Last Updated: March 28, 17:21
Thursday, March 28, 2024
ކުޅިވަރު

އަގުއެރޯގެ ރެކޯޑާއެކު ސިޓީ ދެވަނަ އަށް

6-1 އިން އެސްޓަންވިލާ ބަލިކުރުމަށްފަހު ޕްރިމިއާ ލީގުގެ ދެވަނަ އަށް މެންޗެސްޓަރ ސިޓީ އަރައިފިއެވެ.

ލީގުގެ ދެވަނައިގައި ސިޓީ އޮތީ 47 ޕޮއިންޓާ އެކުއެވެ. އެއްވަނައިގައި 61 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ރޭގެ މެޗުން ބަލިވި އެސްޓަންވިލާ އޮތީ 21 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައެވެ.

އެސްޓަންވިލާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ސިޓީން ކާމިޔާބުކުރި ހަ ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް އަގުއެރޯ ވަނީ ހެޓްރިކެއް ހަދާފައެވެ. މިިއީ ލީގުގައި އަގުއެރޯ ހެދި 12 ވަނަ ހެޓްރިކް ކަމަށްވާއިރު، މި ހެޓްރިކާއެކު އޭނާ މިހާރު ވަނީ ޕްރިމިއާ ލީގުގެ ހެޓްރިކް ރެކޯޑު ވެސް މުގުރާލާފައެވެ.

އަގުއޭރޯ ރޭ ޖެހި ތިން ގޯލުތަކާ އެކު ލީގުގައި އޭނާ ޖެހި ގޯލުގެ އަދަދު 177 އަށް އަރާފައިވާއިރު، ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ބިދޭސީ ކުޅުންތެރިއާގެ ރެކޯޑް ވެސް އޭނާ މިހާރު ވަނީ ގާއިމުކޮށްފައެވެ. މި ރެކޯޑު މީގެކުރިން އޮތީ އާސެނަލްގެ ތިއެރީ އޮންރީގެ އަތުގައެވެ.

އާޖެންޓީނަ އަށް އުފަން އަގުއެރޯ އަކީ މިހާރު ޕްރިމިއާ ލީގުގައި ހަތަރުވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

އަގުއެރޯގެ އިތުރުން ސިޓީގެ ގޯލުތައް ދެން މި މެޗުގައި ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒް ( ދެ ގޯލު) އަދި ގެބްރިއަލް ޖީސެސްއެވެ.