Last Updated: July 1, 23:03
Wednesday, July 2, 2025
ދުނިޔެ

"އިރާނަށް ހަމަލާދީފިނަމަ އިސްރާއީލުގެ ސިޓީތަކެއް ބިމާ ހަމަކޮށްލާނަން"

އެމެރިކާ އިން އިރާނަށް ހަމަލާދީފިނަމަ އިސްރާއީލުގެ ދެ ސިޓީއެއް ބިމާ ހަމަކޮށްލާނެ ކަމުގެ އިންޒާރު އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ކުރީގެ ވެރިޔާ މުހްސިން ރިޒާއީ އިންޒާރު ދެއްވައިފި އެވެ.

ރިޒާއީ މިފަދަ އިންޒާރެއް ދެއްވާފައިމިވަނީ އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން އެމެރިކާ އާއި އިރާނުގެ ގުޅުން އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ސުލައިމާނީ އަވަހާރަކޮށްލީ އެމެރިކާ އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އިރާގުގެ ވެރިރަށް ބަޣުދާދުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ވައިގެ ހަމަލާއެއްގައެވެ. މި ހަމަލާދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށެވެ.

މި ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިރާނުން ދީފައިވާއިރު، ޓްރަމްޕް ވަނީ އިރާނުން އެމެރިކާގެ މީހަކަށް ވެސް އަދި ތަނަކަށްވެސް ހަމަލާދީފިނަމަ އިރާނުގެ 52 ތަނަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އިރާނުގެ ނުފޫޒުގަދަ ސިޔާސީ ފަރާތެއް ކަމަށްވާ ރިޒާއީ ވަނީ އިރާނުން ދޭ ހަމަލާއެއްގެ ރައްދުގައި އެމެރިކާ އިން ހަމަލާއެއް ދީފިނަމަ އިސްރާއީލުގެ ދެ ސިޓީ ކަމަށްވާ ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނެ ކަމުގެ ވަރުގަދަ އިންޒާރު ދެއްވާފައެވެ.

އަދި ސުލައިމާނީއާ އުޅޭ ތަނާއި ގުޅޭގޮތުން އެމެރިކާ އަށް މައުލޫމާތު ދީފައިވަނީ އިސްރާއީލުން ކަމަށްވެސް ރިޒާއީ ތުހުމަތު ކުރެއްވިއެވެ.

"ސުލައިމާނީ އަވަހާރަކޮށްލުމުން، އިރާނުން އެމެރިކާއާ ދެކޮޅަށް ހިފާ ބަދަލު، ވަރަށްވެސް ވަރުގަދަ ވާނެ" ރިޒާއީ ވިދާޅުވިއެވެ.

ސުލައިމާނީގެ އިތުރުން އެމެރިކާ އިން ދިން ވައިގެ އެ ހަމަލާގައި އިރާގުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަކޮށްލާފައެވެ.