Last Updated: April 23, 23:56
Wednesday, April 24, 2024
ކުޅިވަރު

ޗެލްސީ އާއި ލިވަޕޫލް ހަތަރުވަނަ ބުރަށް ދަތުރުކޮށްފި

އިނގިރޭސި އެފްއޭކަޕްގެ ހަތަރުވަނަ ބުރަށް ޗެލްސީ އާއި ލިވަޕޫލް ދަތުރުކޮށްފިއެވެ.

ޗެލްސީ ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ނޮޓިންގްހަމް ފޮރެސްޓާ ބައްދަލުކޮށް 2-0 އިންނެވެ.

އާންމުކޮށް ޗެލްސީގެ ފުރަތަމަ 11 އިން ޖާގަ ނުލިބޭ ގިނަ ކުޅުންތެރިންތަކަކަށް ރޭގެ މެޗުން ފުރުސަތު ދިންއިރު މެޗުގެ ހަވަނަ މިނެޓްގައި ހަޑްސަން އޮޑޯއި ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ރޮސް ބާކްލީއެވެ.

ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ޗެލްސީގެ ފޯވާޑް މިޗީ ބަޓްޝުއާއީ އަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ލިވަޕޫލް މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކުރީ ރޭ އެވަޓަންއާ ބައްދަލުކޮށް 1-0 އިންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗަށް އެޓީމުން ނިކުތީ ގިނަ ބަދަލުތަކަކާއެކުއެވެ. އެގޮތުން ރެޑްބުލް ސަލްޒްބާގުން ދާދިފަހުން ލިވަޕޫލާ ގުޅުނު ޖަޕާނުގެ ޓަކޫމީ މިނަމީނޯ ވަނީ އެޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ރޭ ކުޅެފައެވެ.

ރޭގެ މެޗުގައި އެވަޓަން އިން ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ކީޕަރު އެޑްރިއަންއެވެ. އެ ފުރުސަތުތަކުގެ ބޭނުން އެވަޓަން އަށް ނުހިފުނުއިރު މެޗުގެ 71 ވަނަ މިނެޓްގައި ކާޓިސް ޖޯންސް ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ.

އުމުރުން 18 އަހަރުގެ ޖޯންސް މި ގޯލު ކާމިޔާބުކުރި އެވަޓަންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ޗެލްސީ އާއި ލިވަޕޫލް ރޭ މޮޅުވިިއިރު ޓޮޓެންހަމް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން ޓޮޓެންހަމް އެއްވަރުވީ މިޑްލްސްބަރާއާ ބައްދަލުކޮށް 1-1 އިންނެވެ. މި މެޗު އެއްވަރުވުމުން ހަތަރުވަނަ ބުރަށް ދާނެ ޓީމެއް ކަނޑައަޅަން އިތުރު މެޗެއް ކުޅޭނެއެވެ. އެ މެޗު ކުޅޭނީ ޓޮޓެންހަމްގެ ދަނޑުގައެވެ.