Last Updated: May 8, 16:58
Wednesday, May 8, 2024
ޚަބަރު

ކޯލިޝަނުގައި ހިމެނޭ އެންމެންނަކީ ވެސް މުހިއްމު ބައެއް: ރިޔާޒު

ޢަބްދުﷲ ރިޔާޒް. ފޮޓޯ: މިހާރު

މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެންމެންނަކީ ވެސް މުހިއްމު ބައެއް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާޒު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީ މެމްބަރުންނަށް ހައްގު މިންވަރު ނުލިބިގެން އުޅެނީ ކޯލީޝަނާއި ހެދި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްފައެވެ.

އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ރިޔާޒު ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި ކޯލިޝަނުގައި ހިމެނޭ ހުރިހާ ބައިވެރިންނަކީ ވެސް މުހިއްމު ބައެއް ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއްވެސް ބައެއް ބާކީ ނުކޮށް ހުރިހާ ރައްޔިތުންނަަށް ހައްގުވާ މިންވަރު ދެއްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ. އެގޮތުން އެތަށް މަސައްކަތެއް މިހާރު ވެސް ފެށިފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރާ ދަތުރުގައި މިއަދު އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުން އުއްމީދު ކުރި މިންވަރު އެ މެމްބަރުންނަށް ނުލިބޭ ކަމަށެވެ.

އަދި އެމްޑީޕީ ވެެރިކަމަށް އައުމުން ރަށްތަކުގައި ތިބި އެމްޑީޕީ މެމްބަރުންނަށް އޭގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބެމުން ނާންނަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ހިތްހަމަޖެހުމެއް ލިބިގެން މި ނާންނަނީ އަޅުގަނޑަށް ފެންނަ ތަނުގައި އޭގައިވާ ސިއްރަކީ އިއްތިހާދު، މި ޕާޓީގެ މެމްބަރުންނަށްވެސް އަދި މި ޕާޓީގެ މަސައްކަތުގައި މިއޮތްހާ ޒަމާނު އުޅުނު މީހުންނަށް ހައްގުވާ މިންވަރު އެމީހުންނަށް ލިބެންޖެހޭ ބައި، ނުލިބި ދަނީ އެބައި އެހެން ތަންތަނަށް އަޅަންޖެހޭ މިންވަރުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ސާފުވީ ކަމަކީ ދިވެހި ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އޮންނަން ޖެހޭނީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.