Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ މަގާމު ދަމަހައްޓައިފި

ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން ޔުވެންޓަސް މޮޅުވިއިރު، އިޓާލިއަން ލީގުގެ އެއްވަނަ މަގާމު އިންޓަ މިލާނުން ދަމަހައްޓައިފިއެވެ.

ރޭގެ ނަތީޖާތަކާއެކު ޔުވެންޓަސް އަދި އިންޓަ އަށް ވެސް މިހާރު ލިބިފައިވަނީ 45 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން ލީގުގެ އެއްވަނަ ލިބެނީ އިންޓަ އަށެވެ.

ޔުވެންޓަސް ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ކަގްލިއާރީއާ ބައްދަލުކޮށް 4-0 އިންނެވެ.

ޔުވެންޓަސް އިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. މެޗުގެ 67 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޔުވެންޓަސްގެ ދެވަނަ ގޯލު ވެސް ރޮނާލްޑޯ ކާމިޔާބުކޮށްދިންއިރު މެޗުގެ 81 ވަނަ މިނެޓްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ގޮންޒާލޯ ހިގުއައިން އެވެ.

އަދި އޭގެ މިނެޓެއްފަހުން ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަަމަކޮށްފައެވެ. މިއީ އިޓާލިއަން ލީގުގައި ރޮނާލްޑޯ ހެދި ފުރަތަމަ ހެޓްރިކް ކަމަށްވާއިރު މިއީ އޭނާގެ ކެރިއަރުގައި ހެދި 56 ވަނަ ހެޓްރިކެވެ.

އިންޓަ ރޭ މޮޅުވީ ނަޕޯލީއާ ބައްދަލުކޮށް 3-1 އިންނެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ވަނީ އިންޓަ އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 33 ވަނަ މިނެޓްގައި އިންޓަގެ ދެވަނަ ގޯލުވެސް ލުކާކޫ ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން މިލިކް ވަނީ ނަޕޯލީ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި ލައުޓާރޯ މާޓިނޭޒް ވަނީ އިންޓަގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މިއީ 1997 ވަނަ އަހަރަށްފަހު ނަޕޯލީގެ ދަނޑުގައި ކުޅެ އިންޓަ އަށް މޮޅެއް ހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.