Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ސަރުކާރު ނުވެއްޓި އޮންނަނީ ކޯލިޝަންގެ ސަބަބުން: އާދަމް ޝަރީފް

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

މި ސަރުކާރު ނުވެއްޓި އޮންނަނީ ކޯލިޝަންގެ ސަބަބުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީ މެމްބަރުންނަށް ހައްގު މިންވަރު ނުލިބިގެން އުޅެނީ ކޯލީޝަނާއި ހެދި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްފައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ހައްގުވާ މިންވަރު ކަނޑައެޅިއިރު ވެސް ކޯލިޝަން އޮތް ކަމަށާއި ވެރިކަމަށް އައީ ކޯލިޝަނުން ވެސް ކުރި މަސައްކަތުން ކަމަށެވެ.

"ސަރުކާރު ނުވެއްޓި އޮންނަނީ ކޯލިޝަންގެ ސަބަބުން. ސަރުކާރު ސްލޯ ވެފައި، އިހުލާސްތެރިކަމެއް ނެތިފައި، ހިންގަން ނޭނގޭތީ ހިދުމަތް ނުދެވެނީ" އާދަމް ޝަރީފް ވިދާޅުވިއެވެ.

"އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރާ ދަތުރުގައި މިއަދު އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުން އުއްމީދު ކުރި މިންވަރު އެ މެމްބަރުންނަށް ނުލިބޭ ކަމަށެވެ.

އަދި އެމްޑީޕީ ވެެރިކަމަށް އައުމުން ރަށްތަކުގައި ތިބި އެމްޑީޕީ މެމްބަރުންނަށް އޭގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބެމުން ނާންނަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ހިތްހަމަޖެހުމެއް ލިބިގެން މި ނާންނަނީ އަޅުގަނޑަށް ފެންނަ ތަނުގައި އޭގައިވާ ސިއްރަކީ އިއްތިހާދު، މި ޕާޓީގެ މެމްބަރުންނަށްވެސް އަދި މި ޕާޓީގެ މަސައްކަތުގައި މިއޮތްހާ ޒަމާނު އުޅުނު މީހުންނަށް ހައްގުވާ މިންވަރު އެމީހުންނަށް ލިބެންޖެހޭ ބައި، ނުލިބި ދަނީ އެބައި އެހެން ތަންތަނަށް އަޅަންޖެހޭ މިންވަރުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ސާފުވީ ކަމަކީ ދިވެހި ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އޮންނަން ޖެހޭނީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.