Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު

ހިމަބިހި ކޮންޓްރޯލް ކުރެވުނަސް ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދާނެ

މިހާރު ރާއްޖޭގައި ފެތުރެމުން އަންނަ ހިމަބިހި ކޮންޓްރޯލް ކުރެވުނު ނަމަވެސް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ހިމަބިހި އާދަޔާ ހިލާފަށް ފެތުރިގެން ނުދާ ހާލަތުގައި ދެވޭ ވަރަށް ވެކްސިން އެބަހުރި ކަމަށާއި އަދި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ދެ ލައްކަ މީހުންނަށް ވެކްސިން ދެވޭ ވަރަށް ވެކްސިން ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ވެކްސިން ރާއްޖެއާ ހަމައަށް ގެނައުމަށް ގިނަވެގެން ހޭދަވާނީ 10 ވަރަކަށް ދުވަސް ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

"ހިމަބިހި ކޮންޓްރޯލް ވެގެންދިޔަ ކަމުގައިވިޔަސް، ވެކްސިން ޕްރޮގްރާމް ކުރިއަށް އޮތް ތިން މަސް ދުވަހަށް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނަން. އެ ޕްރޮގްރާމްގެ ތެރެއިން ކަށަވަރު ކުރަން ބޭނުން ހުރިހާ އެންމެންނަށް ވެސް ވެކްސިން ދެވިފައި ތިބިކަން. އަދި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުންނަށް ދެވަނަ ޑޯޒް ފުރިހަމަކުރުމަށްޓަކާ ވެސް މަސައްކަތް ކުރާނަން" އަމީން ވިދާޅުވިއެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފަށާފައިވާކަން ހެލްތް މިނިސްޓްރީން އިއްޔެ ވަނީ އިއުލާންކޮށްފައެވެ. މިހާތަނަށް ހިމަބިއްސަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން ތިން އަހަރުގެ ކުއްޖެއް އެކަންޏެވެ. އަދި ހިމަބިއްސަށް ޝައްކު ކުރެވިގެން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ ޓެސްޓުތައް އިއްޔެ ހެދިއިރު ވަނީ އެ ބައްޔަށް ނެގެޓިވް ވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.