Last Updated: March 29, 18:55
Friday, March 29, 2024
ކުޅިވަރު

ވަލްވާޑޭ ވަކިކޮށް ބާސާގެ ކޯޗަކަށް ސެޓިއެން ހަމަޖައްސައިފި

ބާސެލޯނާގެ ކޯޗުކަމުން އާނެސްޓޯ ވަލްވާޑޭ ވަކިކޮށް، ބަދަލުގައި ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކުއިކީ ސެޓިއެން ގެނެސްފިއެވެ.

ވަލްވާޑޭ މަގާމުން ވަކިކޮށްފައިމިވަނީ ބާސާ އިން މި ސީޒަނުގައި ނެރެމުން އަންނަ ބައެއް ނަތީޖާތަކާ ގުޅިގެން އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބާސާ ވަނީ އެންމެފަހުން ސްޕެނިޝް ސުޕަ ކަޕްގައި އެތްލެޓިކޯ މެޑްރިޑް އަތުން ސެމީފައިނަލްގައި ބަލިވެފައެވެ.

ވަލްވާޑޭގެ އިރުޝާދުގެ ދަށުން ކުޅެ ބާސާ އިން ސްޕެނިޝް ލީގު ޖެހިޖެހިގެން ދެ ފަހަރު ހޯދިއިރު ސްޕެނިޝް ކަޕަކާއި ސްޕެނިޝް ސުޕަ ކަޕެއް ވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި ބާސާ އާއެކު ވަލްވާޑޭ ކޮށްފައިވަނީ ހިތި ތަޖުރިބާއެކެވެ.

ވަލްވާޑޭގެ ބަދަލުގައި ބާސާ އަށް ގެނައި ސެޓިއެން އެ ކްލަބުގެ ކޯޗުކަމުގެ މަގާމާ ހަވާލުވީ ދެ އަހަރާއި ބައިގެ މުއްދަތަކަށެވެ.

އުމުރުން 61 އަހަރުގެ ސެޓިއެން ވަނީ ބެޓިސްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެޓީމަށް ލީގުގެ ހަވަނަ މަގާމު ހޯދައިދީ ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދާދީފައެވެ. އަދި މިދިޔަ ސީޒަނުގައި އެޓީމު ވަނީ ސްޕެނިޝް ކަޕްގެ ސެމީފައިނަލަށް ވެސް ދަތުރުކޮށްފައެވެ.

ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސާ މިވަގުތު އޮތްއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ގްރަނާޑާއެވެ.