Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

ޔުނައިޓެޑަށް ދިއުމަށް ވުރެ ގާޑިއޯލާ ގާތީ ރާއްޖެ އައުމަށް

މެންޗެސްޓާ ސިޓީގެ ކޯޗު ކަން ދޫކޮށްލުމަށް ފަހު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ހަވާލުވާން ޖެހިއްޖެނަމަ އަންނާނީ ދިވެހި ރާއްޖެއަށް ކަމަށް މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ ޔުނައިޓެޑަކީ ސިޓީގެ އެންމެ ދުވަސްވީ ވާދަވެރިޔާއަށް ވީތީ ސިޓީއަށް ކޯޗުކަން ކޮށްދިނުމަށް ފަހު ޔުނައިޓެޑާ ހަވާލުވުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަން ބުނެދިނުމަށެވެ. "އަހަންނަށް އެއްވެސް އޮފާއެއް ލިބިފައިނެތިއްޔާ އަހަރެން ހުންނާނީ ދިވެހިރާއްޖޭގައި. ފަހަރެއްގައި ރާއްޖޭގައެއް ނޫން އެއީ އެތަނުގައި ގޮލްފް ކޯހެއް ނޯންނާތީ. އެކަމަކު ސިޓީގައި މަސައްކަތްކުރުމަށް ފަހު އަހަރެން ޔުނައިޓެޑުގައި މަސައްކަތް ނުކުރާނަން. ރެއާލް މެޑްރިޑުގައި ވެސް މަސައްކަތްނުކުރާނެ ބީދައިން،" ގާޑިއޯލާ ބުނެފައިވެއެވެ.

ގާޑިއޯލާ ވަނީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ރެއާލްގެ ވާދަވެރި ބާސެލޯނާގައި ހޭދަކޮށްފައެވެ. ހުރިހާ ކުލަބު މުބާރާތެއް ގާޑިއޯލާ ވަނީ ބާސާއެކު ކާމިޔާބުކޮށްފައެވެ.

ކާމިޔާބު ދެ ސީޒަން ސިޓީގައި ހޭދަކޮށްފައިވާ ގާޑިއޯލާ ވަނީ ޖެހިޖެހިގެން ދެ ޕްރިމިއާ ލީގު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. ބެލެވޭ ގޮތުގައި މިސީޒަން ނިމުމުން ޕެޕް، ސިޓީ ދޫކޮށްލާނެއެވެ.

އޭނާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މީގެ 7 އަހަރު ކުރިން ވެސް މަސައްކަތް ކުރިއެވެ. އެއީ އެކުލަބުގެ ކާމިޔާބު ކޯޗު، ސާ އެލެކްސް ފާގަސަން ރިޓަޔާ ކުރުން ނިންމުމާ ގުޅިގެންނެވެ. ސީދާ ފާގަސަން، ގާޑިއޯލާއާ ބައްދަލުކޮށް ޔުނައިޓެޑާއި ގުޅުމަށް މަޝްވަރާ ކުރިއެވެ.

ނަމަވެސް ޕެޕް ބުނީ އޭރު އޭނާ އޮތީ ބަޔާން މިއުނިކްއާ އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައި ކަމަށާއި އެހެންވެ އެ އެއްބަސްވުން ބާތިލުކޮށްލަން ބޭނުން ނުވީ ކަމަށެވެ.