Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

އިންތިހާބުތަކާއި ދިމާކޮށް އެމްޑީޕީން ރަށްރަށަށް ދަނީ ރައްޔިތުން ވާ ވައްދާކަށް ނޫން: ނަޝީދު

އިންތިހާބު ތަކާއި ދިމާކޮށް އެމްޑީޕީން ރާއްޖޭގެ ރަށްތަކަށް ދަނީ އެރަށްތަކުގެ ރައްޔިތުން ވާ ވައްދަން ނޫންކަމަށް އެމްޑީޕީގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އެމްޑީޕީން ފަށާފައިވާ ކެމްޕެއިން ދަތުރުގައި ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އިންތިހާބު ތަކާއި ދިމާކޮށް އެމްޑީޕީން ރަށްތަކަށް އަންނަނީ ރައްޔިތުންގެ ޝަކުވާ ތަކާއި ކަންބޮޑުވުން އަހަން ކަމަށެވެ. އަދި އެކަން ދިއްދޫ ރައްޔިތުންނާއި ބޮޑު ތިލަދުންމަތީ ރައްޔިތުންނަށް މާ ބޮޑަށްވެސް ސާފުވާ ކަމަށެވެ.

"އިންތިހާބެއް އައީމަ އަޅުގަނޑުމެން އެ ވަގުތު އެ ފުރުސަތު ބޭނުން މިކުރަނީ ވަކި ހާއްސަ ކަމަކަށް. ވަކި ވާހަކައެއް ދައްކަން. އެއީ މި ނިޒާމް ހަމަޖެހިފައި އޮންނަ ގޮތް. އެއަށްކިޔަނީ ޑިމޮކްރަސީ. އިންތިހާބު އައީމަ އަޅުގަނޑުމެން ހުށަހަޅާނަން، ބަލާނަން ތި ބޭފުޅުންގެ ޝަކުވާތައް އަދި ކަންބޮޑުވުންތައް"

ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން ތައް އަހައިގެން އެކަމަށް ސިޔާސަތުތައް އެކަށައަޅާނެކަމަށެވެ. އަދި އަބަދުވެސް ރައްޔިތުން ގާތަށް ސުވާލު ކުރުމަށް އެމްޑީޕީން އަންނަނާނެ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުން ކައިރިއަށް އަބަދުވެސް ދާނަން. ރާއްޖޭގެ ރައްޔިތުންނަށް އިނގޭ އަދި އެ ރައްޔިތުން ތިބޭނީ އެ ވާހަކަ ދެއްކުމަށް އަޅުގަނޑުމެން ގެނައުމަށް އެ ރައްޔިތުންގެ ދޮރުތައް ހުޅުވާލައިގެން ސައި ހަދައިގެން. ރައްޔިތުން ތިބީ މި ވާހަކަތައް އަޑުއަހަން"

ނަޝީދު ވިދާޅުވީ އިންތިހާބު ތަކުގެ ނާޖާއިޒު ފައިދާ ނަގަން އުޅޭ ބަޔަކު އަބަދުވެސް ތިބޭ ކަމަށާއި އެއީ ރައްޔިތުންނަށް އެނގޭ ކަމެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމަކީ ރައީސް ޔާމީން އާއި އެމަނިކުފާންގެ ބައިވެރިން ރޫޅާ ގަނޑުބަޑުކޮށްފައިވާ ނިޒާމެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވީ ރައްޔިތުންނަށް އަލުން ލާމަރުކަޒީ ނިޒާމެއް ހޯދައި ދިނުން ކަމަާއި، އެކަން އެމަނިކުފާން ރަނުން ރަނަށް ކުރައްވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން ވައުދުވީ ގޮތަށް އެޖެންޑާ 19ގައި ހުރިކަންކަންވެސް ފުއްދާނެ ކަމަށާއި އެކަންކަން ކުރަމުންދާނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ވަކި ހާއްސަ ގަޑިއެއްގައި ވަކި ކަމެއް ވަކި ވަގުތަކަށް ކުރުމުގައި ކަމަށެވެ.

ރައީސް ނަޝީދު ވަނީ ކައުންސިލް އިންތިހާބާއި ދިމާކޮށް 300 މެމްބަރުންނާއި އެކު ބޮޑު ތިލަދުންމައްޗަށް "އެޖެންޑާ 19 ރަށައް" ނަމުގައި ދަތުުރު ފައްޓާަވާފައެވެ. މި ދަތުރުގައި އެމްޑީޕީގެ އިސްވެރިންނާއި މަޖްލިސް މެމްބަރުން ދަނީ ބައިވެރިވަމުންނެވެ.