Last Updated: April 27, 09:46
Saturday, April 27, 2024
ދުނިޔެ

އިރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކަށް ޓްރަމްޕްގެ ތައުރީފް

އިރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފް ކުރައްވައިފިއެވެ.

އިރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަން ފަށާފައިމިވަނީ ޔުކްރޭން އެއާލައިންސްގެ މަތިންދާ ބޯޓު ވައްޓާލި ކަމަށް އިރާނުގެ ސަރުކާރުން އެއްބަސްވުމާ ގުޅިގެންނެވެ. އިރާނުގެ އަސްކަރިއްޔާ އިން ބުނިގޮތުގައި އެއީ "އޮޅުމަކުން" ދެވުނު ހަމަލާއެކެވެ. މި ހާދިސާގައި ފްލައިޓުން ދަތުރުކުރި 176 މީހުން ވެސް ވަނީ މަރުވެފައެވެ.

މިކަމާ ގުޅިގެން އިރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށިފައިވާއިރު، މުޒަހާރާގެ ބައިވެރިން ވަނީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މަގާމުން އިސްތިއުފާ ދިނުމަށާއި، މިކަމުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލާފައެވެ.

އިރާނުގައި ކުރަމުންދާ މުޒާހަރަތަކާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަތީއްސުރެ އިރާނުގެ ރައްޔިތުންނާއެކު ހުންނެވި ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެމެރިކާގެ ސަރުކާރު އެގައުމުގެ ރައްޔިތުންނާ އެކު ދެމި ތިބޭނެ ކަމަށެވެ.

އަދި އިރާނުގައި ކުރަމުންދާ މުޒާހަރާތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި އިރާނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތައް މޮނިޓާ ކުރުމުގެ ފުރުސަތު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް އެގައުމުގެ ސަރުކާރުން ދޭންޖެހޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޔުކްރޭންގެ ވެރިރަށް ކިޔޭވް އަށް ދަތުރު ކުރަން ހަމަޖެހިފައިވާ އެ ފްލައިޓު ވެއްޓުނީ އިރާނުގެ ވެރިރަށް ތެހެރާނުގެ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

މި ބޯޓު ވެއްޓިފައިވަނީ އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް އިރާނުން މިސައިލު ހަމަލާތަކެއް ފޮނުވާލިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

ޔުކްރޭންގެ މަތިންދާ ބޯޓު ވެއްޓުނީ އިރާނުން ދިން މިސައިލު ހަމަލާއެއްގައި ކަމަށް އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ބުނި ނަމަވެސް އިރާނުން ވަނީ ފުރަތަމަ އެކަން ދޮގުކޮށްފައެވެ. އިރާނުން މިކަމަށް އެއްބަސްވެފައިމިވަނީ ހުޅަނގުގެ މީޑިޔާތަކުން އެ ބޯޓަށް މިސައިލެއް އަރާތަން ފެންނަ ވީޑިޔޯއެއް އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.