Last Updated: April 26, 10:52
Friday, April 26, 2024
ކުޅިވަރު

ފަސޭހަ މޮޅަކާއެކު ފޭދޫ ސްޕޯޓްސް ފައިނަލަށް

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ފައިނަލަށް ފޭދޫ ސްޕޯޓްސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ފޭދޫ ސްޕޯޓްސް ދަތުރުކުރީ ސެމީފައިނަލްގައި މިއަދު ހަވީރު 5-0 އިން ގޯދިއްޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފޭދޫ ސްޕޯޓްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފް އެޓީމުން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކުއެވެ. އެގޮތުން މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ލިރުއާމް އާއި އަލީ ނާފިއު އެވެ.

ދެވަނަ ހާފްގެ ކުރީކޮޅު މުހައްމަދު ސަޔާމް ފޭދޫ ސްޕޯޓްސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލީ ލިރުއާމްއެވެ. އަދި އެޓީމުގެ ފަސްވަނަ ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސަޔާމްއެވެ.

މުބާރާތުގެ ފައިނަލްގައި ފޭދޫ ސްޕޯޓްސް ބައްދަލުކުރާނީ ބޭރުމަތި އެފްސީއާއެވެ. އެޓީމު ފައިނަލަށް ދަތުރުކުރީ ކްލަބް ރިވެރިންގެ މައްޗަށް 5-1 އިން ކުރި ހޯދައިގެންނެވެ.

ބޭރުމަތި އެފްސީ އާއި ފޭދޫ ސްޕޯޓްސް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ 1 ލައްކަ ރުފިޔާ ހަމަޖައްސާފައެވެ.