Last Updated: April 18, 12:20
Thursday, April 18, 2024
ޚަބަރު

މަޝްރޫއުތަކާއި ގުޅޭ ގޮތުން އޭސީސީން އަމަލު ކުރާ ގޮތަށް ބަދަލު ގެންނަން ޖެހޭ: ރައީސް

ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން އޭސީސީއަށް ހުށަހެޅޭ މައްސަލަ ލަސްވާ ކަމަށާއި އެކަމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ އެޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ހޯދުމަށް އެމްޑީޕީން ފަށާފައިވާ ކެމްޕެއިން ދަތުރުގައި ރޭ ވައިކަރަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްޤީގެ މަޝްރޫއެއް ހިންގުމަށް ހުޅުވާލުމާއި އެކު އެކަމާއި ގުޅިގެން، މައްސަލަތައް އޭސީސީއަށް ހުށަހެޅޭ ކަމަށާއި، އެ މަސައްކަތްތައް މަޑު އެއް މަސް ދެމަހަށް މަޑު ޖައްސާލަން އޭސީސީން އަންގާ ކަމަށެވެ. އަދި އޭގެ ފަހުން މައްސަލައެއް ނެތް ކަމަށް އޭސީސީ އަންގާކަމަށް ރައީސް ވިދާޅުވިއެވެ.

"….އެ ގޮތަށް ހުށަހަޅާ ޝަކުވާއަކާ ގުޅިގެން މަޝްރޫއު، އެއް މަސް ދެ މަސް މަޑުޖައްސައިލަން އަންގަމުން އެބަދޭ. އެ އަށް ފަހުގައި އޭގެ މައްސަލައެއް ނެތް ކަމަށް އަންގައި ކުރިއަށް ގެންދަން އެބަ ވިދާޅުވޭ. އަޅުގަނޑު ހިތުން މިއަށް ކުޑަ ބަދަލެއް ގެންނަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަންކަން ކަމަކީ އޭސީސީން ބަލަންވެސް ޖެހޭ ކަންކަމެވެ. އަދި ކަންކަން ހިނގަނީ ރަނގަޅަށްތޯ ބަލަން ޖެހެއެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ހުރަހަކަށް އެއްވެސް ފަރާތެއް ވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު އޭސީސީގެ ވާޖިބު އެންމެ ފުރިހަމައަށް އަދާ ނުކުރާ ކަމުގެ ވާހަކަ ދައްކަމުން އައީ އޭރު އިދިކޮޅު އަދި މިހާރު ވެރިކަމުގައި ތިބި އެމްޑީޕީންނެވެ. އޭރު އެމްޑީޕީން ބުނެފައިވަނީ އޭސީސީ އޮތީ ސަރުކާރުގެ މުށުތެރޭގައި ކަމަށެވެ. އަދި އެކަން އިސްލާހު ކުރުމަށް އެމްޑީޕީން ވަނީ އޭސީސީގެ މެމްބަރުން ވަކިކޮށް އާ މެމްބަރުން އައްޔަންކޮށްފައެވެ.

މި ސަރުކާރުގައި ކަރަޕްޝަނަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، މިސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަން ފުރަތަމަ އިއުލާންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރޭގެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ މިހާރުވެސް ބައެއް މަޝްރޫއު ތައް މަޑުޖެހިފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެގޮތުން ދާދި ފަހުން އެމްޑަބްލިއުއެސްސީގެ އެމްޑީ އާދަމް އާޒިމް އާއި ބައްދަލުވެ އެފަދަ މައްސަލަތަކެެއް ހުރި ކަން ފާހަގަ ކުރެއްވި ކަން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ހިންގުމުގެ ތެރޭގައި އަދި ޖަވާބުދާރީ ކުރުވުމުގެ ތެރޭގައި ވިސްނަން ޖެހޭ ކަމެއްކަމަށެވެ.