Last Updated: April 19, 19:29
Friday, April 19, 2024
ދުނިޔެ

ބޯޓު ވައްޓާލި މީހުންނަށް އަދަބު ދިނުމަށް ޔުކްރޭނުން ގޮވާލައިފި

ޔުކްރޭން އެއާލައިންސްގެ މަތިންދާ ބޯޓު ވައްޓާލި އިރާނުގެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭނެ ކަމަށް ޔުކްރޭންގެ ރައީސް ވްލަޑަމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އިރާނުގެ އަސްކަރިއްޔާ އިން މިއަދު ވަނީ މި ވޯޓު ވައްޓާލެވުނީ "އޮޅުމަކުން" ކަމަށް ބުނެ އެކަމަށް މައާފަށް އެދިފައެވެ.

އިރާނުން ބޯޓު ވައްޓާލި ކަމަށް އެއްބަސްވުމުން ޔުކްރޭންގެ ރައީސް ޒެލެންސްކީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހާދިސާއާ ގުޅިގެން ހުޅުވާލެވިފައިވާ ތަހުގީގަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އިރާނުން ދޭންޖެހޭނެ ކަމަށާއި އަދި މިކަމުގައި ޝާމިލުވި މީހުން އިންސާފުގެ ކުރި މައްޗަށް ވެސް ގެންނަންޖެހޭނެ ކަމަށެވެ.

އަދި މަރުވި ފަރާތްތަކުގެ ހަށިގަނޑުތައް ޔުކްރޭންއާ ހަވާލުކޮށް، އެ ފަރާތްތަކުގެ އާއިލާތަކަށް އިރާނުން ބަދަލު ދިނުމުގެ އިތުރުން ޑިޕްލޮމެޓިކް މަރުހަލާތަކުގެ ތެރެއިން ރަސްމީކޮށް އިރާނުން މިކަމަށް މައާފަށް އެދެންޖެހޭނެ ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ޔުކްރޭންގެ ވެރިރަށް ކިޔޭވް އަށް ދަތުރު ކުރަން ހަމަޖެހިފައިވާ އެ ފްލައިޓު ވެއްޓުނީ އިރާނުގެ ވެރިރަށް ތެހެރާނުގެ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. މި ހާދިސާގައި ފްލައިޓުން ދަތުރުކުރި 176 މީހުން ވެސް ވަނީ މަރުވެފައެވެ.

މި ބޯޓު ވެއްޓިފައިވަނީ އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް އިރާނުން މިސައިލު ހަމަލާތަކެއް ފޮނުވާލިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

ޔުކްރޭންގެ މަތިންދާ ބޯޓު ވެއްޓުނީ އިރާނުން ދިން މިސައިލު ހަމަލާއެއްގައި ކަމަށް އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ބުނި ނަމަވެސް އިރާނުން ވަނީ ފުރަތަމަ އެކަން ދޮގުކޮށްފައެވެ. އިރާނުން މިކަމަށް އެއްބަސްވެފައިމިވަނީ ހުޅަނގުގެ މީޑިޔާތަކުން އެ ބޯޓަށް މިސައިލެއް އަރާތަން ފެންނަ ވީޑިޔޯއެއް އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.