Last Updated: March 29, 16:45
Friday, March 29, 2024
ރިޕޯޓް

ޖެނެރަލް ސުލައިމާނީ: މެދުއިރުމަތީގެ އެންމެ ބާރުގަދަ ޝަޚްޞިިއްޔަތު!

އީރާނުގެ އިސްލާމީ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ވެރިޔާ ޖެނެރަލް ޤާސިމް ސުލައިމާނީއަކީ ހަމައެކަނި އީރާނުގައި އާދަޔާޚިލާފު ޤަދަރެއް ދެވިފައިވާ ބޭފުޅެއްނޫނެވެ. އޭނާއަކީ މުޅިދުނިޔެއިން ވެސް ފާހަގަކުރެވޭ ވަރުގަދަ ޝަޚްޞިއްޔަތެކެވެ.

ސީއައިއޭގެ އިސްބޭފުޅަކު 2013 ވަނަ އަހަރު އެމެރިކާގެ މަޖައްލާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ. "ޖެނެރަލް ސުލައިމާނީއަކީ މެދުއިރުމަތީގެ އެންމެ ބާރުގަދަ އެޖެންޓެވެ."

ޖެނެރަލް ޤާސިމް އަވަހާރަކޮށްލުން

ފާއިތުވެދިޔަ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި މަރުގެ އެތައް ހާދިސާއަކުން ސަލާމަތްވެވަޑައިގެން ހުންނެވި ޖެނެރަލް ޤާސިމް ސުލައިމާނީ އިރާގުގެ ވެރިރަށް ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓުގެ ކައިރިން ކާރެއްގައި ދަތުރުކުރައްވާފައި ވަޑައިގަންނަވަނިކޮށް އެމެރިކާގެ ސިފައިންދިން ރޮޮކެޓު ހަމަލާއެއްގައި ހުކުރުދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ވަނީ އަވަހާރަވެފައެވެ. އެ ހަމަލާގައި އިތުރު އެހެން ހަތަރު ބޭފުޅުން ވެސް އަވަހާރަވިއެވެ.

ޖެނެރެލް އަވަހާރަކޮށްލީ ރައީސް ޓްރަމްޕްގެ އަމުރުފުޅަށް

ޖެނެރަލް ޤާސިމް ސުލައިމާނީއަކީ އެމެރިކާއިން އަވަހާރަކޮށްލަން މަސައްކަތްކުރަމުންދާ އެތައް އަހަރެއްވެފައިވާ ބޭފުޅެކެވެ.
އެމެރިކާގެ ސިފައިން ޖެނެރަލް ޤާސިމް އަވަހާރަކޮށްލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށެވެ.

ޤާސިމް ސުލައިމާނީއަކީ ކޮންބޭފުޅެއް؟

ޤާސިމް ސުލައިމާނީއަކީ އީރާނުގެ ދެކުނުގެ ރަށެއްކަމުގައިވާ ކަރުމާންއަށް އުފަން ބޭފުޅެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 މާޗު 1957 ގައެވެ.
އޭނާ ފުރާވަރު އުމުރުގައި ސްކޫލުން ވަކިވެވަޑައިގެން 1975ގައި "ކަރުމާން ވޯޓަރ އޮގަނައިޒޭޝަން"އާ ގުޅިވަޑައިގެން މަސައްކަތްޕުޅުކުރައްވަން ފެއްޓެވިއެވެ.

ސިފައިންގެ ޚިދުމަތުގެ ފެށުން

އީރާނުގެ އިންގިލާބު 1979ގައި ފެށިގެން އައިދުވަސްވަރު އެއްގަމު ސިފައިންނާ ޤާސިމް ގުޅިވަޑައިގަތެވެ. އަދި ހަ މަސް ދުވަހުގެ ތަމްރީނަށްފަހު ސަރަހައްދީ ސިފައިންނާއެކު ޚިދުމަތް ފެއްޓެވިއެވެ.

ގާސިމް ސުލައިމާނީ (މ) ޑިވިޝަނަލް އާމީގެ ކޮމާންޑަރކަން ކުރެއްވި

އަށް އަހަރަށް ދިގުދެމިގެންދިޔަ އީރާން- އިރާގު ހަނގުރާމައިގެ ދުވަސްވަރު އޭނާ ހުންނެވީ ކަރުމާންގެ ޑިވިޜަނަލް އާރމީގެ ކޮމާންޑަރަކަށެވެ. ހަނގުރާމަ 1988ގައި ނިމުމުން އޭނާ ކަރުމާންއަށް އެނބުރިވަޑައިގަތެވެ. ޤުދުސް ފޯސްގެ ކޮމާންޑަރުކަން ލިބިވަޑައިގަތުމާ ހަމައަށް އޭނާ ހުންނެވީ އީރާނާއި އަފްޣާނިސްތާން ގުޅޭ ސަރަހައްދުގައި ކުރެވެމުންދިޔަ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ ހަނގުރާމައިގެ އިސްބޭފުޅަކަށެވެ.

ޤުދުސް ފޯސްގެ ވެރިކަން ލިބިވަޑައިގަތުން

ޤާސިމް ސުލައިމާނީއަށް އިސްލާމީ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ވެރިޔާގެ މަގާމު ލިބިވަޑައިގަތީ 1998 ގައެވެ. ވިދިގެން އައި ހައެއްކަ އަހަރުދުވަހު އޭނާ ހުންނެވީ "ގުޅުން ބަދަހި" ކުރެއްވުމުގެ މަސައްކަތްޕުގައެވެ. އެދުވަސްކޮޅު އީރާނުގެ ހިޒުބުﷲ އާއި ލުބުނާން، ސީރިޔާ، އިރާގުގައި ހަރަކާތެރިވަމުންދިޔަ ތަފާތު ގުރޫޕްތަކާ އޭނާ ވަރަށް ބަދަހި ގުޅުމެއް އުފެއްދެވިއެވެ.

އީރާނުގެ ރޫޙާނީ ލީޑަރާއި ޖެނެރަލް ސުލައިމާނީ ވާހަކަފުޅުދައްކަވަނީ

 

ޖެނެރަލްގެ މަގުބޫލްކަން އިންތިހާއަށް

އިރާގުގައި ހަންފަތުރަން އެމެރިކާއިން 2003ގައި ކުރި ހަނގުރާމައަށްފަހު ޤާސިމް ވަނީ އިރާގުގައި ތިބި އެމެރިކާއާ ދެކޮޅު ގުރޫޕްތާކަށް މަދަދު ދެއްވައިގެން އެމެރިކާގެ މަރުކަޒުތަކަށާއި މަސްލަހަތު ހުރި ތަންތަނަށް ގެއްލުން ދިނުމުގައި ވަރަށް އިސްދައުރެއް އަދާކުރައްވާފައެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް 2011 ވަނަ އަހަރު ފެށުނު ހަނގުރާމައިން ރައީސް ބައްޝާރަށް ރަޝިޔާގެ އެހީތެރިކަމާއެކު ކާމިޔާބު ހޯއަދަވައިދެއްވުމުގެ މޭސްތިރިއަކީ ޖެނެރަލް ޤާސިމެވެ. އެހާހިސާބުން ފެށިގެން ޖެނެރަލް ޤާސިމް ސުލައިމާނީގެ ޙިކްމަތްތެރިކަމާއި ޤާބިލްކަމާއި ވިސްނުންފުޅުގެ ތޫނުފިލިކަމާއި ރޭވުންތެރިކަން މުޅިދުނިޔެއަށް ސާބިތުވެގެން ދިޔައެވެ.

ޖެނެރަލް ޤާސިމާއި ރައީސް ބައްޝާރުގެ ޕޯސްޓަރުތަކަކާއެކު ބަޔަކު

ޖެނެރަލް ޤާސިމަކީ އީރާނުގައި ދެވަނައަށް އެންމެ ބާރުގަދަ އަދި އެންމެ މަގުބޫލު ޝަޚްޞިއްޔަތެވެ. އިރާގާއި ސީރިޔާއާއި ލުބްނާންގެ އިތުރަށް ޔަމަނުގައި ވެސް އޭނާގެ މަގުބޫލުކަން އިންތިހާއަށް ބޮޑެވެ.

އެމެރިކާއާއި އިޒުރޭލާ ދެކޮޅުމީހުންގެ މެދުގައި ޖެރަލް ގާސިމް ވަރަށް މަގުބޫލު

ޖެނެރަލް ޤާސިމަކީ އިރާގު، ލުބްނާން، ސިޔާރިޔާއަށް ވަރަށް ގިނައިން ދަތުރު ކުރައްވައި ހަނގުރާމައިގެ މައިދާނަށް ވެސް ވަޑައިން ސިފައިންނާ ބައްދަލުކޮށް ހައްދަވާ ބޭފުޅެކެވެ.
އޭނާއަކީ އެމެރިކާއިން މެދުއިރުމައްޗަށް ގަދަވެގަތުމަށް ކުރަމުންދާ މަސައްކަތާ ވަރަށް ދެކޮޅުވެރި ބޭފުޅެކެވެ.

ޖެނެރަލް އަވަހާރަ ކުރުމަކީ ޓެރަރިޒަމްގެ ޢަމަލެއް

އެމެރިކާގެ ކޮންގްރެސްގެ ޚާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީގެ ޗެއަމަން އެލިއޮޓް އެންޖެލް ވިދާޅުވި ގޮތުގައި އީރާނުގެ މިލިޓްރީ ކޮމާންޑަރަށް ހަމަލާ ދިނުމާގުޅޭ އެއްވެސް މައުލޫމާތެއް ރައީސް ޓްރަމްޕް ކޮންގްރެސްއާ ހިއްސާ ކުރައްވާފައެއްނުވެއެވެ. އެކަމާ ގުޅިގެން ރައީސް ޓްރަމްޕަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ޖެނެރަލް ޤާސިމް އަވަހާރަކޮށްލުމަކީ ޓެރަރިޒަމްގެ ޢަމަލެއް: ޖަވާދު

އީރާނުގެ ޚާރިޖީ ވަޒރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވި ގޮތުގައި ޖެނެރަލް ޤާސިމް އަވަހާރަކޮށްލުމަކީ އެމެރިކާއިން ހިންގި ޓެރަރިޒަމްގެ ޢަމަލެކެވެ.

އީރާންގެ ސްޕްރީމް ލީޑަރ އާޔަތުﷲ ޚާމަނާއީ ވަނީ ޖެނެރަލް ޤާސިމްގެ މަރުގެ ބަދަލު ހިތްޕަވާނެކަމަށް ވިދާޅުވެފައެވެ. އަދި ތިންދުވަހުގެ ގައުމީ ހިތާމަފާޅުކުރުމަށް ވަނީ ނިންމަވާފައެވެ.
ރަޝިޔާއަކީ ޖެނެރަލް ޤާސިމްއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ގައުމެކެވެ. ރައީސް ޕުޓިން ވަނީ ޖެނެރަލް ޤާސިމް އަވަހާރަ ވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައެވެ.
ދުނިޔގެ ގިނަ ގައުމުތަކުން ގަބޫކުރާ ގޮތުގައި ރައީސް ޓްރަމްޕުގެ އަމުރފުޅަށް ޖެނެރަލް ޤާސިމް އަވަހާރަކޮށްލުމުން ސަރަހައްދުގައި ހަގުރާމައިގެ ހުޅުރޯވުމުގެ ފުރުސަތު އިތުރަށް ތަނަވަސްވެގެން ހިނގައްޖެއެވެ.

ޤުދުސް ފޯސްއަށް އާބޭފުޅެއް

އީރާނުގެ ސްޕްރީމް ލީޑަރ ޤުދުސް ފޯސްގެ ވެރިޔަކަށް ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޤާނީ ހުކުރު ދުވަހު ހަމަޖައްސަވައިފިއެވެ. އޭނާއަކީ ޖެނެރަލް ޤާސިމް ސުލައިމާނީގެ ނައިބެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ޤުދުސް ފޯސްގެ އައު ލީޑަރ އިސްމާޢީލް

އީރާނުން ޤާސިމް ސިފަކުރަނީ ގައުމީ ބަޠަލެއްގެ ގޮތުގައެވެ. ހަނގުރާމައިގައި ފާއިތުވި 20 އަހަރު އީރާނުން ހިންގި ޢަސްކަރީ ހަރަކާތްތަކުގެ މޭސްތިރިއެއްގެ ގޮތުގައެވެ. އިރާގުން އައިއެސް ދުއްވާލި ބަޠަލުގެ ގޮތުގައެވެ.
އިރާނުން ބަޔާންކުރި ގޮތުގައި ޤާސިމްގެ މުޅި ހަޔާތް ހޭދަކުރެއްވީ ހައްގުމަގުގައި ހަނގުރާމަކުރެއްވުމުގައެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ސިޔާސީ ގޮތުންނާއި ޢަސްކަރީގޮތުން އެމެރިކާއަށް ލިބެމުންދާ ނާކާމިޔާބީއާ ވިދިގެން ރައީސް އެޅުއްވި ޖަޒުބާތީ ފިޔަވަޅުގައި ޖެނެރަލް ޤާސިމް ސުލައިމާނީ ޝަހީދުކޮށްލިޔަސް، އެމެރިކާއާއި އެމެރިކާގެ މަސްލަހަތަށް ކުރާނެ ފައިދާއެއް އޮތްކަމަކަށް ދުނިޔެ ގަބޫލެއް ނުކުރެއެވެ.