Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

އެމްޑީޕީ އަށް ބޮޑު މެޖޯރިޓީއެއް ހޯދުމަކީ އަމާޒެއް: ރައީސް

ރައީސް ސޯލިހު --

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ބޮޑު މެޖޯރިޓީއެއް ހޯދުމަކީ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން މިހާރު ހއ.އަތޮޅާއި ހދ.އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގައި ރައީސް ސޯލިހު ވެސް މިހާރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެމްޑީޕީން ހއ.އަތޮޅަށް ޒިޔާރަތް ކުރުމަށްފަހު މިއަދު ވަނީ ހދ.އަތޮޅަށް ޒިޔާރަތް ކުރުމުގެ މަސައްކަތް ފަށާފައެވެ.

މި ދަތުރުފުޅާއި ގުޅިވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން އާއި އެމަނިކުފާނު މިހާރު ގުޅިވަޑައިގަތީ ކަމަށާއި އެގޮތުން މިހާރު ކުރަމުންދާ މަސައްކަތަކީ އެމްޑީޕީ އަށް ބޮޑު މެޖޯރިޓީއެއް ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ވެގެންދާނީ އެކަން ގަބޫލުކުރާ ބަޔަކު ކައުންސިލްތަކަށް އިންތިހާބު ކޮށްގެން. އެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ކާމިޔާބުވާނެ" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްޕޭނުގައި ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެގޮތުން މިރޭގެ ވަގުތެއްގައި ހދ.ކުޅުދުއްފުއްޓަށް އެމްޑީޕީގެ ޓީމު ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާއިރު މާދަމާ ރޭ އެ ރަށުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.