Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

މުފްތީ މެންކް ރާއްޖެ ވަޑައިގެންފި

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގެންފިއެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިމިވަނީ ރާއްޖޭގެ އެކި ރަށްތަކުގައި ދީނީ ދަރުސްތަކާއި ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިޔުމަށެވެ.

އެގޮތުން މުފްތީ މެންކް ދެއްވާ ފުރަތަމަ ދަރުސް އޮންނާނީ މިރޭ 8:15 ގައި މާލޭގެ ކާނިވާ ސަރަހައްދުގައެވެ. އަދި ދެވަނަ ދަރުސް މާދަމާ ރޭ އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ދަރުސް އޮންނާނީ ބުރާސްފަތި ދުވަހުގެރޭ ކުޅުދުއްފުށި ސިޓީގައެވެ.

މީގެއިތުރުން އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް މުފްތީ މެންކް އެވެ. އަދި ހުކުރު ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޑިސްކަޝަން ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންނަ ހޮނިހިރު ދުވަހު ދީނީ އިލްމުވެރިންނަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ވެސް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޝަރީއާ ލޯއިން ޑިގްރީއެއް ހާސިލްކުރައްވައިގެން ހުންނެވި ޝެއިހް މުފްތީ މެންކަކީ، ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.