Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

ނަޝީދު، އިދިކޮޅަށް: ކައުންސިލް އިންތިހާބުގައި ބައިވެރިވާނެ ކަމެއް ނެތް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަގީގަތުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވާނެ ކަމެއްވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހއ ގެ ރަށްތަކަށް ކުރާ ދަތުރުތަކުގެ ތެރެއިން ހއ. ދިއްދޫ އަށް މިރޭ ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޕާޓީގެ ނިޒާމު ވެސް އެ ފަރާތްތަކަށް ރަނގަޅަށް އޮޅުންނުފިލާ ކަމަށާއި އެގޮތުން ކެންޑިޑޭޓެއް ނެރުމަށް ހަދާނެ ގޮތެއް ވެސް އެ ފަރާތްތަކަށް ނޭނގޭ ކަމަށެވެ.

"ތިމަންނާ ދަންނަ ގާތްތިމާގެ މީހަކަށް ކެންޑިޑޭޓުކަން ދިނުން ނޫން ގޮތެއް ނެތް. ޕްރައިމަރީއެއް ބާއްވައިގެން ޑިމޮކްރެޓިކް އުސޫލަކުން، އިންސާފުވެރިކަމާ އެކީގައި ކެންޑިޑޭޓުން ނެރެގެން އަޅުގަނޑުމެންނާ ވާދަކުރާކަށް އެ ބޭފުޅުންނަށް ނާދެވޭނެ. އެ ބޭފުޅުންގެ އެ ފެންވަރެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅުން ހަގީގަތުގައި ބައިވެރިވާނެ ކަމެއްވެސް ނެތް ކަމަށާއި މި އިންތިހާބުގައި ބައިވެރިވާންވީ އެމްޑީޕީން އެކަނި ކަމަށެވެ.

"އަޅުގަނޑުމެންގެ ކަމެއް މިކަމަކީ، އަޅުގަނޑުމެން ކުރި ކަމެއް މިކަމަކީ. އެ ބޭފުޅުންނަކާ ވާ ބެހޭ ވެސް ކަމެއް ނޫން. ރާއްޖޭގެ ރައްޔިތުން ނޫޅޭ އެ ބޭފުޅުންނާ މިކަމަކާ ބައްސާކަށް. އެހެންނަމަ އެ ބޭފުޅުންނަށް ވޯޓެއް ދިނީހެއް ނޫންތޯ" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ދައްކާ ވާހަކަތައް ރައްޔިތުންނަށް މާ ސާފު ކަމަށާއި އެ ޕާޓީއަކީ އިންތިހާބުތަކާ ދިމާކޮށް ރައްޔިތުން ވާ ވައްދަން ރަށްތަކަށް ދަތުރުކުރާ ޕާޓީއެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޝަކުވާތައް ވެސް އެބަހުރި ކަމަށާއި ނަމަވެސް މި ފަސް އަހަރުތެރޭ ހުރިހާ ވައުދެއް ފުއްދާނެ ކަމުގެ ޔަގީންކަން ވެސް ނަޝީދު ވަނީ ދެއްވާފައެވެ.