Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދިނުމާ ޔުމްނާ ދެކޮޅު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދިނުމާ ދެކޮޅު ހައްދަވާކަން ހެރިޓޭޖް މިނިސްޓަރު އަދި މޯލްޑިވިއަން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ނައިބު ރައީސް ޔުމްނާ މައުމޫން ދެކޮޅު ހައްދަވައިފިއެވެ.

ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮންނަން ވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަން ހާސިލު ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުން މިކަމާ ފުންކޮށް ވިސްނެވުމަށް ވެސް ޔުމްނާ ވަނީ ގޮވާލައްވާފައެވެ.

ޔުމްނާ މިކަމަށް ގޮވާލެއްވިއިރު އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ލާމަރުކަޒީ ނިޒާމު ނުހިންގޭނެ ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ދިން ވިސްނުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ހއ.ހޯރަފުށީގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވިދާޅުވެފައެވެ.

"މިއީ އެހެން ބަޔަކަށް ކޮށްދެވޭނެ ކަމެއް ނޫން. ޕީޕީއެމް އަކަށް ވެސް، ޖުމްހޫރީ ޕާޓީއަކަށް ވެސް އަދި އެހެން ޕާޓީއަކަށް ވެސް މި މަސައްކަތެއް ނުކޮށްދެވޭނެ. މީގެއިން އެއްވެސް ކަމެއް ކޮށްދޭކަށް ނުވެސް އިނގޭނެ، އެ ވިސްނުމެއް ވެސް ނުވެސް ހުންނާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ވިސްނުމަކީ ބާރު އެއްކުރުމުގެ ވިސްނުން ކަމަށެވެ. އެގޮތުން ރަށް ރަށުގެ ކައުންސިލްތައް ހަލާކުކޮށް، ރަށް ރަށުގެ ރަށްވެހިކަން ރޫޅާލައި، މާލެ އަށް އެންމެން ޖަމާކުރުމަކީ އެ ފަރާތްތަކުގެ އަމާޒު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ތި ބޭފުޅުންގެ ގަދަ ހިތްވަރާއި މަސައްކަތުން، ތި ބޭފުޅުން ސަރުކާރު ބަދަލުކުރީ، ތި ބޭފުޅުންގެ އަތްމައްޗަށް އެ ބާރު ނަގަން ވެގެން. އިރާދަކުރެއްވިއްޔާ މިއަދު ހިނގަމުން މިދަނީ އެ މަސައްކަތް" ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.