Last Updated: March 29, 13:37
Friday, March 29, 2024
ޚަބަރު

ވެއްޓުނު ބޯޓުން އެކަކުވެސް ސަލާމަތެއް ނުވި

ވެއްޓުނު ބޯޓުގެ ފިޔަގަނޑެއް: ފޮޓޯ - އައިއާރްއެންއޭ

މިއަދު ހެނދުނު އިރާންގެ ޓެހްރާނުން ޔުކްރެއިންގެ ކިއެވް އަށް ދަތުރުކުރި ބޮއެންގެ 737 މަރުކާގެ މަތިންދާބޯޓު ވެއްޓި، ބޯޓުން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް އިރާންގެ ނޫސް އިދާރާތަކުން ރިޕޯޓުކޮށްފިއެވެ.

ބޯޓުގައި 176 ފަސިންޖަރުން، ކްރޫ އާ އެކު ދަތުރުކުރިއިރު ބޯޓު ވެއްޓިފައިވަނީ ޓެހްރާން އެއާޕޯޓުން ނައްޓާލިތާ ކުޑަ އިރުކޮޅެއް ތެރޭގައެވެ. ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓުނީ ނައްޓާލިތާ ގާތްގަނޑަކަށް ދެ މިނެޓު ތެރޭގައެވެ.

ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި މިހާދިސާގައި މަރުވި މީހުންގެ އަދަދަކީ 176 އެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ އެމަނިކުފާނު އާއިލާއެކު އޮމާން އަށް ކުރެއްވި ނުރަސްމީ ދަތުރު ކެންސަލް ކުރައްވައި އެނބުރި ގައުމަށް ވަޑައިގެންފައެވެ.

އިރާން އޮފިޝަލުންނާއި ރެޑް ކްރެސެންޓުން ވަނީ އެ ސަރަހައްދުގައި ސަލާމަތްވި މީހަކު ފެނޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ދިރިހުރި މީހަކު ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ހާމަކޮށްފައިވެއެވެ.

ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާއިރު، ބޯޓު ނައްޓާލުމާއެކު ލައިޓުތައް ފަނޑުވެ އިރުކޮޅަކުން ފެނުނީ ގަދަފަދަ އަޑުފަތްގަނޑަކާއެކު ގޮވައިގެން ދިޔަތަނެވެ.