ ދޮންކޮޅެއް މިރޭ ދޭނަން އިނގޭ! އޭރުން އިސާހިތަކު ދޮންވެދާނެ…" އެއްލޯމަރާލަމުން ޒަލަފް ބުނެލި އެތިން ޝިޔާ ލަދުގަތެވެ.
****
ހަފްލާގެ ތެރެއިންވެސް ތާނީއާއި ތާރާ ފެނިގެން ޝާރިމް ބިރުގަންނަގޮތްވިއެވެ.

" ޝާޔަން…އެތަނުން އެއްސިފައިގަ ތިބި ދެކުދިން ފެނޭތަ؟…" ތަންކޮޅެއް ދުރުގައިހުރި މޭޒެއްގެ ކައިރީގައި ތިބި ތާރާމެންނަށް އިޝާރާތްކޮށްފައި ޝާރިމް އެހިއެވެ.

" އާނ…ޓްވިންސް އެއްނު އެއީ….ޒަލަފްބޭބެގެ ކޮއްކޮމެން އެއީ…" ޝާޔަން އޮޅުން ފިލުވައިދިނެވެ.

" އޯހ…އެހެންދޯ މިވީ…" ހަޤީޤަތް އެނގުމުން ޝާރިމް ބުނެލިއެވެ.

" ކިހިނެއްތަވީ؟…" ހައިރާންވެފައި ޝާޔަން އެހުމުން ހިނިއައިސްފައި ކަންތައްވީގޮތް ޝާރިމް ކިޔައިދިނުމުން ޝާޔަންއަށްވެސް ހެވުނެވެ.

" ވަރަށް ލާނެތް ދެކުދިން އެއީ….އަބަދުވެސް ތިބޭނީ ހޭނެ ކަމެއްނުފެނިފަ….އެންމެނަށްވެސް އެހާ ގޯނާކުރާނެ…." ޝާޔަން އޮޅުން ފިލުވައިދިނެވެ.

" އަދި އަހަރެން ކަހަލަ މީހަކާ ނުޖެހެނީ…" ބޮޑުވެލާފައި ޝާރިމް ބުނެލިއެވެ.

ޝާރިމްއަށް ހަޤީޤަތް އެނގުނު ހިސާބުން ތާނީއާއި ތާރާއަށް ގޯނާކޮށްލަން އޭނާ ބޭނުންވިއެވެ. އެހެންކަމުން އޭނާހުރީ ދަނޑިވަޅަކަށް ބަލަބަލައެވެ. އެހެންހުއްޓާ ތާރާ ފެންތައްޓެއް ބޭނުންވެގެން ޒާރާގާތު ބުނުމުން ޒާރާ ފެންތައްޓެއް ބަލާއައެވެ. ދަނޑިވަޅު ބަލާފައި އޭނާ ފެންތައްޓަކަށް ލޮނުއަޅާފައި ގެންގޮސް ޒާރާގެ އަތަށްދިނެވެ. ޒާރާ ގޮސް ފެންތަށިދިނުމުން، ތާރާ ވިސްނާލުމެއްނެތި ބޯލުމަށްފަހު އޯކާދެމިގަތެވެ.

" އައްޗީޑި! ދޮންތާ ލޮނުފެންތަ ތިގެނައީ؟…" އަނގަޔަށް ގޮތެއް ހަދާލަމުން ތާރާ ބުނެލިއެވެ.

" ނޭނގޭ….އެހެރަ ކުއްޖާ ދިން އެއްޗެއް.." ޝާރިމްއަށް އިޝާރާތްކުރަމުން ޒާރާ ބުނެލިއެވެ. އޭރު ޝާރިމް ހިނިއައިސްފައި ގޮސް އޭނާކުރިންވެސް އިން މޭޒުދޮށުގައި އިށީއްނަނީއެވެ.

" އެއީ އޭ ބިރުން ދުވި ކުއްޖާ….އޭނަ ބިރުގަންނުވާލީމަ އޭގެ ބަދަލުހިފީ ކަންނޭނގެ…." ވިސްނާލަމުން ތާނީ ބުންޏެވެ.

" ހުރޭ ލަނޑެއްދޭނަން…" ދަތްކުނޑި ވިކާލަމުން ތާރާ ތެދުވެ ޝާރިމް މެން ތިބި މޭޒާދިމާއަށް ހިނގައިގަތެވެ. އޭނާ ދަމުން ދަމުން ކައިރީގައިހުރި މޭޒެއްމަތިން ކޯކްތައްޓެއްނެގިއެވެ.

" ޔާރައްބީ…ކީއްކުރާނަމޭ ހިތާބާ އެއުޅެނީ…" ޒާރާއަށް އެމަންޒަރު ފެނިފައި ބުނެލެވުނެވެ.

" ދޮންތަ މަޑުން އިނދެބަލަ!" ތާރާ ހުއްޓުވާނަމޭ ހިތައި ޒާރާ ތެދުވުމުން ތާނީ އޭނާގެ އަތުގައި ހިފާފައި މަޑުކުރުވިއެވެ.

" ޝާރިމް…އެބައާދޭ އެތަނުން އެކަކު….ހީވަނީ ތާރާހެން…" ފުރަގަސްދީގެން އިން ޝާރިމްއަށް ތާރާ އަންނަކަން ޝާޔަން އަންގާލިއެވެ. ނަމަވެސް އޭނާ އެނގޭކަމަށްވެސް ހަދާނުލައި އެއިންގޮތަށް އިނެވެ. ތާރާ ދިޔަގޮތަށް ގޮސް ޝާރިމްގެ ގާތަށް ހުއްޓި، ޝާރިމްގެ ހުދު ގަމީހަށް ކޯކްތަށި އޮއްސާލިއެވެ. އެއާއެކު ޝާރިމް ސިހިފައި ތެދުވިއެވެ.

" އޫޕްސް…ސޮރީ…" ޝާރިމްއާދިމާ ބަލާލަފައި މައުސޫމު ގޮތަކަށް ތާރާބުނެލިއެވެ. އެމަންޒަރު ބަލަންއިން ޝާޔަންގެ ގާތަށް ނުލަފާ ހިންޏެއް އައިއިރު ޝާރިމްގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ. ޝާރިމްގެ ހުދުހުދު ގަމީސް ހަޑިވެގެން ދިއުމުން ހަޤީޤަތުގައިވެސް އޭނާގެ ގާތަށް ރުޅިއައެވެ.

" ސޮރީ…ގަސްތުގައެއްނޫން…" ރުޅިއައިސްފައި ޝާރިމް ބަލާލިގޮތުން މަޖާވިނަމަވެސް މޮޅިވެރިކަން އަޑަށްގެންނަމުން ތާރާ ބުނެލިއެވެ. އެވަގުތު ޝާޔަން ބާރަކަށް ހެވުނެވެ. ނަމަވެސް ޝާރިމް ބަލާލުމުން އަވަސް އަވަހަށް ހިނގަނޑު ހިންދާލިއެވެ.

" އިޓްސް އޯކޭ…" ރުޅިގަނޑު އެތެރެއަށް ހިންދާލަމުން ހިނިތުންވެފައި ޝާރިމް ބުނެލިއެވެ. ތާރާ އިތުރަށް މަޑުކުރުމެއްނެތި ހެމުން ހެމުން އޭނާ ކުރިންވެސް އިން މޭޒުދޮށަށް ދިޔައެވެ.

" ކޮބާ ހީވޭ…ތިހީކުރާކަހަލަ އާދައިގެ ކުދިބަޔެއްނޫން އެއީކީ…ދެންވެސް ވިސްނައިގެން އުޅޭ" ތާރާ ދިއުމުން ޝާޔަން ބުނެލިއެވެ.
" އަދި މިވަރުން ދުލެއް ނުކުރާނަން…" ދެރަނުވާންވެގެން ޝާރިމް ބުނެލިއެވެ.
****
ވަގުތު ފާއިތުވަމުން ގޮސް ހަފްލާ ނިމޭ ވަގުތުވެސް ޖެހިއްޖެއެވެ. މެހެމާނުންތައް މަދުވަމުން ގޮސް ހަމައެކަނި އާއިލާއާއި ގާތްއެކުވެރިންނަށް ވެއްޖެއެވެ. ޝާރިމްއިނީ ތާރާ އެކަނިވާނެ ދަނޑިވަޅަކަށް ބަލަބަލައެވެ. އެހެން އިންދައި ޒާރާއަށް ލަޔާން ގޮވާލުމުން އޭނާ ދިޔައެވެ. އަދި ތާނީވެސް ކޮންމެވެސް ބޭނުމަކު މޭޒުކައިރިން ދުރަށް ގޮސް ތާރާ އެކަނި ވެއްޖެއެވެ. ޝާރިމް ކުއްލިއަކަށް ތެދުވެގެން ގޮސް ތާރާގެ ގާތަށް ހުއްޓުނެވެ. އޭރު މުޅިހިސާބުގަވެސް އެދެމީހުން ފިޔަވައި އިތުރުމީހަކު ނެތެވެ. ޝާޔަންވެސް ފެންނާކަށްނެތެވެ. ހީވާގޮތުން އެންމެންވެސް ފޮޓޯނެގުމަށް ތައްޔާރުވަނީއެވެ. ކުއްލިއަކަށް ޝާރިމް ތާރާގެ އަތުގައި ހިފާނެގިއެވެ.

" ކިހިނެއްވެގެން ތިއުޅެނީ…ދޫކޮށްލާ!…" ވަށައިގެން ހޯދާލަމުން ބިރުގެންފައި ތާރާ ބުންޏެވެ. ޝާރިމް ޖަވާބެއްވެސް ނުދީ ތާރާގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ރެސްޓޯރެންޓްގެ ބަދިގެޔާވީ ފަރާތަށް ދިޔައެވެ. ޝާރިމް ކޮބައިތޯ ބަލާލަން އައި ޝާޔަންއަށް ތާރާގެ އަތުގައި ހިފައިގެން ޝާރިމް ދާމަންޒަރު ފެނިފައި ކަންބޮޑުވިއެވެ. ނަމަވެސް އޭނާ ޝާރިމް ހުއްޓުވުމުގެކުރިން ރާފިއު ގޮވާލިއަޑަށް އޭނާދިޔައެވެ.

" ކޮންތާކަށް ތިދަނީ؟…ދޫކޮށްލާ!.." ކަންބޮޑުވެފައި ތާރާ ބުނެލިއެވެ.

ޝާރިމް ތާރާ ގޮވައިގެން ބިއްދޮށު ފަރާތުން ގޮސް ރެސްޓޯރެންޓުން ނުކުތެވެ. އެއީ ފުދޭވަރަކަށް އަނދިރި ގޯޅިއެކެވެ. ތާރާ ނުދާން ގަދަ ހަދަ ހަދާ ހުއްޓައި ދަމަމުން ކަހަލަގޮތަކަށް ގޮސް މައިމަގަށް ނުކުތެވެ. އޭރުވެސް މަދު މަދުން މީހުން މަގުމަތީގައި ހޭލަމޭލަ ވަމުންދެއެވެ. ޝާރިމް ހުއްޓުމެއްނެތި އެދިޔަ ގޮތަކަށް ގޮސް މަޑުކޮށްލީ އޭނާގެ ސައިކަލު ކައިރިއަށެވެ.

" އަރާ ސައިކަށް…" ތާރާގެ އަތުގައި ހިފައިގެންހުރެ ސައިކަލަށް އަރާއިށީއްނަމުން ޝާރިމް އަމުރުކޮށްލިއެވެ.
" ނޫން…ނާރާނަން" ތާރާ ޝާރިމް އަތްފޮޅުވާލާފައި ދުއްވައިގަންނަން އުޅުނެވެ. އެވަގުތު ޝާރިމް ތާރާގެ އަތުގައި ހިފައި ލަތްކެއް ޖަހާފައި ގެނެސް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ. ގޮތްނޭނގޭ ބީރައްޓެހި ޒުވާނެއްގެ އަތްދަށުވުމުން ތާރާ ބިރުގަންނަ ގޮތްވިއެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަންނަން ބޭނުންވި ނަމަވެސް ހަޅޭއްލަވައި ގަންނާކަށްވެސް ނުކެރުނެވެ. ނަމަވެސް ޝާރިމް ބުނާގޮތެއް ހަދާކަށްވެސް އޭނާ ބޭނުމެއްނުވިއެވެ. އެހެންކަމުން ކުއްލިއަކަށް ތާރާ ޝާރިމްގެ އަތުގައި ދަތްއެޅިއެވެ.

ޝާރިމް ސިހިފައި ކުޑަކޮށް އަތްދޫކޮށްލެވުނު ވަގުތު ތާރާ ތެޅިގެންފައި ޝާރިމްގެ އަތްދަށުން ދެމިގަންނަން މަސައްކަތްކުރިއެވެ.

" ދަތްއަޅާފައި އަތްކާލިޔަސް މިރޭ ދުލެއްނުކުރާނަން…އެކަމު ދެން ދަތްއަޅައިފިއްޔާ އަހަރެންވެސް ދަތްއަޅާނަން ތި ތުންފަތުގަ…" ކުރިޔަށްވުރެބާރަށް ތާރާގެ ހަށިގަނޑު ޝާރިމްގެ ގަޔާލާ ފިއްތާލަމުން ތާރާގެ ކަންފަތްދޮށުގައި ވައިއަޑުން ބުނެލިއެވެ. އެވަގުތު ތާރާގެ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައެވެ. ބިރުންގޮސް ނޭވާވެސް އަރުތެރޭގައި ތާށިވިހެން ހީވިއެވެ. މީހުންނާ ކިތަންމެ ގިނައިން ސަމާސާކޮށް ގޯނާކޮށް ހެދިނަމަވެސް އޭނާއަކީ އެފަދަގޮތަކަށް ދުވަހަކުވެސް ފިރިހެނަކާ ގައިގޯޅިވި ކުއްޖެއްނޫނެވެ. އެހެންކަމުން ގަތްބިރުން އޭނާގެ ކަކުލުހުޅުންވެސް އެވަގުތު ވާގިދޫވިހެން ހީވިއެވެ.

" ސައިކްއަށް އަރާނީތަ ނޫނީ މިހެންދާ އެންމެނަށް ފެންނާންދެން މިހެން ހުންނާނީތަ؟…" އިންޒާރެއްދޭފަދަ ގޮތަކަށް ޝާރިމް ބުނެލުމުން، ތާރާ ބިރުން އަވަހަށް ސައިކަލަށް އަރަން އެއްބަސްވިއެވެ. ތާރާ އެރުމާއެކު ޝާރިމް އެންމެބާރު ދުވެލީގައި ސައިކަލު ދުއްވާލިއެވެ. ގިނައިރުތަކެއްނުވެ އެމީހުންތިބީ ޝާރިމްމެންގެ ގޭގެދޮރުމަތީގައެވެ.

" ކީއްކުރަން ގެޔަށް ތިއައީ؟.." ބިރުންހުރެވެސް ތާރާ އެހިއެވެ. ޝާރިމް ތާރާގެ އަތުގައި ހިފައިގެން ގެޔަށްވަދެ ދޮރުލެއްޕުމަށްފަހު އޭނާ ލައިގެންހުރި ގަމީސް ބޭލުމުން ތާރާގެ ދެލޯބޮޑުވިއެވެ. ޝާރިމް ކުރަންއުޅޭކަމެއްނޭނގި ބިރުންގޮސް އަތްފައި ފިނިވިއެވެ. އޭރު އޭނާއަށްހުރީ ރޮވެން ގާތްވެފައެވެ.

" ޕްލީޒް…ޕްލީޒް…އަހަރެން ދިޔަދީ…" ރޮވިފައިވި އަޑަކުން ތާރާ ބުނުމުން ޝާރިމްގެ ހިތުގައި އެކުއްޖާއަށް ހަމްދަރުދީވެސް އުފެދުނެވެ. ނަމަވެސް އެކަން ނުދައްކާ ޝާރިމް ތާރާއާ ގާތަށް ޖެހިލިއެވެ.

" ގަމީސް ހަޑިކޮށްލީމަ ގަމީސް ދޮންނަން މިގެނައީ…ވަރަށް އަވަހަށް ދޮވެފަ އިސްތިރިކުރޭ!…އެހެންނޫނީ ނަތީޖާ މާ ރަނގަޅެއްނުވާނެ…." ތާރާއާ ދިމާއަށް ގަމީސް އެއްލަމުން ޝާރިމް އިންޒާރެއް ދިނެވެ. ތާރާ އަވަހަށް ދޮންނަމެޝިނު ކައިރިއަށް ގޮސް ގަމީން ދޮންނަން އުޅުނެވެ.

" އަތުން ދޮވޭ…މެޝިނުން ދޮންނަހާ ވަގުތެއްނެތް…" ޝާރިމް ބުނެލިއެވެ. ތާރާ އަވަހަށް އޯމޯފުޅި ހިފައިގެން ޝިޔާ ކޮޓަރީ ފާޚާނާއަށްވަދެ ޝާރިމްގެ ގަމީސްދޮވެލިއެވެ. އަދި މެޝިނުން ހިއްކާލުމަށްފަހު އިސްތިރިކުރަން ފެށިއެވެ. އޭރު ޝާރިމް ކަޅިޖަހާނުލައި ތާރާގެ ހަރަކާތްތަކަށް ބަލަން ސޯފާގައި ހެވިފައި އިނެވެ. ތާރާ އެތެރެ އެތެރޭން ރުޅިގަދަވެގެން ހުރެ ކުދި ކިޔަމުން ދިޔަނަމަވެސް އޭނާހުރީ ޝާރިމްދެކެ ނުހަނު ބިރު ގެންފައެވެ. މިއީ އާދައިގެ ފިރިހެނެއްނޫންކަން މިވީ ކުޑަ ވަގުތުކޮޅު ތެރޭގައިވެސް އޭނާއަށް އެނގިއްޖެއެވެ.

" ހާދަހާ ގޮތްވެސް ކުޑަ ފިރިހެނެކޭ….އަންހެންކުދިންގެ ގަޔަށްބޮލަށް އަރާކަށްވެސް ލަދެއްނުގަނޭ….ހަމަ އިސްތިރިޖައްސާފަ މޫނު ފިއްސާލަފާނަމޭ ހިތަށްއަރާ…." ދަތްކުނޑިވިކައިގެން ހުރެ، ޝާރިމްއާ ދިމާއަށް ހިތާހިތުން ތާރާ އެތިވަރުގޮވިއެވެ.
*****
ފޮޓޯނެގުމުގެ ޝެޝަން ކުރިޔަށް ދިޔައިރު ތާރާނެތްކަން ތާނީއަށް އެނގުނީ ހަކެއްކަ ގަނޑު ފޮޓޯ ނެގިފަހުންނެވެ.

" ދޮންތާ…ތާރާ ކޮބާ؟…" ތާނީ ސިއްރު ސިއްރުން އެހިއެވެ.

" ނޭނގެ…އަދިވެސް އެތާއިނީތަ؟…" ހައިރާންވެފައި ޒާރާވެސް އެހިއެވެ.

" ނޫން…ނެތް…" ވައިއަޑުން ތާނީ ބުނެލިއެވެ.

" އަންނާނެ އިރުކޮޅަކުން…" ހާސްވެފައިހުރި ތާނީއާ ގާތްވެލާފައި ސިއްރު ސިއްރުން ޝާޔަން ބުނެލިއެވެ. ޝާރިމް ތާރާ ގޮވައިގެން ދިޔަތަން އެނގެނީ ހަމައެކަނީ ޝާޔަންއަށެވެ. ޝާރިމްވަނީ އޭނާ ތާރާގޮވައިގެން ދިޔައީ ކޮންތާކަށް ކަމާއި ކީއްކުރަންކަންވެސް ޝާޔަންއަށް މެސެޖްކޮށްފައެވެ.

" ކޮންތާކަށް ދިޔައީ؟…" ހައިރާންވެފައި ތާނީ އެހިއެވެ.

" ފާޚާނާއަކަށް ދާންޖެހިގެން ޝާރިމްއާއެކު ދިޔައީ…" ޝާޔަން އޮޅުވާލިއެވެ. ތާނީ އެވާހަކަ ގަބޫލެއް ނުކުރިއެވެ.

"ރަނގަޅަށް ބުނޭ!…ޝާރިމް ކޮންތާކަށް ތާރާ ގޮވައިގެން ދިޔައީ…" އަމުރުކޮށްލާ ފަދައިން ތާނީ އަހާލިއެވެ.

" އެމީހުން ދިޔަތަނަށް ދާން ބޭނުންމިއްޔާ ގެންގޮސްދީފާނަން…" ލާނެއްގޮތަކަށް ހީލާފައި ޝާޔަން ބުނެލުމުން ތުން ފިއްތާލާފައި ތާނީ ދިޔައެވެ.
****
ސޯފާގައި އިން ޝާރިމް ސިހުނީ އޭނާގެ ފޯނު ރިންގްވުމުންނެވެ. ބަލާލިއިރު ގުޅަނީ ޝާޔަންއެވެ.

" އޭތް ބުރޯ…އަވަސްކުރޭ! ތިކުރާކަމެއްކޮށްގެން އަވަހަށް އާދޭ…އެހެންނޫނީ ބަސްޓްވެދާނެ…އޭރުން ކަމަކު ނުދާނެ…" ފޯނުނެގުމާއެކު ޝާޔަން ބުނެލިއެވެ.

" އޯކޭ…މިހާރު މިދަނީއޭ…" ތާރާ ދިން ގަމީހުގައި ހިފަމުން ޝާރިމް ބުނެލިއެވެ.

" ދެންވެސް އަހަރެންނާ ގޯނާ ނުކުއްޗޭ!…" ގަމީހުގެ ގޮށްތަށް އަޅުވާލަމުން ތާރާއާއި ގާތަށް ޖެހިލާފައި ޝާރިމް ބުންޏެވެ. ތާރާ އަވަސް އަވަހަށް ފަހަތަށް ޖެހިލިއެވެ. ޝާރިމް އެއްމިޔަކަނުން ހީލާފައި ގެއިން ނުކުންނަން ހިނގައި ގަތުމުން ތާރާވެސް އޭނާގެ ފަހަތުން ނުކުތެވެ.

" އަދިވެސް ސޮރީ ނުބުނަމެއްނު…." ސައިކަލަށް އަރާގައި ޝާރިމް ބުނެލިއެވެ. ތާރާ ދަތްކުނޑި ވިކައިގެން އިންއިރު، އޭނާގެއިނީ ވާހަކަ ނުދައްކަން ހުވާކޮށްގެން އިންހެންނެވެ.

" ސޮރީ ބުނިއިރަކުން މިސައިކް ސްޓާރޓްވާނީ…" ޝާރިމް ގަދަކޮށްލިއެވެ.

" ސޮރީ…" މަޑުމަޑުން ތާރާ ބުނެލިއެވެ. ޝާރިމް ހީލާފައި ސައިކަލު ދުއްވާލިއެވެ.

އެމީހުނަށް ރެސްޓޯރެންޓް ކައިރިއަށް ދެވުނުއިރު، ޝާޔަންއާ ތާނީވެސް ލަސްވެގެން ނުކުމެއެވެ. ހަތަރުމީހުން ބިއްދޮށު ފަރާތުން ވަތް މަންޒަރު ޒާރާއަށް ފެނުނެވެ. ތާނީއާއި ތާރާ އަވަސް އަވަހަށް ޒާރާގެ ގާތަށް އައެވެ. ޒާރާ ފެނުމުން ކަންބޮޑުވެފައި ހުރެގެން ޝާރިމް ޝާޔަންގެ ފަހަތުން އައެވެ.

" މިހާ ހިނދަކަށް ކޮންތާކަށް ދިޔައީ؟…ދޮންބެވެސް އަހައިފި ކޮބާހޭ…" ތާރާ ދިޔަތަނެއް ނޭނގުމުން ނުރުހިފައި ޒާރާ ބުންޏެވެ.

" ފާޚާނާއަކަށް ދާންޖެހުނީ…" ގަސްތުގައި ތާރާ ދޮގުހެދިއެވެ. އެއީ ޝާރިމް ދޭންބުނި ޖަވާބެވެ. އެއަޑުއަހަން ހުރި ޝާރިމްގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ޝާރިމް ހޭތަން ފެނުމުން ޝާޔަންއަށްވެސް ހެވުނެވެ. އުމުރުގެ ގޮތުން ޝާޔަންއަށްވުރެ ދޮޅުއަހަރު ޝާރިމް ހަގުނަމަވެސް، އޭނާއަށްވުރެ ދެގުނަ ލާނެތްކަން ބޮޑެވެ. އެއްބަނޑު އެއްބަފާކަމަށްވުރެ ބޮޑަށް ދެމީހުންގެ މެދުގައި އޮންނަނީ އެކުވެރިކަމެވެ. އެހެންކަމުން އެކަކު އަނެކަކަށް ކިޔާ އުޅެނީވެސް ނަމުންނެވެ.

ހުރިހާ އެންމެން އެއްތަން ވުމުން އަނެއްކާވެސް ފޮޓޯނަގަން ފެށިއެވެ. ތާރާއާއި ތާނީ ފޮޓޯއަށް ހުއްޓުމުން ޝާރިމްއާއި ޝާޔަން ދުރުގައި ތިބެގެން އެމީހުނަށް ވައްތަރު ޖައްސާ ހެއްވަމުން ދިޔައެވެ. އެމަންޒަރު ވަރަށް ރަނގަޅަށް ޒަލަފްއަށް ފެނުނެވެ.

" އަހަރެމެންނާ ސިއްރުން ވަރަށް ކަންކަން ހިނގާހެން ހީވަނީ…." ޝިޔާގެ ގާތަށް ގުދުވެލަމުން ޒަލަފް ބުނެލިއެވެ.

" މަށަށްވެސް ތިހެން އެބަހީވޭ…" ހީލާފައި ޝިޔާވެސް ބުނެލިއެވެ.
******
ހަފްލާ ނިމި ޒަލަފް އިންތިޒާރުކުރި ވަގުތުވެސް ޖެހުނީއެވެ. ގެސްޓް ހައުސްވަނީ މިރެޔަށްޓަކައި ހުސްކޮށް ހަމައެކަނި ޝިޔާއާއި ޒަލަފްއަށްޓަކައި ޒީނަތްތެރިކޮށް ތައްޔާރު ކުރެވިފައެވެ. އެދެމަފިރިން އައުމުން އެމީހުނަށް ވަރަށް ފުރިހަމަ މަރުޙަބާއެއް ކިޔުމަށްފަހު ހުރިހާ މުއައްޒަފުންވެސް އެމީހުނަށް ވަގުތުދީފައި ދިޔައެވެ. ރާފިއުވެސް ރޭގަނޑުގެ ވަދާއީ ސަލާމް ޒަލަފްއާއި ޝިޔާއަށް ކުރުމަށްފަހު ކާރުގައި ގެޔާދިމާއަށް މިސްރާބު ޖެހިއެވެ.

ޝިޔާ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ނަޒަރެއް ހިންގާލިއެވެ. ކޮޓަރިތެރެ ވަރަށްވެސް ފުރިހަމައެވެ. ހުދުކުލައިން ތަންމަތި އަޅާފައިވާ އެނދުވަނީ ރަފްފިނިފެންމަލާއި ފިޔާތޮށި ފިނިފެންމަލުގެ ފިޔަތަކުން ޒީނަތްތެރިކުރެވިފައެވެ. ކޮޓަރީގެ ރީތިކަމަށް ގެއްލިފައިހުރި ޝިޔާ ސިހުނީ ޒަލަފްގެ އަތްދަނޑިމައްޗަށް އޭނާ އުފުލާލުމުންނެވެ. ޝިޔާވެސް ހިނިތުންވެލަމުން ޒަލަފްގެ ކަރުގައި އަތްއަޅުވާލިއެވެ. ޒަލަފްގެ ސިހުރެއްފަދަ ދެލޯ ޝިޔާގެ ލޮލާއި އަމާޒުވުމުން ބޭއިޚްތިޔާރުގައި އެދިގު އެސްފިޔަތައް ތިރިކޮށްލެވުނެވެ.

" އާއު….ހާދަބަރޭ!…." ޝިޔާގެނެސް އެނދުގައި ބާއްވަމުން އުނަގަނޑުގައި އަތްޅާލާފައި ޒަލަފް ތަދުވާކަމަށް ހެދުނެވެ.

ޝިޔާއަށް އެމަންޒަރު ފެނުމުން ބޭއިޚްތިޔާރުގައި ހެވުނެވެ. ހިތުގައި އުފެދެމުން ދިޔަ ބިރުވެރިކަންވެސް އިސާހިތަކު ފިލާދިޔައެވެ.

" އުނަގަނޑަށް ތަދެއް އެއެރީ….ދެން ކިހިނެއް މިރޭ ކަމެއްކުރާނީވެސް…." ޝިޔާގެ ގާތުގައި އޮށޯވެލަމުން ޒަލަފް ސަމާސާކޮށްލިއެވެ.

" ހަމަ އެހާބަރުތަ؟…" ތުން އޫކޮށްލަމުން ޝިޔާ ބުނެލިއެވެ.

" ނޫން…ތިކަހަލަ ހައެއްކަ ކުދިން އެއްފަހަރާވެސް އުފުލާލެވިދާނެ…މިއަތުގަ އެހާވަރު އެބަހުރި…." ގަމީހުގެ އަތުކުރި އޮޅާލާފައި މުލައްދަނޑި ދައްކާލަމުން ފަޚުރުވެރިކަމާއެކު ޒަލަފް ބުނެލިއެވެ. ޒަލަފްގެ އަތުގައި ހިފާލަމުން ޝިޔާ ހިނިތުންވެލިއެވެ.

" އަބަދުވެސް ތިގޮތަށް ހެވިފަ ހުންނައްޗޭ! ތިލޯބި ތުންފަތުން ހިނިތުންވުން ފިލާދާކަށް ބޭނުމެއްނޫން….އަދި ތިހާ ރީތި ލޮލަކުން ކަރުނަ އަންނަތަން ދެކޭކަށްވެސް ބޭނުމެއްނޫން…" ޝިޔާގެ މޫނުގައި ފިރުމާލަމުން ޖަޒްބާތުން ފުރިގެންވީ އަޑަކުން ޒަލަފް ބުނެލިއެވެ.

" އަދި ނަމާދުކުރަންވާނެ…" ޒަލަފް ބީހިލުމުން ހިތުގެ ހިނގުން އަވަސްވެގެން ދިއުމާއެކުވެސް ޝިޔާ ކުއްލިއަކަށް ބުނެލިއެވެ.
" ކޮންނަމާދެއް…" ހައިރާންވެފައި ޒަލަފް އެހިއެވެ.

" އަހަރެން ބުނީމެއްނު….ހަނދާންނެތުނީތަ؟…" ރަންކިޔުމަށްފަހު އެއްރޭ ދެކެވުނު ވާހަކައެއްގެ ތެރެއިން ޝިޔާވަނީ ޒަލަފްގާތުގައި ކައިވެނީގެ ރޭގައި ނަމާދުކުރަން ޖެހޭ ވާހަކަ ބުނެފައެވެ.

" އޯހ…ހަނދާން ނެތުނީ…އުޅޭ އަވަހަށް ނަމާދުކޮށްލަން…އަހަރެންގެ އަންހެނުން ހާދަ ރަނގަޅޭ….އަބަދުވެސް އަހަރެންނަށް ތިގޮތަށް ކަންކަން ހަނދާން ކޮށްދެއްޗޭ!…ޝިޔާގެ ނިތްކުރީގައި ބޮސްދެމުން ލޯތްބާއެކު ޒަލަފް ބުނެލިއެވެ. އަދި ފާޚާނާއަށްވަދެ ވުޟޫކޮށްގެން ނަމާދުކުރަން ތައްޔާރުވިއެވެ.

" އަހަރެން އިތުރު ހެދުމެއް ބޭނުންވާނެ…" ޝިޔާ އޭނާގެ ހެދުމަށް އިޝާރާތްކުރަމުން ދެރަވެލާފައި ބުނެލިއެވެ.

" ހުންނާނެ އަލަމާރީގަ….މިރޭ ނިދާފަ ދާގޮތަކަށް ނޫނޭ އައީ…..ތިންދުވަސް މިކޮޅުގަ މަޑުކޮށްފަ ދާނީ…." ހަމަޖެހިލާފައި ޒަލަފް ބުނެލިއެވެ. ޝިޔާ ހިނިތުންވެލަމުން ގޮސް އަލަމާރިން ހެދުމެއްނަގައިގެން ފާޚާނާއަށްވަނެވެ. ޒަލަފް ހިނިއައިސްފައި އެމަންޒަރު ބަލަންހުރިއިރު، ހުއްޓުވަން ހިތަށްއެރިނަމަވެސް ޝިޔާ ބޭނުންގޮތަކަށް ކަންތައްކުރުމަށް އޭނާ ފުރުސަތު ދިނެވެ. ކޮންމެ ގޮތެއްވިޔަސް އިރުކޮޅެއްފަހުން ޝިޔާ އޮންނާނީ އޭނާގެ އަތުތެރޭގައިކަން އޭނާއަށް އެނގެއެވެ.

ޝިޔާ ހެދުން ބަދަލުކޮށްގެން ނުކުތުމުން ޒަލަފް އިސްވެހުރެ ނަމާދުކުރިއެވެ. އަދި ޝިޔާގެ ބޮލުގައި އަތްޖައްސާލައިގެން އިނދެ ދުޢާވެސްކުރިއެވެ. ޝައިޠާނާގެ ނުބައިކަމުން ރައްކާތެރިކަން ލިބިގަންނަމުން ޒަލަފްގެ ދެމަފިރިން އެމީހުންގެ ކައިވެނީގެ ފުރަތަމަރޭގެ އުފާވެރިކަން ލިބިގަތުމަށް ތައްޔާރުވިއެވެ. ކޮޓަރީގެ އަލިކަން ފަނޑުކޮށްލުމަށްފަހު، ޒަލަފް އައިސް ޝިޔާގެ ގާތުގައި އޮށޯތެވެ. ޒަލަފް އޭނާގެ އަތުތެރެއަށް ޝިޔާގެނެސް ނިތްކުރީގައި ވަރަށް ލޯބިން ބޮސްދިނެވެ. ދެންވާނެ ގޮތަކާއިމެދު ވިސްނި، އޭރު ހިތްއަވަސްވެގެން ގޮސް ޝިޔާގެ ނޭވާވެސް ވަނީ އަވަސްވެފައެވެ.

" މިރެއަކީ އަހަރެމެންގެ ދިރިއުޅުމުގެ ފުރަތަމަރޭ….މިރެއިން ފެށިގެން ދެމީހުންނަކީ އެންމެގާތް ދެއެކުވެރިން….އަހަރެންގާތު ނުބުނެވޭނެ ވާހަކައެއް ޝިޔާގެ އޮވެގެންނުވާނެ…އަދި އަހަރެންވެސް ހުރިހާ ވާހަކައެއް ޝިޔާއާ ހިއްސާކުރާނަން….ކުޑަމިނުން ޝިޔާގެ އިނގިއްޔެއްގަ ރިއްސާލިޔަސް އަހަރެންނަށް އެނގެން ބޭނުންވާނެ….ޝިޔާގެ ހިތުގެ ކޮންމެ އިހުސާސެއް އެނގެން ބޭނުންވާނެ….އަހަރެން ބޭނުމީ އެންމެ ފުރިހަމަ ފިރިއަކަށްވާން….ލޯބިދިނުމާއި ލޯބިކުރުމަކީ ހަމައެކަނި މިރެއަށް ޚާއްސަކަމެއްނޫން….ދިރިއުޅުމުގަ ކުރިޔަށް އޮތް ހުރިހާ ރެޔަކީވެސް މިފަދަ ރޭތަކަކަށް ހަދަން ބޭނުމީ….ފަހަރެއްގަ ހުސެންއާ އަހަރެންނާ ތަފާތެއް ހުރެދާނެ…އެފަދަ ތަފާތުތައް ބަލައިގަނެގެން އަހަރެންގެ ކިބައިގައި ގޯސްކަމެއް ހުރިއްޔާ ރަނގަޅުކުރަން ނަސޭހަތްދީ……އަހަރެން ބަލާނަން ޝިޔާ ބޭނުން ވާހަކަލަ ރަނގަޅު ފިރިޔަކަށް ވެވޭތޯ……އަހަރެން ޝިޔާދެކެ ވަރަށް ލޯބިވޭ….މިރެއިން ފެށިގެން އަހަރެންގެ ހިތަކީވެސް އަދި މިހަށިގަނޑަކީވެސް ހަމައެކަނި ޝިޔާގެ މިލްކެއް" ޒަލަފް އޭނާގެ ހިތް ޝިޔާގެ ކުރިމަތީގައި ހުޅުވާލިއެވެ.

" އަހަރެންވެސް ޒަލަފްދެކެ ވަރަށް ލޯބިވޭ…ވަރަށްބޮޑަށް ލޯބިވޭ…" އުފަލުން ގޮސް ޝިޔާގެ ލޮލުން ކަރުނަ ފޭދުނެވެ.

" އަހަރެން ބުނީމެއްނު ތިރީތި ދެލޯ ކަރުނައިން ނުތެއްމާށޭ…." ޝިޔާގެ ލޮލުން ކަރުނަ ފުހެލަދެމުން ޒަލަފް ބުނެލިއެވެ.

ޒަލަފްގެ ލޮލާއި ލޯ ބައްދަލުވުމުން ޝިޔާއަށް ހަރަކާތެއްވެސް ގެންނަން ނޭނގުނެވެ. އެއީ ކޮންފަދަ މަސްތުކަމެއްބާއޭ ޝިޔާގެ ހިތަށްއެރިއެވެ. ހަމައެފަދައިން ޝިޔާގެ ލޮލުގެ ރީތިކަމުން ޒަލަފްވެސް އަޖާއިބު ކުރުވައިފިއެވެ. މިރޭ ހަފްލާތެރޭގައި ގާތުން ބަލާލަން ނުކެރުނު ނަމަވެސް މިވަގުތު އެފުރުސަތު ލިބުމުން އޭނާ ހިތްފުރޭންދެން އެރީތި ދެލޮލަށް ބެލިއެވެ.

" މާޝާ ﷲ….ހާދާރީއްޗޭ! ތިގޮތަށް ބެލީމަ އަހަރެންނަށް ވާގޮތް އެނގޭތަ؟…" މަސްތުކަން އެކުލެވިފައިވާ އަޑަކުން ޒަލަފް އެހިއެވެ. ޝިޔާ ލަދުން އެސްފިޔަތައް ތިރިކޮށްލުމުން ޒަލަފް އެއްމިޔަކަނުން ހީލިއެވެ. ޒަލަފް މަޑުމަޑުން މޫނު ކައިރިކޮށްލާފައި ޝިޔާގެ ތުންފަތުގައި ބޮސްދިނެވެ. އެވަގުތު ޝިޔާގެ މުޅިހަށިގަނޑަށް އެނގުންވެގެން ދިޔައެވެ.

" ހޫމް ޔަމީ…ކޮން ފްލޭވައެއްބާ؟ ވެނީލާ ނޫނީ ސްޓްރޯބެރީއަށް ވުރެވެސް މީރު" ޝިޔާ ރަކިކޮށްލުމަށްޓަކައި ގަސްތުގައި ޒަލަފް އޭނާގެ އަނގަޔަށް ގޮތެއް ހަދާލަމުން ޒަލަފް ބުނެލިއެވެ. ރަކިވީ ނަމަވެސް އެވަގުތު ޝިޔާގެ ހުދު ހުދު ދަތްތައް ފެންނަވަރަށް ހެވުނެވެ. ލޯބީގެ ކަނޑެއްގައި ދެމީހުން އެކީ ބެހިގެން ދިޔައިރުވެސް، ޒަލަފްގެ ސަކަމިޒާޖްގެ ސަބަބުން ދޭތެރެ ދޭތެރެއިން ޝިޔާގެ ހުނުމުގެ އަޑުއިވިގެން ދެއެވެ.

މެންދަމުން އަލިވެގެން ދިޔައިރު، ޝިޔާއޮތީ ޒަލަފްގެ އަތުތެރޭގައި ހަމަހިމޭންކަމާއެކު ނިދާފައެވެ. މިރޭ ޝިޔާއަށް އެހާ އަރާމުކޮށް އެނިދުނީ ޒަމާންތަކެއް ފަހުންނެވެ. ހިތާމައިގައި ދިގު ހަތަރު އަހަރު ހޭދަކުރިއިރު، އޭނާވަނީ ނަފްސާނީގޮތުން ނުހަނު ބަލިކަށިވެފައެވެ. ކުރީގައި އަބަދު މީހުނާ ސަމާސާކޮށް ހަދާ އުޅުނު، އެސަކަ މިޒާޖުގެ ލާނެތް ޝިޔާގެ ވަނީ މާދުރަށް ގޮސް ގެއްލިފައެވެ. ނަމަވެސް މިރޭ، ޒަލަފްއަށް ޝިޔާގެ ފަރާތުން އެލާނެތްކަން އަނެއްކާވެސް ފެނިއްޖެއެވެ. އޭނާގެ ގޯނާތަކުން ހިތްވަރު ލިބިގެން ޝިޔާވެސް އޭނާއަށް އެތައްގޯނާއެއް ކުރިއެވެ. ދެމީހުންގެ އަލަތުކައިވެނީގެ ފުރަތަމަ ރެޔަށްވުރެ، ބޮޑަށް ސިފަވީ ފުރާވަރުގެ ދެކުދިން "ކޭމްޕް" ގޮސް ނުނިދާތިބެ ސަކަރާތްޖަހާ ޖެހުމެވެ.

ޒަލަފް ހަމަ ގަސްތުގައި މިރޭ އެގޮތަށް ކަންތައްކުރީ ޝިޔާ މާބޮޑަށް ލަދުންނާއި ބިރުން އުޅޭތީއެވެ. އޭނާ ސަމާސާކުރަން ފެށުމުން އެލަދުވެތިކަން އެއްފަރާތްކޮށްފައި ޝިޔާވެސް އޭނާއާ ސަމާސާކުރަންފެށިއެވެ. އޭނާކޮށްލާ ކޮންމެ ގޯނާއަކަށް ރައްދުވެސްދިނެވެ. ލޯބިކުރަމުންވެސް ދެމީހުން ހީސަކަރާތްޖެހިއެވެ. ހަމަގައިމުވެސް މިރެއަކީ ޝިޔާގެ ފުރަތަމަ ކައިވެނީގެ ރެއަށްވުރެ ތަފާތު ރެއަކަށްވާނެކަން ގައިމެކެވެ. ކައިވެނީގެ ފުރަތަމަ ރެއަކީ ފިލްމުތަކާއި ވާހަކަތަކުގައި ވާފަދަ ޑްރާމާބޮޑު ރެއަކަށްވުން ކޮންމެހެން ލާޒިމެއްނޫނެވެ. ނަމަވެސް މުހިއްމީ ދެމަފިރިންގެ މެދުގައި ވަރުގަދަ ގުޅުމެއް އުފެދުމެވެ. އެއިގެ ބިންގަލަކީ" އެކަތައިގެ" ވަރުގަދަކަން އެކުލެވޭ ނުގުޑާފަދަ އެއްޗަކަށް ވުމެވެ.

ނިމުނީ