Last Updated: April 26, 22:31
Friday, April 26, 2024
ކުޅިވަރު

ސްޕެނިޝް ސުޕަރ ކަޕް ރެއާލް އިން ކާމިޔާބުކޮށްފި

ޕެނަލްޓީގައި 4-1 އިން އެތްލެޓިކޯ މެޑްރިޑް ބަލިކުރުމަށްފަހު، ސްޕެނިޝް ސުޕަރ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގައި ރޭ ކުޅުނު ފައިނަލް މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައިނުވާއިރު ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެއެވެ. އެގޮތުން އެތްލެޓިކޯ ޖާއޯ ފެލިކްސް ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުންދިޔައިރު އެޓީމުގެ ފޯވާޑް އަލްވަރޯ މޮރާޓާ ފޮނުވާލި ހަމަލާ ދިފާއުކުރީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާއެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ރެއާލް އިން ކުޅުން ވަރުގަދަ ކުރިއިރު މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ޒުވާން ފޯވާޑް ޖޮވިޗް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

90 މިނެޓް ހަމަވިއިރު ނަތީޖާއަށް ބަދަލެއް ނައުމުން، ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން މެޗު ނިމެން ގާތްގަނޑަށް ފަސް މިނެޓަށް ވެފައިވަނިކޮށް އެތްލެޓިކޯގެ ފޯވާޑް މޮރާޓާ މުޅިން ހުސްކޮށް ދަނިކޮށް އޭނާ އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ރެއާލް މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ އަށް ރަތްކާޑު ދައްކާފައެވެ.

15 މިނެޓްގެ ދެ ހާފް ނިމުނުއިރު ވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ. އެގޮތުން އެތްލެޓިކޯގެ ތޯމަސް ޕާޓޭ އާއި ސައުލް އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުނުއިރު މެޗުން ރެއާލް މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.

މިއީ ސްޕެނިޝް ސުޕަރ ކަޕް ރެއާލް އިން ކާމިޔާބުކުރި 11 ވަނަ ފަހަރެވެ.