Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ރައީސް ސޯލިހަކީ ވައުދު ފުއްދަވާ، ތެދުވެރި ބޭފުޅެއް: ނަޝީދު

ރައީސް ސޯލިހާއި، ރައީސް ނަޝީދު - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވައުދު ފުއްދަވާ، ތެދުވެރި ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހއ ގެ ރަށްތަކަށް ކުރާ ދަތުރުތަކުގެ ތެރެއިން ހއ. ކެލާ އަށް ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހަކީ އެމަނިކުފާނު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެގޮތުން ނުކުރެވޭނެ ކަމެއްގެ ވާހަކަ ރައީސް ސޯލިހު ވިދާޅުނުވާނެ ކަމަށެވެ.

އަދި ކެލާ އަށް މި ސަރުކާރަށް ވެފައިވާ ވައުދުތައް "ރަނުން ރަނަށް" ފުއްދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި ވައުދުތައް ވެފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވައުދު ފުއްދަވާ ބޭފުޅެއް، ތެދުވެރި ބޭފުޅެއް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ސަރުކާރުން އަދި ރައްޔިތުންގެ މަޖިލީހުން ވެސް ކުރަމުންދިޔަ މަސައްކަތަކީ ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އިންސާފެއް ނެތި ތަރައްގީގެ މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އިންސާފާއި ނުލައި ހޯދޭނެ އާމްދަނީއެއް ވެސް ނެތްކަން ނަޝީދު ފާހަގަކުރެއްވިއެވެ.

އަދި ރައީސް ސޯލިހަށް އެންމެފަހުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިން އެންމެ ބޮޑު އެއް ސަބަބަކީ ވެސް އިންސާފުވެރިކަން ގާއިމުކުރަން ބޭނުންވުން ކަމަށާއި މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރެވި، ޖޭއެސްސީ އާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެވި، ވަކީލުންގެ ބާ ކައުންސިލެއް އުފެއްދިފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަނީ އުޖާލާ މަންޒަރެއް. އަޅުގަނޑަށް ފެންނަނީ ކެލަ އަށް މާ ފަރިފަރި އާޒާދީއެއް. އަޅުގަނޑަށް ފެންނަނީ މި ރާއްޖެ ތަނަވަސްވާކަން" ނަޝީދު ވިދާޅުވިއެވެ.