Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބުވާ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރައްވައިފިއެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ރައީސް އިއުލާން ކުރައްވާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ކުޑަކޮށްފައެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ 11،500ރ. އަށެވެ.

މަޖިލީހުން މިގޮތަށް ކަނޑައެޅުމުގެ ކުރިން މޭޔަރުންނަށް 45،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވާއިރު، ޑެޕިއުޓީ މޭޔަރުންގެ މުސާރަ އަކީ 35،000ރ. އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000ރ. ލިބިވަޑައިގަންނަވައެވެ.

"ތިލަދުންމަތީ އިރުވައި" ކޮންފަރެންސް ފައްޓަވައި ދެއްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކައުންސިލަރުންގެ އެންމެ ބޮޑު ޝަކުވާއަކީ މުސާރައިގެ ޝަކުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ރިވިއު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އޭގައި ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްފައިވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ފޮނުވި މުސާރަ ޝީޓްގައި ސިޓީގެ މޭޔަރަކަށް 40000ރ، ޑެޕިއުޓީ މޭޔަރަކަށް 35000ރ، ސިޓީ ކައުންސިލް މެމްބަރަކަށް 30000ރ، އަތޮޅު ކައުންސިލް ރައީސްއަކަށް 28000ރ، ރަށު ކައުންސިލްގެ ރައީސްއަކަށް 23000ރ، ޑެޕިއުޓީއަށް 15000ރ އަދި މެންބަރަކަށް 12000ރ ދިނުމަށް ނިންމާފައިވާނެ ކަމަށެވެ

މިކަމާއި ގުޅޭ އިތުރު ތަފްސީލުތަކެއް ރައީސް ހާމައެއް ނުކުރައްވައެވެ.