Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

ޔުކްރޭންގެ ފްލައިޓު ވެއްޓުނީ އިރާނަށް އޮޅިގެން ދެވުނު ހަމަލާއަކުން

ޔުކްރޭން އެއާލައިންސްގެ މަތިންދާ ބޯޓު ވެއްޓުނީ އިރާނަށް އޮޅިގެން ދެވުނު ހަމަލާއަކުން ކަމަށް އެމެރިކާ އިން ބުނެފިއެވެ.

ޔުކްރޭންގެ ވެރިރަށް ކިޔޭވް އަށް ދަތުރު ކުރަން ހަމަޖެހިފައިވާ އެ ފްލައިޓު ވެއްޓުނީ އިރާނުގެ ވެރިރަށް ތެހެރާނުގެ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. މި ހާދިސާގައި ފްލައިޓުން ދަތުރުކުރި 176 މީހުން ވެސް ވަނީ މަރުވެފައެވެ.

މި ބޯޓު ވެއްޓިފައިވަނީ އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް އިރާނުން މިސައިލު ހަމަލާތަކެއް ފޮނުވާލިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ މީޑިޔާތަކުގައި ބުނެފައިވާ ގޮތުން އެ ބޯޓު ވެއްޓިފައިވަނީ އިރާނުން ފޮނުވާލި މިސައިލު ހަމަލާއަކުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި މިއީ އޮޅިގެން ހިނގާފައިވާ ކަމަކަށް ވުމަކީ ގާތް ކަމެއް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އެމެރިކާގެ އޮފިޝަލުންނެކޭ އެއްގޮތަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ އެ ބޯޓު ވެއްޓިފައިވަނީ އިރާނުގެ ހަމަލާއަކުން ކަމަށް ތުހުމަތު ކުރައްވާފައެވެ. ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ކެނެޑާގެ 63 މީހަކާއި، އިރާނުގެ 82 މީހުން އަދި ޔުކްރޭނުގެ 11 މީހުންނެވެ.

އެ ބޯޓަށް މިސައިލެއް އަރާ ވީޑިޔޯއެއް ވެސް މިހާރު އާންމުވެފައިވާއިރު އިރާނުން އަންނަނީ މި ތުހުމަތުތައް ދޮގުކޮށް އެ ބޯޓަށް މިސައިލެއް އެރުމަކީ ވާނެ ކަމެއް ނޫން ކަމަށް ބުނަމުންނެވެ.