Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ގދ. ފަރެސްމާތޮޑާ އެއާރޕޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ފަރެސްމާތޮޑާ އެއާރޕޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން ކަމަށެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ބީލަމުގައި ބައިވެރިވުމަށް -/1500ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރު) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 500،000 ރުފިޔާ (ފަސްލައްކަ ދިވެހި ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރުން) ހުށަހަޅަންޖެހެއެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 11:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވައުދެއް ކަމަށްވާއިރު ކުރީ ސަރުކާރުގައި ވަނީ އެއާޕޯޓު އަޅާ ބިން ހިއްކަން ބަޔަކާ ހަވާލުކޮށްފައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފަރެސްމާތޮޑާގެ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުގައި ނިންމަވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.