Last Updated: March 28, 19:01
Thursday, March 28, 2024
ކުޅިވަރު

ބޭރުމަތިން އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ޗެމްޕިއަން ބޭރުމަތި އެފްސީ - ފޮޓޯ: އައްޑޫ ލައިވް

6-2 އިން ފޭދޫ ސްޕޯޓްސް ބަލިކޮށް "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ޗެމްޕިއަންކަން ބޭރުމަތި އެފްސީން ކާމިޔާބުކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތުގެ ފައިނަލް މެޗުގައި ބޭރުމަތި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 41 ވަނަ މިނެޓްގައި މިރާހު މުހައްމަދު ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މިރާހުގެ މި ގޯލަކީ ފޭދޫ ޓީމުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެކެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބޭރުމަތިން ނިންމާލިއިރު މެޗުގެ 61 ވަނަ މިނެޓްގައި ފޭދޫ ސްޕޯޓްސް އިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން އެޓީމަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ އަލީ ލިރުއާމް (ލިރޯ) އެވެ.

މުބާރާތުގެ ރަނަރަޕް ޓީމު ފޭދޫ ސްޕޯޓްސް – ފޮޓޯ: އައްޑޫ ލައިވް

ނަމަވެސް މި ގޯލު ކާމިޔާބުކުރިތާ ފަސް މިނެޓްފަހުން އިބްރާހިމް ސިރާޖު ވަނީ ބޭރުމަތި ޓީމަށް އަނެއްކާވެސް ލީޑު ނަގާދީފައެވެ. ބޭރުމަތި ޓީމުގެ ތިންވަނަ ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ކާމިޔާބުކުރިއިރު އެޓީމުގެ ހަތަރުވަނަ ގޯލާއި ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ މިރާހު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ބޭރުމަތި ޓީމުގެ ހަވަނަ ގޯލު މުހައްމަދު މަމްނޫން ކާމިޔާބުކޮށްދިންއިރު ފޭދޫ ސްޕޯޓްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ލިރޯ އެވެ.

ފައިނަލް މެޗަށްފަހު ވަނީ މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވެސް އިނާމު ދީފައެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ބޭރުމަތި ޓީމުގެ ކީޕަރު އަލީ ނާއިމް ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ބޭރުމަތި ޓީމުގެ މުހައްމަދު ސާޖިދެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ފޭދޫ ސްޕޯޓްސްގެ އަލީ ނާފިއު ހޮވުނުއިރު ފެއާ ޕްލޭ ކުޅުންތެރިއާގެ މަގާމު ލިބުނީ ފޭދޫ ސްޕޯޓްސްގެ ކެޕްޓަން އަހުމަދު ސައީދު (އަންމަޓީ) އެވެ.

މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިން – ފޮޓޯ: އައްޑޫ ލައިވް

މުބާރާތުގެ އެންމެ މޮޅު ފޯވާޑް އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ އަލީ ލިރުއާމް (ލިރޯ) އެވެ. ލިރޯ ވަނީ މި މުބާރާތުގައި 9 ގޯލު ކާމިޔާބުކޮށްފައެވެ. އަދި މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ދެ ކުޅުންތެރިންނަށް ހޮވިފައިވަނީ ފޭދޫ ސްޕޯޓްސްގެ ސަޔަމް ސައީދުގެ އިތުރުން ގޯދިއްޔާ ޓީމުގެ އަބްދުﷲ ލަވްސަންއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބޭރުމަތި ޓީމުގެ ކޯޗު އަހުމަދު ނަސީމްއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ބޭރުމަތި އެފްސީގެ ހާޒިމް ފައުޒީ ހޮވުނުއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ބޭރުމަތި އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ދީފައިވާއިރު ރަނަރަޕް ޓީމަށް ދީފައިވަނީ 10،000 ރުފިޔާފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބޭރުމަތި ޓީމަށް ތަށި ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ސްޕޯޓްސް ކޮމިޝަނަރ ހީނާ އަހުމަދު ސަލީމް އާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.