Last Updated: April 23, 20:38
Tuesday, April 23, 2024
ކުޅިވަރު

ފަހު މެޗުން ފޭދޫ ސްޕޯޓްސް ވެސް މޮޅުވެއްޖެ

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ވެސް ފޭދޫ ސްޕޯޓްސް މޮޅުވެއްޖެއެވެ.

ގްރޫޕް ބީގެ ފަހު މެޗުން ފޭދޫ ސްޕޯޓްސް މޮޅުވީ މިއަދު ހަވީރު ކްލަބް ރިވެރިންއާ ބައްދަލުކޮށް 2-0 އިންނެވެ.

މިއަދުގެ މެޗަށް ނިކުތްއިރު ވެސް ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާ ފޭދޫ ސްޕޯޓްސް ގްރޫޕް ސްޓޭޖު ނިންމާލީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކުރީ ކްލަބް ރިވެރިން އެވެ.

މިއަދުގެ މެޗުގައި ފޭދޫ ސްޕޯޓްސްގެ ފުރަތަމަ ގޯލު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލީ ލިރުއާމްއެވެ. އަދި މެޗުގެ 75 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ހާޒިގްއެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަށް ނިމިފައިވާއިރު މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅޭނީ މި މަހުގެ 9 އަދި 10 ގައެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބޭރުމަތި އެފްސީ އާއި ރިވެރިންއެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ ފޭދޫ ސްޕޯޓްސް އާއި ގޯދިއްޔާއެވެ.

މުބާރާތުގެ ފައިނަލް މެޗު މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.