Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އެޖެންޑާ 2020: އައްޑޫގެ ތަރައްގީ ޖައްވަށް ފަޒާއަށް؟

އައު އަހަރަކާ ކުރިމަތިލީއިރު އައްޑޫގެ އެތައް ހާސްް ރައްޔިތުން އުއްމީދުން ފުރިފައި ތިބީ، 2020 ގައި އައްޑުއަށް އާދަޔާ ޚިލާފު ކުރިއެރުންތަކެއް ލިބިގެންދާނޭކަމުގެ ޔަގީންކަމުގައެވެ. އަނެއްބަޔަކު މާޔޫސްކަމުގެ ތެރެއަށް ގެނބިފައި ވަނީ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާނެކަމުގެ ހިތި އަސަރުގައެވެ.

ކަމެއް ނުކުރެވުނު

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރަކީ އޭނާ ބޭނުންފުޅުވާ ވާހަކައެއް ސެންސަރު ކުރެއްވުމެއް ނެތި ވިދާޅުވާ ބޭފުޅެކެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ނިކަމެތީ އައްޑޫ ކަމަށް ވާއިރު އެ ސިޓީގެ އިގުތިސާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ.

ނިޒާރު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރު އައި ފަހުން އައްޑު އަށް ބޮޑު ތަރައްގީއެއް ނާންނަ ކަމަށެވެ. އެކަމަކު، އައްޑޫ މީދޫ އާއި މަރަދޫފޭދޫ ބަނދަރުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެކަމަކު މާ ބޮޑު ކަންތައްތަކެއް ފެންނާކަށް ނެތް. މި ސަރުކާރަށް އެއް އަހަރު ވެގެން ދިޔަ އިރު، މާ ބޮޑު ތަފާތެއް ފެންނާކަށް ނެތް."

ނިޒާރު ވިދާޅުވި އެވެ.

"އައްޑޫން އެ ފެންނަ ނިކަމެތިކަން، އެ ވީރާނާކަން ތާ އަބަދު އޮންނާކަށް ނުޖެހޭ."

ނިޒާރު ވިދާޅުވިއެވެ.

ހިތަދޫގެ މަގަމުން ބަޔަކު ސައިކަލު ދުއްވާފައި ދަނީ

ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ވެސް ވަނީ ހަދަންޖެހިފައެވެ. އެކަމަކު އައްޑޫގެ މަގުތަކުގެ ހާލަތު އެހެން ރަށްރަށަށް ވުރެ މާބޮޑަށް ވެސް ދެރައެވެ. ގިނަ މަގުތަކުން ދަތުރު ކުރުމަށްވުރެ ގަދަ ކަނޑެއްގައި ދަތުރުކުރުން ވެސް މާފަސޭހައެވެ.

ހިތާއި ހިތުގެ ގުޅުމެއް

އައްޑޫ ސިޓީ އާއި އެމްޑީޕީއާ ދެމެދު އޮންނާނީ ހިތާއި ހިތުގެ ގުޅުމެއް ކަމަށާއި އިންތިހާބު ކައިރިކޮށްފައި ސަރުކާރުން އަނދުނެއް ނާޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލު ވަނީ ވިދާޅުވެފައެވެ. އެއީ ހަމަ ކޮންމެ ސަރުކާރެއްގެ ވެސް އިސްވެރިން ވިދާޅުވާ ވާހަކައެކެވެ. ދެން ވިދާޅުވާނީ އިގުތިޞާދީ ވަރުގަދަ މަރުކަޒަކަށް އައްޑޫ ހަދަން ބޭނުންވާ ވާހަކައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް. –ފޮޓޯ:ރައީސް އޮފީސް

މިނިސްޓަރ ފައްޔާޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މާލެއަށް ބަރޯސާވުން ނައްތާލައި، އިގްތިސާދީ ހަބަކަށް އައްޑޫ ސިޓީ ހެދުމެވެ.

އެކަމަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އިގުތިސާދީ ހަބަކަށް އައްޑޫ ހަދަން ރާވާފައިވާ ޕްލޭނަކީ ކޮބައިހެއްޔެވެ؟ އެ ޕްލޭން ފެންމަތި ވާނީ ކޮންއިރަކުން ހެއްޔެވެ؟

ކުރީގެ މެންބަރު ނިޒާރު ވިދާޅުވީ ފުރަތަމަ އަހަރު ތަރައްގީގެ ބޮޑުކަމެއް ނުފެނުނުކަމަށެވެ. މިއީ ދެވަނަ އަހަރެވެ. ބޮޑު ބަޖެޓުގެ އަހަރެވެ.

ފުރަތަމަ އަހަރު އެއްބިލިއަން ރުފިޔާ

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް އެއް އަހަރު ފުރިގެންދިޔަ އިރު އައްޑޫގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫތައް ހިންގަން އެކި ފަރާތްތަކާ ވަނީ ހަވާލު ކޮށްފައެވެ.

އައްޑޫގައި ހިންގަން ހަވާލުކޮށްފައިވާކަމަށް ވާހަކަދެކެވޭ މަޝްރޫޢުތަކުގެތެރޭގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް، އައްޑޫ ސިޓީ އިކްއަޓޯރިއަލް ހޮސްޕިޓަލް، އައްޑޫ ހައި ސްކޫލްގެ ފަސް ބުރީގެ މަލްޓިޕާޕަސް ހޯލް، އައްޑޫ ބެޑްމިންޓަން ކޮމްޕްލެކްސް، ހުޅުމީދޫ މިފްކޯ ބަނދަރު، ސެންޓްރަލް ޕަވާ ސްޓޭޝަން، މަރަދޫފޭދު ބަނދަރު، މަރަދޫ ބަނދަރު، މީދޫ ބަނދަރު، ހުޅުމީދޫ ބަހާއުއްދީން މަގު، އައްޑޫގެ މަގުތަކުގައި ތާރުއަޅައި މަރާމާތުކުރުން، ފޭދޫ ދަނޑުގައި ޓާފް އެޅުން، މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން، ފޭދޫ ފަތާ ޓްރެކް، މީދޫ ފަތާ ޓްރެކް، ފޭދޫ ފުޓްބޯޅަ ދަނޑުގެ ގްރައުންޑް ބޭސް އަދި ހުޅުމީދޫ ފުޓްބޯޅަ ދަނޑުގެ ގްރައުންޑް ބޭސް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓްތަކަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ފެށިގެން ކުރިއަށް ދާކަންތައްތަކެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް. 100 އެނދުގެ މި ހޮސްޕިޓަލްގެ ބައެއް ހިދްމަތް ޑިސެމްބަރ 15 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

"މި އުޅެނީ ދަނޑެއްގައި ޓާފު ނޭޅިގެންނެއްނޫން! މިއުޅެނީ މަސްްފެންގަނޑެއް ނެހެދިގެންނެއްނޫން! މިއުޅެނީ ބަނދަރެއް މަރާމާތު ނުކުރެވިގެނެއްނޫން!" ސަރުކާރުން ހިންގާ ބައެއް މަޝްރޫޢޫތަކަށް ފާޑުކިޔަމުން ޒުވާނުންތަކެއް ބުންޏެވެ.

"މިއުޅެނީ އަތޮޅުން ވަޒީފާއެއް ނުލިބިގެން. ސްކޫލް ނިންމާ އެތައް ސަތޭކަ ދަރިވަރުންނަށް މަޖުބޫރުވެފައި ވަނީ އަތޮޅާއި ރަށް ދޫކޮށް އެހެން ދިމަދިމާއަށް ހިޖުރަކުރަން. މިއީ ހައްލުކުރަންޖެހޭ ކަމަކީ."

މާޔޫސް ނުވާށޯ: ސޯބެ

މިދިޔަ އަހަރުގެ ތެރޭގައި އައްޑުއަށް މާ ގިނަ ކަންތައްތަކެއް ކުރެވިފައި ނެތުމުން އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އައްޑޫގެ މޭޔަރ ޢަބްދުﷲ ޞާދިޤް (ސޯބެ) މިދިޔަ އަހަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ އެއްވެސް ބޭފުޅަކު މާޔޫސްވެ ނުލެއްވުން. މަޝްރޫއުތައް ފެށުނީމާ އެ މަޝްރޫއުތައް ކުރިއަށް ދާނެ."

މަޝްރޫޢުތައް ފެށުމުން މަޝްރޫޢުތައް ކުރިއަށްދާނެކަން އެންމެންނަށް ވެސް އެނގެއެވެ. ނޭގިގެން އުޅެނީ މަޝްރޫޢުތައް ފެށޭނެ ދުވަހެކެވެ. ރައްޔިތުންނަށް ނޭނގިގެން އުޅެނީ ދެވަނަ އަހަރުގެ މަޝްރޫޢުތަކެވެ. އެކަމުގެ ހޭލުންތެރިކަމެއް ރައްޔިތުންގެ ތެރޭގައި ނެތެވެ.

ތަރައްގީގެ ބޮޑުބައި އިންޑިއާއަށް

އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތް 7.1 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) އަށް އިންޑިއާގެ ދެ ކުންފުންޏަކާ ޕްލޭނިން މިނިސްޓްރީން ވަނީ ހަވާލުކޮށްފައެވެ.

އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތް އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކުރީ 1221 ދުވަހުގެ ތެރޭގައި (ތިން އަހަރާއި ބައި) ނިންމާ ގޮތަށެވެ. އެއްބަސްވުމުގައިވާ ގޮތުން، މި މަޝްރޫއުގެ ޑީޓެއިލް ޕްރޮޖެކްޓް ހެދުމާއި ޕްރިލިމިނަރީ ޑިޒައިން ތައްޔާރު ކުރުން އަދި ބީލަމުގެ މަސައްކަތްތަކާއި ކޮންސްޓްރަކްޝަން ސުޕަވިޝަންގެ ކަންކަން އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އާއި އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ކުންފުނިން ކުރަން ޖެހެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގައި، އައްޑޫގެ 25 ކިލޯ މީޓަރުގެ މަގު ހަދައި 228 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެއީ ހިތަދޫން 90 ހެކްޓަރާއި މަރަދޫ، މަރަދޫފޭދޫން 75 ހެކްޓަރާއި ހުޅުމީދޫން 38 ހެކްޓަރު އަދި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވައިލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރެވެ.

ދެރަކަމަކީ ތަރައްގީއަށް އިންޑިއާއިން ދަރަނި ދީފައި ތަރައްގީގެ މަސައްކަތް ކުރަން އިންޑިއާގެ ކުންފުނިތަކާއި މީހުން ބޭނުން ކުރަން މަޖުބޫރު ކުރާތީއެވެ. މަޝްރޫޢަށް ކަނޑައަޅާ ފައިސާގެ ބޮޑުބައި އިންޑިއާއަށް އަނބުރާ ވަންނަގޮތަށް މަޝްރޫޢުތައް ރާވާތީއެވެ. އިންޑިއާގެ މަސައްކަތްތެރިންނަކީ އިންތިހާއަށް ފަރުވާކުޑަ ބައެކެވެ. އައްޑޫ ލިންކު ރޯޑުގެ ތާރު އެޅީ ސަބްކޮންޓްރެކްޓަށް އިންޑިއާގެ ކުންފުންޏަކުންނެވެ. މަގު އޮތީ ހަދައި ނުނިމެނީސް ހަލާކުވެފައެވެ. މަސައްކަތުގެ ފެންވަރު އިންތިހާއަށް ދޯހަޅިއެވެ.

އިތުބާރާއި ސްޕީޑު

އިންޑިއާއަށް ދިން ޕްރޮޖެކްޓާ ގުޅޭ ގޮތުން މީޑިއާގައި މީހަކު ކޮމެންޓް ކޮށްފައިވެއެވެ.

"އައްޑޫގައި ތި މަޝްރޫއު ހިންގިޔަސް ހުރިހާ މޮޅެއް އަދި ފައިދާއެއް އޮތި އިންޑިޔާ މީހުންނަށް. މިކަމުން އައްޑޫ މީހަކަށް ވަޒީފާއެއްވެސް ނުލިބި ބޮލުގަ މި އެޅެނީ ބޮޑުދަރަންޏެއް. ދަރިންގެ ދަރިންނާހަމަޔަށްވެސް ނުދެއްކޭވަރުގެ."

ގައުމު ތަރައްގީކުރަން، އަތޮޅުތައް ތަރައްގީ ކުރަން ލޯނު ނަގަން އެބަޖެހެއެވެ. ޗައިނާއިން ނެގިޔަސް، އިންޑިއާއިން ނެގިޔަސް ލޯނުވާނީ ހަމަ ލޯނަށެވެ.

ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ ލޯނަކީ އިންޑިއާއަށް ފައިދާ ހުރި ގޮތެއްގައި ކުރެވޭ ވިޔަފާރިިއެކެވެ. އިންޑިއާގެ ބޭންކްތަކުން ލޯނު ލިބިދާނެއެވެ. އެކަމަކު އެ ލޯނުން ކުރަންޖެހޭ މަސައްކަތް ވެސް ހިންގަން އިންޑިއާއިން ތަކެއްޗާއި މީހުން ރާއްޖެއަށް އެތެރެކުރެވޭއިރު އެމީހުންގެ މަސައްކަތާއި ސްޕީޑަށް ވެސް ބަލަން އެބަޖެއެވެ. މަސައްކަތުގެ ފެންވަރަށް ވެސް ބަލަންޖެހެއެވެ.

ކުރިއަށް އޮތީ ސަރުކާރުގެ ދައުރު

ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ހުރިހާ ގޮނޑިއެއް ފުރުއްވަން ތިއްބެވީ އެމްޑީޕީ މެންބަރުންނެވެ. ސިޓީކައުންސިލްގެ ހުރިހާ ގޮނޑިއެއްގައި ތިއްބެވީ އެމްޑީޕީގެ މެންބަރުންނެވެ. ސަރުކާރަކީ ކޯލިޝަން ސަރުކާރަކަށް ވިޔަސް ބާރު އޮތީ އެމްޑީޕީގައެވެ. އައްޑޫގެ ގިނަ ބަޔަކު އެމްޑީޕީ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.

ސަރުކާރުގެ ތަރައްގީގެ މަޝްރޫޢަކަށް ހުރަސް އަޅާނެ ބަޔަކު އައްޑޫގައި ނެތެވެ. ކަން އެހެން އޮތުމުން ދެން ސަރުކާރުން އައްޑޫ ތަރައްގީ ކުރަންވީ ނޫންހެއްޔެވެ؟

ބާރު އޮތީ ސަރުކާރުގެ އަތުގައެވެ. ބާރު އޮތީ ކުރީގެ ހައުސިން މިނިސްޓަރ މުޢިއްޒުގެ އަތްޕުޅަކު ނޫނެވެ. ސިޓީ ކައުންސިލަށް މިހާރު ނުލިބިގެން އުޅެންޖެހޭ ބާރެއް ނެތެވެ. ކުރިއަށް އޮތީ ސަރުކާރުގެ ބާރެވެ. ސިޓީ ކައުންސިލްގެ ބާރެވެ.

!ލަސް ލަސް

އައްޑޫގެ ތަރައްގީއާ ގުޅޭ ބޮޑެތި މަޝްރޫޢު ގުޅިފައި ވަނީ އިންޑިއާގެ "ދީލަތި" ކަމާއެވެ. އެ ދީލަތިކަން ހަރަކާތް ކުރަނީ ވަރަށް ލަސްލަހުންނެވެ. އެކަމުގެ ސާބިތު ހެއްކަކީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިދިޔަ އަހަރު ފަހުކޮޅު ނިއުދިއްލީއަށް ކުރެއްވި ޒިޔާރަތުގައި، އިންޑިއާއާއި ދިވެހި ރާއްޖެ ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތައް އަވަސްކުރުމާ ގުޅޭ ގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީއާ މަޝްވަރާކުރެއްވުމެވެ.

ރައްޔިތުންނަށް އޮތީ އުއްމީދު

އައްޑޫގެ ތަރައްގީއަށް އިންތިޒާރު ކުރާ މީހުންނަށް އޮތީ ވާއެއްނުވާއެއް ނޭނގޭ ފޮނި އުއްމީދުތަކެކެވެ. އެ އުއްމީދުތައް ގުޅިފައި ވަނީ ސިޓީ ކައުންސިލާއި ސަރުކާރާއި ޖަމުއިއްޔާތަކާއި ވިޔަފާރިވެރިންނާއި ރައްޔިތުންނާއެވެ. މި ހުރިހާ ފަރާތްތަކެއްގެ ޒިިންމާ ހެއު ގޮތުގައި ނަގަން ފެށުމުން އައްޑޫ ތަރައްގީ ކުރެވޭނެއެވެ.

މިއީ އައްޑުއަށްޓަކައިި ސަރުކާރުން ކޮންމެވެސް މޮޅު ކަމެއް ކޮށްދޭންވީ ވަގުތެވެ. ރައްޔިތުން ރުހި ގަބޫލުވާފަދަ ގޮތަކަށެވެ. މިއީ ބަދަލުގެންނަންވީ ވަގުތެވެ. މިއީ ނަތީޖާ ދައްކަންވީ އަހަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވި ގޮތުގައި ފާއިތުވި އަހަރަކީ ނާޤާބިލް ސަރުކާރުގެ ނާއުއްމީދުން ފުރިގެންވީ އަހަރެކެވެ.

"ދިވެހި ތާރީޚްދުށް ނާގާބިލު ސަރުކާރުގެ ނާއުއްމީދުން ފުރިގެންވާ އަހަރެއް. ތާރީޚީ ބޮޑު ބަޖެއްޓެއްގައި ރައްޔިތުންނަށް ކަމެއް ނުކޮށްދީ ދައުލަތުގެ މާލިއްޔާ ހުސްކޮށްލި އަހަރެއް." ޝިޔާމް ވިދާޅުވިއެވެ.

އައްޑޫ ރައްޔިތުން ބޭނުން ވަނީ ޝިޔާމުގެ އަޑު އަހާކަށްނޫނެވެ. އައްޑޫ ރައްޔިތުން ބޭނުން ވަނީ ސަރުކާރުން ދައްކާ ވާހަކަތައް ހަގީގަތަކަށް ވާތަން ދެކޭށެވެ. އައްޑޫގެ ތަރައްގީ ޖައްވަށް ފަޒާޔަށް އަރައިގެން ދާތަން ދެކޭށެވެ.