Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އެމްޑީޕީ ނޫން ބަޔަކަށް ވޯޓު ދިނުމަކީ ލަދުވެތި ކަމެއް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން ބަޔަކަށް ވޯޓު ދިނުމަކީ ލަދުވެތި ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހއ ގެ ރަށްތަކަށް ކުރާ ދަތުރުތަކުގެ ތެރެއިން ހއ. ބާރަށަށް ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ބަޔަކަށް ވޯޓު ދެއްވައިގެން ނުވާނެ ކަމަށާއި އަދި އެގޮތަށް ވޯޓު ދެއްވައިފިނަމަ އެއީ ކަނޑައެޅިގެން ލަދުވެތި ކަމެއް ކަމަށެވެ.

އެގޮތުން ލާމަރުކަޒީ ނިޒާމު ރޫޅާލީ ޕީޕީއެމުން ކަމަށާއި އެމްޑީޕީގެ ސަރުކާރުން ވެރިކަމަށް އައިސް އެ ނިޒާމު އަލުން އަނބުރާ ރާވަން ފެށުމުން އަނެއްކާވެސް ޕީޕީއެމް އަށް ވޯޓު ދިނުމަކީ އިންސާފެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އެއީ ކޮން ފޮތެއްގައި، ކިހިނެތް އޮތް ކަމެއްތޯ، ނޯންނާނެ. އެއްވެސް އިންސާފެއް ނޫން. ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް މި ދަންނަވަނީ، އަޅުގަނޑުމެން ރޭވި އެއްޗެކޭ އެއީ. އަޅުގަނޑުމެން ރާވާ ކޮންމެ ފަހަރަކު އެ ބޭފުޅުން އެބަ ރޫޅާލައޭ" ނަޝީދު ވިދާޅުވިއެވެ.

ލާމަރުކާޒީ ނިޒާމު އަލުން ރޭވުމުން އެ ނިޒާމު ހިންގަން އެހެން ބަޔަކު އުޅުމުގެ ބޭނުމެއް ނެތް ކަމަށާއި އެ ނިޒާމު ހިންގާނެ ވިސްނުން އެމްޑީޕީގައި އެބައޮތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިހާބު ވެސް ވަރަށް ތަނަވަސް އަޣުލަބިއްޔަތަކާއެކު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.