Last Updated: April 25, 20:04
Thursday, April 25, 2024
ދުނިޔެ

އިރާގުން އެމެރިކާ ސިފައިން ބޭލުމަށް ބާރު އަޅަނީ

އިރާގުގައި ތިބި އެމެރިކާގެ ސިފައިން އެގައުމުން ބޭލުމަށް، އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބާރު އަަޅަން ފަށައިފިއެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިކަމަށް ބާރުއަޅަން ފަށާފައިމިވަނީ އެމެރިކާ އިން ދިން ހަމަލާއެއްގައި އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން މަސްރަހު ހޫނުވެފައިވަނިކޮށެވެ.

އެމެރިކާ އިން ދިން ވައިގެ މި ހަމަލާގައި އިރާގުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަކޮށްލާފައެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އައްމާރް އަލް ޝިލްބީ "ރޮއިޓާސް" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެމެރިކާ ސިފައިން އިރާގުން ބޭލުމަށް ސަރުކާރަށް ބާރު އެޅުމަށް ގަރާރެއް މިއަދު ފާސްކުރަން މެމްބަރުން މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން އިރާގުގައި ތިބި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ބާރު މިހާރު ދަށްވެފައިވުމުން، އެމެރިކާ ސިފައިން އިރާގުގައި ތިބެންޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އައިއެސްގެ ބާރު ދަށްވުމާއެކު، އެމެރިކާ ސިފައިން މިހާރު އިރާގުގައި ތިބެންޖެހޭ އެއްވެސް ސަބަބެއް ނެތް. އަހަރުމެންގެ އަމިއްލަ ސަލާމަތީ ބާރެއް އެބައޮތް، އެމީހުންނަށް ގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓޭނެ" އޭނާ ވިދާޅުވިއެވެ.

އިރާގުގައި މިހާރުވެސް އެމެރިކާ އަށް ނިސްބަތްވާ ގާތްގަނޑަކަށް 5000 އެއްހާ ސިފައިން އެބަ ތިއްބެވެ.

އިރާނާއި އެމެރިކާއާ މެދު ނުތަނަވަސްކަން އުފެދިފައިވާތާ އަހަރުތަކެއް ވެފައިވީ ނަމަވެސް، އިރާގުގައި ތިބި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކުރުމަށް، އެމެރިކާ ސިފައިންނާ ގުޅިގެން އިރާގުގައި ހަރަކާތްތެރިވާ އިރާނަށް ވަފާތެރި ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ މަސައްކަތްކޮށްފައެވެ.