Last Updated: April 19, 11:14
Friday, April 19, 2024
ދުނިޔެ

އިރާނުގެ ފޮރިން މިނިސްޓަރަށް އެމެރިކާ އިން ވިސާއެއް ނުދިން

އދ.ގެ ސަލާމަތާ ބެހޭ ކައުންސިލްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާ އަށް ދިއުމަށް ވިސާ ނުދިން ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފް ވިދާޅުވެއްޖެ އެވެ.

ޒާރިފް މިހެން ވިދާޅުވެފައިމިވަނީ އެމެރިކާ އިން ދިން ހަމަލާއެއްގައި އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

އިރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަވައިގެން ވާހަކަދައްކަވަމުން ޒާރިފް ވިދާޅުވީ އެމެރިކާ އަށް އައިސް ހަގީގަތް މީހަކު ހާމަކޮށްފާނެތީ އެމެރިކާ އިން ވަރަށް ބިރުގަންނަ ކަމަށާއި ނަމަވެސް އެމެރިކާ އަށް ނުގޮސް ވެސް އެކަން ކުރެވޭނެ ގޮތްތައް މިހާރު އެބަހުރި ކަމަށެވެ.

"އިރާނުގައި ތިބެގެން ވެސް އަހަރުމެންނަށް އެމެރިކާގެ ރައްޔިތުންނަށް ވާހަކަ ދެއްކޭނެ. އެކަން އެގޮތަށް ކުރާނަން" ޒާރިފް ވިދާޅުވިއެވެ.

ވިސާ ނުދިން ކަމަށް ޒާރިފް ވިދާޅުވާ މައްސަލާގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

އދ.ގެ ސަލާމަތާ ބެހޭ ކައުންސިލްގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެމެރިކާ އިން ހަމަލާ ދިނުމުގެ މާކުރިން ވެސް އިރާނުގެ ފޮރިން މިނިސްޓަރު އޮތީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައެވެ.

އދ.ގެ ހެޑްކުއާޓަރު ހުންނަނީ އެމެރިކާގައި ކަމަށްވާއިރު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ގައުމަށް އެތެރެވުމުގެ ފުރުސަތު އެމެރިކާ އިން ދިނުމަކީ މަޖުބޫރު ކަމެކެވެ.