Last Updated: April 20, 07:18
Saturday, April 20, 2024
ދުނިޔެ

ކުރިއަށް އޮތީ އެމެރިކާ އަށް ކަޅު ދުވަސްތަކެއް: ސުލައިމާނީގެ ދަރިކަނބަލުން

ކުރިއަށް އޮތީ އެމެރިކާ އާއި އިސްރާއީލަށް ކަޅު ދުވަސްތަކެއް ކަމަށް ބުނެ، އަވަރާހަކޮށްލާފައިވާ އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީގެ ދަރިކަނބަލުން އިންޒާރު ދެއްވައިފިއެވެ.

ސުލައިމާނީ އަވަހާރަކޮށްލީ އެމެރިކާ އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އިރާގުގެ ވެރިރަށް ބަޣުދާދުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ވައިގެ ހަމަލާއެއްގައެވެ. ރިޕޯޓުތައް ބުނާގޮތުން މި ހަމަލާ ދީފައިވަނީ ސުލައިމާނީ އެއާޕޯޓަށް ވަޑައިގެންނެވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

އެމެރިކާ އިން ދިން ވައިގެ މި ހަމަލާގައި އިރާގުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަކޮށްލާފައެވެ.

އިރާނުގެ ވެރިރަށް ތެހްރާނުގައި ގިނަ ބަޔަކު އެއްވެފައިވާ މައިދާނެއްގައި ހުންނަވާ ވާހަކަދައްކަވަމުން ސުލައިމާނީގެ ދަރިކަނބަލުން ޒައިނަބް ސުލައިމާނީ ވިދާޅުވީ އޭނާގެ ބައްޕަގެ މަރާއެކު ހުރިހާ ކަމެއް ނިމުނީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހީކުރައްވައިގެން ނުވާނެ ކަމަށާއި ކުރިއަށް އޮތީ އެމެރިކާ އާއި އިސްރާއީލަށް ވެސް ކަޅު އަނދިރި ދުވަސްތަކެއް ކަމަށެވެ.

އަދި ސުލައިމާނީ އަވަހާރަކޮށްލުމުން އިރާނާއި އިރާގުގެ ގުޅުން ހީނަރުވާނެ ކަމަށް ހީކުރުމަކީ ވެސް ގޯހެއް ކަމަށާއި އެކަމުގެ ސަބަބުން އެ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށްވެސް ޒައިނަބް ވިދާޅުވިއެވެ.

"މޮޔަ ޓްރަމްޕް، ހީނުކުރާތި އަހަރެންގެ ބައްޕަގެ މަރާއެކު ހުރިހާ ކަމެއް ނިމުނީ ކަމަށް" އޭނާ ވިދާޅުވިއެވެ.

އީރާނުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ސުލައިމާނީ އަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެއް ކަމަށްވާއިރު އިރާނުން ވަނީ މިކަމުގެ ބަދަލު ވަރަށް ހިތި ގޮތަކަށް ހިފާނެ ކަމުގެ އިންޒާރު އެމެރިކާ އަށް ދީފައެވެ.

އިރާނުގެ މި އިންޒާރާއެކު އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ މީހަކަށް ވެސް އަދި ތަނަކަށްވެސް ހަމަލާދީފިނަމަ އިރާނުގެ 52 ތަނަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެފައެވެ.