Last Updated: March 29, 02:52
Thursday, March 28, 2024
ދުނިޔެ

ހަމަލާ ދިނީ ހަނގުރާމަ ފަށާކަށް ނޫން، ސަލާމަތަށް: އިރާން

އިރާނުން އެމެރިކާގެ ދެ އަސްކަރީ މަރުކަޒަށް ރޭގެ ވަގުތެއްގައި ދިން ހަމަލާތަކަކީ ހަނގުރާމަ ފެށުމުގެ ނިޔަތުގައި ކުރިކަމެއް ނޫން ކަމަށް އެގައުމުން ބުނެފިއެވެ.

އަދި އެއީ ސަލާމަތީ ގޮތުން އިރާނަށް އަޅަން މަޖުބޫރުވި ފިޔަވަޅެއް ކަމަށާއި އެކަން ކުރަން ޖެހުނީ އެމެރިކާގެ ސަބަބުން ކަމަށް ޚާރިޖީ ވަޒީރު، މުހައްމަދު ޖަވާދު ޒާރިފް ޓުވީޓެއްގައި ވިދާޅުވިއެވެ.

"އިރާނުން އެޅީ އދ. ގެ 51 ވަނަ މާއްދާގައި ވާ ގޮތުން ސަލާމަތީ ފިޔަވަޅެއް. އެއީ އިރާނުގެ ރައްޔިތުންނަށް އަދި އިސް އޮފިޝަލަކަށް ދިން ފިނޑި ހަމަލާގެ ސަބަބުން. އިރާނުން ހަނގުރާމައެއް ފަށާކަށް ތައްޔާރެއް ނުވޭ. ނަމަވެސް ދީފާނެ ކޮންމެ ހަމަލާއަކަށް މިތިބީ ތައްޔާރަށް،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށެވެ. ހުރިހާ ކަމެއްވެސް އަދި ރަނގަޅު ކަމަށާއި ހެނދުނު މިކަމާ ގުޅިގެން ބަޔާނެއް ނެރުއްވާނެ ކަމަށެވެ.

ޓްރަމްޕް މީގެ ކުރިން ވަނީ، އިރާނުން އެމެރިކާގެ އެއްވެސް ބޭސްއަކަށް ނުވަތަ އެއްވެސް ރައްޔިތަކަށް ކުޑަވެސް ހަމަލާއެއް ދީފިނަމަ އިރާނުގެ 52 ސިޓީއަކަށް ހަމަލާ ދޭނެ ކަމަށާއި އެކަން ކުރަން ފަހަތަށް ވެސް ނުޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

އިރާނުގެ އަސްކަރީ ޖެނެރަލް ގާސިމް ސުލެއިމާނީ ވަނީ މިމަހުގެ ދެވަނަ ދުވަހު އެމެރިކާގެ ޑްރޯން ހަމަލާއެއްގައި މަރާލާފައެވެ. އޭނާގެ މަރުގެ ބަދަލު ހިތިކޮށް ހިފާނެ ކަމަށް އިރާނުން ވަނީ ވައުދުވެފައެވެ.