Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ކްރިމިނަލް ކޯޓުން މިދިޔަ އަހަރު 32،000 އަށް ވުރެ ގިނަ ކޯޓު އަމުރު ނެރުނު!

ނިމިގެން ދިޔަ 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން 32،000 އަށް ވުރެ ގިނަ ކޯޓު އަމުރު ނެރެފައިވާ ކަމަށް އެކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބު ދައްކާ ގޮތުން 32219 ކޯޓު އަމުރު ވަނީ އެކޯޓުން ނެރެފައެވެ. ކްރިމިނަލް ކޯޓުން ބުނީ އެކޯޓުން ނެރުނު ކޯޓު އަމުރުގެ ތެރެއިން 27771 ކޯޓު އަމުރު ރައްދުވެފައިވާކަމަށެވެ. އަދި 4445 ކޯޓު އަމުރު ހަވާލު ކުރެވިފައި ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މި ހިސާބުތަކުން ދައްކާ ގޮތުގައި އެކޯޓުން ދުވާލެއްގެ މައްޗަށް 88 ކޯޓު އަމުރު ވަނީ ނެރެފައިވެއެވެ. އެގޮތުން އެންމެ ގިނަ ކޯޓު އަމުރު ނެރެފައިވަނީ ޕްރޮސެކިއުޓރަ ޖެނެރަލް އޮފީހުން އެދިގެންނެވެ. ޕީޖީން އެދިގެން މިދިޔަ އަހަރު 9943 ކޯޓު އަމުރުވަނީ ނެރެފައެވެ. އަދި ފުލުހުން އެދިގެން 6619 ކޯޓު އަމުރުވަނީ ނެރެފައެވެ.

ކްރިމިނަލް ކޯޓުން ބުނީ މިދިޔަ އަހަރު އެކޯޓަށް ހުށަހެޅުނު މައްސަލަތަކާއި އެކު 1339 މައްސަލަ ބަލައި ނިންމާފައިވާ ކަމަށެވެ. އަދި ކޯޓުން މަސައްކަތް ކޮށްފައިވަނީ ކުރީ އަހަރުތަކުގައި ނުބެލި ހުރި މައްސަލަތައް އަވަސްކޮށް މައްސަލަ ނިންމުމަށް ކަމަށެވެ.

މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު ނުނިމި ހުރި މައްސަލަ ތަކުގެ ތެރެއިން 2022 މައްސަލައެއް ވަނީ 2019 ވަނަ އަހަރު ލިސްޓަށް އިތުރުވެފައެވެ.

ކްރިމިނަލް ކޯޓުން ބުނީ މި މަސައްކަތް ކުރިއަށް ނުގެންދެވި ދިގުލައިގެން ގޮސްފައިވަނީ ތަފާތު ސަބަބުތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ފަނޑިޔާރުން މަދުވުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ. ކްރިމިނަލް ކޯޓުގައި ވަރަށް ގިނަ ދުވަސް ވަންދެން އެންމެ 3 ފަނޑިޔާރުން ތިބުމާއި ގުޅިގެން މައްސަލަތައް ޝެޑިއުލް ކޮށް ނިންމުމަށް ގޮން ޖެހުން ހުރި އިރު މިހާރު ކޯޓުގައި 9 ފަނޑިޔާރުން ތިއްބެވި ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.